އިހަވަންދޫގެ މުޅި ކޭބަލް ނެޓްވޯރކް ބަދަލުކުރުމަށް ބޭނުންވާ ކޭބަލް ގެނެސްފި

މުޙައްމަދު އަކުރަމް

ފެނަކަ ކޯޕަރެޝަނުން އިހަވަންދޫގައި ފޯރުކޮށްދެމުންދާ ކަރަންޓްގެ ހިދުމަތް ފޯރުކޮށްދިނުމަށް އަޅާފައިއޮތް ކޭބަލް ނެޓްވޯރކް ބަދަލުކުރުމަށް ބޭނުންވާ ކޭބަލް އިހަވަންދޫއަށް ގެނެސް ރަށަށް އެތަކެތި ބޭލުމުގެ މަސައްކަތް ފަށައިފިއެވެ. އެގޮތުން މިއަދުވަނީ އެކަމަށް ބޭނުންވާ ލޯ ވޯލްޓޭޖް އަދި ހައި ވޯލްޓޭޖް ކޭބަލްގެ އިތުރުން އަލަށް އިންސްޓޯލް ކުރަންޖެހޭ ޕެނަލް ރަށަށް ގެނެސްފައެވެ.  އިހަވަންދޫގެ ކޭބަލް ނެޓްވޯކް ބަދަލުކުރަނީ ރަށުގެ އެކި ހިސާބުތަކަށް ދިމާވެފައިވާ ވޯލްޓޭޖް ޑޮރޮޕްވާ މައްސަލަ ހައްލުކޮށް ފެންވަރު ރަނގަޅު ހިދުމަތެއް ދިނުމުގެ ބޭނުމުގައެވެ.

ފެނަކަ އިހަވަންދޫ ބުރާންޗުގެ ޑެޕިއުޓީ މެނޭޖަރ މުޙައްމަދު ސަމީރު ވިދާޅުވި މިމަސްރޫއުގެ ދަށުން ރަށުގެ މުޅި ކޭބަލް ނެޓްވޯކް ބަދަލުކުރާއިރު، އަލަށް ދޫކުރި 200 ގެވަޅު އޮތް ސަރަހައްދުގައި އައު ކޭބަލް ނެޓް ވޯކެއް އެޅިގެން ދާނެކަމުގައެވެ. ސަމީރު ވިދާޅުވީ ކޭބަލް ނެޓްވޯކް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމުގެ ޓެންޑަރިން މަރުހަލާ ނިމިފައިވާ ކަމަށާއި، ދެންއޮތީ ކުންފުންޏަކާއި ހަވާލުކޮށްގެން މަސައްކަތް ފެށުން ކަމަށެވެ. އެހެންކަމުން މަގުތަކުގައި ކޭބަލް އެޅުމުގެ މަސައްކަތް ފެށުން ލަސްނުވާނެކަމަގެ ޔަޤީންކަން އެބޭފުޅާ ދެއްވިއެވެ.

ފެނަކަ އިހަވަންދޫ ބުރާންޗްގައި މަސައްކަތްކުރާ ޓެކްނިކަލް މުވައްޒަފަކު ވިދާޅުވީ، މިހާރު އަޅާފައި އޮތް ކޭބަލް ނެޓްވޯކް ބަދަލުނުކޮށް ކިތަންމެ ހައި ވޯލްޓޭޖް ޖެނަރޭޓަރެއް ބެހެއްޓިނަމަވެސް ވޯލްޓޭޖް ޑްރޮޕްވުމުގެ މައްސަލަ ހައްލުނުވާނެކަމަށެވެ. ވުމާއިއެކު ކޭބަލް ނެޓްވޯކް ބަދަލުކުރުމަކީ ޓޯޓަލް ސޮލިޔުޝަނަކަށް ވާނެކަމަށެވެ.

އިހަވަންދޫގެ ކޭބަލް ނެޓްވޯރކް ބަދަލުކޮށް އަޕް ގްރޭޑް ކުރުމަށް ފެނަކައިން ހިންގާ މަޝްރޫއުގެ ދަށުން ރަށުގެ އެކިސަރަހައްދު ތަކުގައި ޓްރާންސް ފޯމަރުތައް ބެހެއްޓުމަށް ހަމަޖެހިފައެވ. އެގޮތުން މިހާރުވަނީ ޓްރާންސް ފޯމަރު ބެހެއްޓުމަށް އިމާރާތްކުރަންޖެހޭ 3 ހަޓުގެ މަސައްކަތް ނިންމާފައެވެ.