ބަރަކާތްތެރި ރަމަޟާން މަހުގައި އިތުރު އެކަލޭގެ ފާނުން، އަމަލުފުޅުތަށް ބެހެއްޓެވީ ކިހިނެއްތޯ ހޯދާ ބަލައި އެގޮތުގެ މަތީން އަމަލު ކުރެވޭތޯ ބެލުމަކީ އަޅުގަނޑުމެންނަށް ރަމަޟާން މަހުގެ ލާބަޔާއި މަންފާ އެންމެ ހެޔޮގޮތުގައި ލިބިގެނެވޭނޭ މަގު ކަމާއި މެދު އެއްވެސް ޝައްކެއް ނެތެވެ. އެގޮތުން މި ބަލާލަނީ ރަމަޟާން މަހުގައި އިތުރު އެކަލޭގެފާނުން އާދަވެގެން ކުރެއްވި ހަތް ކަމެއްގެ މައްޗަށެވެ.
ހާރުކެއުން
ސައްހަ ހަދީސުން(ޙަދީޘް) ސާބިތުވާ ގޮތުގައި ހާރަކީ އޭގައި ބަރަކާތް ލެއްވިގެން ވާ އެއްޗެކެވެ. ހާރަކީ ރޯދައަށް ހުރުމަށްޓަކައި ރޯދައަށް ހުރުމަށް ގަސްދު ކުރާ ދުވަހުގެ ފަޖުރަށް ލުމުގެ ކުރިން ރޭގަނޑު ކައި ކެއުމެކެވެ. މޮޅު އިތުރުވެގެން ވަނީ ހާރު ވީހާވެސް ފަސްކުރުމެވެ. ހާރުގައި ލައްވާފައިވާ ބަރަކާތުގެ ސަބަބުން ރޯދައަށް ހުންނަ ހުރުމުގައި ނުކައި ނުބޮއެ ހުރުމުގެ ސަބަބުން ދިމާވެދާނެ އެންމެހާ ކަންކަމުން ދުރުކޮށްދެއެވެ.
ޒުވާބު ނުކުރުން
ރޯދައަށް ހުރެގެން މީހުންނާއި ޒުވާބު ނުކުރާށެވެ. ހަދީސްގައި ބަޔާންވެގެންވަނީ ރޯދައަކީ އައްޑަނައެއް ކަމުގައެވެ. ތިޔައިގެ ތެރެއިން އެއްވެސް މީހަކު ރޯދައަށް ހުރެގެން މޮޔައިން އުޅޭ ގޮތަށް ނޫޅުމަށެވެ. އަދި ތިޔައިގެ ތެރެއިން މީހަކު ރޯދައަށް ހުއްޓާ މީހަކު ޒުވާބު ކޮށް ހާރުވާން މަސައްކަތް ކުރިޔަސް ތިބާ އެމީހަކަށް ބުނާށެވެ. އަހުރެން މިހުރީ ރޯދައަށެވެ. މިއީ ނަބިއްޔާގެ އިރުޝާދެވެ. މިއީ ރޯދަމަސް ކަމުން މިމައްސަރުގައި އަޅުގަނޑުމެން ދަސްކުރާ އެންމެ މުހިންމު އަދި އެންމެ ބޮޑު ކަމަކީ ކެތްތެރިކަމެވެ. ކެތްތެރިވާށެވެ. ދިމާވާ ހުރިހާ ނުތަނަވަސް ކަމަކަށްވެސް ކެތްކުރާށެވެ. ދޫ ރައްކާތެރި ކުރާށެވެ. ސީދާ ގޮތުގައި މީހުންނާއި ޒުވާބު ނުކުރިޔަސް ދުލުން ބުނެވޭ ބޭއަދަބީ، ހުތުރު، ނުބައި، ބަސްތަކަށް ރައްކާތެރި ވާންވާނެއެވެ.
ޞަދަޤާތް (ހޭދަ) ކުރުން
ގިނަގިނައިން ސޮދަގާތް ކުރާށެވެ. ސޮދަގާތަކީ އޭގެ ހެޔޮކަން ބާޔާން ކޮށް ކޮޅުން ނުލާހާ ގިނަގުނަ ފައިދާ ހުރި ކަމެކެވެ. ސޮދަގާތް ކުރުމުގެ ހެޔޮކަމާއި ގުޅޭގޮތުން ވަރަށް ގިނަ ހަދީސް ރިވާވެގެން ވޭމެއެވެ. އޭގެތެރެއިން އެއީ މަރުވުމަށްފަހުވެސް އޭގެ ހެޔޮ ޖަޒާ ލިބުން މެދުކެނޑިގެން ނުދާނޭ އެއްޗެއް ކަމާއި ކަދުރުފަޅިއެއްގެ މިންވަރު ހޭދަކޮށްގެން ނަމަވެސް ތިޔަބައިމީހުން ނަރަކައިން މުއްތިކުރައްވާތޯ މަސައްކަތް ކުރުމައް އިތުރު އެކަލޭގެފާނުން އަމުރު ކުރައްވާ ހަދީސް ފާހަގަ ކޮށްލެވެއެވެ. އަދި ހޭދަކުރުމަކީ އެއްވެސް ހާލެއްގައި ތިބާއަށް އެއްޗެއް އުނިވާނޭ ކަމެއް ނޫންކަމަށާއި ހޭދަ ކުރާ މީހާއަށް ﷲ ސުބުޙާނަހޫ ވަތަޢާލާ އިތުރު ކޮށްދެއްވާނޭ ކަން ބަޔާން ކުރަށްވާ އިތުރު އެކަލޭގެފާނުން ވަނީ ހޭދަކުރުމަށް ވަރަށް ބޮޑަށް ބާރު އަޅުއްވާފައެވެ. ހަމަ މިއާއި އެކު އިތުރު އެކަލޭގެފާނުން ވަނީ ވަރަށް އާދައިގެ ކުދިކުދި ކަންކަމަކީ ވެސް ސޮދާގާތުގެ ތެރޭގައި ހިމެނޭ ކަންކަން، ކަން ހާމަކުރައްވާ އެފަދަ ކަންކަން ކުރުމަށް އިރުޝާދު ދެވާފައެވެ. އެގޮތުން މީސްތަކުންނާއި ބައްދަލުވާހިނދު ހިނިތުންވުމާއި މަގުމަތީގައި މީހުންނަށް އުނދަގޫ ވާ ގޮތަށް ހުންނަ އެއްޗެހި އެއްފަރާތް ކުރުމަކީ ވެސް ސޮދާގާތެއް ކަން ވަނީ ބަޔާން ކޮށްދެއްވާފައެވެ. އަޅުގަނޑުމެންގެ ކައު އިތުރު ރަސޫލާ އަކީ ހޭދަކުރެއްވުމުގައި އަބަދުވެސް ހަމަ ނަމްބަރު އެކެކެވެ. އެކަމަކު އިތުރު އެކަލޭގެފާނުންގެ ހޭދަކުރެއްވުން ރަމަޟާން މަހު ވަކިން އިތުރުވެފައި ހޭދަކުރައްވާ މިންވަރު އެޔަށްވުރެ މަތީ ހަރުފަތަކަށް އުފުލިގެންވާ ކަމުގައި ރިވާވެގެންވެއެވެ.
ޤުރުއާން ކިޔެވުން
ރަމަޟާން މަހަކީ ކީރިތި ޤުރުއާނުގެ މައްސަރެވެ. ޤުރުއާން ބާވާލެއްވުނު މައްސަރެވެ. ޤުރުއާން ބާވާލެއްވުނު ރޭ ކަމުގައި ވާ ލައިލަތުލް ޤަދުރި ވިލޭރޭ އެމަހުގައި ހިމެނޭ މައްސަރުވެސް މެއެވެ. އިތުރު އެކަލޭގެފާނުން ރަމަޟާން މަހުގައި ރޭގަނޑު ވަރަށް ގިނައިން ޤުރުއާން ކިޔަވާ ކަމުގައި ވާރިދުވެފައި ވުމާއި އެކު ރަމަޟާން މަހުގައި އިތުރު އެކަލޭގެފާނުން ޤުރުއާން ކިޔަވާ ވިދާޅުވެލައްވާ އަޑުފުޅު އެއްސެވުމަށް ޖިބުރީލް އަލައިހިއްސަލާމް ފައިބާ ވަޑައިގަންނަވާ ކަމުގައިވެއެވެ. ޤުރުއާން ކިޔެވުން ރަނގަޅީ ލަސްލަހުން ވިސްނައިގެން އޭގައި ބުނާ އެއްޗެއް ފަހުމް ވާނޭ ފަދައަކުންނެވެ. ކީރިތިﷲ ވަޙީ ކުރައްވާފައިވަނީ ޤުރުއާން ބާވާލެއްވީ މީސްތަކުންނަށް ފަހުމްވުމަށްޓަކާ ފަސޭހައިން ދެނެގަނެވޭ އެއްޗެއް ކަމުގައެވެ. ވުމާއި އެކު ތަރުޖަމާ އެއްގެ އެހީގައި ނަމަވެސް މާނަ އެނގޭ ފަދަ ގޮތަކަށް ކިޔެވުން އެދެވިގެންވެއެވެ.
ރޯދަ ވީއްލުން
އިރު އޮއްސުމާއި އެކު އަވަހަށް ރޯދަ ވީއްލުމަކީ ވެސް އިތުރު އެކަލޭގެފާނުން ކުރެއްވި ކަމެކެވެ. ރޯދަ ވީއްލުން އެދެވިގެން ވަނީ ކަދުރުން ނުވަތަ ފެނުން ނުވަތަ ކިރުންނެވެ. ރޯދަވީއްލާ ވަގުތު ދުއާ ކުރެއްވުމަކީ އިތުރު އެކަލޭގެފާނުން ކުރެއްވި އެންމެ މުހިންމު އެހެނަސް ގިނަ މީހުން މިއަދު ހަނދާން ނައްތާލައިފައިވާ އެއްކަންތަކެވެ. ރޯދަ ވީއްލާ ވަގުތު ކުރެވޭ ދުއާ އަކީ އިޖާބަވެވިގެންވާ ދުއާ އެއް ކަމަށާއި އެވަގުތުގައި ދުއާ ކުރުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދޫ ނުކުރައްވާ ކަމުގައި ރިވާވެގެންވޭމެއެވެ. ރޯދަ ވީއްލުމުގެ ކުރިން ނުވަތަ ރޯދަ ވީއްލާ ވަގުތު ނުވަތަ ރޯދަ ވީއްލާ ނިމިގެން ވެސް މިވަގުތުގެ ދުއާ ކުރެވިދާނެއެވެ.
ރޭއަޅުކަން ކުރުން
ރަމަޟާން މަހުގައި ރޭއަޅުކަން ކުރުމަކީ މިމައްސަރުގައި ކުރުން އެންމެ އެދެވިގެންވާ ކަންތަކެވެ. ރޭއަޅުކަމަކީ ކީރިތި ﷲ އެއްމެ ރުއްސަވާ އަމަލުތަކުގެ ތެރެއިން އެއް،އަމަލު ކަމުގައި ވުމާއި އެކު ރަމަޟާން މަހު ރޭ އަޅުކަން ކުރުމަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހެއެވެ. ހަދީސް ގައި ބަޔާން ވެގެންވަނީ ތެދުވެރިކަމާއި އެކު މާތް ﷲ ގެ ރަހުމަތަށް އެދިގެން އުންމީދާއި އެކު، ރަމަޟާން މަހު ރޭއަޅުކަން ކުރާ މީހާގެ އިސްވެދިޔަހާ ފާފަތަށް ފުއްސަވާނޭ ކަމުގައެވެ. މީގެ އިތުރުން އެރެއެއްގައި ހުރިހާ ހެޔޮކަމެއް އެކުލެވިގެންވާ ބަރަކާތްތެރި ލައިލަތުލް ޤަދުރިވިލޭރޭ ލިބިގަތުމަށް ގަދައަޅާ މަސައްކަތް ކުރުމުގެ ގޮތުން ފަހު ދިހައިގެ ރޭ ތަކުގައި ރޭ އަޅުކަން އިތުރު ކުރާން ޖެހެއެވެ. އެއްހާސް މައްސަރަށްވުރެ ގިނަ ހެޔޮކަން އެކުލެވިގެންވާ އެރެއާއީ ބައްދަލުވުން އެދި ފަހުދިހައިގެ ރޭ ތަކުގައި ރޭއަޅުކަން އަދާކޮށްފި މީހާއަށް އެރޭ ނުލިބި ނުދާނޭ ކަމުގެ ޔަގީންކަން، ކައު ސާހިބާ ވަނީ ދެއްވާފައެވެ. އެހެންކަމުން އެރެޔާއި ބައްދަލުވުން އެދި ގަދައަޅާ މަސައްކަތްކުރާށެވެ.
މިއީ އިތުރު އެކަލޭގެފާނުން ހަމަ ކޮންމެ ރަމަޟާން މަހެއްގައިވެސް އާދަވެގެން ކުރެއްވި ކަންތައްތަކެވެ. ވުމާއި އެކު މިކަންކަން ހެޔޮގޮތުގައި ކޮށް އިތުރު އެކަލޭގެފާނަށް ތަބާ ވުމުގެ މަތިވެރިކަން ލިބިގަންނަމާތޯއެވެ. އަދި ހެޔޮގޮތުގައި ރަމާޟާން މަހުގެ ލާބަޔާއި މަތިވެރިކަން ލިބިގަނެ ސުވަރުގެވަންތަ ވެރިން ކަމުގައި ވަމާތޯއެވެ. ކީރިތި ﷲ އަޅަމެން އެންމެނަށްވެސް ތައުފީގު ދެއްވާށި! އާމީން!