ގައުމުތަކުގެ ހިންގާ ނިޒާމު ބިނާވެފައިވާނީ އެގައުމެއްގެ ސަރުކާރު ގަބޫލުކުރާ ނިޒާމަކަށެވެ. ކޮންމެ ގައުމެއްގެވެސް އިގްތިޞާދު ބިނާވެފައި ވާނީ އެގައުމެއްގައި ދިރިއުޅޭ މީހުންގެ މަސައްކަތްތެރިކަމާއި އުފެއްދުންތެރިކަމާއި، ވަޒީފައި އަދާކުރައި މިންވަރާއި، ދިރިއުލުމުގެ ފެންވަރާއި އަދި ގައުމުން ލިބެންހުރި ގުދުރަތީ ވަސިލަތްތަކުގެ މައްޗަށެވެ. ގައުމުތަކުގެ ސަރުކާރު ހިންގާ ނިޒާމާއި އިގްތިޞާދީ ހަރަކާތްތަކާއި ވަރައްބޮޑައް ގުޅި ލާމެހިފައި ވުމީ ޝައްކެއްއޮތް ކަމެއްނޫނެވެ.
“ދަ ބުކް އޮފް ގުލޯބަލް ބިޒުނަސް”ގައި ޑިމޮކްރަސީ މާނަ ކޮއްފައިވަނީ ގިނަ ބައެއްގެ ހިޔާލާއި މަޝްވަރާ ގަބޫލުކުރާ އަދި ނިންމުންތަކުގައި ގިނަ ބައެއްގެ ނިންމުމައް ކަންނިންމާ ނިޒާމެއްގެ ގޮތުގައެވެ. އަދި ހަމަ އެއާއިއެކު އިދިކޮޅު ހިޔާލުތަކަށް ފުރިހަމައައް އިހްތިރާމްކޮށް އެ ހިޔާލުތައް ބަލައިގަންނަ ނިޒާމެއްގެ ގޮތުގައެވެ. 1998 ވަނައަހަރު ބީތަމް ލިޔުއްވާފައިވާ “ޑިމޮކްރަސީ، އިޓިސް ޕްރިންސިޕަލް އެންޑް އެޗީއުމެންޓު” ގައި ދިމޮކްރަޓިކް ނިޒާމެއްގައި އިންސާނީ ހައްގުތައް ކަށަވަރު ކޮއްދިނުމުގެ ގޮތުން ހިޔާލު ފާޅުކުރުން ހުދޫދީ މިންގަނޑެއްގެ ތެރެއިން ކަށަވަރު ކޮއްދިނުމާއި، އިންސާނީ ހަމަހަމަކަން ގައިމްކުރުމާއި އަދި ދެފުށްފެންނަ ގޮތެއްގައި ކަންތައްތައް ބައްޓަންކުރާ ނިޒާމެއް ގޮތުގައި ފާހަގަކޮށްފައި ވެއެވެ. ބައެއް ފަރާތްތަކުން ގަބޫލްކުރާގޮތުގައި ނިޒާމީ މިފަދަ ކަންތަކުގެ ނަތީޖާއަކީ، ގައުމުގައި ދިރިއުޅޭ މީހުންގެ ވިސްނުން ތަރައްގީވެ އުފެއްދުންތެރި ވިސްނުންތަކުގައި ކުލަޖެހި ގައުމުގެ އިގްތިޞާދީ ދުވެލި އިތުރުކޮށްދީ އެގައުމެއް ތަރަށްގީވެ ކުރިއަރައި ދިއުމެވެ.
ޑިމްކުރަޓިކް ނިޒާމާ ހިލާފަށް އޮޓޯކްރަޓިކް ނިޒާމެއްގައި ހިޔާލާއި މަސްވަރާހަނުކޮށް ކަންނިންމުމާއި، ކަންތައް ރާވާހިންގުމުގައި ހުރިހާބާރެއް ލިބިގެންދާނީ ވެރިކަމުގައި ހުންނަވާ ބޭފުޅަކަށެވެ. އިގްތިޞާދު ދިރާސާކުރައްވާ ބައެއް ފަރާތްތަކުން ފާހަގަކުރާގޮތުގައި ގިނަބައެއްގެ ހިޔާލަށް ތަބާވެ ހިންގޭ ބައެއް ހަރަކާތްތަކަކީ، ގައުމުގެ އިގްތިޞާދަށް ފައިދާކުރަނިވި ހަރަކާތަކަށްވުން އެކަށިގެންނުވުމަކީ ހައިރާން ވާންވީ ސަބަބެއް ނޫންކަން ފެންނަންހުރި ބައެއް ދިރިހުރި ކަންތައްތަކުން ހެކިކޮށްދެއެވެ.
ރައްކާތެރިކަމާއެކު މަސައްކަތްތައް ރާވާ ހިންގޭނެ މާހައުލެއް ގާއިމްކުރެވި، މަސައްކަތް ހިންގޭނެ ވަސީލަތްތަކާއެކު ވިޔަފާރި ހިންގޭނެ ގިނަ ޝަހުސުންތަކެއް އުފެއްދިފައިވާ ގައުމުތަކުގެ އިގްތިޞާދީ ދުވެލި ބާރުވެފައި އެ އިގްތިޞާދުގައި ވަރުހުރެއެވެ. އެގޮތުން ބަލާނަމަ، އިންޑިޔާ އެއީ ފާހަގަކޮށްލެވޭ ގައުމަކަށްވެފައި ޑިމަކުރަސީގެ ނަމޫނާ ގައުމުތަކުގެ ލިސްޓުން ޖާގަ ހޯދައިފައިވާ ގައުމެއް ވެސްމެއެވެ. ސައުތް ކޮރެއާގައި 26 އަހަރުވަންދެއް ހިންގަމުންދިޔަ އޮޓޯކްރަޓިކް ނިޒާމަކުން ޑިމޮކްރަޓިކް ނިޒާމަކަށް ބަދަލުވުމާއެކު އެ ގައުމުގެ ވިޔަފާރި ޝަހުސުތަކަށާއި އާންމު ފަރުދުންނަށް އިގްތިސޯދީ ހަރަކާތްތަކަށް ފުރިހަމަށް ޖާގަލިބި، ގައުމުގެ އިގްތިޞާދީ އުފެއްދުންތެރި ހަރަކާތްތަށް އެންމެމަތީ ފަންތީގައި ހިންގުމަށް ފުރުސަތު ލިބުމާއެކު އެ ގައުމުގެ އުފެއްދުންތެރިކަން އިތުރުވެ، ތައުލީމުދިނުން ވަރުގަދަވެ އަދި ޓެކްނޮލޮޖީގެ ގޮތުން ކުރިއެރުމުގެ ނަތީޖާއަކީ ތަރައްގީވަމުންދާ ގައުމުތަކުގެ ލިސްޓުން ޖާގަހޯދައި، މަދު އަހަރުތަކެއްތެރޭ ތަރައްގީވެފައިވާ ގައުމެއްގެ ގޮތުގައި ފާހަގަކުރެވުމެވެ.
ދެމެހެއްޓެނިވި އިގްތިޞާދީ ހަރަކާތްތަކަށް ޑިމޮކުރަޓިކް ނިޒާމެއް ކޮންމެހެން ބޭނުންވެއޭ ބުނާ ފަރާތްތަކަށް ރައްދެއްގެ ގޮތުގައި ގިނަބަޔަކު ފާހަގަކުރަމުންދަނީ ޗައިނާގެ ވެރިކަމުގެ ނިޒާމެވެ. އެންމެ ވަރުގަދަ އެއް އެއިގްތިޞާދު، އިންޑިޔާއަށް ޗައިނާއާ އެންހަމައެއްގައި ވާދަކޮށްނުލެވި ޗައިނާގެ “ޖީ.ޑީ.ޕީ” އިތުރުވާ މިންވަރު ދެގުނައިން އިތުރުވެފައި ޗައިނާއިން އިގްތިސާދީ ހަރަކާތްތަށް އިތުރުކުރާ ބާރުމިނާ ގާތަށްވެސް އެހެން ގައުމުތަކުން ހަރަކާތްތައް ހިންގިގެން ނުދިއުން ވެގެންދިޔައީ ޑިމޮކުރަޓިކް ނިޒާމަށް ގޮންޖަހައި، އޮޓޯކުރަޓިކް ނިޒާމަށް ގައުމު ހިންގައި، ގައުމުގެ އިގްތިސާދީ ދުވެލި ބާރުކޮށް ހަރުދަނާކުރެވޭނެކަމުގެ އަލިގަދަ ހެތްކަކަށެވެ.
ހުޅަނގުގެ ތަރައްގީވަމުންދާ އަދި ތަރައްގީވެފައިވާ ގައުމުތަކުގައި ޑިމޮކްރަޓިކް ނިޒާމަކުން ގައުމުގެ އެންމެހާ ހަރަކާތްތައް ހިންގަމުންދާއިރު އެ ގައުމުތަކަށް ގޮންޖަހައި، ސިންގަޕޫރު، ޓައިވާން އަދި ހޮންގކޮންގ ފަދަ ގައުމުތަކުން އޮޓޯކްރަޓިކް ނިޒާމަކާއެކު ދުނިޔޭގައި ތަރައްގީވެފައިވާ ނަން މަޝްހޫރު ގައުމުތަކުގެ ލިސްޓުގެ އެއްވަނާގައި ވާދަކޮށް އެ ގައުމަތަކަކީ އިގްތިސާދީ ހަރަކާތްތަކުގައި ވަރުގަދަ ގައުމުތަކުގެ ގޮތުގައި ފާހަގަވެގެންދިއުން ގަބޫލްކުރެވެނީ އޮޓޯކްރަޓިކް ނިޒާމަކުންވެސް ގައުމުގެ އިގްތިސާދު ވަރުގަދަ އިގްތިސާދެއް ގޮތުގައި ބިނާކުރެވޭނެކަމެވެ.
ނަމަވެސް، މި ދެ ނިޒާމުވެސް ހިންގުމުގައި ގަބޫލްކުރަންޖެހޭ ހަގީގަތަކީ އިގްތިޞާދީ ހަރަކާތްތައް ބިނާވެގެންދާނީ އެ ގައުމަކުން ލިބެންހުރި ގުދުރަތީ ވަސީލަތްތަކެއްގެ މައްޗަށްކަމެވެ. ވެރިކަމުގެ ނިޒާމް އޮޅުންބޮޅުންވެ، އެއްވެފައިވާ ނިޒާމަކުން ބައެއް ގައުމުތަކުގެ އިގްތިސާދު ހިންގައި، އެ ގައުމުތަކުގެ ވަސީލަތްތަށް މުއްސަދި ވުމާއެކު، އެއްވެފައިވާ ނިޒާމެއްގެ މައްޗަށް ބިނާވެފައިވާ އިގްތިސާދުތައް ހިނގާ ގައުމުތަށް ނެތެކޭ ނުބުނެވޭނެއެވެ. އެހެންނަމަވެސް، އެ ގައުމުތަކުން ލިބެންހުރި ވަސީލަތްތަކާއެކު އިގްތިޞާދު އެންމެފުރިހަމައަށް ހިންގުމުގައި ދައުލަތް ހިންގުމަށް އެންމެ އެކަށޭނެ ނިޒާމެއް މަތީގައިވާ މިސާލުތަކަށް ބިނާކޮށް ގޮތް ނިންމަން މިފަހަރު ކިޔުންތެރިންނަށް ދޫކޮށްލަމެވެ. އެގޮތުން، ދިވެހިރާއްޖެއަށްވެސް ދެމެހެއްޓެނިވި އިގްތޞާދީ ހަރަކާތްތަށް ހިންގުމަށް އެންމެ އެކަށޭނަ ނިޒާމެއްގޮތުގައި ގަބޫލުކުރާ ނިޒާމަކީ ކޮބައިކަން ފާހަގަކުރުމަށް ކިޔުންތެރިންގެ ހިޔާލަށްހުޅުވައިލަމެވެ.