“صَبْرُ” މި ލަފުޒުގެ މާނައަކީ ކެތްތެރިކަމެވެ. ކީރިތި ޤުރްއާނުގެ ވަރަށް ގިނަ އާޔަތުގައި صَبْرُ މިލަޒް ކެތްތެރިކަމުގެ މާނާގައި އައިސްފައިވެއެވެ. މާތް ﷲ ވަހީ ކުރައްވާފައިވެއެވެ.
يَا أَيُّهَا الَّذِينَ آمَنُوا اسْتَعِينُوا بِالصَّبْرِ وَالصَّلَاةِ ۚ إِنَّ اللَّهَ مَعَ الصَّابِرِينَ (٢:١٥٣)
މާނައީ: “އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ކެތްތެރިކަމާއި ނަމާދުން ތިޔަބައިމީހުން ވާގި އެދޭށެވެ! ހަމަކަށަވަރުން اللَّه ވޮޑިގެންވަނީ ކެތްތެރިންނާ އެކުގައެވެ.”
ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވައިފައިވާ ގޮތުގައި “ކެތްތެރިކަމަކީ އީމާންކަމުގެ ދެބައިކުޅަ އެއްބައެވެ.”
މާތް ﷲ ފޮނުއްފި ހުރިހާ ނަބީބޭކަލުންނާއި ރަސޫލުބޭކަލުންވަނީ މިސިފައިން ޖަރީކުރައްވާފައެވެ. އަދި މިރީތި ސިފަ އެންމެހާ މުސްލިމުންގެ ކިބައިގައި ހުރުމަށް ﷲ ލޯބިވެވޮޑިގަންނަވައެވެ.
ކެތްތެރިކަމަކީ ހަވާނަފްސާއި ޝައިޠާނީ ގޮވުންތަކަށް އިޖާބަދިނުމަކާނުލައި، ޙައްޤުގޮތުގައި ސާބިތުވުމެވެ. ﷲ ތަޢާލާ ވަހީ ކުރައްވާފައިވެއެވެ.
إِنَّ الْإِنسَانَ لَفِي خُسْرٍ ﴿٢﴾ إِلَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَتَوَاصَوْا بِالْحَقِّ وَتَوَاصَوْا بِالصَّبْرِ ﴿٣﴾
މާނައީ: “ހަމަކަށަވަރުން، އިންސާނާ ވަނީ، ގެއްލުމެއްގައިކަން ކަށަވަރެވެ. إيمان ވެ صالح عمل ތައްކޮށް، އަދި އެކަކު އަނެކަކަށް حق އަށް وصية ކޮށް، އަދި އެކަކު އަނެކަކަށް ކެތްތެރިވުމަށް وصية ކޮށްއުޅުނު މީހުން މެނުވީއެވެ.”
ކެތްތެރިކަން ތަފާތު އެކިބައިބަޔަށް ބަހާލެވިދާނެއެވެ. އެގޮތުން، މުސީބާތްތަކަށް ކެތްކުރުމާއި، ނިޢުމަތުގެ ވަގުތުގައި ކެތްކުރުމާއި، ކުރާ އަޅުކަންތަކާއި ކަންކަމުގައި ކެތްތެރިވުމެވެ.
މުސީބާތްތަކަށް ކެތްކުރުމަކީ އެމީހަކާ ކުރިމަތިވާ އެންމެހާ ދަތި އުނދަގޫ ކަންތައް ތަކުގައި މާތް ﷲ އާއި ވަކީލުކޮށް، އެކަންތަތައް ހިނގަނީ ﷲ ގެ ގަޟާގަދަރުގެ ދަށުންކަމަށް އީމާންވެ އެކަމުގެ އުނދަގޫތަކުން ދުރުވެ ހިތް ސާފުކޮށް ގަތުމެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ދުނިޔެއަށް ވަޑައިގަތުމުގެ ކުރިން އެކަލޭގެފާނުގެ ބައްޕާފުޅު ނިޔާވެއްޖެއެވެ. އަދި އުމުރުފުޅުން މާގިނަދުވަހެއް ނުވަނީސް މަންމާފުޅުވެސް އަވަހާރަވެއްޖެއެވެ. އަދި ހަމަ އެހާމެ ތުއްޕުޅުއިރު ކާފާފުޅުވެސް އަވަހާރަވެއްޖެއެވެ. އަދި އެއަށްފަހު ރަސޫލުކަމުގެ އެންމެ ދަތި ދުވަސްވަރު، އެކަލޭގެފާނަށް ހިމާޔަތްދެއްވަމުންގެންދެވި ބޮޑުބޭބެ އަބޫޠާލިބުގެފާނާއި އަނބިކަނބަލުން ޚަދީއްޖަތުގެފާނުވެސް އަވަހާރަވެއްޖެއެވެ. ނަމަވެސް މިހުރިހައި މުސީބާތަކަށް އެކަލޭގެފާނު ކެތްކުރެއްވިއެވެ. އަދި ﷲގެ ދީންފެތުރެއްވުމުގައި ފަސްޖެހުމެއްނެތި ކެއްތެރިކަމާއެކު ކުރިއަށް ވަޑައިގެންނެވިއެވެ.
އެއަށްފަހު، ދީނަށް އުޅުމުގެ ސަބަބުން ދިމާވާ ތަފާތުއެކިއެކި މުސީބާތްތަކަށް ކެތްތެރިވުމަކީ ސުވަރުގޭގެ ދާޢިމީ ނިޢުމަތް ލިބުމަށް މަގުފަހިވާނެ ކަމެކެވެ. ކީރިތި ޤުރުއާނުގައި ﷲ ދެއްވާފައި ވެއެވެ.
وَجَزَاهُم بِمَا صَبَرُوا جَنَّةً وَحَرِيرًا (٧٦:١٢)
މާނަ: “އެއުރެން ކެތްތެރިވިކަމަށްޓަކައި، ޖަޒާއެއްގެ ގޮތުގައި އެއުރެންނަށް ސުވަރުގެއާއި، ފަށުއި ފޭރާން ދެއްވިއެވެ.”
އިސްލާމްދީނަށް އުޅުމުގެ ސަބަބުން އެކިދުވަސްވަރު އެކިއެކި ބޭފުޅުންނަށް ތަފާތުއެކިއެކި އިމްތިހާނުތަކާ ކުރިމަތިވެފައި އެބަހުއްޓެވެ. އެގޮތުން މައްކާދައުރުގައި އައްމާރުބިން ޔާސިރުގެ މަންމަ ސުމައްޔާއަށް މައްކާގެ މުޝްރިކުން ކުރިމަތިކުރި ވޭންދެނިވި އަނިޔާތަކަށް ކެތްތެރިވެ ވަޑައިގެން އިސްލާމް ދީނުގައި ސާބިތުވެ ވަޑައިގެންހުންނެވިއެވެ. އެންމެފަހުން އެކަމަނާ ދީން ދީންދޫނުކޮށްލުމުން މައްކާގެ މުޝްރިކުން އެކަމަނާ ޝަހީދުކޮށްލެއްވީއެވެ.
އަދި ފިރުޢައުނުގެ އަނބިކަނބަލުން އާސިޔަތުގެފާނުގެ ކެތްތެރިކަމަކީވެސް އަޅުގަނޑުމެންނަށްވާ ނަމޫނާއެކެވެ. އެގޮތުން ފިރުޢައުނަށް އަޅުކަންނުކޮށް ﷲއަށް އަޅުކަންކުރާތީ، ފިރުޢައުނުގެ ފަރާތުން އެކަމަނާއަށް ކުރިމަތިކުރި އެންމެހާ އަނިޔާތަކަށް އެކަމަނާ ކެތްތެރިވެވަޑައިގަތެވެ. އެއަނިޔާގައި އެކަމަނާގެ ފުރާނަފުޅާއި ހަށިގަނޑާއި ވަކިވެގެންދިޔައިރުވެސް އެކަމަނާގެ ކެތްތެރިކަން ކޮޅަކުން ނުލިއެވެ. އެހެންވެ ކީރިތި ޤުރުއާނުގައި ﷲވަނީ އާސިޔަތުގެފާނަކީ، އަޅުގަނޑުމެންނަށްވާ ނަމޫނާއއެއްކަމުގައި އަންގަވާފައެވެ.
ފާފަތަކަށް ކެތްތެރިވުމަކީ މުސީބާތުގެ ވަގުތުގައި ކެތްކުރުމަށްވުރެ ދަތިއުނދަގޫ ކަމެކެވެ. ސަބަބަކީ، މުސީބާތުގައިވާ މީހާއަށް ކެތްކުރުން ނޫންގޮތެއް ނެތީމައެވެ. އޭނާއަށްވަނީ ކެތްކުރަން މަޖުބޫރުވެފައެވެ. ނަމަވެސް، މުސީބާތެއް ނުޖެހި ފާފައެއް ކުރެވޭނެ މަގުފަހިވެފައިވާ މީހާ، އެކަމަށް ކެތްތެރިވެ އެފާފައިން ރައްކާތެރިވެގަތުމަކީ ވަރަށް މާތް ސިފައެކެވެ. ފާފައެއް ކުރުމަށް މަގުފަހިވާފަދަކަމެއް ދިމާވުމުން އެކަން ނުކޮށް ކެތްތެރިވެ، ﷲ ހަދުމަކޮށް އެފާފައިން ދުރުވެގަތުމަކީ ކެތްތެރިކަމުގެ މަތީ ދަރަޖައެކެވެ.
ޔޫސުފުގެފާނުގެ ވާހަކައެވެ. ހަސަބާއި ނަސަބާއި ރިތިކަމުގެ ގޮތުން އަރާހުރި އަންހެނަކު، އެއްވެސް މީހަކަށް ނޭނގޭނެހެން އެކަލޭގެފާނަށް ނުބައިކަންތަކެއް ކުރުމަށް ދަޢުވަތު ދިނެވެ. ނަމަވެސް އެކަލޭގެފާނު އެކަމަށް ކެތްކުރައްވައި ﷲ އަށް ބިރުވެތިވެވަޑައިގެން އެފާފައިން ސަލާމަތްވެވަޑައިގެންނެވިއެވެ. އެކަލޭގެފާނު އިސްކުރެއްވީ ކެތްތެރިކަމެވެ.
އަމަލުގައި ކެތްތެރިވުން ދެބަޔަކަށް ބާހާލެވިދާނެއެވެ. އެއީ އަޅުކަމާއި އެހެނިހެން މަސައްކަތެވެ. އަޅުކަމުގައި ކެތްތެރިވުމަކީ، އޭނާ ކުރާ ޢަމަލެއްގައި ސާބިތުވުމެވެ. ހަފްތާއަކު ނަމާދުކޮށްފައި ހުއްޓާލުމެއް ނޫނެވެ.
އެހެނިހެން ޢަމަލުގައި ކެތްތެރިވުމަކީ، ދިރިއުޅުމަށްޓަކައި ކުރާމަސައްކަތުގައި ކެތްތެރިވުމެވެ. މިސާލަކަށް ވަޒީފާޔަށް ބަރާބަރަށް ގަޑިނުޖެހި ދިޔުމާއި، ފަރުވާތެރިކާމާއި އަމާނާތްތެރިކަމާއިއެކު ވަޒީފާ އަދާކުރުމުގައި ކެތްތެރިވުމެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ގެ ޙަދީސްފުޅެއްގައި، ﷲ ޙަޟުރަތުގައި އެންމެ ލޯބިވެވޮޑިގެންވާ ޢަމަލަކީ، މެދުކެނޑުމެއްނެތި ސާބިތުކަމާއިއެކު ކުރެވޭ ޢަމަލުކަމުގައި އައިސްފައިވެއެވެ.
މުސްލިމުންގެ އިތުރުން ޢައިރު މުސްލިމުންވެސް ޤަބޫލުކުރާ ގޮތުގައި ކެތްތެރިކަމުގެ ސިފަޔަކީ އެއީ އިސްލާމްދީންނަށް ލިބިފައިވާ މަތިވެރި ސިފައެކެވެ. ހުޅަނގުގެ ވިސްނުންތެރިޔެއް ކަމުގައިވާ ވިލިއަމް ޕޭޓަން ލިޔުއްވައިފައި ވެއެވެ. “އިސްލާމްދީން އިންސާނިއްޔަތަށް ހަދިޔާކޮށްފައިވާ އެއް މޭވާއަކީ މީސްތަކުންގެ ކިބައިގައި އެދީން އުފައްދައިފައިވާ ވަރުގަދަ ކެތްތެރިކަމެވެ. ކެތްތެރިކަމުގެ ޙާލަތު އެބައިމީހުންގެ ކިބައިގައި އުފެދެނީ ﷲ އަށް ފުރިހަމަޔަށް ކިޔަމަންތެރިވުމުގެ ސަބަބުންނެވެ.”
ވިލިއަމް ޕޭޓަންގެ ވާހަކަފުޅަކީ ވަރަށް ބޮޑުތެދެކެވެ. އިސްލާމްދީނުގައި ކެތްތެރިކަމަށް ވަރަށް ބޮޑުއަޙުމިއްޔަތެއް ދެއްވައިފައިވެއެވެ. ކީރިތި ޤުރްއާނުގެ ވަރަށްގިނަ އާޔަތްތަކަތުގައި އެކަމަށް އިޝާރާތް ކުރައްވާފައި ވެއެވެ. މާތްﷲ ވަހީ ކުރައްވާފައިވެއެވެ.
وَأْمُرْ أَهْلَكَ بِالصَّلَاةِ وَاصْطَبِرْ عَلَيْهَا ۖ لَا نَسْأَلُكَ رِزْقًا ۖ نَّحْنُ نَرْزُقُكَ ۗ وَالْعَاقِبَةُ لِلتَّقْوَىٰ (٢٠:١٣٢)
މާނައީ: “އަދި ކަލޭގެފާނުގެ أهل ވެރިންނަށް ނަމާދުކުރުމަށް أمر ކުރައްވާށެވެ! އަދި އެކަމުގެ މައްޗަށް ކެތްތެރިވެވަޑައިގަންނަވާށެވެ! رزق ދެއްވުމަކަށް ކަލޭގެފާނުގެ ކިބަޔަކުން ތިމަންރަސްކަލާނގެ އެދިވޮޑިއެއް ނުގަންނަވަމެވެ. ކަލޭގެފާނަށް رزق ދެއްވަނީ، ތިމަންރަސްކަލާނގެއެވެ. ރަނގަޅު ނިމުންވަނީ، تقوى ވެރިންނަށެވެ.”
އެހެން އާޔަތެއްގައި ﷲ ވަހީ ކުރައްވާފައިވެއެވެ.
وَاصْبِرُوا ۚ إِنَّ اللَّهَ مَعَ الصَّابِرِينَ (٨:٤٦)
މާނައީ: “އަދި ތިޔަބައިމީހުން ކެތްތެރިވާށެވެ! ހަމަކަށަވަރުން، اللَّه ވޮޑިގެންވަނީ، ކެތްތެރިންނާ އެކުގައެވެ.”
وَمَا تَنقِمُ مِنَّا إِلَّا أَنْ آمَنَّا بِآيَاتِ رَبِّنَا لَمَّا جَاءَتْنَا ۚ رَبَّنَا أَفْرِغْ عَلَيْنَا صَبْرًا وَتَوَفَّنَا مُسْلِمِينَ (٧:١٢٦)
މާނައީ: “ތިމަންމެންގެ ކިބައިން ތިޔަބަދަލުހިފަނީ، ތިމަންމެންގެ ވެރިރަސްކަލާނގެ آية ތައް ތިމަންމެންނަށް އައުމުން، އެއަށް ތިމަންމެން إيمان ވުން ފިޔަވައި އެހެން ކަމަކަށްޓަކައެއްނޫނެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ މައްޗަށް ކެތްތެރިކަން އޮއްސަވާނދޭވެ! އަދި مسلم ން ކަމުގައި އަޅަމެން މަރުގަންނަވާނދޭވެ!”