ރައީސުލްޖުމްހޫރިޔާ 08 ސެޕްޓެމްބަރ ގައި ތަޞްދީޤުކުރެއްވި، ބިނާވެށި ޕްލޭން ކުރުމާއި ހިންގުމުގެ ޤާނޫނު، އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނާއި މަޤްޞަދުތަކާއި ތަޢާރަޟް ވާކަމަށްބުނެ ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާއިން ޤަރާރެއް ނެރެފިއެވެ.
މިޤަރާރު ނެރެފައިވަނީ ހއ. އަތޮޅު ކައުންސިލްގެ 4 ވަނަ ދައުރުގެ 137 ވަނަ ޢާއްމު ބައްދަލުވުމައް ހުށަހަޅާ ބަހުސްކުރެވި، ކައުންސިލަރުންގެ އަގުލަބިއްޔަތުން ފާސްކޮށްގެންނެވެ. ހއ. އަތޮޅު ކައުންސިލުން އިއްޔެ އާއްމުކުރި ގަރާރުގައި ބުނީ، ބިނާވެށި ޕްލޭން ކުރުމާއި ހިންގުމުގެ ޤާނޫނު ސަބަބުން ކައުންސިލް ތަކުގެ ހިންގުމުގެ ނިޒާމަށް ނޭދެވޭ އަސަރުތަކެއް ކުރާނެކަމަށެވެ. އަދި އެބަދަލުގެ ސަބަބުން މުޖުތަމައުގެ ވަސީލަތްތައް މުޖުތަމައަށް އެންމެ ފައިދާވާނޭ ގޮތަށް ރާވާ ތަރުތީބު ކުރުމުގެ ފުރުޞަތު މުޖުތަމަޢުތަކަށް ގެއްލިގެން ދިއުމުގެ ނުރައްކާތެރިކަން އެތްކަމަށް ދެކޭކަމުގައެވެ.
ހއ. އަތޮޅު ކައުންސިލުންވަނީ އެޤާނޫނު އަބުރާ އިޞްލާހުކުރުމަށް ގޮވާލާފައެވެ. އަދި އެޤާނޫނު އިޞްލާހު ކުރުމަށް އެނޑިނޭޅި ވަކާލާތުކޮށް މަސައްކަތްކުރުމަށްވެސް އިޤުރާރުވެފައެވެ. ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވާފައިވަނީ މިހިނގާ ސެޕްޓެމްބަރ މަހުގެ 8 ވަނަ ދުވަހުއެވެ. ރައްޔިތުންގެ މަޖިލީހުން މި ބިލް ފާސްކުރީ މިދިޔަ އޮގަަސްޓް މަހުގެ 22 ވަނަ ދުވަހު އެވެ.
މި ގާނޫނުގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން އެކަށީގެންވާ ގޮތެއްގައި ރާއްޖޭގެ ބިން ތަރައްގީކޮށް ބެލެހެއްޓޭނެ ފަދައަކުން، ބިނާވެށި ޕްލޭންކުރުމަށް މަގުފަހިކުރުން ހިމެނެ އެވެ. ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ތަރައްގީކުރުމަށް މަގުފަހިވާނެ ގޮތަކަށް ބިނާވެށި ޕްލޭންކޮށް ހިންގުމާގުޅޭ އުސޫލުތައް ކަނޑައެޅުންވެސް ގާނޫނުގެ މަގުސަދުތަކުގެ ތެރޭގައިވެ އެވެ. ގާނޫނުގައިވާ ގޮތުން ބިނާވެށި ޕްލޭންކުރުމާއި ހިންގުމާ ބެހޭ ގައުމީ ސިޔާސަތު ކަނޑައަޅާނީ ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެވެ.
ރާއްޖޭގައި އެއްވެސް ބިމެއް ތަރައްގީކުރެވޭނީ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ބިން ތަރައްގީކުރުމުގެ ހުއްދަ ހޯދުމަށްފަހުގައިކަމާއި، މި ގާނޫނުގެ ދަށުން ދޫކުރާ ބިން ތަރައްގީކުރުމުގެ ހުއްދައާއި އެ ހުއްދައިގައި ކަނޑައަޅާފައިވާ ޝަރުތުތަކާއި މުއްދަތުތަކާ އެއްގޮތަށް އަދި މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ ތަރައްގީކުރުމުގެ މިންގަނޑުތަކާ އެއްގޮތަށް ހުއްދަ ދޫކުރެވުނު ފަރާތުން އަމަލުކުރަންވާނެ ކަމަށްވެސް ގާނޫނުގައިވެ އެވެ.
މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ގިނަވެގެން ހަމަސް ތެރޭގައި ހަދައި، ގެޒެޓް ކުރުމަށްވެސް ގާނޫނުގައި ލާޒިމުކޮށްފައިވެ އެވެ. ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައީ، ބިނާވެށި ޕްލޭންކޮށް ހިންގުމުގެ ބިލާ ގުޅުވައިގެންނެވެ. އެގޮތުން އެ އިސްލާހުގެ މަގުސަދަކީ، ލާމަރުކަޒީ ގާނޫނުގެ ދަށުން ރަށު ކައުންސިލްތަކުންނާއި ސިޓީ ކައުންސިލްތަކުން އެކުލަވައިލަންޖެހޭ ލޭންޑް ޔޫސް ޕްލޭން، ބިނާވެށި ޕްލޭންކޮށް ހިންގުމުގެ ގާނޫނުގެ ދަށުން އެކުލަވާލައި ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭންގެ ބައެއްގެ ގޮތުގައި ކަނޑައަޅައިފައިވާތީ، އެ ބަދަލު ލާމަރުކަޒީ ގާނޫނަށް ގެނައުމެވެ.
އެ އިސްލާހުގައި ވަނީ، ރަށެއްގެ ނުވަތަ ސިޓީއެއްގެ ތަރައްގީގެ ޕްލޭނާއި، ކައުންސިލުން ހަދައި ކަމާގުޅުންހުރި ގައުމީ އިދާރާއިން ފާސްކުރާ އެ ރަށެއްގެ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތަށް އޮތްއޮތުން އުނިކޮށް، ތަރައްގީގެ ޕްލޭން އޮންނަންވާނީ އެ ރަށެއްގެ ނުވަތަ ސިޓީއެއްގެ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތީންކަމުގައި ބަޔާންކޮށްފައެވެ.
ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ބިލާއި ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ މަސައްކަތް މަޖިލީހުގައި ކުރިއަށްގެންދިޔައިރު އިދިކޮޅު އެމްޑީޕީން އަދި ބައެއް ކައުންސިލްތަކުން އެ ބިލަށް ފާޑުކިޔައިފައިވެއެވެ. އެގޮތުން ބިނާވެށި ޕްލޭންކުރުމުގެ ގާނޫނޫގެ ދަށުން ރަށުގެ ރައްޔިތުންގެ ބައިވެރިވުމަކާ ނުލައި، އެރަށެއްގެ ބިން ޕްލޭންކޮށް ބޭނުންކުރުމަށް މަރުކަޒީ އިދާރާތަކަށް ފުރިހަމައަށް ބާރު ލިބޭނެ ކަމަށް ބުނެފައިވެއެވެ.