Banner Image Description

ދަމު ނަމާދުގެ ވަޤުތު

އައްޝައިޚު މުޙައްމަދު ޝާފިޢު

ދަމު ނަމާދުގެ ވަގުތަކީ ޢީޝާ ނަމާދުން ފޭބީއްސުރެ ފަތިސް ވަންދެނެވެ. އެހެންކަމުން މި ވަޤުތުގެ ތެރޭގައި ކޮންމެ ވަޤުތެއްގައި ދަމު ނަމާދު ކުރި ކަމުގައި ވިޔަސް ދަމު ނަމާދު ޞައްޙަ ވާނެއެވެ.
ދަމު ނަމާދު ކުރުން އެންމެ އައުލާވެގެންވަނީ ރޭގަނޑު ތިންބައި ކޮށްފައި އޭގެ ފަހުބައިގައެވެ.

މިސާލަކަށް 6 ޖަހާއިރު އިރު އޮއްސި ފަތިސްވަގުތުވަނީ 4 ޖަހާއިރު ކަމުގައިވާނަމަ، ރޭގަނޑުގެ ދިގުމިނަކީ 10 ގަޑީއިރެވެ. އެހެންކަމުން 10 ގަޑީއިރު ތިންބަޔަށް ބެހީމާ ކޮންމެ ބަޔަކަށް ވާނީ 3 ގަޑިއިރާ 30 މިނެޓެއްހާ އިރެވެ. އެހެންކަމުން ފުރަތަމަ ބަޔަކީ 6 ފެށިގެން 9.30 ހާ އިރެވެ. އަދި ދެވަނަ ބަޔަކީ 9.30 ހާ އިރުން 12.30 ހާ އިރަށެވެ. އަދި ތިންވަބަ ބަޔަކީ 12.30 ހާ އިރުން ފެށިގެން 4 އަށެވެ. މިއީ ގާތްގަނޑަކަށެވެ. އެހެންކަމުން ރޭގަނޑު ތިންބައި ކޮށްފައި ފަހުބަޔަކީ އެއީ ދިވެހި ރާއްޖޭގައި ޢާއްމުކޮށް ނަމާދު ވަޤުތު އިންނަ ގޮތުން ނަމަ، ރޭގަނޑު 1 ޖަހާކަންހާ އިރުން ފެށިގެން ފަތިސް ނަމާދު ބަންގި ގޮވަންދެނެވެ.
ކީރިތި ޤުރުއާނުގައި ﷲ ތަޢާލާ މަޚްލާޤެއް ގަންދެއްވައި އެންމެ ގިނަ ޢަދަދަކަށް ހުވާ ވަޙީކުރައްވާފައިވަނީ ރޭގަނޑު ގަންދެއްވައެވެ. ޢިލްމުވެރިން ވިދާޅުވާގޮތުގައި ﷲ ތަޢާލާ، މަޚްލޫޤެއް ގަންދެއްވައި ހުވާކުރެއްވުމަކީ އެ މަޚްލޫޤެއްގެ މާތްކަމާއި މަތިވެރިކަން ދޭހަވާ ކަމެކެވެ. އެހެންކަމުން ކީރިތި ޤުރުއާނުގައި ރޭގަނޑު އެހާ ގިނައިން ގަންދެއްވައި ވަޙީކުރައްވާފައިއެވަނީ ރޭގަނޑުގައިވާ މިދެންނެވި މަތިވެރިކަމާއި މާތްކަމަށްޓަކައެވެ. ރޭގަނޑުގެ ތިންބައިގެ ތެރެއިން ފަހު ބަޔަކީ ދުވަހެއްގައި އަންނަ އެންމެ މާތް ވަޤުތެވެ. އެއީ ގެރެންޓީއާއެކު ދުޢާ އިޖާބަ ކުރައްވާ ވަޤުތެވެ.

ދަމު ނަމާދު ކުރުމަށްޓަކައި ނިދައި ހޭލުމަކީ ލާޒިމު ކަމެއް ހެއްޔެވެ؟
ނިދާފައި ތެދުވެ ދަމު ނަމާދު ކުރުމަކީ ދަމު ނަމާދު ޞައްޙަވުމުގެ ޝަރުޠެއް ނޫނެވެ. ހޭލާހުރި ނިދުމުގެ ކުރިން ދަމު ނަމާދު ކުރިކަމުގައި ވިޔަސް ދަމު ނަމާދު ޞައްޙަ ވާނެއެވެ. އެކަމަކު އެންމެ ރަނގަޅުގޮތަކީ، ނިދާލާފައި ތެދުވެ ދަމު ނަމާދު ކުރުމެވެ. އެއީ އޭރުން މީހާ ހުންނާނީ ތާޒާވެ، ބޮޑަށް ޚުޝޫޢަތްތެރިވެވޭ ޙާލަތެއްގައެވެ. އެހެންނޫނީ މީހާ ހުންނާނީ ނިދިއައިސް ވަރުބަލިވެ، އަވަހަށް ނަމާދު ނިންމާލަން ބޭނުންވެފައެވެ. އެ ޙާލަތުގައި ޙުޝޫޢަތްތެރިކަމާ ބިރުވެތިކަމާއެކު ނަމާދު ކުރުމަށް އުނދަގޫވެދާނެއެވެ.