އިހަވަންދޫގައި އައު އައިސް ޕްލާންޓެއް ޤާއިމުކުރުމަށް 3,000 އަކަފޫޓުގެ ބިމެއް ދޫކޮށްފި

މުޙައްމަދު އަކުރަމް

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްގެ އެދުމުގެ މަތިން، އިހަވަންދޫ ކައުންސިލުން 3,000 އަކަފޫޓުގެ ބިމެއް ދޫކޮށްފިއެވެ. އެ ބިން ދޫކޮށްފައިވަނީ، ދުވާލަކު 30 ޓަނުގެ އައިސް އުފެއްދޭ ޕްލާންޓަކާއި 50 ޓަނުގެ އައިސް ރައްކާކުރެވޭ ސްޓޯރޭޖެއް ޤާއިމުކުރުމަށެވެ.

އައު އައިސް ޕްލާންޓް ޤާއިމުކުރުމަށް އިހަވަންދޫ ކައުންސިލުން ހަމަޖައިދިން ބިން އޮންނަނީ ބަނދަރުގެ ހުޅަގުކޮޅުގައެވެ. އިހަވަންދޫގައި އައު އައިސް ޕަލާންޓެއް ގާއިމް ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މިއިއްޒު އިހަވަންދޫއަށް ވެލައްވާފައިވާ ރިޔާސީ ވައުދެކެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ސަޢޫދީ ފަންޑުގެ ލޯނު އެހީގެ ދަށުންނެވެ. އިހަވަންދޫގައި މިހާރުވެސް ބްލޮކް އައިސް އުފެއްދޭ އައިސް ޕްލާންޓެއް އެބަހުއްޓެވެ. ނަމަވެސް އެއައިސް ޕްލާންޓަށް ގިނަދުވަސްވެ ބައުވެފައިވާތީ ވަރަށްގިނައިން މައްސަލަޖެހި ޚިދުމަތް މެދުކެނޑެއެވެ.