Banner Image Description

ސުންނަތަށް އިންކާރުކުރުން ހުއްދަވެގެން ނުވޭ

އަޙްމަދު ޢާޞިމް

އިސްލާމީ ޝަރިޢަތް ބިނާވެގެންވަނީ ޤުރްއާނާއި ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ސުންނަތުގެ މައްޗަށެވެ. ވީއިރު، ޤުރްއާނަށް އީމާންވެ ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ސުންނަތް ދޫކޮށްލާމީހާ ފުރިހަމަ އިސްލާމަކަށް ނުވާނެކަން ޔަޤީނެވެ. މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ.

( وَمَا كَانَ لِمُؤْمِنٍ وَلَا مُؤْمِنَةٍ إِذَا قَضَى اللَّهُ وَرَسُولُهُ أَمْرًا أَن يَكُونَ لَهُمُ الْخِيَرَةُ مِنْ أَمْرِهِمْ ) الأحزاب: 36 މާނައީ: ” އެއްވެސް މުއުމިނު ފިރިހެނަކަށް ވިޔަސް އަދި އެއްވެސް މުއުމިނު އަންހެނަކަށްވިޔަސް ﷲ އާއި އެކަނލާގެ ރަސޫލާ ކަމެއްގައި ގޮތެއް ކަނޑައަޅައިފިނަމަ އެކަމެއްގައި އިޚްތިޔާރު ލިބިގެނެއް ނުވެއެވެ.”

މި އާޔަތުގެ މާނައިގައި “އިޚްތިޔާރު ލިބިގެނެއް ނުވެއޭ” އޮތުމުގެ މުރާދަކީ ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ސުންނަތުގައިވާ ޙުކުމްތަކަށް އިންކާރުކުރުން ޙުއްދަވެގެން ނުވާނެކަމާއި، އެފަދައިން ކަންކުރުމުން ދީނުން ބޭރުވާނެކަމެވެ.

އަދި ހަމައެހެންމެ ޤުރްއާނަށް ފުރިހަމައަށް އީމާންވެވޭނީ ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ސުންނަތަށް އީމާންވެގެނެވެ. އެހެނީ، ޤުރްއާނުގައިވާ އާޔަތްތަކުގެ ފުރިހަމަ މުރާދާއި އޭގެ ތަފްސީލު އެނގެނީ ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ސުންނަތުން ކަމުގައި ވާތީއެވެ. މިކަމުގެ ދަލީލަކީ މާތް ﷲ ގެ މިބަސްފުޅެވެ! އެކަލާނގެ ވަޙީ ކުރައްވާފައިވެއެވެ. ( وَأَنزَلْنَا إِلَيْكَ الذِّكْرَ لِتُبَيِّنَ لِلنَّاسِ مَا نُزِّلَ إِلَيْهِمْ ) النحل:44 މާނައީ: “ކަލޭގެފާނުގެ މައްޗަށް މިޤުރުއާން ބާއްވާލެއްވީ މީގައިވާ އެއްޗެއް ކަލޭގެފާނު މީސްތަކުންނަށް ބަޔާންކޮށްދެއްވުމަށެވެ.”

މިއާޔަތުގެ މާނައިގައި މީސްތަކުންނަށް ބަޔާންކޮށްދެއްވުމުގެ މުރާދަކީ ޤުރްއާނުގެ އެވާ އާޔަތްތަކުގެ ފުރިހަމަ މުރާދު މީސްތަކުންނަށް އޮޅުން ފިލުވައި ދިނުމެވެ.

އަދި އެހެންމެ ޤުރްއާނުގައި މުޖުމަލްކޮށް ބާވައިލައްވާފައިވާ ފަރުޟުތައް އަދާކުރާނެ ގޮތުގެ ތަފްސީލު ވެސް އެނގެނީ ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ސުންނަތުންނެވެ! އެގޮތުން ނަމާދާއި ހައްޖުގެ އަޅުކަން ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ވަނީ ޢަމަލީ ގޮތުން ދައްކަވާ ދެއްވާފައެވެ. މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވާފައިވެއެވެ. “صَلُّوْا كَمَا رَأَيْتُمُونِي أُصَلِّي” “ތިމަންކަލޭގެފާނު ނަމާދު ކުރަނިކޮށް ތިޔަބައިމީހުން ދުއް ގޮތަށް ތިޔަބައިމީހުން ނަމާދު ކުރާށެވެ.” ހަމައެހެން ޙައްޖުގެ އަޅުކަމާ ގުޅޭގޮތުން ޙަދީޘްކުރައްވާފައިވެއެވެ. ” خُذُوْا عَنِّي مَنَاسِكَكُمْ. ” “ޙައްޖުގެ އަޅުކަން އަދާކުރާނެގޮތް ތިޔަބައިމީހުން ތިމަންކަލޭގފާނުގެ އަރިހުން ލިބިގަންނާށެވެ.”

ކީރިތި މާތް ނަބިއްޔާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ ސުންނަތައް ޢަމަލު ކުރުމަކީ ވާޖިބެއްކަން ހާމަވާ އެތައް ދަލީލެއް އައިސްފައިވެއެވެ. މާތް ﷲ ވަހީ ކުރެއްވިއެވެ. ﭽوَمَا آتَاكُمُ الرَّسُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانتَهُواﭼ الحشر:7 މާނައީ: ” ﷲގެ ރަސޫލާ ކަމަކަށް އަމުރު ކުރައްވައިފިނަމަ ތިޔަބައިމީހުން އެކަމެއްގައި ހިފާށެވެ، އަދި އެކަލޭގެފާނު ކަމަކުން ނަހީކުރައްވައިފިނަމަ ތިޔަބައިމީހުން އެކަމަކުން ދުރުހެލިވާށެވެ.” އަދިވެސް އެކަލާނގެ ވަހީކުރައްވާފައިވެއެވެ. ﭽمَّن يُطِعِ الرَّسُولَ فَقَدْ أَطَاعَ اللَّهَﭼ النساء: 80 މާނައީ:” ރަސޫލާއަށް ކިޔަމަން ގެންފި މީހާ ހަމަކަށަވަރުން ﷲ އަށް ކިޔަމަން ގަންފިއެވެ.”

އިތުރު އެކަލޭގެފާނުގެ ޙަދީޘްފުޅެއްގައި އައިސްފަވެއެވެ. “كُلُّ أُمَّتِي يَدْخُلُونَ الْجَنَّةَ إِلَّا مَنْ أَبَى قَالُوا يَا رَسُولَ اللَّهِ وَمَنْ يَأْبَى قَالَ مَنْ أَطَاعَنِي دَخَلَ الْجَنَّةَ وَمَنْ عَصَانِي فَقَدْ أَبَى” މާނައީ: “ތިމަން ކަލޭގެފާނުގެ އުންމަތުގެ އެންމެންވެސް ސުވަރުގެ ވަންނާނެއެވެ. ސުވަރުގެއަށް ވަނުމަށް ދެކޮޅު ހަދައިފި މީހަކު މެނުވީ” އަޞްޙާބު ބޭކަލުން ވަރަށް ހައިރާން ކަމާއެކު ސުވާލު ދެންނެވި، އޭ ﷲގެ ރަސޫލާއެ! ސުވަރުގެ ވަނުމަށް ދެކޮޅުހަދާނީ ކާކުހެއްޔެވެ؟ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ތިމަން ކަލޭގެފާނަށް ކިޔަމަން ގަންފި މީހާ ސުވަރުގެ ވަންނަހުއްޓެވެ. އަދި ތިމަން ކަލޭގެފާނަށް ކިޔަމަން ނުގަތް ދެކޮޅު ހަދައިފި މީހާ އެއީ ސުވަރުގެ ވަނުމަށް ދެކޮޅުހަދައިފި މީހާއެވެ”

އިސްވެދިޔަ ދަލީލުތަކަށް ވިސްނާލުމުން ހާމަވެގެންދަނީ ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ސުންނަތަށް ޢަމަލު ކުރުމަކީ ވާޖިއްބެއްކަމާއި ސުންނަތަށް އިންކާރުކުރާ މީހުން ދީނުން ބޭރުވެގެންދާނެ ކަމެވެ.

ދުޢާއަކީ އަޅަމެންނީ ޤުރްއާނާ ސުންނަތަށް ފުރިހައަށް އަމަލުކުރާބަޔަކު ކަމުގައި އަޅަމެން ލެއްވުން! އާމީން ޔާ ރައްބަލްޢާލަމީން!