ރަމަޟާންމަސް (2)

އައްޝައިޙު ޢަބުދުލްޤާދިރު މުޙައްމަދު

(ބުރާސްފަތި  ދުވަހުގެ ލިޔުމާ ގުޅޭ)

ރަމަޟާން މަހާއި އެހެނިހެން މަސްމަހާއި ހުރި ތަފާތުބަޔާންކުރައްވަމުން އަލްއިމާމް އިބުނުލްޤައްޔިމް ރަޙިމަހުﷲ ބާޔާންކުރައްވާފައިވެއެވެ. ރަމަޟާން މަހާއި އެހެނިހެން މައްސަރުތަކާއި ހުރިތަފާތަކީ އެމަހުގެ ފަހުރޭތަކާއި އެހެނިހެން ރޭތަކާއިހުރި ތަފާތެވެ. އާދެ، 4 ގޮތަކުން އެމަސް އެހެނިހެން މަސްތަކާއި ތަފާތުވެއެވެ.

  • އަހަރުގައި އަންނަ އެންމެމަތިވެރިރޭ އެމަހުގައި ވުން.

ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ. إِنَّا أَنْزَلْنَاهُ فِي لَيْلَةِ الْقَدْرِ، وَمَا أَدْرَاكَ مَا لَيْلَةُ الْقَدْرِ، لَيْلَةُ الْقَدْرِ خَيْرٌ مِنْ أَلْفِ شَهْرٍ، تَنَزَّلُ الْمَلائِكَةُ وَالرُّوحُ، فِيهَا بِإِذْنِ رَبِّهِمْ مِنْ كُلِّ أَمْرٍ، سَلامٌ هِيَ حَتَّى مَطْلَعِ الْفَجْرِ. މާނައީ: “ހަމަކަށަވަރުން، ތިމަންއިލާހު އެ قرآن ބާވައިލެއްވީ ليلة القدر ވިލޭރޭގައެވެ. އަދި ليلة القدر ވިލޭރެޔަކީ، ކޮންރެޔެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟ ليلة القدر ވިލޭރޭ، އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑެވެ. ملائكة ންނާއި، جبريل ގެފާނު އެބޭކަލުންގެ ވެރިއިލާހުގެ إذن ފުޅާއެކު، ހުރިހާ أمر ފުޅަކާއިގެން އެރޭ ފައިބައިވަޑައިގަންނަވާނެތެވެ. އެއީ فجر ގެ އަލިކަން ފާޅުވެއްޖައުމަށްދާނދެން، أمان ކަމާއި، ސަލާމަތްކަން ލިބިގެންވާ ރެޔެކެވެ.”

  • އެންމެ މާތް ނަބިއްޔާއަށް ބާވައިލެއްވުނު އެންމެމަތިވެރި ފޮތް، ﷲ ގެ ކަލާމްފުޅު ބާވައިލެއްވުނުރޭ އެމަހުގައިވުން.

ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ. شَهْرُ رَمَضَانَ الَّذِي أُنزِلَ فِيهِ الْقُرْآنُ هُدًى لِّلنَّاسِ وَبَيِّنَاتٍ مِّنَ الْهُدَىٰ وَالْفُرْقَانِ. މާނައީ: “رمضان މަހަކީ، އެމަހެއްގައި قرآن ބާވައިލެއްވި މަހެވެ. (އެ قرآن ބާވައިލެއްވީ) މީސްތަކުންނަށް ހުރި ތެދުމަގެއް ކަމުގައްޔާއި هداية އާއި حق އާއި باطل ވަކިކޮށްދެނިވި ހެކިތަކެއް ކަމުގައެވެ.” އަދިވެސް ވަޙީކުރައްވާފައި ވެއެވެ. إِنَّا أَنْزَلْنَاهُ فِي لَيْلَةٍ مُبَارَكَةٍ إِنَّا كُنَّا مُنْذِرِينَ. މާނައީ: “ހަމަކަށަވަރުން، ތިމައިލާހު އެފޮތް (އެބަހީ: قرآن) ބާވައިލެއްވީ ބަރަކާތްތެރިވެގެންވާ ރެޔެއްގައެވެ.  ހަމަކަށަވަރުން، إنذار ކުރައްވާ އިލާހަކު ކަމުގައި ތިމަންއިލާހު ވޮޑިގެންވަމެވެ.”

  • ރަމަޟާންމަހުގެ ފުރަތަމަ ރެއިންފެށިގެން ޝައިޠާނުންނާއި މާރިދު ނުބައި ޖިންނީން ކަސްތަޅު އެޅުވި، ނަރަކައިގެ ދޮރުތައް ބަންދު ކުރެވި، ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވުން.

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޡްކުރައްވާފައި ވެއެވެ. إِذَا كَانَ أَوَّلُ لَيْلَةٍ مِنْ شَهْرِ رَمَضَانَ، صُفِّدَتِ الشَّيَاطِيْنُ وَمَرَدَةُ الْجِنِّ، وَأُغْلِقَتْ أَبْوَابُ النَّارِ، فَلَمْ يُفْتَحْ مِنْهَا بَابٌ، وَفُتِحَتْ أَبْوَابُ الْجَنَّةِ فَلَمْ يُغْلَقْ مِنْهَا بَابٌ، وَيُنَادِيْ مُنَادٍ: يَا بَاغِيَ الْخَيْرِ أَقْبِلْ، وَيَا بَاغِيَ الشَّرِّ أَقْصِرْ. وَلِلَّهِ عُتَقَاءُ مِنَ النَّارِ وَذَلِكَ كُلُّ لَيْلَةٍ. މާނައީ: “ރަމަޟާންމަހުގެ ފުރަތަމަ ދުވަހުގެ ރޭ ނުބައި ނުލައިފާ ޖިއްނި ޝައިޠާނުންނުން ކަސްތޮޅު އެޅުވޭ ހުއްޓެވެ. އަދި ނަރަކައިގެ ދޮރުތައް ބަންދު ކުރެވޭ ހުއްޓެވެ. އެއިން އެއްވެސް ދޮރެއް ނުހުޅުވޭ ހުއްޓެވެ. އަދި ސުވަރުގޭގެ ދޮރުތައް ހުޅުވޭ ހުއްޓެވެ. އެއިން އެއްވެސް ދޮރެއް ބަންދު ނުކުރެވޭ ހުއްޓެވެ. އަދި ﷲ ގެ އަމުރުފުޅަށް މަލާއިކަތްބޭކަލަކު ގޮވާލައްވާނެއެވެ. އޭ ހެޔޮކަންތަކަށް އެދޭ މީހާއެވެ! ހެޔޮކަންތަކާވީ ފަރާތަށް އަވަސްވެގަންނާށެވެ! ނުބައިކަންތައް ކުރާ މީހާއެވެ! ތިޔަ ކަންތައްތަކުން ދުރުވެގަންނާށެވެ! އަދި އެމަހުގެ ކޮންމެ ރެއަކު، ﷲ ނަރަކައިން ބަޔަކުމީހުން މިންޖު ކުރައްވާހުއްޓެވެ.”

  • އެހެނިހެން މަސްމަހުގައި ނުކުރާބައެއް އަޅުކަންތަށް އެމަހަށް ޚާއްޞަވެފައިވުން.

މިގޮތުން ރޯދައާއި، ތަރާވީޙްނަމާދާއި އަދި އިޢުތިކާފް ފަދަ މަތިވެރި އަޅުކަންތައް ހިމެނިގެންވެއެވެ.

އަދިވެސް މިމަހުގެ މަތިވެރިކަމާއި ގުޅޭގޮތުން އެތައްއެތައް ބަސްފުޅުތަކެއް ވާރިދުވެގެންއައިސްފައިވެއެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައި ވެއެވެ. مَنْ صَامَ يَوْمًا فِى سَبِيْلِ اللَّه بَاعَد اللّهُ وَجْهَهُ عَنِ النَّارِ سَبْعِيْنَ خَرِيْفًا. رواه البخاري ومسلم މާނައީ: “މީހަކު އެންމެ ދުވަހަކު ނަމަވެސް ﷲއަށްޓަކައި ރޯދައެއް ހިފައިފި ނަމަ، އެމީހެއްގެ މޫނު ނަރަކައާއި ހަތްދިހަ (އަހަރުގެ) ރާސްތާއަށް މާތްﷲ ދުރުކުރައްވާނެއެވެ.” އެމަހުގައި ރޯދަހިފުމާއި ރޭއަޅުކަންކުރުމާއި ގުޅޭގޮތުން، ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވާފައި ވެއެވެ.  مَنْ صَامَ رَمَضَانَ إِيْمَانًا وَاِحْتِسَابًا غُفِرَلَهُ مَا تَقَدَّمَ مِنْ ذَنْبِهِ. رواه البخاري ومسلم މާނައީ: “އީމާންކަމާއެކު، ﷲގެ ޙަޟްރަތުން ދަރުމައަށްއެދި ރަމަޟާންމަހު ރޯދަ ހިފައިފި މީހާގެ ވޭތުވެދިޔަހާ ފާފައެއް ފުހެވިދެއެވެ.” އަދިވެސް ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވާފައި ވެއެވެ. مَنْ صَامَ رَمَضَانَ وَعَرَفَ حُدُوْدَهُ وَتَحَفَّظَ مِمَّا كَانَ يَنْبَغِى أَنْ يَتَحَفَّظَ مِنْهُ كَفَّرَ مَا قَبْلَهُ.  މާނައީ: “ރަމަޟާންމަހުގެ ރޯދަހިފައި، ރޯދައިގެ ޙުކުމްތައް ރަނގަޅައްދަނެހުރެ،  ރަމަޟާންމަހުގެ ރޯދައަށް ރައްކާތެރިވެއްޖެ މީހެއްގެ އިސްވެގޮސްފައިވާ ފާފަތައް ފޮހެވިއްޖެއެވެ.” އަދިވެސް ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވާފައި ވެއެވެ. الصَّلَوَاتُ الخَمْسَ وَالجُمْعَةُ إِلَى الجُمْعَةِ  وَرَمَضَانُ إِلَى رَمَضَانَ مُكَفَّرَاتٌ لِمَا بَيْنَهُنَّ إِذَا اجْتُنِبَتْ الكَبَائِر. رواه مسلم މާނައީ: “ފަރުޟު ފަސްނަމާދާއި، އެއްހުކުރުނަމާދުން އަނެއްހުކުނަމާދާއި، އެއްރަމަޟާންމަހުން އަނެއް އަހަރުގެ ރަމަޟާންމަހަށް، ބޮޑެތި ފާފަތަކުން ދުރުހެލިވެއްޖެ މީހާއަށް އެއީ ފާފަފުއްސެވުމެކެވެ.”

-ނުނިމޭ-