އިހަވަންދޫ ކުޑަކުދިންގެ ޕާކް ވެގެންދާނީ މިސަރަހައްދުގައި އޮތް އެންމެ ރީތި ހިތްފަސޭހަ ޕާރކަށް – ސޮބާޙް

މުޙައްމަދު އަކުރަމް

އިހަވަންދޫ ކުޑަކުދިންގެ ޕާކްގެ މަސައްކަތް ނިމުމުން، އެޕާކް ވެގެންދާނީ މިސަރަހައްދުގައި އޮތް އެންމެ ރީތި ހިތްފަސޭހަ ޕާރކަށްކަމަށް އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ސޮބާޙް ވިދާޅުވެއްޖެއެވެ. ސޮބާޙް މިހެން ވިދާޅުވީ ޕާކްގެ މަސައްކަތް ނިމޭނެތާރީޙަކާ ބެހޭގޮތުން މިނޫހުންކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ސޮބާޙް ވިދާޅުވީ ޕާކްގެ މަސައްކަތް ލަސްވެގެން ދިޔައީ މޫސުން ގޯސްވުމުން ކަމުގައެވެ. އަދި މިމަހުގެ ތެރޭގައި ޕާކް ހުޅުވޭވަރުވާނެކަމަށް ސޮބާޙް ވިދާޅުވިއެވެ. އިހަވަންދޫ ކުޑަކުދިންގެ ޕާކް ވަރަށްބޮޑަށް ވީރާނާ ވެފައިވަނިކޮށް މިދައުރުގެ ކައުންސިލުންވަނީ ކުޑަކުދިންގެ ޕާކު މަރާމާތުކޮށް އާބާތުރަ ފިލުވުމުގެ މަސައްކަތް ފަށައިފައެވެ.
އެގޮތުން ކައުންސިލުންވަނީ ހަޒް އިންވެސްޓްމަންޓާއި ހަވާލުކޮށްގެން ކުޑަކުދިންގެ ޕާކުގައި ޓާފް އެޅި މިނީ ފުޓްސަލް ދަނޑެއް ތަރައްޤީކޮށްފައެވެ. އަދި ކުޑަކުދިންގެ ޕާކުގައި އިމާރާތް ކޮށްފައިވާ ކެފޭއިންވަނީ ހިދުމަތް ދޭންފަށައިފައެވެ. މީގެއިތުރުން ޕާރކަށް ބޭނުންވާ ޕާރކު ސެޓް ސަޕްލައިކޮށްފައިވާއިރު ޖުލައި މަހުވަނީ ޕާކުގެ ނުނިމިހުރި މަސައްކަތް ކުރުމަށް ހަޒް އިންވެސްޓްމަންޓާއި ހަވާލުކޮށްފައެވެ.

އިހަވަންދޫ ކުޑަކުދިންގެ ޕާކް ހުޅުވީ 2009 ވަނަ އަހަރު އިހަވަންދޫގައި ފާހަގަކުރި މަސްވެރިންގެ ދުވަހާއި ގުޅުވައިގެންނެވެ.