Banner Image Description

ސުންނަތައް ޢަމަލުކުރުން

މޫސާ ޝަހީމް

ސުންނަތަކީ ކުރުމުން ޘަވާބު ލިބޭ ނުކުރުމުން ޢަޛާބު ނުލިބޭ ކަންތައްތަކަށް ވާއިރު ސުންނަތަށް ޢަމަލު ނުކުރިއަސް ފާފަވެރި ނުވާނު ނޫންހެއްޔެވެ؟ ސުންނަތުން ޘާބިތު ވާ ކަންކަމަކީ އިޚްތިޔާރީ ކަންކަން ނޫންހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރޭގައި ކުރެވެމުންދާ ސުވާލު ތަކެކެވެ. މި ކަމުގައި ބައެއް މީހުންނަށްވަނީ ވަރަށް ބޮޑެތި އޮޅުންތަކެއް އަރާފަ އެވެ. ވީމާ މިކަމުގެ ތަފްސީލު ހޯދާލުމަކީ މުޙިއްމު ކަމެކެވެ.

ޢަރަބި ބަހުގައި ސުންނަތުގެ މާނައީ މީހަކު ނުވަތަ ބަޔަކު އާދަކާދައިގެމަތިން ކޮށްއުޅޭ ކަންކަމެވެ. ނުވަތަ މީހަކު އުޅޭ ގޮތެވެ.1 އިސްލާމީ ޝަރީޢަތުގައި ސުންނަތް ދެމާނައެއްގައި ބޭނުންކުރެވެ އެވެ. ފިޤުހު ޢިލްމުވެރިން ނަންގަވާ މާނައަކާއި އުޞޫލުލް ފިޤުހުގެ ޢިލްމުވެރިން ނަންގަވާ މާނައެކެވެ. މި ދެ މާނައަށް ދިޔުމުގެ ކުރިން ފިޤުހާއި އުޞޫލުލް ފިޤުހުގެ ތަފާތު ދެނެގަތުމަކީ މުޙިއްމު ކަމެކެވެ.

ފިޤުހަކީ އިސްލާމީ ޝަރީޢަތުގެ އެކިއެކި ބައިތަކުގެ ތަފްސީލީ ޙުކުމްތައް ދެނެގަތުމުގެ ޢިލްމެވެ. އުޞޫލުލް ފިޤުހަކީ އިސްލާމީ ޝަރީޢަތުގެ މަސްދަރުތަކުން، ތަފްސީލީ ޙުކުމްތައް ދެނެގަތުމުގައި ބޭނުންކުރާ އުޞޫލުތަކާއި ހަމަތަކެވެ.2 މިސާލަކަށް ޤުރުއާނުން ނުވަތަ ސުންނަތުން ދީނުގެ ޙުކުމްތައް ދެނެގަތުމައްޓަކައި ބޭނުންކުރާ ހަމަތަކަކީ އުސޫލުލް ފިޤުހުގެ ތެރޭގައި ހިމެނޭ ޢިލްމެކެވެ. ވަކިކަމަކީ ދީނުގައި ވާޖިބެއްތޯ، ސުންނަތެއްތޯ، މުބާހުކަމެއްތޯ، މަކުރޫޙަކަމެއްތޯ ނުވަތަ ޙަރާމްކަމެއްތޯ ކަނޑައަޅާ ޢިލްމަކީ ފިޤުހު ޢިލްމެވެ.

ފިޤުހު އިލްމުވެރިންގެ އިޞްތިލާޙްގައި ސުންނަތަކީ ޢިބާދާތުގެކަންތައްތަކުގެ ތެރެއިންވާ، އެކަމެއް ކުރުމުން ޘަވާބުލިބޭ، އަދި ނުކޮށް ދޫކޮށްލިއަސް ޢަޛާބު ނުލިބޭ ކަންކަމެވެ.3 މީގެތެރޭގައި ރަވާތިބު ސުންނަތާއި، ޝައްވާލުމަހުން ހަ ދުވަހު ރޯދަހިފުމާއި، އެއްފަހަރަށްވުރެ ގިނަފަހަރު ޙައްޖުވުންފަދަ ކަންކަން ހިމެނެ އެވެ.

އުސޫލުލް ފިޤްހުގެ ޢިލްމުވެރިންގެ އަރިހުގައި ސުންނަތަކީ ރަސޫލު ﷲ صلى الله عليه وسلم ގެ އަރިހުން ސާބިތުވެފައިވާ އެކަލޭގެފާނުގެ ބަސްފުޅުތަކާއި ޢަމަލުފުޅު ތަކާއި އެކަލޭގެފާނުގެ އަރިހުގައި ކަމެއް ހިނގުމުން ނުވަތަ އެހެން ތަނެއްގައި ހިނގި ކަމެއްގެ ޚަބަރު އެކަލޭގެފާނަށް ލިބުމުން އެކަލޭގެފާނު އެކަން މަނާ ނުކުރައްވައި އެކަމަކާ އެއްވެސް ބަސްފުޅެއް ވިދާޅުވެފައި ނުވާ ކަންކަމެވެ.4

ފިޤުހު ޢިލްމުގައި (ދީނުގެ ޙުކުމެއް ބަޔާންކޮށްދިނުމުގެ ގޮތުން) ވަކި މިވެނި ކަމަކީ ސުންނަތެކޭ ބުނެވިއްޖެނަމަ އޭގެ މާނައަކީ އެކަމަކީ ކުރުމުން ޘަވާބުލިބޭ ނުކޮށް ދޫކޮށްލައިފިނަމަ ޢަޛާބު ނުލިބޭ ކަންކަމެވެ. މި ފަދަ ކަމެއް ދޫކޮށްލުމަކުން ފާފަވެރިއެއް ނުވާނެ އެވެ.

ނަމަވެސް ވަކިކަމަކީ ރަސޫލު ﷲ صلى الله عليه وسلم ގެ ސުންތުން ޘާބިތުވާ ކަމެކޭ ބުނެވިއްޖެންނަމަ ސުންނަތުގެ މާނަ ކުރެވޭނީ އުޞޫލުލް ފިޤުހުގެ ޢިލްމުވެރިން މާނަ ކުރައްވާ ގޮތަށެވެ. އެ ސުންނަތަކީ އިސްލާމީ ޝަރީޢަތުގެ ދެވަނަ މަސްދަރެވެ. އެ ސުންނަތަށް ތަބާވުން ވާޖިބުވާނެ އެވެ. ޢިބާދާތުގެ ކަންތައްތައް (އަޅުކަމުގެ ގޮތުގައި ކުރެވޭ ކަންތައްތައް، މިސާލަކަށް ނަމާދުކުރުން، ރޯދަހިފުން) ޞައްޙަ ވާނީ ދެ ޝަރުތަކާ އެކު އެވެ. އެއީ “އިޚްލާޞްތެރިކަމާއި”5 ރަސޫލު ﷲ صلى الله عليه وسلم ގެ ސުންނަތުން ޘާބިތުވާ ގޮތައް ކުރުމެވެ. މިސާލަކަށް ކީރިތި ޤުރުޢާނުގައި އަންގަވާފައިވަނީ ނަމާދު ޤާއިމްކުރުމަށެވެ. ﷲ ތަޢާލާ ވަހީކުރައްވާފައިވެ އެވެ.

وَأَقِيمُوا الصَّلَاةَ وَآتُوا الزَّكَاةَ وَارْكَعُوا مَعَ الرَّاكِعِينَ ﴿البقرة: ٤٣﴾

މާނައީ “އަދި ތިޔަބައިމީހުން ނަމާދު قائم ކުރާށެވެ! އަދި ތިޔަބައިމީހުން زكاة ދޭށެވެ! އަދި ركوع ކުރާ މީހުންނާ އެކުގައި ތިޔަބައިމީހުން ركوع ކުރާށެވެ!”

ނަމަވެސް ނަމާދުގެ ރުކުންތަކާއި ވާޖިބުތަކެއް ކީރިތި ޤުރުއާނުގައި ބަޔާންކޮށްދެއްވާފައެއް ނުވެ އެވެ. އަދި ނަމާދު ކުރާނެ ގޮތުގެ ތަފްސީލެއް ބަޔާންކޮށްދެއްވާފައެއް ނުވެ އެވެ. މި ތަފްސީލް ލިބެނީ ރަސޫލު ﷲ صلى الله عليه وسلم ގެ ސުންނަތުންނެވެ. ކީރިތި ޤުރުއާނުގައި ނަމާދުގެ ތަފްސީލެއް ދެއްވާފައެއް ނުވެޔޭ ބުނެ އަޅުގަނޑުމެން ބޭނުންހާ ގޮތަކަށް ނަމާދުކުރުމަކުން އެ ނަމާދެއް ޞައްޙައެއް ނުވާނެ އެވެ. ނަމާދު ޞައްޙަ ވާނީ ރަސޫލު ﷲ صلى الله عليه وسلم އަންގަވާފައިވާ ގޮތަށް ކުރުމުންނެވެ. ވީމާ ރަސޫލު ﷲ صلى الله عليه وسلم ގެ ސުންނަތަށް ތަބާވުމަކީ އިޚްތިޔާރީ ކަމެއް ނޫނެވެ. ޤުރުއާނަށް ތަބާވާފަދައިން ސުންނަތަށް ވެސް ތަބާވާން ޖެހެ އެވެ.

ރެފަރެންސް

  1. މުޙައްމަދު ޙާޝިމް ކަމާލީ. (1991). ޕްރިންސިޕަލްސް އޮފް އިސްލާމިކް ޖޫރިސްޕްރޫޑެންސް. ޞަފްޙާ 47
  2. މުޙައްމަދު ޙާޝިމް ކަމާލީ. (1991). ޕްރިންސިޕަލްސް އޮފް އިސްލާމިކް ޖޫރިސްޕްރޫޑެންސް. ޞަފްޙާ 12
  3. ޢަބްދުﷲ މުޙައްމަދު އަލް މަރުބޫޤީ. (2009). ސަފީނަތުއް ނަޖާ. ޞަފްޙާ 7
  4. ޑޮކްޓަރ އަފްރާޝީމު ޢަލީ. (2013). އުޞޫލުލްފިޤްހި (2). ޞަފްޙާ 35
  5. ޢިޚްލާޞްތެރިކަމަކީ އަޅާ ޢަމަލުކުޅައުމުގައި އެއްވެސް ދުނިޔެވީ އެދުމެއްނެތި  ﷲ ތަޢާލާގެ ޙަޟްރަތުން ޘަވާބާއި ދަރުމައަށް އެދި ޢަމަލުކުރުމެވެ.