Banner Image Description

ތަރައްޤީ ބޭނުން އެކަމަކު ނުރައްކަލެއް ނޭދެން

އަޙްމަދު ޢާޞިމް

އަހަރެމެން އިންސާނުން އަބަދުވެސް ކުރިއެރުން ބޭނުންވާނެއެވެ. ތަރައްޤީ ބޭނުންވާނެއެވެ. ހަމައެހެންމެ އެލިބޭ ކުރިއެރުމާ ތަރައްޤީގެ ބޭނުން ކުރެވޭނީ އަހަރެމެން އިންސާނުން ދުޅަހެޔޮ ޞިއްހަތެއްގައި ދެމި ހުރެގެންނެވެ. އާދޭހެވެ، މިދުވަސްވަރަކީ މުޅި ދުނިޔެއަށްވެސް ނުރައްކަލާ ކުރިމަތިވެގެން އުޅޭ ދުވަސްވަރެކެވެ. ކޮންމެބަޔަކުވެސް  މަސައްކަތް ކުރަމުން ދަނީ މި ބަލިމަޑުކަމާއެކު ވެސް ތަރައްޤީ ގެނެވޭތޯއެވެ.

ކޮންމެއަކަސް ރައްޔިތުންގެ ރައްކާތެރި ކަމަށްޓަކައި އަދުގެ ސަރުކާރުން އެކަށީގެންވާ ފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ. އެގޮތުން ކޮވިޑް ފެތުރިފާ ރަށަކު އުޅުމަށްފަހު، އެހެން ރަށަކަށް އަރާ ނަމަ 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތެއް ހަމަކޮށް ސުންކުނަގާ ނަތީޖާ ނުލިބެނީސް ނިކުމެ އުޅުން ވަނީ މަނާ ކޮށްފައެވެ. ބޭނުމަކީ ބަލި ފެތުރުން ހުއްޓުވުމެވެ. އެހެންނަމަވެސް ހިތާމައަކީ ކުންފުނިތަކުގެ ޕުރޮޖެކްޓް ހިންގުމަށްޓަކައި ކަރަންޓީނު ނުވެ އުޅުމުގެ ފުރުޞަތު ލިބިދިނުމެވެ. އެފަދަ މީހުންގެ ފުށުން ކޮވިޑް ބަލި ނުޖެހެނީ ތޯއެވެ. ނުވަތަ އިއްޒަތްތެރިންގެ ފުށުން ކޮވިޑް ނެޖެހޭކަން ސާބިޠުވަނީ ތޯއެވެ.

އަސްލުން އަހަރެން ދައްކަން މިއުޅޭ ވާހަކައަކީ އިއްޔަ މިރަށަށް ކަރަންޓީނު ނުވެ އިއްޒަތްތެރިން ކޮޅެއް ވަޑައިގަތްވާހަކައެވެ.  އަދި ފެނަކާގެ މުއަށްޒަފުންނާއި ކައުންސިލްގެ ރައީސްފަދަ ޝަރަފުވެރި ފަރާތްތަކާ ކޮންޓެކްޓުވި ވާހަކައެވެ. އެ އިއްޒަތްތެރިން ވަޑައިގެންނެވީ އެޗްޕީއޭގެ ހުއްދަލިބިގެންނެވެ. ނަމަވެސް ފޮޓޯތަކުން ފެންނަނީ ގައިޑްލައިނާ ޚިލާފުވެފައިވާ މަންޒަރުތަކެވެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއީ ރައްޔިތުން ނުރައްކަލަށް ހުށައެޅިގެން ދާނެކަމެކެވެ.

ސިޔާސީ ގޮތުން ކަމެއް ދައްކާ ޕުރޮމޯޓް ނުކުރާނަމަ، މިހާލަތުގައި ބިންގާ އެޅުމަށް ބަޔަކު ގެނެސްގެން ބިންގާ އެޅުމުގެ ބޭނުމަކީ ކޮބައިތޯއެވެ. އާދޭހެވެ. ރަށަށް ތަރައްޤީއެއް އަންނަނަމަ އަހަރެން އުފާކުރަމެވެ. އިންޖީނުގެ ވިޔަސް ނުވަތަ އެހެންތަނެއްގައި ބިންގާއަޅަން ބަޔަކު ގެނެސްގެން ބިންގާނޭޅިއަސް އެ އިމާރާތް އެޅުން ކުރިއަށް ނުގެންދެވޭނެ ސަބަބެއް އަހަރެން ނުދެކެމެވެ. އަހަރެންގެ ދުއާއަކީ މި އަމަލުގެ ސަބަބުންވިޔަސް ރަށުގެ ރައްޔިތުންނަށް ނުރައްކަލާ ކުރިމަތި ނުވެ އަހަރެމެން ސަލާމަތްވެ އަމާންވެގެން ދިޔުމެވެ.