ދޮރު ހުރީ ހުޅުވިފަ އެވެ.

އިބްރާހިމް ނަޝީދު

“އަހަރެމެން އުޅެންއޮތް ތަނަކީ ހަމައެކަނި މިދުނިޔެ! އަހަރެމެން ދިރިތިބޭނީ ހަމަ އެންމެ ފަހަރަކު! ގިނަ ކަންތައްތަކެއް ކުރާކަށް އަހަރެމެންނަކަށް ވަގުތެއް ނެތް! އެހެންވީމަ ޙަޔާތުގެ މިދުވަސްތަކުގައި އުފާ ކުރަންވީ! ނުބެލި ހުރި ފިލްމުތައް ބަލައި ނިންމަންވީ! މަޖަލުގައި ވަގުތު ދުއްވާލަންވީ!” ތިމާގެ ވިސްނުމާއި ފިކުރު ހުރީ މިގޮތަށް ހެއްޔެވެ؟ ޖަވާބަކީ އާއެކޭ ކަމުގައިވަނީނަމަ ތިޔަ ވިސްނުމާއި ފިކުރު މުޅިން ގޯހެވެ. ތިބާ ނިކަން ފުންކޮށް އަޅެ ފިކުރު ހިންގާ ބަލާށެވެ. އިންސާނާގެ ދިރިއުޅުން ނުވަތަ ޙަޔާތް ބެހިގެންވަނީ ހަތަރު މަރުޙަލާއަކަށެވެ.

އެންމެ ފުރަތަމަ ނިކަމެތި ފަންޏެއްގެ ސިފައިގައި އިންސާނާ މައިމީހާގެ ރަޙިމުގައި ގަރުބަ ގަތީއްސުރެ އުފަންވުމާއި ހަމަޔަށް ހޭދަކުރާ މަރުޙަލާ އެވެ. އެއަށްފަހު އިންސާނާ އުފަންވީންސުރެ މަރުގެންނެވުމާ ހަމަޔަށް ދެމިގެންދާ މަރުޙަލާ އެވެ. ދެން އޮތީ ބަރުޒަޙުގެ ޢާލަމެވެ. މިއީ އިންސާނާ މަރުވުމަށްފަހު ޤިޔާމަތާ ހަމަޔަށް ދެމިގެންދާ މަރުޙަލާ އެވެ. އެންމެ ފަހުން ދެން އޮތީ އިންސާނާ ދުނިޔެމަތީގައި ކުރި ޢަމަލުތަކުގެ ހިސާބު ބައްލަވައި އަމަލުތަކަށް ކަނޑައެޅިފައިވާ ޖަޒާ ދެއްވާ މަރުޙަލާ އެވެ. މާތްﷲ ހުރިހާކަމެއް މޮޅަށް ދެނެވޮޑިގެންވެ އެވެ. އެކަލާންގެ އަށް އެއްވެސް ކަމެއް ވަންހަނާވެގެން ނުވެ އެވެ. ދުނިޔެމަތީގައި ރަނގަޅަށް އުޅުނު ޞާލިޙު އަޅުންނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތެވެ. އުރެދުނު މީހުންނަށް ހަލާކާއި އަނިޔާއިން ފުރިގެންވާ ހޫނުގަދަ ނަރަކަ އެވެ.

ކުރިން ބުނެވުނު ފަދައިން އިންސާނާގެ ދިރިއުޅުމުގެ ތިންވަނަ މަރުހަލާ ފެށިގެން އަންނަނީ އެ އިންސާނާގެ ފުރާނަ ހަށިގަނޑާ ވަކިވާ ހިސާބުންނެވެ. ޤަބޫލު ކުރަންޖެހޭ ހަޤީގަތަކީ ކިތައްމެ މުއްސަނދި، ކިތައްމެ ރީތި މީހަކީ ވެސް މަރުވާނެ މީހެއްކަމެވެ. އެކަމަކު މަރުގެ ރަހަ އެކި މީހުން ދެކެނީ އެކި ގޮތަށެވެ. އެކަމަކު އެއީ އެމީހެއްގެ ތަނަވަސްކަމުގެ ސަބަބުން ނުވަތަ އެމީހެއްގެ ނިކަމެތި ކަމުގެ ސަބަބަކުން ނޫނެވެ. އާދޭހެވެ! ﷲ އާއި އެކަލާންގެ ރަސޫލާ އެންގެވިގޮތަށް ދުނިޔެމަތީގައި ދިރިއުޅުން ހޭދަކުރާ އަޅުތަކުންގެ ފުރާނަ ހިއްޕަވާނީ ވަރަށް ވެސް އަމާންކަމާއި އެކުގަ އެވެ. އަދި އެ ކަލާންގެއަށާއި ރަސޫލާ އަށް އުރެދުނު މީހުންގެ މަރު ހިއްޕަވާނީ ތަޙަމަލް ކުރަން ދަތި ވޭނާއެކުގަ އެވެ. ﷲ ކަމަކަށް އިރާދަކުރެއްވުމުން ލަހެއްފަކެއްނުވެ އެކަމެއްވެދެ އެވެ. އެގޮތުން އެމީހެއްގެ މަރު ހިއްޕެވުމަށް އެކަލާންގެ އިރާދަ ކުރައްވާ ހިނދު، ތިމާގެ ލޯބިވާ މީހުން ދޫކޮށް ﷲ ގެ ހަޟްރަތަށް ދާންޖެހެ އެވެ.

ދެން ކުރިމަތިލާން ޖެހެނީ ކައްވަޅުގެ ބިރުވެރިކަމާ އެވެ. ނަކީރު މުންކަރު އިންސާނާ އަށްކުރާ ތިންސުވާލާ އެވެ. އެ ސުވާލުތަކުގެ ޖަވާބު ރަނގަޅަށް ދެވިއްޖެނަމަ އެ އިންސާނާ އަށް ހުރި އުފަލެއްގެ ބޮޑު ކަމާ އެވެ! އަދި ސުވާލުތަކުގެ ޖަވާބު ނުދެވިއްޖެ މީހަކަށް ހުރި ހިތާމައެއްގެ ބޮޑުކަމާ އެވެ. އެ ސުވާލު ތަކުގެ ޖަވާބު އަހަރެމެން ދޭނީ ކިހިނެއް ހެއްޔެވެ؟ މަރުވުމުގެ ކުރިން ސުވާލާއި ޖަވާބު ހިތުން ދަސްކުރާނީ ހެއްޔެވެ؟ ހަނދާން ކުރާށެވެ! ދުނިޔެ މަތީގައި ﷲ އަށް ކާފިރުވި އިންސާނަކަށް އެ ދުވަހުން ސުވާލުތަކުގެ ޖަވާބެއް ނުދެވޭނެ އެވެ. ބުނަން ކިތަންމެ ބޭނުންވިއަސް ދޫ އެކަމަށް ނުކުޅެދޭނެ އެވެ. އެ އިންސާނާ ގިޔާމަތާއި ހަމަޔަށް ދެމިއޮންނާނީ ވޭނާއި ކެކުޅުމުގަ އެވެ. އެ ދުވަހުން ސުވާލުތަކުގެ ޖަވާބު ދެވޭނީ ﷲ އާއި އެކަލާންގެ ރަސޫލާ އެންގެވި ގޮތަށް ދިރިއުޅުން ބައްޓަންކުރި އަޅަކަށެވެ.

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ހެޔޮޢަމަލުތައް ގިނަކޮށް، މުންކަރާތްތަކުން ދުރުހެލިވެ ފުރިހަމަ އަށް ދަތުރަށް ތައްޔާރުވާށެވެ. ހަމަކަށަވަރުން މި ދުނިޔެމަތީގައި ތިމާ ކޮށްފައިވާ ޢަމަލުތައް ފިޔަވައި އިތުރު އެހެން އެއްވެސް އެއްޗެއް ދަތުރުގައި ނުގެންދެވޭނެ އެވެ. އަމިއްލަ ނަފުސާއިމެދު ފަޚުރުވެރިވެގެންވާ ޙާލު ސުވަރުގެ އަށް ވަނުމަށް ގަދައަޅައި މަސައްކަތް ކުރާށެވެ. ﷲ ގެ ޞާލިޙު އަޅުތަކުންނަށްޓަކައި އެތަނުގެ ދޮރު ހުރީ ހުޅުވިފަ އެވެ.