އެޗްއާރްއެފް ވޮލީ ލީގުގައި ކްލަބް ޕޯލްސްޓަރ ހޯދި ކާމިޔާބީ ފާހަގަކޮށްފި

.

އެޗް.އާރު.އެފް ޑަބްލިއު.ޑީސީ ވޮލީ ލީގުގައި ކްލަބް ޕޯލްސްޓަރގެ އަންހެން ވޮލީ ޓީމް ހޯދި ކާމިޔާބީ ފާހަގަކުރުމަށް ހަފްލާއެއް ބާއްވައިފިއެވެ. މިހަފްލާ ބާއްވާފައިވަނީ މިމަހުގެ 7 ވަނަ ދުވަހުގެ ރޭ 20:30 ގައި އިހަވަންދޫ ކޮމިއުނިޓީ ސެންޓަރުގައެވެ.

އެޗް.އާރު.އެފް ވޮލީ ލީގުގެ ޗެމްޕިއަންކަން ކްލަބް ޕޯލްސްޓަރ އިންހޯދީ މުބާރާތުގައި ކުޅުނު ހުރިހާ މެޗެއްގެ ހުރިހާ ސެޓަކުން މޮޅުވެ، %100 ރެކޯޑަކާއި އެކުއެވެ. މުބާރާތުގެ ފައިނަލްގައި ޕޯލްސްޓަރ ބައްދަލުކުރީ ދަންމަރު ޔުނައިޓެޑާއެވެ. އެމެޗް ޕޯލްސްޓަރ އިން ކާމިޔާބުކުރީ  3 ސެޓުންނެވެ. ޕޯލްސްޓަރ ޓީމްގެ ކާމިޔާބު ފާހަގަކުރުމަށް ބޭއްވި ހަފުލާގައި ޓީމްގެ ކުޅުންތެރިންނާއި، ޓީމަށް އެކި ގޮތްގޮތުން އެހީތެރިވި ފަރާތްތަކުގެ އަގުވަޒަންކޮށް ހަނދާނީ ފިލާ ދީފައިވެއެވެ.

އެހަފްލާގައި ޕޯލްސްޓަރ އިންވަނީ އެކްލަބްގެ 25 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން ކުރިޔަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ، އަންހެން ވޮލީ ކުޅުންތެރިންނާއި ގުޅުންހުރި ބައެއް ކަންކަން އިޢުލާންކޮށްފައެވެ. އެގޮތުން އިޢުލާންކުރި ކަންކަމުގެ ތެރޭގައި، ކައުންސިލުން ތަރައްޤީކުރާ ޒަމާނީ އައުޓްޑޯ ވޮލީ ކޯޓްގެ މަސައްކަތް ނިމުމާއިއެކު ވޮލީ ޓްރެއިނިންގް ޕްރޮގްރާމެއް ދިގުދެމިގެންދާ ގޮތަށް ކުރިޔަށް ގެންދިއުމާ، އަންހެން ކަނބަލުންނަށް ހާއްސަކޮށްގެން އަގުބޮޑު ވޮލީ މުބާރާތެއް ބޭއްވުން ހިމެނެއެވެ.