މާތްރަސްކަލާނގެ އިރާދަކުރައްވާ ކޮންމެ އެއްޗެއް މާތް ކުރައްވާ ޚިޔާރުކުރައްވަވައެވެ. އެގޮތުން، މާދަމާއަކީ އެކަލާނގެ މާތް ކުރެއްވި ދުވަސްތަކުގެ ތެރެއިން ދުވަހެކެވެ. އެއީ މާތްވެގެންވާ އަރަފާތު ދުވަހެވެ. މަތިވެރިވެގެންވާ ހައްޖު ދުވަހެވެ. ހައްޖުމަހުގެ 9ވަަނަ ދުވަހެވެ. މި ދުވަސް އަންނަނީ މާތްރަސްކަލާނގެ ޙުރްމަތްތެރިކުރައްވާފައިވާ މައްސަރުތަކުގެ ތެރެއިން އެންމެ ލޮބުވެތިކަން ބޮޑު ހައްޖު މަހުއެވެ. ހަމައެހެންމެ، އެކަލާނގެ ދުނިޔޭގައި ލެއްވި އެންމެ މާތް ދިހަ ދުވަސް ކަމަށްވާ މިމަހުގެ ފުރަތަމަ ދިހަ ދުވަހުގެ ތެރޭގައިވެސް އަރަފާތު ދުވަސް ހިމެނެއެވެ. ހަމަމިއާއެކު، މިދުވަހުގެ މާތްކަމަށްޓަކައި މާތްރަސްކަލާނގެވަނީ މިދުވަސް ގަންދެއްވައި ހުވާކުރައްވާފައެވެ. އެހެންކަމުން، މާދަމާވެގެންދާނީ ބޮޑު ދުވަހަކަށެވެ.
މާދަމާއަކީ ދުއާ އިޖާބަކުރައްވާ ދުވަހެކެވެ. ހަމައެހެންމެ، މަލާއިކަތުންގެ އަރިހުގައި މާތް ރަސްކަލާނގެ ފަޚުރުވެރިވެވޮޑިގަންނަވާ ދުވަހަކީވެސް މާދަމާއެވެ.(1) މީގެއިތުރުން، އެކަލާނގެވަނީ އެހެން ދުވަސްތަކުގެ މައްޗަށް މާތް ކުރައްވާފައިވާ ދުވަހެއްގެ ގޮތުގައި ހައްޖު ދުވަސް ލައްވައިފައެވެ. ހަމައެއާއެކު، މާދަމާއަކީ ނަރަކައިން މުއްތިކުރައްވާ ފާފަފުއްސެވުމުގެ ދުވަސްމެއެވެ.(2) އޭގެއިތުރުން، މާތް ވެގެންވާ އިސްލާމްދީނާއި އަޅުތަކުންނަށްޓަކައި އެކަލާނގެ ނިއުމަތް ފުރިހަމަ ކުރެއްވި ދުވަހަކީވެސް ހަމަ މާދަމާއެވެ.(3) އެހެންކަމުން، މާދަމާއަށް ތައްޔާރުވުން ނުހަނު މުހިންމެވެ.
އަރަފާތު ދުވަހަކީ ހަމައެކަނި ހައްޖުވެރިންނަށް ޚާއްސަ ދުވަހެއް ނޫނެވެ. ދީލަތިވަންތަ ރަސްކަލާނގެވަނީ އެންމެންނަށްވެސް އެ ދުވަހުގެ ހެޔޮ ކަމުގައި ބައިވެރިވެވޭނެ ގޮތް ތަނަވަސްކުރައްވައިފައެވެ. އެގޮތުން، މާދަމާ ރޯދައަށް ހުރުމަކީ ހައްޖާޖީން ނޫން މީހުންނަށް ސުންނަތެކެވެ. މާދަމާގެ ރޯދައަކީ ދެ އަހަރު ދުވަހުގެ ކައްފާރާއެކެވެ. މާތް ﷲ ރުއްސުންލެއްވި އަބޫ ޤަތާދާގެ އަރިހުން ރިވާވެގެންވެއެވެ. މާތް ނަބިއްޔާ ޞައްލައް ﷲ ޢަލައިހި ވަސައްލަމް ގެ އަރިހުގައި ޢަރަފާތް ދުވަހުގެ ރޯދައާއި ބެހޭގޮތުން ސުވާލު ކުރުވުމުން، ޙަދީޘްކުރެއްވިއެވެ. “يكفر السنة الماضية والسنة القابلة” (رواه مسلم) މާނައީ: “ފާއިތުވެ ދިޔަ އަހަރާއި އަންނަން އޮތް އަހަރުގެ ކައްފާރާއެއްކަމުގައި އެރޯދަ ވެއެވެ.”
ހައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގައި ކުރުން އިތުރުވެގެންވާ ހެޔޮ ޢަމަލުތަކުގެ ތެރޭގައި ﷲއަށް ޒިކުރު ކުރުން ހިމެނެއެވެ. އެހެންކަމުން، މާދަމާ ޒިކުރު ކުރުން ގިނަ ކުރުމީ ނުހަނު މަންފާ ހުރި ކަމަކަށްވާނެއެވެ. ސަބަބުތައް ބައިވަރެވެ. މިގޮތުން، މާތްރަސްކަލާނގެ ހަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ބަހަކީ ޒިކުރެވެ. އޭގެއިތުރުން، މިއީ ދުނިޔެއާއި އާޚިރަތުގައި މިކަމުގެ ސަބަބުން ސަލާމަތްކަން ލިބޭނެ ކަމެކެވެ. ހަމައެހެންމެ، ޒިކުރު ކުރާ މީހާ ކުފްރުގެ ނުބައި އަނދަވަޅަށް ވެއްޓުމުންނާއި ޝައިޠާނާގެ މަޅީގައި ޖެހުމުންނާއި ނަރަކައިގެ ގިނިހިލަތަކުގެ ފިހުމުން ރައްކައުތެރި ކޮށްދެއްވާނެއެވެ. ހަމަމިއާއެކު، ޒިކުރު ކުރާ މީހާގެ މައްޗަށް މާތްރަސްކަލާނގެ ރަޙުމަތާއި މަލާއިކަތުންގެ ހެޔޮ ދުއާ ލިބިގެންވާނެތެވެ. ޒިކުރުގެ ތެރޭގައި (سبحان الله, ولحمد لله, ولا إله إلا الله, والله أكبر) މި ކަލިމަތައް ހިމެނެއެވެ.
ހަގީގީ މުސްލިމުންނަކީ އަމަލުތަކާއި ވަގުތުތަކުގައި ﷲގެ ބަރަކާތާއި ފުއްސެވުމަށް އެދި އުޅޭ ބައެކެވެ. އެކަލާނގެ ރުއްސެވުމުގެ ތެރޭގައި ދިރިއުޅޭ ބައެކެވެ. އެކަލާނގެ ހަޟްރަތުން އުއްމީދުކުރާ ބައެކެވެ. އެކަލާނގެއަށް ފުރިހަމައަށް ވަކީލުކުރާ ބައެކެވެ. އެކަލާނގެ ރަހުމަތުން ދެއްވާފައިވާ މިފަދަ އަގުހުރި ފުރުސަތުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފާ ބައެކެވެ. އަޅުކަން ކުރުމުގައި ވާދަކޮށް ކުރިއަރައިދާން މަސައްކަތް ކުރާ ބައެކެވެ. އެހެންކަމުން، އަހަރެެމެން އެންމެންނަކީވެސް ހަގީގީ މުސްލިމުންނަށް ވަމާ ހިނގާށެވެ.
ކިޔާލަން…
(1) އަރަފާތުގެ އަހުލުވެރިންނާމެދު ފަޚުރުވެރިވެ ވޮޑިގަންނަވާ ދުވަހެވެ.
(2) ފާފަ ފުއްސެވުމާއި ނަރަކައިން މުއްތިކުރެއްވުމުގެ ދުވަހެވެ.
ޞަޙީޙު މުސްލިމުގައި އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔައް ﷲ ޢަންހާގެ އަރިހުން ރިވާވެގެންވެއެވެ. ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ما من يوم أكثر من أن يعتق الله فيه عبدأ من النار من يوم عرفة، وإنه ليدنو ثم يباهي بهم الملائكة فيقول: ما أراد هؤلاء؟” މާނައީ: “ޢަރަފާތްދުވަހަށްވުރެ ގިނައިން އަޅުތަކުން ނަރަކައިން މުއްތިކުރައްވާ ދުވަހެއް ދުވަސްތަކުގެ ތެރޭގައި ނުވެއެވެ. އެދުވަހުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ކުއްތަންވެވޮޑިގެން އެކަލާނގެ މަލާއިކަތުންނަށް ޢަރަފާތުގެ އަހުލުވެރިންނާމެދު އެކަލާނގެ ފަޚުރުވެވޮޑިގަންނަވާނެތެވެ. އަދި ވަޙީކުރައްވާނެތެވެ. އެމީހުން ބޭނުންވަނީ ކޮންކަމެއް ހެއްޔެވެ؟”
އަދިވެސް އިބްނު ޢުމަރު ރަޟިޔައް ﷲ ޢަންހުމާގެ އަރިހުން ރިވާވެގެންވެއެވެ. މާތް ނަބިއްޔާ ޞައްލައް ﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވާފައިވެއެވެ. “إن الله تعالى يباهي ملائكته عشية عرفة بأهل عرفة، فيقول: انظروا إلى عبادي، أتوني شعثا غبراً” (رواه أحمد وصححه الألباني) މާނައީ: “ޢަރަފާތް ދުވަހުގެ ހަވީރުގެ ވަގުތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ އެކަލާނގެ މަލާއިކަތުންނަށް ޢަރަފާތުގެ އަހުލުވެރިންނާމެދު ފަޚުރުވެވޮޑިގަންނަވާނެތެވެ. އަދި ވަޙީކުރައްވާނެތެވެ. ތިމަންރަސްކަލާނގެ އަޅުތަކުންނަށް ބައްލަވާށެވެ. އެބައިމީހުން ތިމަން ރަސްކަލާނގެ ޙަޟުރަތަށް އައިސްފައި އެވަނީ ބޯހޭވި ހިރަފުސްވެފައިވާ ޙާލުގައެވެ.”
(3) މާތް ވެގެންވާ އިސްލާމްދީނާއި އަޅުތަކުންނަށްޓަކައި އެކަލާނގެ ނިއުމަތް ފުރިހަމަ ކުރެއްވި ދުވަހެވެ.
އައްޞަޙީޞައިނީގައި މަތް ﷲ ރުއްސުންލެއްވި ޢުމަރު ބުނުލް ޚައްޠާބުގެ އަރިހުން ރިވާވެގެންވެއެވެ. ޔަހޫދީންގެ ތެރެއިން މީހަކު އެކަލޭގެފާނަށް ދެންނެވިއެވެ. އޭ އަމީރުލް މުއުމިނީންނޭވެ! ކީރިތި ޤުރްއާނުގެ އާޔަތްތަކުގެ ތެރެއިން ތިޔަބައިމީހުން ކިޔަވައި އުޅޭ އާޔަތެއްވެއެވެ. އެއާޔަތް އަހަރުމެން ޔަހޫދީންގެ މައްޗަށް ބާވައިލެއްވުނު ނަމަ، އެއާޔަތް ބާވައިލެއްވުނު ދުވަހަކީ ޢީދު ދުވަހެއް ކަމުގައި ހެދީމުހެވެ. ޢުމަރުގެ ފާނު ވިދާޅުވިއެވެ. އެއީ ކޮން އާޔަތެއް ހެއްޔެވެ؟ އޭނާ ދެންނެވިއެވެ. އެއާޔަތަކީ “الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الإسْلامَ دِينًا” (المائدة: 3) މި އާޔަތެވެ. މާނައީ: “މިއަދު، ތިޔަބައިމީހުންގެ ދީން، ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިމަންރަސްކަލާނގެ ނިޢުމަތް، ތިޔަބައިމީހުންގެ މައްޗަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި އިސްލާމްދީން ތިޔަބައިމީހުންނަަށް ދީނެއް ކަމުގައި، ތިމަންރަސްކަލާނގެ ރުހިވޮޑިގެންފީމެވެ.” ޢުމަރުގެފާނު ވިދާޅުވިއެވެ. ތިމަންމެނަށް އެއާޔަތް ބާވައިލެއްވުނު ދުވަހާއި ތަން އެނގެއެވެ. އެދުވަހަކީ ހުކުރު ދުވަހެކެވެ. އެ އާޔަތް ބާވައިލެއްވުނީ ސަލަމާއި ޞަލަވާތްލެއްވި މާތް ނަބިއްޔާ ޢަރަފާތުގެ ބިމުގައި ހުންނަވަނިކޮށެވެ.
ދުއާއަކީ، މާތްރަސްކަލާނގެ ހައްޖުވެރީންނާއި ހައްޖުވެރީން ނޫން މީހުންނަށްވެސް މި މާތް މަތިވެރި ދުވަހުގެ ހެޔޮ ދަރުމައާއި ސަވާބު ލިބޭނެ މަގު ތަނަވަސްކޮށްދެއްވުމެވެ.