ތިބާ ޙިޔާރުކުރާނީ ކޮން މަގެއް ހެއްޔެވެ؟

އިބްރާހިމް ނަޝީދު

ދުނިޔެމަތީގައި އިންސާނަކަށް ލިބޭނެނަމަ އެބާރެއް ވާންޖެހޭނީ ފިރިހެނުންގެ މުށުތެރޭގަ އެވެ. ވާރުތަ މުދަލުން ކުނޑިފުކެއްގެ މިންވަރުވެސް އަންހެނަކަށް ޙައްޤުވެގެނެއް ނުވެއެވެ. އަންހެން ދަރިއެއް ލިބިއްޖެނަމަ އެއްވެސް ރަޙުމެއްނެތި ދިރިހުއްޓާ އެދަރިފުޅު ވަޅުލަންވީ އެވެ. މިއީ އިސްލާމްދީން އައުމުގެ ކުރިން، ޖާހިލިއްޔަ ޒަމާނުގައި އަންހެނުންނަށް ދެވިފައިވާ މަޤާމެވެ. އެކަނބަލުންނަށް ކުރިމަތިލާން ޖެހިފައިވީ އަނިޔާގެ މައްޗަށް އަނިޔާއިން ފުރިފައިވާ އަނދިރިކަމާ އެވެ.

ނަމަވެސް އިސްލާމްދީނުގެ ނޫރުން ދުނިޔެ ދިއްލައިލީ މިއަނިޔާވެރިކަމަށް ގޮންޖަހާލައި އެއަނދިރިކަން ފުހެލަމުންނެވެ. އެންމެ ތުއްތު ކުއްޖާއިން ފެށިގެންގޮސް، ގައިބާރު ދެރަވެ މުސްކުޅި ޙާލުގައިވާ އިންސާނާއާ ހަމައަށް އެމީހެއްގެ ޙައްޤު އެންމެ ފުރިހަމައަށް ހޯދައިދެމުންނެވެ.ވީއިރު އިސްލާމްދީނުގައި ތިބާއަށް ހޯދަދީފައިވާ ޙައްޤަށްވުރެ މަތިވެރި އެހެން ޙައްޤެއް ހޯދައިދެވޭނީ ފަހެ ކާކަށް ހެއްޔެވެ؟ އަޅުގަނޑާއި ތިބާ، އަދި މުޅިކައުނު އުފެއްދެވި ﷲ ސުބުޙާނަހޫ ވަތަޢާލާ އެންމެހައި އިންސާނުންނަށް ދެއްވާފައިވާ ޙައްޤަށް ނޫނެކޭ ބުނެ، އެޙައްޤުތަކަށް ފުރަގަސްދީ މަލާމާތްކުރަމުން އައި ބަޔަކު ގެނެސްދޭނެ، ވަކިން ތާހިރު ޙައްޤެއް އޮންނާނެކަމަށް ތިބާއަށް ޤަބޫލުކުރެވޭ ހެއްޔެވެ؟ އާދޭހެވެ. ޤަބޫލެއް ނުކުރެވެއެވެ!

އެހެންނަމަވެސް މުސްލިމުންގެ ލެއިން އެބައެއްގެ ކަރުހިއްކުން ފިލުވަމުންދާ ހުޅަނގުގެ އިސްލާމްދީނާ ދުޝްމަނު އަޙުލުވެރިން މިއަދު އަޅުގަނޑުމެންގެ ތެރެއަށް އިންސާނީ ޙައްޤުގެ ތެރެއިން އަންހެނުންގެ ޙައްޤުގެ ވާހަކަ ހަރުއަޑުން ދައްކަން ފަށާފިއެވެ. އިސްލާމްދީނުގައި އަންހެނުންނަށް ދެއްވާފައިވާ ޙައްޤު ނިކަމެތިކޮށްލައި “އައު” ޙައްޤުތަކެއް އަންހެނުންނަށް ގެނެސްދިނުމުގެ ނަމުގައި ވަރުގަދައަށް ވަކާލާތު ކުރަންފަށާފިއެވެ. އެބައި މީހުންނަށްވެސް އެކިޔެނީ ފަހެ ކޮން އެއްޗެއްކަން ނޭނގޭ ޙާލުގައެވެ.

ހުޅަނގުގެ ޖާހިލުން މުސްލިމު އުޙްތާއިންނަށް ހޯދައިދޭން މަސައްކަތްކުރާ ޙައްޤުތަކާމެދު ވިސްނާލީމު ހެއްޔެވެ؟

ފެޝަން ޝޯވ ތަކުގައި ބައިވެރިވުމުގެ ޙައްޤު އގެނެސްދެނީ ހުޅަނގުގެ ފަލްސަފާގެ ތެރެއިންނެވެ. އެމީހުން ޤަބޫލުކުރާ ގޮތުގައި ކޮންމެ އަންހެނަކަށްވެސް އެމީހަކު އެންމެ ބޭނުންވާ ގޮތަކަށް ހެދުން އެޅުމުގެ ޙައްޤު ލިބިގެންވެއެވެ. ފިރިހެނުންނާ ހަމަހަމަވުމަށްޓަކާ ފިރިހެނުންގެ ގަމީހާއި ފަޓުލޫނު ލުމަކީ އަންހެނުންނަށް ލިބިގެންވާ ޙައްޤެއްކަމަށް އެމީހުންދަނީ ވިސްނާދެމުންނެވެ. ނަތީޖާއެއްގެ ގޮތުން އިސްލާމީ ފޭރާން ދޫކޮށް ހުޅަނގުގެ “ބިއްލޫރި” ފޭރާމުން އަދުގެ ބައެއް އަންހެނުން ޒީނަތްތެރިވާން ފަށާފިއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަގެ ޙަދީސްފުޅެއްގެ މާނާގައި ވެއެވެ. “ނަރަކައިގެ އަހްލުވެރިންގެ ތެރެއިން ދެބާވަތެއްގެ ބަޔަކުވެއެވެ. ތިމަން ކަލޭގެފާނު އެދެބައިމީހުން ދެކެވަޑައިނުގަންނަވަމެވެ. އެއީ ގެރީގެ ނިގޫފަދަ ޗާބޫކުތަކުން މީހުންގެ ގައިގާ ނުޙައްޤުން ތަޅާ އަދަބު ދޭ ބަޔަކާއި، ހެދުންލައިގެން އޮރިޔާމުން ތިބޭ އަންހެނުންގެ ބައެކެވެ. އެކަނބަލުންނަކީ ޢިއްފަތްތެރިކަމުގެ ސީދާމަގުން އެއްކިބާކޮށް ލަންބުވާ ބައެކެވެ. އެކަނބަލުންގެ އިސްތަށިގަނޑު ހީވާނީ ޖަމަލު ގޮށްގަނޑު ހެންނެވެ. އެކަނބަލުންނަށް އެއްގޮތަކަށްވެސް ސުވަރުގެއަކަށް ނުވަދެވޭނެއެވެ. އަދި ސުވަރުގޭގެ ވަސްވެސް ނުލިބޭނެއެވެ. އެތާނގެ ވަސް އެވަނީ އެވެނިމިވެނި މޭލުކޮޅަށް ފޯރާފައެވެ.”

ހުޅަނގުގެ މަކުރުވެރިން ދެން އެންމެ ބޮޑަށްކުރާ ދަޢުވާއަކީ ފިރިހެނުންނާ އެއްސަފެއްގައި އަންހެނުނަށް މަސައްކަތްތެރިކަމުގެ ދާއިރާގައި އުޅުމުގެ ޙައްޤު ލިބިގެންވާ ކަމަށްބުނެ ކުރާދަޢުވާ އެވެ. ދެންކަންވީ ގޮތަކީ ފިރިހެނުންނެކޭ އެއްފަދައިން 24 ގަޑިއިރު އަންހެނުން ވަޒީފާގައި “ބިޒީ” ވެ، ފިރިމީހާއާއި ދަރިންނަށް ދެވޭ އަޅާލުން ކުޑަވީއެވެ. ނަތީޖާއެއް ގޮތުން ވަރި ގިނަވެ، މައިން ބަފައިންގެ ފުރިހަމަ ލޯބި ނުލިބި ބޮޑެތިވާ ޒުވާނުން އިތުރުވީއެވެ. މަސްތުވާތަކެތީގެ މަޅީގައި ޖެހި، އެޒުވާނުން މީހުންގެ އަތުން ފޭރެނީ އެވެ. މީހުންގެ ގާގައި ކަޓަރު އަޅައި، ޖެހިލުމެއް ނެތި މީހުންގެ ގަޔަށް ވަޅި ހަރަނީއެވެ. ކުޑަކުއްޖެއް މުސްކުޅިއެއް ބެލުމެއްނެތި ގަދަކަމުން އެމީހުންގެ ކިބައިން ޖިންސީ އެދުންވެރިކަން ފުއްދަނީއެވެ. ޖަނަވާރެއްގެ ކިބައިންވިޔަސް “އޯކޭ ވާނެ” އޭ ބުނަމުންނެވެ.

ހުޅަނގުގެ އަހުލުވެރިން ބޭނުންވި ގޮތަށް ކަންވެ ނިމިއްޖެއެވެ. އަޅުގަނޑުމެންގެ މުޖުތަމަޢު ފަސާދަ ވެއްޖެއެވެ. މިތަނުގައި މިހާރު ނުކުރާ ފާފައެއް ފަހެ ކޮބާހެއްޔެވެ؟ އެންމެ ކުދިކުދި ފާފަތަކުން ފެށިގެން ގޮސް އެންމެ ބޮޑެތި ފާފަތައްވެސް ރޯމާދުވާލު އަޅުގަނޑުމެންގެ ތެރެއިން މިދަނީ ފެންނަމުންނެވެ. މަކަރުވެރިންގެ ތުންފަތްމަތީގައިވަނީ ނުލަފާ ހިނިތުންވުމެކެވެ. އެމީހުންގެ ހިތްތައްވަނީ އުފަލުން ފުރިފައެވެ. އަޅުގަނޑުމެންގެ ހިތްތަކުގައި އުތުރިއަރަމުންދަނީ ބިރުވެރި ކަމެވެ. ނާމާންކަމެވެ. ނުތަނަވަސްކަމެވެ.

އެހެންކަމުން ހަމަ ބުއްދިއާގެން ވިސްނާލުމުން ދޭހަވަނީ، ހުޅަނގުން ކޮންމެހެން ބޭނުންވަނީ ޙައްޤުތަކެއް ގެނެސްދޭން ނޫންކަމެވެ. އެމީހުން ބޭނުންވަނީ ފަސާދަ ކުރާންކަމެވެ. އެހެނީ މާބާރުވެރި ފަރާތަކުން ގެނެސްދީފައިވާ ޙައްޤުތަކެއްގެ މައްޗަށް އިތުރު މޮޅު ޙައްޤުތަކެއް ކުރިންވެސް ބުނެފައިވާ ފަދައިން އެއްވެސް ބަޔަކަށް ގެނެސްދިނުމަކީ ނުވާނެ ކަމެކެވެ.

އުޙުތާއެވެ. އިމާންތެރިކަމުން ތިބާގެ ހިތްތައް ފުރާލާށެވެ. ސާބިތުކަމާއެކީ ދީނުގާ ގަދަޔަށް ހިފަހަށްޓާށެވެ. އިސްލާމްދީނުގައި ތިކަނބަލުންވަނީ މާތްކުރައްވާ މަތިވެރި ކުރައްވާފައެވެ. ތިބާ ދާންވީ ތެދުމަގު މިދީނުގައިވަނީ ދައްކަވާ ދެއްވާފައެވެ. ސާފުސީދާ ތެދުމަގު އޮއްވާ، ވޭންދެނިވި އަޒާބާއި ބިރުވެރިކަމުން ފުރިގެންވާ ކަތި މަގެއް ތިބާ ހިނގުމަށްޓަކައި ޙިޔާރު ކުރަނީހެއްޔެވެ؟ ތިޔަހެން ނުހައްދަވާށެވެ! އިސްލާމްދީނުގައި ތިބާއަށް ޙާއްސަކުރެވިފައިވާ މަތިވެރި މަޤާމާމެދު ވިސްނަވާށެވެ.

އޭ އުޚްތާއެވެ. އަންހެން ދަރިއެއްގެ ހައިޞިއްޔަތުން ތިބާވަނީ އިސްލާމްދީނުގައި މާތް ކުރައްވާފައެވެ. ރަސޫލުﷲ ޞައްލަﷲ ޢލައިހި ވަސައްލަމަގެ ޙަދީސްފުޅެއްގެ މާނާގައި ވެއެވެ. “ދެއަންހެންކުދިން ބާލިޣުވުމަށްދާންދެން ޚަރަދުކޮށް ބަލަހައްޓައިފިމީހާ ގިޔާމަތް ދުވަހުން ވާހުށީތިމަންކަލޭގެފާނާއި މިހާ ހިސާބުގައެވެ. މިހެން ޙަދީޘް ކުރައްވާއެކަލޭގެފާނުގެ އިނގިލިފުޅުތައް ލަންބަވައިލެއްވިއެވެ.”

މީގެ އިތުރުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އެހެން ޙަދީސްފުޅެއްގެ މާނާގައި ވެއެވެ.

“ތިން އަންހެންދަރިންލިބި، އެކުދިންގެތަރްބިއްޔަތުގެ ކަންތަކުގައި ކެތްތެރިވެ، އެކުދިންނަށް ކާންދީ، އަންނައުނުހޯދައިދީ ހަދައިފިމީހާ ދަންނާށެވެ. އޭނާގެ އެޢަމަލު ގިޔާމަތް ދުވަހުންނަރަކައިގެ ހުރަހަކަށް ވާހުއްޓެވެ.”

އެހެންކަމުން އިސްލާމް ދީނުގައިވަނީ އަންހެން ކުއްޖަކު ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަށް ބާރުއެޅުމުގެ ގޮތުން އެކަމަށްޓަކައި ގިނަގުނަ ދަރުމައާއި ސާވަބު ހަމަޖައްސަވާ ދެއްވާފައެވެ.

އޭ އުޚުތާއެވެ. އަނބިމީހާގެ ހައިޞިއްޔަތުން ތިބާވަނީ އިސްލާމްދީނުގައި މާތް ކުރައްވާފައެވެ. އަދި ތިކަނބަލުންނީ ގޭގެ އޮޅި ކަމުގައި ލެއްވެވިއެވެ. ހަމައެއާއެކު ތިބާއަށް ހެޔޮކޮށް ހިއްތެވުމަށް ތިބާގެ ފިރިމީހާއަށް އަމުރުކުރެވިގެން ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢލައިހި ވަސައްލަމަ ޙަދީސް ކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައި ވެއެވެ. “ތިޔަބައިމީހުންގެ އަނބިންނާއި މެދުގައި ހެޔޮކޮށްހިތުމަށް ވަޞިއްޔަތް ކުރައްވަމެވެ.” އަދިވެސް އެކަލޭގެފާނުގެ އެހެން ޙަދީސްފުޅެއްގެ މާނާގައި ވެއެވެ. “ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮ މީހަކީ އަނބީންނަށް ހެޔޮ މީހާއެވެ. ތިމަންކަލޭގެފާނަކީ ތިމަންކަލޭގެފާނުގެއަނބީންނަށް އެންމެ ހެޔޮ މީހާ އެވެ.” މީގެ އިތުރުންވެސް ކީރިތި ޤުރުއާނުގެ މޫރިތިވި އެތައް އާޔަތްތަކެއްގައި އަނބިންނަށް ހެޔޮކޮށް ހިތުމަށާއި އެކަނބަލުންގެ ޙައްޤު ތަކަށް ރައްކާތެރިވުމަށް، 7 އުޑުގެ މަތިން ﷲ ތަޢާލާވަނީ އަމުރުކުރައްވާފަ އެވެ.

އޭ އުޚުތާއެވެ. މަންމައެއްގެ ޙައިޞިއްޔަތުން ތިބާ މާތްކުރައްވައިތިބާއަށް ކިޔަމަންތެރިކަން އަދާކޮށް، ހެޔޮކޮށްހިތާ އިހުސާންތެރިވުމަށް ﷲ ވަނީ މީސްތަކުންނަށް އަމުރުކުރައްވާފަ އެވެ. ތިބާގެ ރުހުން ލިބުމަކީ ﷲ ގެ ރުހުން ލިބުމުގެ މަތިވެރި ސަބަބެއް ކަމުގައި ލައްވަވައި ކަމަނާގެ ފައިތަލަދަށުން ސުވަރުގެ ލައްވާފައި އެވަނީ ތިބާއަށް އިސްލާމްދީނުގައި ދެވިފައިވާ މަތިވެރި ދަރަޖައިގެ ސަބަބުންނެވެ.

އަލްއިސްރާ ސޫރަތުގެ 23 އަދި 24 ވަނަ އާޔަތުގެ މާނާގައި ވަނީ މިފަދައިންނެވެ.

“އެކަލާނގެއަށްމެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށާއި، މައިންބަފައިންނަށްހެޔޮކޮށް ހިތުމަށް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަނޑައަޅުއްވައިއެންގެވިއެވެ. އެ ދެމީހުންކުރެ އެކަކު، ނުވަތަ އެ ދެމީހުން ތިބާގެގާތުގައިތިބެ، މުސްކުޅިކަމާ ހަމަޔަށް ފޯރައްޖެނަމަ، އެދެމީހުންނަށް أُفވެސްނުބުނާށެވެ! (އެބަހީ: ނުރުހުމުގެ ކިތަންމެ ކުޑަ ބަހެއްވިޔަސް ނުބުނާށެވެ!)އަދި އެ ދެމީހުންނަށް، އަޑުލައި ނުހަދާށެވެ! އަދި މާތް ބަހަކުން އެދެމީހުންނަށް ބަސްބުނާށެވެ! އަދި އޯގާވެރިވުމުގެގޮތުން، ނިކަމެތިކަމުގެފިޔަ، ތިބާ އެ ދެމީހުންނަށްޓަކައި ތިރިކޮށްލާށެވެ! އަދި ބުނާށެވެ! އަޅުގެވެރިރަސްކަލާކޯއެވެ! ކުޑަކުއްޖަކު ކަމުގައި މިއަޅާވީދުވަހު، އެދެމީހުންމިއަޅާ ބަލައިބޮޑުކުރި ފަދައިން، އެ ދެމީހުންނަށް ރަޙުމަތް ލައްވައިފާނދޭވެ!”

މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާރަޟިޔަﷲ ޢަންހު ރިވާ ކުރެއްވިޙަދީޘެއްގެ މާނާގައި ވެއެވެ. “ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިހަށް މީހަކު އައިސްދެންނެވިއެވެ. “ﷲ ގެ ރަސޫލާއެވެ.މީސްތަކުންގެ ތެރެއިން ތިމަންނާ އެންމެ ހެޔޮކޮށް ހިތަން ޖެހެނީކާކަށްތޯއެވެ؟” ޙަދީޘްފުޅު ކުރެއްވިއެވެ. “ކަލޭގެ މަންމަ އަށެވެ.” އޭނާދެންނެވިއެވެ. “ދެން ކާކަށްތޯއެވެ؟” ޙަދީޘްފުޅު ކުރެއްވިއެވެ. “ކަލޭގެ މަންމައަށެވެ.” އޭނާ ދެންނެވިއެވެ. “ދެން ކާކަށްތޯއެވެ؟” ޙަދީޘްފުޅު ކުރެއްވިއެވެ. “ކަލޭގެ މަންމަ އަށެވެ.” އޭނާ ދެންނެވިއެވެ. “ދެން ކާކަށްތޯއެވެ؟” ޙަދީޘްފުޅުކުރެއްވިއެވެ. “ކަލޭގެ ބައްޕަ އަށެވެ.”

އޭ އުޚުތާއެވެ. މިއީ އާދައިގެ ފަރާތެއްގެ ބަސްފުޅުތަކެއް ނޫނެވެ. މިއީ، އެފަރާތަކަށް އަޅުކަންކުރުން އެންމެ ހެޔޮކަންބޮޑު ﷲ ތަޢާލާގެ ވަހީގެ ބަސްފުޅުތަކެވެ. އަދި ނަބީކަން ޙަތިމުކުރެއްވި ރަސޫލާ މުޙައްމަދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ހަދީސްފުޅު ތަކެވެ.

ވީއިރު ތިބާ ޙިޔާރުކުރާނީ ކޮން މަގެއް ހެއްޔެވެ؟ ހަމަކަށަވަރުން ވިސްނާ ފިކުރުކޮށްފި މީހާ ތެދުމަގު ޙިޔާރުކުރާނެއެވެ. އެހެނީ އަލުން ދިރުއްވުމަށްފަހު ތިބާ ކުޅަ ހުރިހާ ޢަމަލެއްގެ ހިސާބުބެލުން ވެއެވެ. އަލުން ދިރުއްވާނީ މަރުވުމަށް ފަހުގައެވެ. އަޅުތަކުންނަށް އޮތީ މަރުވުމުގެ ކުރިން މަރަށް ތައްޔާރުވުމެވެ. ﷲ ހަޟުރަތަށް ދިއުމަށްޓަކައި ދަތުރުހަދައި ތައްޔާރަށް ތިބުމެވެ. ކާމިޔާބާއި ނަސީބު ލިބޭނީ އޭރުންނެވެ.

ޚިޔާލު ފައުޅުކުރުން

ވަރަށް ފުރިހަމަ