އިހަވަންދޫ ހޮސްޕިޓަލްގެ މަސައްކަތް : ޑުޕްލެކްސްގެ އައު ޕްރޮޕޯޒަލް ރިވައިޒްކުރަނީ

.

އިހަވަންދޫ ހޮސްޕިޓަލްގެ މަސައްކަތް ލަސްވަމުންދާތީ، އެކަމާ ގުޅޭ މަޢުލޫމާތު ހޯދުމަށް މި ނޫހުން ހެލްތް މިނިސްޓްރީއަށް ހުށަހެޅި ސުވާލުތަކަށް އެ ވުޒާރާއިން ޖަވާބު ދެއްވައިފިއެވެ.

މިނިސްޓްރީ އޮފް ހެލްތުން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، އިހަވަންދޫ ހޮސްޕިޓަލުގެ މަސައްކަތަކީ ކޮންޓްރެކްޓަރ ފައިނޭންސްގެ އުސޫލުން، ބޭންކް އޮފް މޯލްޑިވްސްއިން ފައިނޭންސްކުރާ ގޮތަށް ކުރިއަށްގެންދާ މަޝްރޫޢެކެވެ. އެހެންކަމުން، މި މަޝްރޫޢަށް ބޭންކުން ފައިސާ ދޫކުރާނީ މަސައްކަތް ޙަވާލުކޮށްފައިވާ ކުންފުނިން ހުށަހަޅާ ލިޔެކިޔުންތައް ދިރާސާކުރުމަށްފަހު ބޭންކް އޮފް މޯލްޑިވްސްއިންނެވެ.

އިތުރު ތަފްޞީލު ދެއްވަމުން، ހެލްތް މިނިސްޓްރީއިން ވިދާޅުވީ، އިހަވަންދޫ ހޮސްޕިޓަލުގެ މަސައްކަތް ޙަވާލުކޮށްފައިވާ ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑަށް، ބީއެމްއެލްގެ ފައިނޭންސް ހަމަނުޖެހުމާ ގުޅިގެން އެކަން އެމިނިސްޓްރީއަށް އަންގާފައިވާ ކަމަށެވެ. އަދި އެ ކުންފުނީގެ އަމިއްލަ ފައިނޭންސްގައި މަޝްރޫޢު ކުރިއަށް ގެންދިއުމަށް އެ ކުންފުނިން އެ މިނިސްޓްރީއަށް ހުށަހެޅުމެއް ހުށަހަޅާފައިވާ ކަމަށާއި، އެ ހުށަހެޅުން މުރާޖަޢާކުރުމުގެ މަސައްކަތް އެ މިނިސްޓްރީއިން ކުރިއަށްގެންދާ ކަމަށް މަޢުލޫމާތު ދެއްވިއެވެ. މީގެ އިތުރުން، މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ބޭނުންވާ ފައިސާ ހަމަޖެއްސުމުގެ މަސައްކަތްވެސް އެ މިނިސްޓްރީއިން ކުރިއަށްގެންދާ ކަމަށްވެސް އިތުރަށް މަޢުލޫމާތު ދެއްވިއެވެ.

އިހަވަންދޫ ހޮސްޕިޓަލް އިމާރާތްކުރުމުގެ މަޝްރޫޢު ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވަނީ 2023 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 16 ވަނަ ދުވަހު، 123.3 މިލިއަން ރުފިޔާގެ އަގުގައެވެ. މިނިސްޓްރީ އޮފް ހެލްތުން ހޮސްޕިޓަލް އިމާރާތްކުރުމަށް ކަނޑައެޅިފައިވާ ބިން އެ ކުންފުންޏާ ހަވާލުކުރީ 2023 ވަނަ އަހަރުގެ މާރިޗު މަހުގެ 7 ވަނަ ދުވަހުއެވެ. އަދި ހޮސްޕިޓަލް އިމާރާތްކުރުމަށް ކަނޑައެޅިފައިވާ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ޑުޕްލެކްސްއިން ފެށީ 2023 ވަނަ އަހަރުގެ މާރިޗު މަހުގެ 9 ވަނަ ދުވަހުއެވެ.

އިހަވަންދޫ ހޮސްޕިޓަލުގެ އިތުރުން، ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑުން ދަނީ މިނިސްޓްރީ އޮފް ހެލްތުގެ އެހެނިހެން މަޝްރޫޢުތަކުގައިވެސް މަސައްކަތްކުރަމުންނެވެ. މީގެ ތެރޭގައި ހއ. ކެލާގައި އިމާރާތްކުރަމުންދާ ޞިއްޙީ މަރުކަޒުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަން ފާހަގަކުރެވެއެވެ.

ނަމަވެސް، ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑުން އިހަވަންދޫގައި ކުރަމުންދިޔަ މަސައްކަތް ވަނީ ހުއްޓާލާފައެވެ. އަދި އެ މަސައްކަތަށް ގެނެސްފައިވާ ތަކެތި ވިއްކާލުމާއެކު، އެ ކުންފުނީގެ މުވައްޒަފުންނާއި މެޝިނަރީ ވަނީ އެހެން މަސައްކަތު ސައިޓަކަށް ބަދަލުކޮށްފައެވެ. މީގެއިތުރުން، ހޮސްޕިޓަލުގެ މަސައްކަތަށް ކޮނެފައިވާ ސަރަހައްދުތަކަށް ބަޔަކު ވަނީ ފަސްއަޅައި ފޮރުވާލާފައެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެއްގެ ގޮތުގައި، ވެރިކަމުގެ ފުރަތަމަ އަހަރު އިހަވަންދޫ ހޮސްޕިޓަލުގެ މަސައްކަތް ފެށުމަށް ހިމެނިފައިވީ ނަމަވެސް، ވެރިކަމަށް އަހަރު ފުރުމަށް މަދު ދުވަސްކޮޅެއް ބާކީ އޮތްއިރު، ހޮސްޕިޓަލުގެ މަސައްކަތް އަވަސް މުސްތަޤުބަލެއްގައި ފެށޭނެކަމުގެ އެއްވެސް ނިޝާނެއް ފެންނާކަށް ނެތެވެ.