ރިބަވީ ބޭންކާއި އިސްލާމީ ބޭންކް

މޫސާ ޝަހީމް

7 މާރޗް 2011 ގައި ދިވެހިރާއްޖޭގައި އަލަށް އިސްލާމީ ބޭންކެއް ހުޅުވިގެންދިޔަ އެވެ. އިސްލާމީ ބޭންކަކީވެސް އެހެނިހެން ބޭންކްތަކުން ދޭ ޚިދުމަތްތަކާ ވަރަށް އެއްގޮތް ޚިދުމަތްތަކެއް ދޭ ތަނެކެވެ. އިސްލާމީ އިޤްތިޞާދީ ނިޒާމާއި އިސްލާމީ ބޭންކާ ބެހޭގޮތުން އާއްމުންގެ މެދުގައި ހޭލުންތެރިކަން ވަރަށް ކުޑަ އެވެ. ނަތީޖާއެއްގެގޮތުން ރިބަވީ ބޭންކް (ރިބާ ނުވަތަ އިންޓަރެސްޓްގެ މުޢާމަލާތު ކުރާ ބޭންކް) ތަކާއި އިސްލާމިކް ބޭންކު (ރިބާ ނުހިމެނޭ، އިސްލާމީ އުސޫލުތަކާ އެއްގޮތަށް މުޢާމަލާތު ކުރާ ބޭންކް) ގެ ތަފާތެއް ނެތްކަމަށް ބައެއް މީހުން ބުނަމުން ދިޔައެވެ. ވީމާ ރިބަވީ ބޭންކާއި އިސްލާމީ ބޭންކުގެ ތަފާތު ދެނެގަތުމަކީ މުހިއްމު ކަމެއް ކަމުގައި ދެކެމެވެ.

ރިބާ އައް ނާސިއާ ނުވަތަ ދަރަނީގެ ރިބާއަކީ ދަރައްޏަށް ފައިސާ ދީފައި، ނުވަތަ ކުރިން ދީފައިވާ ދަރަންޏެއް އަނބުރާ ދައްކާއިރު ދަރަންޏަށް ދިންވަރަށް ވުރެ އިތުރަށް ދެއްކުމަށް ޝަރުތުކުރުމެވެ. ރިބާ ކެއުމަކީ އިސްލާމްދީނުގައި ވަރަށްބޮޑަށް ޚަރާމްކުރައްވާފައިވާ ބޮޑުފާފައެކެވެ.

ﷲ ތަޢާލާ ވަޙީކުރައްވާފައިވެ އެވެ.

الَّذِينَ يَأْكُلُونَ الرِّ‌بَا لَا يَقُومُونَ إِلَّا كَمَا يَقُومُ الَّذِي يَتَخَبَّطُهُ الشَّيْطَانُ مِنَ الْمَسِّ ۚ ذَٰلِكَ بِأَنَّهُمْ قَالُوا إِنَّمَا الْبَيْعُ مِثْلُ الرِّ‌بَا ۗ وَأَحَلَّ اللَّـهُ الْبَيْعَ وَحَرَّ‌مَ الرِّ‌بَا ۚ فَمَن جَاءَهُ مَوْعِظَةٌ مِّن رَّ‌بِّهِ فَانتَهَىٰ فَلَهُ مَا سَلَفَ وَأَمْرُ‌هُ إِلَى اللَّـهِ ۖ وَمَنْ عَادَ فَأُولَـٰئِكَ أَصْحَابُ النَّارِ‌ ۖ هُمْ فِيهَا خَالِدُونَ ﴿ سورة البقرة : ٢٧٥﴾

މާނައީ ” رِبا ކާމީހުން، ޖިންނި މޮޔަވެގެން، شيطان އާ ތަޅުވަމުން ފޮޅުވަމުން ގެންދާ މީހަކު ތެދުވާ ފަދައިން މެނުވީ (قيامة ދުވަހުން އެއުރެން ކަށްވަޅުން) ނުތެދުވާނެތެވެ. އެހެނީ، އެއުރެން ބުނެއުޅުނީ، ވިޔަފާރި ވާކަން ކަށަވަރީ، رِبا ކަހަލަކަމެއް ކަމުގައެވެ. (ނަމަވެސް) ވިޔަފާރި ކުރުންވަނީ، اللَّه، ހުއްދަ ކުރައްވާފައެވެ. އަދި، رِبا ވަނީ حرام ކުރައްވާފައެވެ. ފަހެ، އެމީހާގެ ވެރިރަސްކަލާނގެ حضرة ން ދެއްވާ وعظ އާއި نصيحة، އެމީހަކާ ހަމަޔަށް އައުމުން އެކަން (އެބަހީ: رِبا ކެއުން) ހުއްޓާލައިފި މީހާ (ދަންނާށެވެ!) ފަހެ، އިސްވެދިޔަ އެއްޗެއް އެމީހަކަށް ހުށްޓެވެ. (އެބަހީ: رِبا ގެ حكم ތައް އައުމުގެ ކުރިން އޭނާ ބޭނުންކުރި ތަކެތި މާފުކުރައްވާފައި ވެއެވެ.) އަދި، އެމީހެއްގެ ކަންތައްއޮތީ، اللَّه އަށް خاص ވެގެންނެވެ. އަދި، އަލުން (އެކަމަށް) އެނބުރި އަތުވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ ނަރަކައިގެ أهل ވެރިންނެވެ. އެއުރެންނީ އެތާނގައި ދެމިތިބެނިވި ބަޔެކެވެ.”

އިސްވެދިޔަ އާޔަތުގައި ވަނީ ރިބާ ކެއުމުގެ ނުބައިކަން ބަޔާންކުރައްވާފައެވެ. އަދިވެސް ވަހީކުރައްވާފައި ވެއެވެ.

يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَذَرُ‌وا مَا بَقِيَ مِنَ الرِّ‌بَا إِن كُنتُم مُّؤْمِنِينَ ﴿ سورة البقرة : ٢٧٨﴾

މާނައީ “އޭ إيمان ވެއްޖެ މީސްތަކުންނޭވެ! اللَّه އަށް ތިޔަބައިމީހުން تقوى ވެރިވާށެވެ! އަދި، ތިޔަބައިމީހުން مؤمن ން ކަމުގައިވާނަމަ، رِبا ގެ ތެރެއިން ބާކީ (ލިބޭން) ހުރި އެއްޗެއް ތިޔަބައިމީހުން ދޫކޮށްލާށެވެ!”

އިސްވެދިޔަ އާޔަތުގައި ވަނީ ރިބާގެ ގޮތުގައި ލިބެންއޮތްބައި ދޫކޮށްލުމަށް ﷲ އަށް އީމާންވީ މީހުންނަށް އަމުރުކުރައްވާފައެވެ. އަދި މިގޮތައް ޢަމަލު ނުކޮށްފިނަމަ ﷲ އާއި އެކަލާންގެ ރަސޫލާ صلى الله عليه وسلم ގެ ފަރާތުން ހަނގުރާމައެއް އަތުވެދާނެކަމަށް އިންޒާރުކުރައްވާފައި ވެ އެވެ.

فَإِن لَّمْ تَفْعَلُوا فَأْذَنُوا بِحَرْ‌بٍ مِّنَ اللَّـهِ وَرَ‌سُولِهِ ۖ وَإِن تُبْتُمْ فَلَكُمْ رُ‌ءُوسُ أَمْوَالِكُمْ لَا تَظْلِمُونَ وَلَا تُظْلَمُونَ ﴿ سورة البقرة : ٢٧٩﴾

މާނައީ “ފަހެ، ތިޔަބައިމީހުން (ނަށް أمر ވެވިގެންވާ ގޮތަށް) عمل ނުކޮށްފިނަމަ، اللَّه އާއި، އެކަލާނގެ رسول އާގެ حضرة ން ހަނގުރާމައެއް އަތުވެދާނެކަމަށް ތިޔަބައިމީހުން يقين ކޮށް ދެނެގަންނަ ހުށިކަމެވެ! ތިޔަބައިމީހުން (رِبا ދޫކޮށް) އެނބުރި رجوع ވެ توبة ވެއްޖެނަމަ ތިޔަބައިމީހުންގެ رأس المال ތައް، ފަހެ، ތިޔަބައިމީހުންނަށް ހުށްޓެވެ. (އިތުރުކޮށްގެން) ތިޔަބައިމީހުން އަނިޔާވެރި ނުވާ ގޮތުގައެވެ. އަދި، (އުނިވުމުން) ތިޔަބައިމީހުންނަށްވެސް އަނިޔާ ނުލިބޭ ގޮތުގަ އެވެ.”

ރަސޫލާ صلى الله عليه وسلم ހަދީޘް ކުރައްވާފައި ވެއެވެ.

حدثنا محمد بن الصباح وزهير بن حرب وعثمان بن أبي شيبة قالوا حدثنا هشيم أخبرنا أبو الزبير عن جابر قال لعن رسول الله صلى الله عليه وسلم آكل الربا ومؤكله وكاتبه وشاهديه وقال هم سواء

މާނައީ “”ރިބާ ކާ މީހާއާއި، ރިބާ ދޭ މީހާއާއި، އެ ލިޔާ މީހާއާއި އެކަމަށް ހެކިވެރިވާ ދެމީހުންނަށް، ވެސް رسول الله صلى الله عليه وسلم ލަޢްނަތް ލެއްވިއެވެ.”” އަދި ޙަދީޘް ކުރެއްވިއެވެ. “”މި އެންމެންނަކީ ފާފައިގައި ހަމަހަމަ ބައެކެވެ.”” (صحيح مسلم،  كتاب المساقاة، باب لعن آكل الربا ومؤكله : 1598)

ބޭންކުތަކުގައި މައިގަނޑުގޮތެއްގައި ހުންނަނީ ތިން ވައްތަރެއްގެ އެކައުންޓެވެ. އެއީ ކަރަންޓް އެކައުންޓާއި ސޭވިންގް އެކައުންޓާއި ފިކްސްޑް ޑިޕޮސިޓް އެކައުންޓެވެ. ކަރަންޓް އެކައުންޓަކީ ފައިސާ އިތުރުވާ އެކައުންޓެއް ނޫނެވެ. ރިބަވީ ބޭންކް ތަކުގައި ސޭވިންގް އެކައުންޓާއި ފިކްސްޑް ޑިޕޮސިޓް އެކައުންޓް ތަކުގައި ބަހައްޓާ ފައިސާއަށް ރިބާ (އިންޓަރެސްޓް)ގެ ގޮތުގައި ކަނޑައެޅިފައިވާ ވަކިމިންވަރެއް ލިބެ އެވެ. ބޭންކަށް ފައިދާވިޔަސް ނުވަތަ ގެއްލުންވިޔަސް ކަނޑައެޅިފައިވާ ވަކި މިންވަރެއް އެކައުންޓްގެ ވެރިފަރާތައް ލިބެއެވެ. އިސްލާމީ ބޭންކުތަކުގައި މިކަން އޮންނަނީ ވަރަށް ތަފާތު ގޮތަކަށެވެ. އިސްލާމީ ބޭންކެއްގައި ސޭވިންގް އަދި ފިކްސްޑް ޑިޕޮސިޓް (އިންވެސްޓްމެންޓް) އެކައުންޓްގައި ބަހައްޓާ ފައިސާ ބޭނުންކޮށްގެން އިންވެސްޓްމެންޓެއް ނުވަތަ ވިޔަފާރިއެއް ކުރެ އެވެ. މިކުރާ ވިޔަފާރިން ލިބޭ ފައިދާ ބޭންކާއި އެކައުންޓްގެ ވެރިފަރާތާ ދެމެދުގައި ބަހަނީ އެވެ. މިގޮތައް ފައިދާ ބަހާ ނިސްބަތަކީ ކުރިން ކަނޑައަޅައިފައިވާ ނިސްބަތެކެވެ. ގެއްލުމެއް ލިބިއްޖެނަމަ ދެފަރާތުންވެސް ގެއްލުމުގެ ޒިންމާވާން ޖެހެ އެވެ. މިއީ ދެފަރާތް ބައިވެރިވެގެން ހިންގާ ވިޔަފާރީގެ އުސޫލެވެ.

އިސްލާމީ ބޭންކާއި ރިބަވީ ބޭންކުން ދޫކުރާ ލޯނުގައިވެސް ވަރަށް ބޮޑެތި ތަފާތުތަކެއް ހުރެ އެވެ. ރިބަވީ ބޭންކުން ލޯނުގެ ގޮތުގައި ދޫކުރަނީ ފައިސާ އެވެ. މި ލޯނު އަނބުރާ ދައްކާއިރު ލޯނަށް ނެގި އަދަދުގެ އިތުރަށް ކަނޑައެޅިފައިވާ މިންވަރެއްގެ ރިބާ (އިންޓަރެސްޓް) ދައްކަން ޖެހެ އެވެ. އިސްލާމީ ބޭންކުން ލޯނުގެ ގޮތުގައި ފައިސާއެއް ދުލެއް ނުކުރެ އެވެ. އޭގެ ބަދަލުގައި ކުރަނީ ވިޔަފާރިއެކެވެ. މިސާލަކަށް ސައިކަލް، ފަރުނީޗަރު ފަދަ ހަރުމުދަލެއް ގަންނަން ބޭނުންނަމަ އެ ގަންނަން ބޭނުންވާ މުދަލެއްގެ ތަފްސީލާއި އެ މުދާ ވިއްކާ ތަނެއްގެ މަޢުލޫމާތު ބޭންކަށް ދޭނީ އެވެ. ބޭންކުން އެމުދާ ގަނެފައި އެ ގަތް އަގަށް ފައިދާއެއް ލާފައި، ގަންނަން ބޭނުންވާ ކަސްޓަމަރަކަށް ވިއްކާލަނީ އެވެ. މި ގޮތަށް ވިއްކާލަނީ ދިގު މުއްދަތަށް ބަހައިލައިގެން، މަހުން މަހަށް ފައިސާ ދައްކައިގެން އަގުހަމަކުރާ ގޮތަށެވެ. ވީމާ މީގައި ރިބާއެއް ނުހިމެނޭނެ އެވެ. މިއީ އާއްމުކޮށް ފިހާރަ ތަކުންވެސް ކަންކުރާ ވިޔަފާރީގެ އުސޫލެވެ. މުދަލެއް ގަނެފައި ފައިދާ ލާފައި ވިއްކާލަނީ އެވެ.

ރިބަވީ ބޭންކެއްގައި ފައިސާ ބެހެއްޓުމާ ބެހޭގޮތުން ޑރ. މުޙައްމަދު ޢިޔާޟު ޢަބްދުއްލަތީފް ވިދާޅުވެފައިވާ ބަސްފުޅު ނަކަލު ކޮށްލާނަމެވެ.

“الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

“އެގައުމެއްގައި އިސްލާމީ ބެންކެއް ހުރެއްޖެނަމަ ރިބަވީ ބެންކެއްގައި ފައިސާ ބެހެއްޓުން ހުއްދަ ވެގެން ނުވެ އެވެ. އެހެންނަމަވެސް، ޟަރޫރީ ބޭނުންތަކަށް ރިބަވީ ބެންކެއްގެ އެހީތެރިކަން ހޯދިދާނެ އެވެ. މިޘާލަކަށް ރާއްޖޭގައި އިސްލާމީ ބެންކެއް ހުރިނަމަވެސް، އެތަނުން ހުރިހާ ޚިދުމަތް ތަކެއް އަދި ފުރިހަމަ އެއް ނުވެ އެވެ. އެގޮތުން ޑެބިޓް ކާރޑްގެ ޚިދުމަތްތައް ފަދަ ކަންތައްތަކެވެ. މިޙާލަތުގައި ރިބަވީ ބެންކެއްގެ ބޭނުން ހިފިދާނެ އެވެ. ކޭޝްކާރޑް އަކީ ހުއްދަ އެއްޗެކެވެ. والله أعلم “

ވީމާ ރަށްރަށުގައި ތިއްބަވާ ބޭފުޅުނަށް އިސްލާމީ ބޭންކެއްގެ ޚިދުމަތް ނުލިބޭނަމަ ރިބަވީ ބޭންކެއްގައި ކަރަންޓް އެކައުންޓެއް ހުޅުވިދާނެ އެވެ. ސަބަބަކީ ކަރަންޓް އެކައުންޓަކީ ރިބާ (އިންޓަރެސްޓް) ލިބޭ އެކައުންޓެއް ނޫނެވެ. ރިބަވީ ބޭންކްގެ ސޭވިންގް އެކައުންޓަކީ ރިބާ ހިމެނޭ އެކައުންޓެއްކަމުން ސޭވިންގް އެކައުންޓްގައި ފައިސާ ބެހެއްޓުން ހުއްދައެއް ނުވާނެ އެވެ. ވީމާ ހުރިހާ ބޭފުޅުންވެސް މިކަމަށް ސަމާލުކަން ދެއްވުމަކީ ވަރަށް މުޙިއްމު ކަމެކެވެ.

މަޢުލޫމާތު ނެގީ

  • ކީރިތި ޤުރުޢާނުގެ ދިވެހި ތަރުޖަމާ 2008، ރަޢީސުލް ޖުމްހޫރިއްޔާގެ އޮފީސް
  • އިމާމް މުސްލިމް. (1996). ސަޙީޙު މުސްލިމް. ރިޔާދް: ދާރުއްސަލާމް ޕަބްލިޝަރސް އެންޑް ޑިސްޓްރިބިއުޓަރސް
  • މަސްވާތީ ޢަބްދުލް ޠާލިބު، އަމާލީނާ ޢަބްދުﷲ، ޖުނައިނާ މުޙައްމަދު، ޝަބްނަމް މުޙްދް ޟުޚްތާރު. (2010) އިސްލާމިކް ފައިނޭންޝިއަލް މެނޭޖްމެންޓް. ސިލަންގޯ ދާރުލް އިޙްސާން. އޯޕެން ޔުނިވާސިޓީ މެލޭޝިއާ
  • މުޙައްމަދު ރަޝީދު އިބްރާހިމް. (2011). ފިޤުހުލް މުޢާމަލާތި އަލް އިސްލާމިއްޔާ. މާލެ: ވިލާކޮލެޖް
  • ރާއްޖެއިސްލާމް. (2012). ނެގީ http://www.raajjeislam.com/qa/?file=15599