އައުޓްޑޯ ވޮލީ ކޯޓްގެ މަސައްކަތް 1.1 މިލިއަނަށް ބްރިލިއަންޓް ކުންފުންޏަށް

މުޙައްމަދު އަކުރަމް

އިހަވަންދޫގައި ޒަމާނީ އައުޓްޑޯ ވޮލީ ކޯޓެއް އެޅުމުގެ މަސައްކަތް ބްރިލިއަންޓް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފިއެވެ. މިމަސައްކަތް އެކުންފުންޏާއި ހަވާލުކޮށްފައިވަނީ 1101649.09 (އެއްމިލިއަން އެއްލައްކަ އެއްހާސް ހަސަތޭކަ ސާޅީސް ނުވަރުފިޔާ ނުވަލާރި) އަށް  38 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.

އިހަވަންދޫ ކައުންސިލުން ތަރައްޤީކުރާ އައުޓްޑޯ ވޮލީ ކޯޓް އަޅަނީ އިހަވަންދޫ އިޖްތިމާއީ މަރުކަޒުގެ އިރުން، ފުޓްސަލް ދަނޑުގެ ހުޅަގަށްއޮތް ހުސްބިމުގައެވެ. އެޗްއާރްއެފް ވޮލީ ލީގުގައި ބައިވެރިވި ކްލަބް ޕޯލްސްޓަރ ގެ އަންހެން ވޮލީ ޓީމުން ހޯދި ކާމިޔާބު ފާހަގަކުރުމަށް ރޭ ބޭއްވި ހަފުލާގައި ވާހަކަދައްކަވަމުން އިހަވަންދޫ ކައުންސިލްގެ ރައީސް ވިދާޅުވީ، އިހަވަންދޫގައި ވޮލީ ކުޅޭ ކުޅުންތެރިންނަށް މިހާރު އޮތް އެންމެބޮޑު ހުރަހަކީ އިހަވަންދޫގައި ވޮޅީކުޅޭނެ ފެންވަރު ރަނގަޅު ކޯޓެއް ނެތުންކަމުގައެވެ. ކައުންސިލުން ތަރައްޤީކުރަމުންދާ ވޮލީކޯޓްގެ މަސައްކަތް މިއަހަރު ނިމުމުގެކުރިން ނިމޭނޭކަމުގެ ޔަޤީންކަން ސޮބާހް ދެއްވިއެވެ.

އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމިއްޔާއިންވެސް އިހަވަންދޫގައި އަންނަނީ ޒަމާނީ ވޮލީ ކޯޓެއް ތަރައްޤީކުރަމުންނެވެ. އެކޯޓްގެ މަސައްކަތް މިހާރުއޮތީ ނިމުމުގެ މަރުހަލާގައެވެ. އިހަވަންދޫ ކައުންސިލުން އަންނަނީ ފުޓްސެލް ދަނޑުގެ މަސައްކަތްވެސް ކުރަމުންނެވެ. އެޝުއަރ ސަޕްލައިއާ ހަވާލުކޮށްގެ ހަދާ އެދަނޑަށް ކައުންސިލުން 1.273 މިލިއަން ރުފިޔާ ހަރަދުކުރާނެއެވެ.