ތަޙްލީލް ކައިވެންޏަކީ ކޮބައި؟
މީހަކު އޭނާގެ އަތްނބަކު ތިންވަނަ ފަހަރަށް ވަރިކޮށްފިނަމަ (ތިންފަށް ވެއްޖެނަމަ) އެ ކަނބުލޭގެ އިތުރު މީހަކާ ކައިވެނިކޮށް ވަރިކުރުމުން މެނުވީ އެދެމީހުން ކައިވެނި ނުކުރެވޭނެއެވެ.
فَإِن طَلَّقَهَا فَلَا تَحِلُّ لَهُ مِن بَعْدُ حَتَّىٰ تَنكِحَ زَوْجًا غَيْرَهُ ۗ فَإِن طَلَّقَهَا فَلَا جُنَاحَ عَلَيْهِمَا أَن يَتَرَاجَعَا إِن ظَنَّا أَن يُقِيمَا حُدُودَ اللَّـهِ ۗ وَتِلْكَ حُدُودُ اللَّـهِ يُبَيِّنُهَا لِقَوْمٍ يَعْلَمُونَ ﴿ سورة البقرة ٢٣٠﴾
މާނައީ ” ދެން (ތިންވަނަ ފަހަރަށް) އެކަނބުލޭގެ ވަރިކޮށްފިނަމަ، އެއަށްފަހު، އެކަނބުލޭގެ އެހެން ފިރިޔަކާ ކާވެނިކޮށްފުމަށް ދާނދެން އޭނާއަކަށް (އެބަހީ: ތިންފަށްކުޅަ ފިރިޔާއަށް) އެކަނބުލޭގެ حلال އެއް ނުވާނެތެވެ. ދެން (ފަހުން އިން) ފިރިމީހާ، އެ އަންހެނާ ވަރިކޮށްފިނަމަ، (ކުރިން ވަރިކުރި) ފިރިހެނާއާއި، އެ އަންހެންމީހާއާއި، ދެމީހުން އަލުން އިނުމުގައި އެ ދެމީހުންގެ މައްޗަކަށް ކުށެއްނެތެވެ. އެއީ اللَّه އަންގަވާފައިވާ حكم ތައް قائم ކޮށްގެން އުޅެވިދާނެކަމަށް އެ ދެމީހުންނަށް ހީވާނަމައެވެ. އަދި، އެއީ (މިކަމާމެދު) اللَّه ކަނޑައަޅުއްވާފައިވާ حكم ތަކެވެ. އެ حكم ތައް އެކަލާނގެ ބަޔާންކޮށްދެއްވަނީ (އެ حكم ތައް) ދެނެގަންނާނޭ ބަޔަކަށެވެ.”
ތަޙްލީލް ކައިވެންޏަކީ ތިންފަށް ވަރިއަކުން ވަރިވެފައިވާ އަންހެނާ އެ ކަނބުލޭގެ ތިންފަށްކުރި ފިރިހެނާއަށް އަލުން ހަލާލު ކުރުމުގެ ގަސްތުގައި ކުރާ ކައިވެންޏެކެވެ. (ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން، 2011) މިކައިވެންޏަކީ ވަގުތީ ގޮތުން ކުރެވޭ މުތުޢާ ކައިވެންޏެކެވެ.
މިސާލަކަށް އަޙުމަދު ޢާއިޝާ ތިންފަށްވަރިއަކުން ވަރިކޮށްފިއެވެ. އެހެންވެ ޢާއިޝާ އެހެންމީހަކަށް ކައިވެނިކޮށްފައި މެނުވީ ޢާއިޝާއަށް އަޙުމަދަކާ ކައިވެންޏެއް ނުކުރެވޭނެއެވެ. ޢަލީ އަކީ އަހުމަދުގެ ރައްޓެއްސެކެވެ. ޢާއިޝާ އަޙުމަދަށް ޙަލާލު ކޮށްދިނުމުގެ ނިޔަތުގައި ޢަލީ ޢާއިޝާއާ ކައިވެނި ކޮށްފިއްޔާ އެ ވާނީ ތަޙްލީލް ކައިވެންޏަކަށެވެ.
ތަޙްލީލް ކައިވެނީގެ ޙުކުމް
ތިންފަށް ވަރިއަކުން ވަރިވެފައިވާ އަންހެނާ އެހެން މީހަކާ އިނދެ ރޭކުރުމުގެ ކުރިން އެކަނބުލޭގެ ކުރީގެ ފިރިމީހާއަށް ހަލާލުނުވާހުއްޓެވެ. ނަމަވެސް މިގޮތަށް ކުރާ ކައިވެންޏެއް ވާންވާނީ ޞައްޙަ ކައިވެންޏަކަށެވެ. ވަގުތީ ގޮތުން ކުރެވޭ މުތުޢާ ކައިވެންޏަކަށް ނުވަތަ ފަށް ކަނޑަން ކުރާ ތަޙްލީލް ކައިވެންޏަކަށް ވެގެން ނުވާނެއެވެ.
ރަސޫލާ صلى الله عليه وسلم ގެ ޞައްޙަ ހަދީޘްތަކުން ޘާބިތުވާ ގޮތުގައި ތަޙްލީލް ކައިވެންޏަކީ ޙަރާމް ކައިވެންޏެކެވެ. އަދި އެއީ ބާޠިލް ކައިވެންޏެކެވެ.
روى أبو داود (2076) أن النبي صلى الله عليه وسلم قال : (لَعَنَ اللَّهُ الْمُحَلِّلَ وَالْمُحَلَّلَ لَهُ) . وصححه الألباني في سنن أبو داوود
އަބޫ ދާއޫދު ގައި ރިވާވެގެންވެއެވެ. ރަސޫލާ صلى الله عليه وسلم ހަދީޘްކުރައްވާފައި ވެއެވެ. “ފަށް ކަނޑާ މީހާއަށާއި އެމީހަކަށްޓަކައި ފަށް ކެނޑެވޭ މީހާއަށް ﷲ ލަޢުނަތްލެއްވިއެވެ.” މި ހަދީޘް އައްޝައިޚް އަލްބާނީ ވަނީ ސުނަން އަބޫދާއޫދު ގައި ޞައްޙަކުރައްވާފައެވެ.
روى عبد الرزاق (6/265) عن عمر بن الخطاب رضي الله عنه أنه قال وهو يخطب الناس : (والله لا أوتى بمحلٍّ ومحلَّل له إلا رجمتهما) .
އަބްދުލް ރައްޒާޤްގެ ކިބައިން ރިވާވެގެންވެއެވެ. އުމަރު ބުން ޚައްޠާބު މީސްތަކުންނަށް ޚުތުބާ ދެއްވަމުން ވިދާޅުވިއެވެ. ”ﷲ ގަންދީ ބުނަމެވެ. ފަށް ކަނޑާ މީހެއް ނުވަތަ އެމީހަކަށްޓަކައި ފަށް ކެނޑެވޭ މީހެއް ތިމަންނަ ގެ ކައިރިއަސް ގެނެސްފިނަމަ އެ މީހަކު ރަޖަމްކުރައްވާ ހުށީމެވެ.”
ކައިވެނި ކުރާ ދެމީހުން އެއްބަސްވެގެން ފަށްކަނޑަން ކައިވެނިކުރި ކަމަށްވިޔަސް، ނުވަތަ އަންހެން މީހާ ކައިވެނި ކުރީ ފަށްކެނޑުމުގެ ނިޔަތުގަ ނޫންކަމަށްވެފައި، ނަމަވެސް ފިރިހެންމީހާ ކައިވެނި ކުރީ ފަށްކަނޑާދިނުމުގެ ނިޔަތުގައި ކަމަށް ވެއްޖެނަމަ އެވާނީ ތަޙްލީލް ކައިވެންޏަކަށެވެ. މިކަމުގައި ބަލާނީ ފިރިހެން މީހާގެ ނިޔަތަށެވެ.
ތަޙްލީލް ކައިވެނީގެ ޙުކުމާމެދު ޢިލްމުވެރިން އިޚްތިލާފް ވެފައިވެއެވެ. މި ގޮތަށް އިޚްތިލާފް އުފެދެން ދިމާވި ސަބަބަކީ ހަދީޘް ފަހުމްވުމުގައި ދިމާވި އިޚްތިލާފެވެ. އަލް އިމާމް އަބޫ ހަނީފާ އާއި އަލްއިމާމް ޝާފިއީ ވިދާޅުވަނީ އެ ހަދީޘްގެ މުރާދަކީ ހަމައެކަނި ފާފަވެރިވުން ކަމަށެވެ. މިވައްތަރުގެ ކައިވެނީގެ ސަބަބުން ފާފަވެރި ވިޔަސް ކައިވެނި ޞައްޙަވާނެކަމަށެވެ. އެއީ ބޭރުފުށަށް ބަލާއިރު މި ކައިވެނީގެ ޢަޤުދުގެ ޝަރުތުތަކާއި ރުކުންތައް ފުރިހަމަވެފައިވާތީއެވެ. ނަމަވެސް އަޙުލުސުންނަތު ވަލް ޖަމާޢަތުގެ އެހެން މަޛްޙަބުތަކުގެ ޢިލްމުވެރިން ވިދާޅުވަނީ އެ ހަދީޘްގެ މުރާދަކީ ޢަޤުދު ފާސިދުވުން ކަމަށެވެ. އެހެންކަމުން ތަޙްލީލް ކައިވެންޏަކީ ބާތިލް ކައިވެންޏެއް ކަމަށެވެ.
ތަޙްލީލް ކައިވެނީގެ ރާޖިޙު (އެންމެ ސައްޙަކަން ބޮޑު) ޙުކުމަކީ އެކައިވެންޏަކީ ބާތިލް ކައިވެންޏެއް ކަމަށް ބުނުމެވެ. ސަބަބަކީ ރަސޫލާ صلى الله عليه وسلم ތަޙްލީލް ކައިވެނި ކުރާ މީހާއަށާއި ތަޙްލީލް ކައިވެނި ކުރެވޭ މީހާއަށް ލަޢުނަތް ލައްވާފައި ވާތީއެވެ. އަދި އަމީރުލް މުޢުމިނީން އުމަރު ރަޟިއަﷲ ޢަންހް ޚުތުބާ ދެއްވަމުން އެފަދަ ކައިވެނި ކުރާ މީހުން ރަޖަމު ކުރައްވާނެކަމަށް ވިދާޅުވެފައި ވާތީއެވެ. އެއީ ޞައްޙަ ކައިވެންޏެއް ނަމަ ޢުމަރުގެފާނު، ތަޙްލީލް ކުރާމީހުން އެއީ ޒިނޭކުރާ ބަޔަކުކަމުގައި ބައްލަވާ ރަޖަމުކުރައްވަވާނެކަމަށް ވިދާޅެއް ނުވާނެއެވެ.
ތަޙްލީލް ކައިވެންޏާއި ދިވެހިރާއްޖެ
ތަޙްލީލް ކައިވެންޏަކީ ތިންފަށްވަރިއަކުން ވަރިވެފައިވާ އަންހެނާ އޭނާގެ ކުރީގެ ފިރިމީހާއަށް ޙަލާލު ކޮށްދިނުމުގެ ނިޔަތުގައި ކުރާ ވަގުތީ ކައިވެންޏެކެވެ. މިކަމަކީ ރާއްޖޭގައި ފަށްކެނޑުމުގެ ނަމުގައި އިހުޒަމާނުއްސުރެ ކުރަމުން އަންނަ ކަމެކެވެ. މަޤްބޫލު ޢުޒުރެއްނެތި ވަރިއަށް އެދުމާއި ވަރިކުރުމަކީ ދިވެހިރާއްޖޭގައި އާއްމުވެފައިވާ ކަމެކެވެ. މިގޮތަށް ވަރިކުރަމުންގޮސް ތިންފަށްވުމުން ފަށްކެނޑުމުގެ ބޭނުމުގައި އެއަންހެންމީހާ ކޮންމެވެސް އެހެން ފިރިހެނަކާ ކައިވެނިކުރަނީއެވެ. ބައެއްފަހަރު މިގޮތަށް ފަށްކަނޑާދޭ މީހާއަށް ފައިސާދީގެންވެސް ވަގުތީ ކައިވެންޏެއްކުރެއެވެ. އަދި ބައެއް މީހުން މިގޮތަށް ފަށްކަނޑަން ކައިވެނި ކުރުމަށްފަހު ވަރަށް އަވަހަށް ވަރިކުރަން ޖެހޭނެކަމަށާއި އެ އަންހެންމީހާ ގާގައި އަތްވެސް ޖައްސާލައިގެން ނުވާނެކަމަށް ޝަރުތުކުރެއެވެ. މިގޮތައް ކައިވެނި ކުރާ ގިނަ މީހުން ފަށްކަނޑަންވެގެން ކުރާ ކައިވެނީގައި ޖިމާޢުއެއްވެސް ނުވެ ވަރިކޮށްލަނީއެވެ. އަދި އެއަށްފަހު އެ އަންހެންމީހާ ކުރީގެ ފިރިމީހާއާ ކައިވެނި ކުރަނީއެވެ. ތަޙްލީލް ކައިވެންޏަކީ ބާޠިލް ކައިވެންޏެކެވެ. އެހެންކަމުން ތަޙްލީލް ކައިވެންޏެއްގެ ސަބަބުން ކުރީގެ ފިރިމީހާއަށް އެ އަންހެންމީހާ ހުއްދައެއް ނުވާނެއެވެ.
މަޢުލޫމާތު ނެގީ
މުޙައްމަދު ބުން މުސްތަފާ އަލްޖިބާލީ. (2005). ދަ ކުއެސްޓް ފޯރ ލަވް އެންޑް މާސީ، ރެގިއުލޭޝަންސް ފޮރ މެރިއޭޖް އެންޑް ވެޑިން އިން އިސްލާމް. މަދީނާ: އަލް ކިތާބް އެންޑް އައްސުންނާ ޕަބްލިޝިންގް