توبة ވުމުގެ ޝަރުތުތައް
އިމާމް ނަވަވީ ރަޙިމަހުﷲ ވިދާޅުވެފައިވެ އެވެ. ކޮންމެ ފާފައަކުން ވެސް ތައުބާ ވުމަކީ ވާޖިބު ވެގެންވާކަމެކެވެ. އަދި ކުރެވިފައިވާ ފާފައަކީ، މީސްތަކުންގެ ޙައްޤާއި ގުޅިފައިނުވާ، ހަމައެކަނި ﷲ ތަޢާލާއާއި އެ އަޅަކާއި ދެމެދު ކުރެވިފައިވާ ކަމެއްނަމަ ތައުބާވުމަށްޓަކައި 3 ޝަރުތެއްފުރިހަމަވާން ޖެހެ އެވެ. އެއީ
1- ފާފަކުރުން ހުއްޓާލައި އެކަމުން އެއްކިބާވުން
2- ފާފައަށް އަރައިގަނެވުނު ކަމުގެ މައްޗަށް ދެރަވެ ހިތާމަކުރުން
3- އަލުން އަނބުރައި އެފަދަ ފާފައަކަށް ދުވަހަކުވެސް އަރައިނުގަތުމަށް ޢަޒުމުކަނޑައެޅުން
މިތަނުން އެއްވެސް ޝަރުތެއްފުރިހަމަ ނުވާކަމުގައިވާނަމަ، އޭނާގެ ތައުބާ ފުރިހަމައެއްނުވާނެ އެވެ. އަދި، ކުރެވިފައިވާ ފާފައަކީ މީހެއްގެ ހައްޤަކާއި ގުޅިފައިވާ ކަމެއްކަމުގައިވާނަމަ، އިތުރު ޝަރުތެއްވާކަމުގައި އިމާމު ނަވަވީ ރަޙިމަހުﷲ ބަޔާންކުރައްވާފައިވެ އެވެ. އެއީ،
4- މީހެއްގެ ހައްޤެއްވާނަމަ އެހައްޤެއް އަދާކޮށް އެކަމަކުން އޭނާގެ ހިތް ޚަލާޞް ހޯދުން. އެބަހީ އޭނާގެ މުދަލެއް އަތުލައިފައިވާނަމަ އެ އަނބުރާ ރައްދު ކޮށްދިނުމެވެ. ނުވަތަ ގަޛުފު ކުރުން އަދި ޣީބަބުނުން ކަހަލަ ކަމެއް ކުރެވިފައިވާނަމަ އޭނާގެ ކިބައިން މާފަށްއެދުމެވެ. މިކަމުގެ ސަބަބުން އެއަށްވުރެ ބޮޑު ފަސާދައަކަށް ދޮރުހުޅުވިގެންދާފަދަ ކަމަކަށް ނުވާނަމަ އެވެ.
ހުރިހާފާފަ އަކުން ތައުބާނުވެ ބައެއްފާފަތަކުން ތައުބާވި ކަމުގައިވާނަމަވެސް އެތައުބާއެއް ޞައްޙަވެދާހުއްޓެވެ. އެހެން ނަމަވެސް ހުރިހާ ފާފައަކުންވެސް ތައުބާ ވުމަކީ ވާޖިބުވެގެންވާ ކަމެކެވެ.