ތިލައުތުރު ވޮލީ މުބާރާތް 2024 – ބައިވެރިވީ 7 ޓީމެއް

ލުޤުމާން އަޙްމަދު

ހއ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން “ތިލައުތުރު ވޮލީ މުބާރާތް – 2024” ގެ ނަމުގައި، ހއ އަތޮޅު ކައުންސިލާއި، ހއ މުރައިދޫ ކައުންސިލް ގުޅިގެން ބާއްވާ އަންހެން ކަނބަލުންގެ ވޮލީ މުބާރާތުގައި 7 ޓީމަކުން ބައިވެރިވެއްޖެއެވެ.

މިމަހުގެ 15 އިން 23 އަށް ކުރިޔަށްދާ މިމުބާރާތުގައި ބައިވެރިވެފައިވަނީ، މުރައިދޫ، އުތީމް، ކެލާ، ވަށަފަރު، އިހަވަންދޫ، ބާރަށް އަދި ދިއްދޫއެވެ. ދެ ގްރޫޕަކަށް ބަހާލައިގެން މިމުބާރާތް ކުރިޔަށް ގެންދާއިރު ކޮންމެ ގްރޫޕެއްގައި ހިމެނޭ ޓީމް ތަކުގެ މެދުގައި ޕޮއިންޓް އުސޫލުން މެޗްތައްކުޅެ ކޮންމެ ގްރޫޕަކުން  އެއްވަނަ އަދި ދެވަނަ ޓީމް ސެމީ ފައިނަލަށް  ދަތުރު ކުރާނެއެވެ.

ގްރޫޕް 1 ގައި އުތީމް، މުރައިދޫ، ވަށަފަރު އަދި ކެލާ އޮތްއިރު، ގްރޫޕް 2 ގައި އޮތީ އިހަވަންދޫ، ބާރަށް އަދި ދިއްދޫއެވެ. ގްރޫޕް 2 ގައި އޮތީ 3 ޓީމް ކަމުން، އެ ގްރޫޕްގެ 2 ވަނަ ޓީމެއް ކަނޑައެޅުމަށް އިތުރު މެޗެއް ކުޅޭނެއެވެ. ގްރޫޕްގެ 2 އަދި 3 ވަނަ ޓީމްގެ މެދުގައި ބައްދަލުކުރާ މެޗްގެ ނަތީޖާއިން ގްރޫޕްގެ 1 ވަނަ ޓީމަށް ބަދަލެއް ނާންނާނެއެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 20000 (ވިހި ހާސް) ރުފިޔާ، ރަނަރަޕް ޓީމަށް 10000 (ދިހަ ހާސް) ރުފިޔާ އަދި ފެއާޕްލޭ ޓީމަށް 5000 (ފަސް ހާސް) ރުފިޔާގެ ފައިސާގެ އިނާމުވަނީ ހުށަހަޅާފައެވެ. މިމުބާރާތް ކުރިޔަށްދާނީ މުރައިދޫގައެވެ.