Banner Image Description

ސުވަރުގެ ވަނުމަށްޓަކާ އުފުލަން ޖެހޭ ތަކުލީފަކީ ނޫފުލޭ ވަރުގެ ތަކުލީފެއް ނޫން: ޝެއިހް އިލްޔާސް

ޢަބުދުﷲ ޙަމީދު

ސުވަރުގެ ވަނުމަށްޓަކާ އުފުލަން ޖެހޭ ތަކުލީފަކީ އަޅުގަނޑުމެންނަށް ނޫފުލޭ ވަރުގެ ތަކުލީފެއް ނޫން ކަމަށް ޝެއިހް އިލްޔާސް ހުސެއިން ވިދާޅުވެއްޖެ އެވެ. މިފަދައިން ޝެއިހް ވިދާޅުވެފައިވަނީ އެބޭފުޅާގެ ފޭސްބުކު އެކައުންޓް މެދުވެރިކުރައްވާ މުސްލިމް އަހުންނާއި އުހުތުންނަށް ދެއްވަމުންދާ އިރުޝާދުތަކުގެ ތެރެއިން އިއްޔެ ޕޯސްޓް ކުރެއްވި ލައިވް ވީޑިއޯ އެއްގައެވެ.

އިމާމު އަބޫ ދާއޫދު، އަބޫ ހުރައިރާ رضي الله عنه  ރިވާކުރެއްވާފައި ވާ ރަސޫލުﷲ صَلَّى اللّٰهُ عَلَيْهِ وَسَلَّمގެހަދީޘް ފުޅާ އޭގެ މާނަ ޝެއިހް ވަނީ ތަފްސީލު ކޮށްދެއްވާފައެވެ. މި ހަދީޘްގެ މާނައަށް ބައްލަވާލައްވާ ޝެއިހް ވިދާޅުވީ މިއީ އަޅުގަނޑުމެންގެ ހަޔާތަށް ވަރަށް ބޮޑެތި ފިލާވަޅު ތަކެއް ގެނެސްދޭ ވަރަށް މުހިއްމު ނަބަވީ އިރުޝާދެއް ކަމަށެވެ.   

ރަސޫލުﷲ صَلَّى اللّٰهُ عَلَيْهِ وَسَلَّمހަދީޘް ފުޅުކުރައްވަނީ ﷲ سبحانه و تعالى ސުވަރުގެ ހަލްޤުކުރައްވާ، ޖިބުރީލް އަމީނަށް ސުވަރުގެ ބައްލަވާފަ ވަޑައިގަތުމަށް ވަހީކުރެއްވި އެވެ. ޖިބުރީލް އަމީން ސުވަރުގެ ބައްލަވާފަ ވަޑައިގެން ވިދާޅުވަނީ އިބަ އިލާހުގެ ޒާތު ފުޅު ގަންދެއްވާ ވިދާޅުވަމޭ، އެ ސުވަރުގޭގެ ވާހަކަ އަޑު އިވިއްޖެނަމަ އެ އަޑުއިވޭ ކޮންމެ މީހަކު އެތަނަށް ވަންނާނެއެވެ. ހަދީޘް ގައި ވަނީ ދެން އެއަށް ފަހު ﷲ سبحانه و تعالى ކުޑަކުޑަ ބަދަލެއް ގެންނަވާ ހިތް ނޭދޭ ކަންތައްތަކުން ސުވަރުގެ ވަށާލެއްވި އެވެ.  ޢިލްމު ވެރިން ވާގޮތުން ހިތް ނޭދޭ ކަންތައްތަށް ކަމަށް އެ އޮންނަ ބަހުގެ މާނަ އަކީ، ޝަރީއަތުގައި ވާ ތަކުލީފުތައް ކަމަށް ވިދާޅުވެ، ޝެއިހް ވިދާޅުވީ އެއީ ފަރުޟު ފަސް ނަމާދު، ރޯދަ، ޒަކާތް ފަދަ ތަކުލީފުތައް ފަދަ ހިތް ނޭދޭ ކަންތައްތައް ސުވަރުގެ ވަށާލެއްވި ލެއްވުން ކަމެވެ.  އެއަށްފަހު ޖިބުރީލް އަމީނަށް ސުވަރުގެ ބައްލަވާފަ ވަޑައިގަތުމަށް ދެވަނަ ފަހަރަށް ވަހީކުރެއްވި އެވެ. ޖިބުރީލް އަމީން ސުވަރުގެ ބައްލަވާފަ ވަޑައިގެން ވިދާޅުވަނީ އިބަ އިލާހުގެ ޒާތު ފުޅު ގަންދީ ހުވާކޮށްފައި ބުނަމޭ މިހާރު ތިމަންނަ ބިރުފުޅުގެން ވަޑައިގެންފިއޭ، ދެން އެކަކަށްވެސް އެތަނަށް ނުވަދެވޭނެއޭ.

އެއަށްފަހު ﷲ سبحانه و تعالى ނަރަކަ ހަލްޤު ކުރައްވާ ޖިބުރީލް އަމީނަށް ނަރަކަ ބައްލަވާފަ ވަޑައިގަތުމަށް ވަހީކުރެއްވި އެވެ. ޖިބުރީލް އަމީން ވަޑައިގެން ވިދާޅުވަނީ އިބަ އިލާހުގެ ޒާތު ފުޅު ގަންދީ ހުވާކޮށްފައި ބުނަމޭ އެ ނަރަކައިގެ ވާހަކަ އަޑު އިވިއްޖެ ކަމަށް ވަނީނަމަ، އެކަކުވެސް އެތަނަށް ނުވަންނޭ އެވެ. އެންމެން އެތަނުން ސަލާމަތް ވާނެއެވެ. ދެން އެއަށް ފަހު ﷲ ކުޑަކުޑަ ބަދަލެއް ގެންނަވާ ހިތް އެދޭ ކަންތައްތަކުން ނަރަކަ ވަށާލެއްވި އެވެ. އެއަށްފަހު ޖިބުރީލް އަމީނަށް އަދި އެއްފަހަރު ނަރަކަ ބައްލަވާފަ ވަޑައިގަތުމަށް ވަހީކުރެއްވި އެވެ. ޖިބުރީލް އަމީން ނަރަކަ ބައްލަވާ ވަޑައިގެން ވިދާޅުވަނީ އިބަ އިލާހުގެ ޒާތު ފުޅު ގަންދީ ހުވާކޮށް ބުނަމޭ މިހާރު ތިމަންނަ ބިރުފުޅުގެން ވަޑައިގެންފިއޭ، އެކަކުވެސް ސަލާމަތް ނުވާނޭ، އެންމެން ވަންނާނީ އެތަނަށޭ.

މުސްލިމް އަހުންނާއި އުހުތުންނަށް ޝެއިލް އިލްޔާސްގެ އިރުޝާދުގައި ނަސޭހަތްތެރިވަމުން ވިދާޅުވެފައި ވަނީ ސުވަރުގެ ދިއުމަށްޓަކާ ކުޑަކުޑަ ތަކުލީފެއް އުފުލަން އެބަޖެހޭ ކަމަށާ އެއީ އަޅުގަނޑުމެންނަށް ނޫފުލެވޭ ވަރުގެ ތަކުލީފެއް ނޫން ކަމަށެވެ. އެތަކުލީފު އުފުލާފި ނަމަ އަޅުގަނޑުމެންނަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް ލިބިގެން ދާކަމަށާއި ހިތް އެދޭ ކަންތައްތަކުން ނަރަކަ ވަށާލާފައި ވާއިރު ހިތް އެދޭ ކަންތައްތަކާ ހިލާފުވެ ﷲގެ ރުއްސެވުމާއި ފުއްސެވުން ލިބިގަތުމަށް އިސްކަންދީފި ނަމަ އެމީހަކަށް ނަރަކައިން ސަލާމަތްކަން ލިބޭނެ ކަމަށެވެ.

ފޭސްބުކު ވީޑީއޯ: