ހއ. އިހަވަންދޫ އާމިނާދިޔޯ ސިއްހީމަރުކަޒުގެ ލެބޯޓަރީން މީގެ ކުރިން ނުހެދޭ ޓެސްޓުތަކެއް ހެދުމުގެ ހިދުމަތް ދޭންފަށައިފިއެވެ.
އެމަރުކަޒުން މައުލޫމާތު ދެއްވިގޮތުގައި ސިއްހީމަރުކަޒަށް މިނިސްޓްރީ އޮފް ހެލްތުން ފޮނުވާފައިވާ އިއިކްރޯމާ މެޝިން އިންސްޓޯލްކޮށް ހިދުމަތް ދޭން ފެށުމާއިއެކު، އެމަރުކަޒުގެ ލެބޯޓަރީން ކުރިން ނުހެދޭ މުހިންމު ޓެސްޓްތަކެއް ހެދުމުގެ ހިދުމަތް މިހާރު ދޭންފެށިފައިވާ ކަމަށެވެ.
އެގޮތުން ތައިރޮއިޑް ޓެސްޓާއި، ތެލަސީމިއާ ކުދިންނަށް އެންމެ މުހިއްމު އެއް ޓެސްޓް ކަމަށްވާ ފެރަޓިން ޓެސްޓާއި، ހަކުރުބަލީގެ ބަލިމީހުންނަށް މުހިއްމު ޓެސްޓެއްކަމަށްވާ HbA1c ޓެސްޓްގެ އިތުރުން ހާޓްއެޓޭކް ފަދަ ހިތުގެ މައްސަލަތައް ދެނެގަތުމަށްހަދާ Troponin I ޓެސްޓްގެ ހިދުމަތް މުޅިން އަލަށް އެމަރުކަޒުގެ ލެބޯޓަރީން ލިބިގެންދާނެ ކަމަށް ސިއްހީމަރުކަޒުން މައުލޫމާތު ދެއްވައެވެ.
ހއ. އިހަވަންދޫގައި ތައިރޮއިޑު ބައްޔަށް ފަރުވާ ހޯދާ ފަރާތްތަށް ދެނެގަތުމުގެ މަސައްކަތް އާމިނާދިޔޯ ސިއްހީމަރުކަޒުން މީގެ ކުރިން ކޮށްފައިވާއިރު، އިހަވަންދޫން 80 އަށް ވުރެ ގިނަމީހުން ތައިރޮއިޑު ބައްޔަށް ފަރުވާ ހޯދާކަމަށް ނަންނޯޓު ކޮށްފައިވާ ކަމަށް އެމަރުކަޒުން މައުލޫމާތު ދެއްވިއެވެ. އާމިނާދިޔޯ ސިއްހީމަރުކަޒުގެ ސީނިއަރ އެޑްމިނިސްޓްރޭޓަރ އަލްފާޟިލް މުޙައްމަދު އަކްރަމް މިނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެހެނިހެން ގޮތްގޮތުން ހޯދުނު މައުލޫމާތުން އިހަވަންދޫގައި ތައިރޮއިޑު ބައްޔަށް ފަރުވާ ހޯދާ މީހުންގެ އަދަދު 120 އަށްވުރެ އިތުރުވާނެކަމަށް ބެލެވޭ ކަމަށެވެ. އާމިނާ ދިޔޯ ސިއްހީމަރުކަޒުގައި 12 ތެލަސީމިއާ ކުދިން ރެޖިސްޓްރީކޮށްފައިވާ އިރު، މިކުދިން ހަދަންޖެހޭ ޓެސްޓުތައް ހެދުމަށްޓަކައި ރަށުން ބޭރަށް ދާންޖެހޭޖެހުމަށް ނިމުމެއް އަންނާނެ ކަމަށް އަކުރަމް ވިދާޅުވިއެވެ. އަދި އެމަރުކަޒުން އަލަށްފެށޭ ހަކުރު ބަލީގެ ޓެސްޓާއިއެކު ވޭތުވެދިޔަ ދެތިންމަހު ހަށިގަނޑުގައި ހަކުރު ހުރި އެވަރެޖް ލެވެލް ދެނެގަނެވޭނެކަމަށްވެސް އަކުރަމް ވިދާޅުވިއެވެ.