އާ އަހަރެކެވެ. އާ މަސްތަކެކެވެ. އާ ދުވަސްތަކެކެވެ. އަދި ހަމައެހައިމެ އުއްމީދުތަކަކާއި އާ ޙަޔާތެކެވެ. ހިތްވަރާއެކު މަސައްކަތްކުރާ ކޮންމެ މީހަކީ ކާމިޔާބީއާ ހަމައަށް ވާޞިލުވާނެ މީހެކެވެ. ކާމިޔާބު ލިބޭނެ މީހެކެވެ. މިފެށުނު އާ ދުވަސްތަކާއި އަޅުގަނޑުމެން ކުރިމަތިލާންވީ ފޮނިފޮނި އުއްމީދަކާއެކުގަ އެވެ. އާ ޚިޔާލުތަކަކާ އެކުގަ އެވެ. އާ ވިސްނުންތެރިކަމަކާ އެކުގަ އެވެ. އާ އުއްމީދުތަކަކާ އެކުގަ އެވެ. ކާމިޔާބު ހޯދުމަށެވެ. ތިމާގެ މަންޒިލަށް ވާޞިލުވުމަށެވެ. ތިމާގެ އުއްމީދުތައް ހުވަފެނަކަށް ހެދުމަށެވެ. ފަސްމަންޒަރުން އިބްރަތް ޙާޞިލުކުރަމުންނެވެ.
އިންސާނީ ޙަޔާތުގެ ދުވަސްތަކާއި ކުރިމަތިލާން ޖެހެނީ ފިސާރި ކެރި ހުރެގެންނެވެ. އެންމެ ފުރަތަމަ ތުއްތުކުއްޖެއްގެ ގޮތުގަ އެވެ. އެއަށްފަހު ޒުވާން އުމުރެވެ. އެންމެ ފަހުން މުސްކުޅި އުމުރާ އެކުގަ އެވެ. ތެދެކެވެ. ތިމާގެ މަންޒިލަކީ އެންމެ މަންޒިލެކެވެ. ތިމާގެ މަޤްޞޫދަކީ އެންމެ މަޤްޞޫދެކެވެ. އާއެކެވެ. އުހަރަވީ ޙަޔާތް ބާއްޖަވެރި ކުރުމެވެ. މިނިކަމެތި އިންސާނާ މިދުނިޔެއަށް ފޮނުއްވާފައިވަނީ އިމްތިޙާނެއް ހެދުމަށެވެ.
ވިސްނާލަމާތޯ އެވެ. މާތްރަސްކަލާނގެ މިދުނިޔޭގައި ކިތައް ކިތައް ފުރާނަ ލައްވާފައިވޭތޯއެވެ. ކިތައް މަޙްލޫޤުން ލައްވާފައިވޭތޯ އެވެ. އެ ފުރާނަތަކުގެ ތެރެއިން މިދުނިޔޭގައި ދެމިހުރީ ކިތައް ކިތައް މަޙްލޫޤުންތޯ އެވެ. ކިތައް ފުރާނަތޯއެވެ. އެފުރާނަތައް ފަހެ ކޮބައިބާވަ އެވެ. އެމަޙްލޫޤުންތައް ކޮބައިބާވަ އެވެ. އެފުރާނަތަކާއި އެ މަޙްލޫޤުންތައް ނެތި ދިޔައީ ކީއްވެބާވަ އެވެ. އާއެކެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އެމަޙްލޫޤުންތައް ގެންދަންވީމާ ގެންދެއްވީ އެވެ. އެފުރާނަތަކުގެ ” އަޖަލު ” ހަމަވީމަ އެވެ. އިމްތިޙާނުގެ މުއްދަތު ހަމަވީމަ އެވެ. ދާއިމީ މަންޒިލަށެވެ. އުހުރަވީ ޙަޔާތަށެވެ. ދާއިމީ ގޮވައްޗަށެވެ.
ޙަޔާތުގެ ދުވަސްތައް ބޭކާރު ގޮތުގައި ހޭދަކުރުމަށްވުރެ ފައިދާހުރި ރަގަޅު ގޮތުގައި ހޭދަކުރުމަށް ވިސްނުން ކިހިނެއްވާނެ ތޯ އެވެ. މާތްރަސްކަލާނގެ މިދުނިޔެއަށް ތިމާ ޚަލީފާވެރިއެއްގެ ގޮތުގައި ފޮނުއްވި ބޭނުން ފުރިހަމަ ކުރެވޭތޯ އެވެ. ނޫނެކެވެ. އެންމެ ކުޑަމިނުން އިބަރަސްކަލާނގެ ކިބަފުޅަށް ޒިކުރެއްތާ މިންވަރުވެސް ނުކުރެވެ އެވެ. ނަމާދު ޤާއިމެއް ނުކުރެވެ އެވެ. ރޯދަ އާއި ޒަކާތް އަދި ޙައްޖަކީ އިބަރަސްކަލާނގެ ތިމާއަށް ފަރުޟުކުރެއްވި ކަމެއްކަމެއްވެސް ނޭނގެއެވެ. މައިންބަފައިންނާއި ގާތްތިމާގެ މީހުންނަށް ހެޔޮކޮން ހިތުމަކީ އިސްލާމީ ރިވެތި އުޞޫލުތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަމެއްވެސް ނޭނގެއެވެ. ތިމާގެ މައްޗަށް ލައްވާފައިވާ ވެރިންނަށް ކިޔަމަންތެރިކަން އަދާކުރަން ޖެހޭކަމެއްވެސް ހަނދުމައެއް ނެތެވެ.
ހިތަށް އެރިގޮތަކަށް ބިތައް ތެޅެމުން ދުނިޔޭގައި ތިމާ ދިރިއުޅޭއިރު ހެއްދެވި ފަރާތްމަތިން ހަނދުމަވޭބާވަ އެވެ. އާއެކެވެ. ނުވެއެވެ. ޙަރާމްކުރެއްވިހައި ކަންތައްތަކެއް ކުރުމުގައި ސާމިލުވަނީ އެވެ. ރާބޮނީއެވެ. ފަތްބޮނީއެވެ. ޒިނޭއާއި ޓެކްމާއި ފޭރުން ޢާންމުކުރަނީ އެވެ. ތިމާ ނުވަމަހާއި ނުވަދުވަސްވަންދެން އެމީހެންގެ ބަނޑުގައި އޮތް، މައިމީހާއަށް ބޭނުންހައި ކަމެއްކޮށް ހިތަށް އެރިހައި ގޮތެއް ހަދަނީ އެވެ. އެންމެ ފަހަރަކުވެސް ފަހެ ތިބާ ވިސްނާލީމުތޯއެވެ.
ﷲ ސުބުޙާނަހޫ ވަތަޢާލާ ތިބާ މިދުނިޔެއަށް ފޮނުއްވީ އެކަލާނގެއަށް އަޅުކަން ކުރުމަށެވެ. އެކަލާނގެއަށް ތަބަޢަ ވުމަށެވެ. އެކަލާނގެ ފިޔަވައި އެހެން އެއްޗިއްސަން ފިދާ ނުވުމަށެވެ. ޒިކުރުކޮށް ފަސްވަގުތުނާޅާ ނަމާދު ޤާއިމުކުރުމަށެވެ. ކަނޑައެޅިފައިވާ ދުވަސްތަކުގައި ރޯދަ ހިފައި ތިމާގެ މުދަލުން އެހެންމީހުންނަށްވާ ޙައްޤުތައް އަހަރަކު އެއްފަހަރުނަމަވެސް އަދާކުރުމަށެވެ. އުމުރުން އެއްފަހަރުނަމަވެސް ޙައްޖުގެ މާތް ރުކުންތައް އަދާކުރުމަށެވެ. ތެދުވެރިއަކަށްވެ އަމާނާތްތެރިއަކަށް ވުމަށެވެ. ދޮގުހެދުމާއި މަކަރާއި ހީލަތްތެރިކަމުން އެކަހެރިވުމަށެވެ. އެކަލާނގެ އާއި ރަސޫލާއަށް ފުރިހަމައަށް ކިޔަމަންތެރިކަން އަދާކުރުމަށެވެ. ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށެވެ. ތަޤްވާވެރިއަކަށް ވުމަށެވެ. ކުރެވޭ ކުށްތަކަށް ތަޢުބާވުމަށެވެ.
އާއެކެވެ. ތިމާގެ ޙަޔާތުގެ ޞަފްޙާތަކަށް މިފެށުނު އާ ދުވަސްތަކާއި ކުރިމަތިލާންވީ ތަޤްވާވެރިކަމާއެކުގަ އެވެ. ކެތްތެރިކަމާއެކުގަ އެވެ. އިންސާފާއެކުގަ އެވެ. ވޭތުވެދިޔަ ދުވަސްތަކުގައި ކުރެވިފައިވާ ކުށްތަކަށް ތަޢުބާވާ ޙާލުގަ އެވެ. ތިމާގެ އުހުރަވީ ޙަޔާތް ބާއްޖަވެރި ކުރުމުގެ ނިޔަތުގަ އެވެ. ތިމާ ހެއްދެވި ފަރާތުން ކުރުމަށް އަމުރުކުރައްވާފައިވާ ކަންތައްތައް ކުރުމާގެންނެވެ. ގެއްލިއްޖެ ވަގުތަކީ އަލުން ލިބޭނެ ވަގުތެއް ނޫންކަން ދެނެހުރެއެވެ. ތިމާގެ ދުލުން ހެޔޮއެއްޗެއްނޫނީ ނުކިޔާނެކަމަށް އަޒުމުކަނޑައަޅައިގެންނެވެ. ނުގުޑާފަދަ އަޒުމަކާއި ހިތްވަރަކާ އެކުގަ އެވެ.