ނަރަކައިން މުއްތިކުރެއްވުމަށް އެދޭނަމަ މާތްﷲ އަށް އީމާންވެގެންތިބެ، އެކަލާންގެ ވަޖްހުފުޅު އަދައިގެން ރަމަޟާންމަހުގައި ފަރުޟްކުރައްވާފައިވާ ރޯދަތައް ހިފުމަށް މިއަދު ހުތުބާގައި ބުނެފިއެވެ.
“ރަމަޟާން މަހަކީ ނަރަކައިން މުއްތިކުރެއްވުމުގެ މައްސަރު” މި ނަމުގައި މިއަދު ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި ދެއްވި ހުތުބާގައި ވަނީ، ނަރަކައިން މުއްތިކުރެއްވުމަށް އެދޭނަމަ މާތްﷲގެ ވަޖުހުފުޅު އަދައިގެން ރޯދަތަށް ހިފުމުގެ އިތުރުން، ވަރުގަދަ އަޒުމަކާ ސާބިތު ކަމާއެކު ﷲ އަށް ކިޔަމަންތެރިކަން އަދާކުރުމަށާއި ފާޙިޝް ޢަމަލުތަކާއި މުންކަރާތްތަކާ ދުރުހެލިވެ، ތިބާއާ ތިބާގެ އަޚުންނާއި އުޚްތުންނާއެކު ރިވެތިގޮތުގައި މުޢާމަލާތުކޮށް މުސްލިމް މުޖްތަމަޢެއް ޤައިމު ކުރުމަށް ތެދުވުމަށް ގޮވާލައި، މިމަހުގައި ގުޅުންތައް ނުކަނޑައި ގުޅުންތައް ބަދަހިކުރުމަށް ގޮވާލައިފައެވެ.
ނަރަކައިން މުއްތި ކުރައްވައިފި އަޅަކު، ނިވުމެއް ނެތި އަނދައަނދައި ހުންނަ ގަދައަލިފާނުގެ އަޛާބުން ސަލާމަތްވާނެ ކަމަށާއި، ﷲ މިވަނީ ރަޙްމަތާއި ފުއްސެވުމަޢި މުއްތި ކުރެއްއްވުމުގެ ދޮރު ހުޅުއްވާ ދެއްވައިފަ ކަން ފާހަގަ ކުރައްވާ، ނަރަކައިގެ ހޫނަށާއި ޢަޛާބަށް ކެތްކުރުމުގެ ޤާބިލުކަނެ އަޅަމެންގެ ކިބައިގެން ނެތްކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.
ރޯދަމަހުގެ ކޮންމެ ރެއަކުމެ ﷲ ނަރަކައިން މުއްތިކުރައްވާ ބަޔަކު ވާކަން ފާހަގަ ކުރައްވާ ރޯދައަށް ރައްކައުތެރިވުމަށާއި ސަބަބެއްނެތި ރޯދަ ނުހިފާ ނުހުރުމަށް ގޮވާލުމާއެކު މިއަދުގެ ހުތުބާގައި ވަނީ ތިބާއާއެކު ތިބާގެ އަހްލުންވެސް ރޯދަ ހިއްޕުމަށް ބާރުއެޅުމަށް ނަސޭހަތްތެރިވެފައެވެ.
“ﷲގެ މަގުގައި ރޯދައެއް ހިފިމީހާގެ މޫނު ނަރަކައިން ހަތްދިހަ ހަރީފުގެ މިންވަރަށް މާތްﷲ ދުރުކުރައްވާނެތެވެެ”. ކީރިތި ރަސޫލާ ހަދީސްކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ.
މިއަދުގެ ހުތުބާގައި ވަނީ، ނަރަކައިން ސަލާމަތްކޮށްދެއްވުމަށް އެދި ކޮންމެ ނަމާދެެއްގެ ފަހު އައްތަހިޔާތުގައި ދުއާދެންނެވުމަށް ނަސޭހަތްތެރިވެފައެވެ.