ރަމަޟާން މަސް (1)

އައްޝައިޙު ޢަބުދުލްޤާދިރު މުޙައްމަދު

އަޅުގަނޑުމެންނާއި މިވަނީ ރަމަޟާންމަސް ބައްދަލުވެފައެވެ. އެމަހަކީ މުސްލިމުންނަށްޓަކައި ﷲ ތަޢާލާ ލައްވާފައިވާ ބަރަކާތުންފުރިގެންވާ މައްސަރެކެވެ. މި މައްސަރު އެމީހަކާއި ބައްދަލުވެ އެމީހެއްގެ ފާފަނުފުހެވި އެމަސް ފާއިތުވެއްޖެ މީހަކީ ގެއްލެނިވެގެންވާ މީހެކެވެ. މިފަދަ މައްސަރަކާއި ކުރިމަތިލާއިރު މި މައްސަރާއިމެދު ކީރިތިޤުރްއާނާއި ސުންނަތުގައި އައިސްފައިވާ ބައެއްވާހަކަތަކަށް ބަލާލަމާތޯއެވެ. އަޅުގަނޑުމެން އެ ދޭއްޗެއްގައި ހިފައިފިނަމަ މަގުފުރެދިގެން ނުދާނޭކަމަށް ރަސޫލާ އަންގަވާފައިވާ ދޭއްޗަކީ އެއީއެވެ.

ރަމަޟާންމަސް އައުމުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ ޞަޙާބީންނަށް އުފާވެރިކަމުގެ ޚަބަރު ދެއްވާ ރޯދަމަހުގެ ބޭނުން ފުރިހަމަގޮތުގައި ހިފުމަށް ބާރުއަޅުއްވާ އުޅުއްވިއެވެ. އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންއައިސްފައި ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. أَتَاكُمْ رَمَضَانُ شَهْرٌ مُبَارَكٌ فَرَضَ اللهُ عَزَّ وَجَلَّ عَلَيْكُمْ صِيَامَهُ، تُفْتَحُ فِيهِ أَبْوَابُ السَّمَاءِ وَتُغْلَقُ فِيهِ أَبْوَابُ الْجَحِيمِ وَتُغَلُّ فِيهِ مَرَدَةُ الشَّيَاطِينِ، فِيهِ لَيْلَةٌ هِيَ خَيْرٌ مِنْ أَلْفِ شَهْرٍ مَنْ حُرِمَ خَيْرَهَا فَقَدْ حُرِمَ.  رواه النسائي މާނައީ: “ތިޔަބައިމީހުންގެ ގާތަށް ރަމަޟާން އަތުވައްޖެއެވެ. އެއީ ބަރަކާތްތެރި މަހެކެވެ. ﷲ ތަޢާލާ ތިޔަބައިމީހުންގެ މައްޗަށް އެމަހުގެ ރޯދަ ފަރުޟު ކުރެއްވިއެވެ. އެމަހުގައި އުޑުގެ ދޮރުކޮޅުތައް ހުޅުއްވެއެވެ. އަދި ނަރަކައިގެ ދޮރުތައް ބަންދު ކުރެއްވެއެވެ. އަދި މާރިދު ޝައިޠާނުން ކަސްތަޅު އެޅުވެއެވެ. އެމަހުގައި ހާސް މަސްވަރަށްވުރެ ހެޔޮކަންބޮޑުވެގެންވާ ރެއެއް ވެއެވެ. އެރޭގެ ހެޔޮކަމުން މަޙްރޫމުވެއްޖެ މީހާ (ހުރިހާ ހެޔޮކަމަކުން) މަޙްރޫމުވެއްޖެއެވެ.”

ރަމަޟާންމަހާއި އެހެނިހެން މައްސަރުތައް ތަފާތުވަނީ ކީއްވެގެންތޯއެވެ. އާދެ، ރަމަޟާން މަހަކީ އިސްލާމްދދީނުގެ އެއްރުކުން ކަމުގައިވާ ރޯދަހިފުން ފަރުޟުކުރެވުނު މަހެވެ. މުސްލިމުންގެ ތެރެއިން އެމަހާއި ބައްދަލުވި ކޮންމެ މުކައްލަފެއްގެ މައްޗަށް އެމަހުގެ ދުވަސްތަކުގައި ރޯދަހިފުން ﷲ ވަނީ ފަރުޟުކުރައްވާފައެވެ. އެއިލާހު އަންގަވާފައިވެއެވެ. يَا أَيُّهَا الَّذِينَ آمَنُواْ كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ. މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނެވެ. ތިޔަބައި މީހުންގެ ކުރީގެ އުއްމަތްތަކަށް ފަރުޟު ކުރެއްވުނު ފަދައިން، ތިޔަބައި މީހުންގެ މައްޗަށްވެސް ރޯދަ ފަރުޟު ކުރެއްވިއްޖެއެވެ. އެއީ ތިޔަބައި މީހުން ތަޤުވާވެރިވޭތޯއެވެ.” އަދިވެސް އިބުނު ޢުމަރުގެ ކިބައިން ވާރިދުވެގެން އައިސްފައިވެއެވެ. ‏ ‏بُنِيَ الْإِسْلَامُ عَلَى خَمْسٍ شَهَادَةِ أَنْ لَا إِلَهَ إِلَّا اللَّهُ وَأَنَّ ‏ ‏مُحَمَّدًا ‏ ‏رَسُولُ اللَّهِ وَإِقَامِ الصَّلَاةِ وَإِيتَاءِ الزَّكَاةِ وَصَوْمِ رَمَضَانَ وَالْحَجِّ. البخاري މާނައީ: “އިސްލާމްދީން ބިނާވެގެންވަނީ 5 ކަމެއްގެ މައްޗަށެވެ. އެއީ ﷲ މެނުވީ ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވާކަމަށް ހެކިވުމާއި، މުޙައްމަދުގެފާނަކީ ﷲގެ އަޅާ އަދި ރަސޫލާކަމަށް ހެކިވުމާއި، ނަމާދު ޤާއިމު ކުރުމާއި، ޒަކާތް ދިނުމާއި، ރަމަޟާން މަހު ރޯދަ ހިފުމާއި އަދި ކަޢުބަތުﷲ ގެފުޅަށް ޙައްޖުވުމެވެ.”

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. ރަމަޟާންމަހުގެ ރޯދައިގެ ސަވާބާއި ދަރުމައަކީ ވަރަށްވެސް މަތިވެރި ދަރުމައެކެވެ. ރޯދަވެރީންނަށް ދެއްވާސަވާބާއި ދަރުމައިގެ މަތިވެރިކަން ބަޔާންކޮށްދެއްވައި އަޅުގަނޑުމެންގެ ސާހިބާ އެކަލޭގެފާނުގެ އުއްމަތަށް އެތައްއިރުޝާދެއް ދެއްވާފައިވެއެވެ. ﷲ ތަޢާލާ ކޮންމެ ހެޔޮކަމަކަށްވެސް މަދުވެގެން 10 ހެޔޮކަމުގެ ސަވާބުދެއްވައެވެ. މިގޮތަށްގޮސް 700 ގުނައަށްވެސް އިތުރުކުރައްވައެވެ. ރޯދައާއި ކެތްތެރިކަމުގެ ދަރުމައާއި ސަވާބު އެޔައްވުރެވެސް ބޮޑަށް އެއިލާހުއިތުރުކޮށްދެއްވައެވެ. އެކަމުގެ އަޖުރާއި ސަވާބު ހަމައެކަނި އެއިލާހަށް ޚާއްޞަކުރެއްވިއެވެ. އަބޫހުރައިރާގެ އަރިހުން އިމާމުލް ބުޚާރީ ރިވާކުރައްވާފައިވާ ޙަދީޘެއްގައި ވެއެވެ. كُلُّ عَمَلِ ابْنِ آدَمَ لَهُ إِلَّا الصِّيَامَ فَإِنَّهُ لِي وَأَنَا أَجْزِي بِهِ. متفق عليه މާނައީ: “އާދަމުގެދަރިޔާގެ ހުރިހާ ޢަމަލެއްވަނީ އޭނާއަށެވެ. ރޯދަފިޔަވައެވެ. ރޯދަވަނީ ތިމަންއިލާހަށެވެ. އަދި އެއަށް ޖަޒާދެއްވަނީ ތިމަންއިލާހެވެ.” މިތަނުގައި ރޯދަ އެގޮތަށް ޚާއްޞަކުރައްވާފައި އެވަނީ އެކަމުގެ ސަވާބާއި ދަރުމައިގެ ބޮޑުކަމުންނެވެ. އެހެނީ އިންސާނާގެ ހުރިހާ ޢަމަލުތަކަށްވެސް ޖަޒާދެއްވަނީ ﷲ ތަޢާލާއެވެ. އަދިވެސް ބައެއް ޙަދީޘްގައި ވާރިދުވެގެން އައިސްފައިވެއެވެ. يَتْرُكُ طَعَامَهُ وَشَرَابَهُ وَشَهْوَتَهُ مِنْ أَجْلِى الصِّيَامُ لِى وَأَنَا أَجْزِى بِهِ. މާނައީ: ” ރޯދަވެރިޔާ އޭނާގެ ކެއުމާއި، ބުއިމާއި، އަދި ޝަހުވަތްތެރިކަމުން އެއްކިބާވެގެންވަނީ ތިމަން އިލާހަށްޓަކައެވެ. ރޯދަވަނީ ތިމަންއިލާހަށެވެ. އަދި އެއަށް (އެބަހީ ރޯދައަށް) ޖަޒާދެއްވާހުށީ ތިމަންއިލާހެވެ.”

-ނުނިމޭ-