މަސްވެރި އާއިލާއަކަށް އުފަން، ޢަބްދުލް ހަލީމް ޢަބުދުއް ނާޞިރަކީ ޓެކްނޮލޮޖީއާ ރަހުމަތްތެރި ޒުވާނެކެވެ. ތަފާތު އެކި ސޮޕްޓްވެއަރތައް ހަލީމް އުފައްދާފައި ވެއެވެ. ދިވެހި ބަހުގެ ރަދީފް “ރަދީފް 2005” އެޕްލިކޭޝަނެއްގެ ގޮތުގައި ފުރަތަމަ ނެރުނީ ވެސް ހަލީމް އެވެ. މަންޓާ އެއަރ ގައި ޕައިލެޓެއްގެ ގޮތުގައި މަސައްކަތް ކުރާ ހަލީމް އުޅެބޮޑުވީ އޮޑިދޯނި ފަހަރު ދުއްވި މަސްވެރި އާއިލާއެއްގައެވެ. އަދި ހަލީމްގެ ބޮޑުބޭބެމެން ފައިބަރުން އޮޑިދޯނި ފަހަރު ބަދެ، ދޯނި ފަހަރު ކުރަހައި، ޑިޒައިންކުރުމުގެ މަސައްކަތްކުރާތީވެ، މަސްވެރިކަމުގައި އޮޑިވެރިންނާއި މަސްވެރި އުފުލަމުންދާ ތަކުލީފްތައް ވަރަށް ގާތުން ހަލީމަށް ފެނެއެވެ. އެމީހުންގެ ޝަކުވާތައް އަޑު އިވެއެވެ. ކެޔޮޅުންނާއި އޮޑިވެރިންގެ ދަތިތަކަށް ހައްލެއް ހޯދުމަށް، މަސްއޮޑިފަހަރުގައި ޒަމާނީ ޓެކްނޮލޮޖީ ގާއިމްކުރުމަކީ ހަލީމްގެ ހުވަފެނެކެވެ.
ހަލީމްގެ މި ހުވަފެން ހަގީގަތަކަށް ހަދަން ބޭނުންވަނީ އޭނާގެ އަމިއްލަ ދޯންޏެއްގައެވެ. މަސްވެރިކަން ޒަމާނީ ޓެކްނޮލޮޖީގެ ތެރެއަށް ގެނައުމަށްޓަކައި ހަލީމް ކުރާ މަސައްކަތުގައި އޮޑި ދޯނި ފަހަރުގެ ހިސާބު ކިތާބު ބެލެހެއްޓުމާއި އިންޖީނު އަދި ޖެނެރޭޓަރުގެ ރޫޓިންގ މެއިންޓެނަންސް ކަންތައްތައް އެއްމެ ފުރިހަމައަށް ކުރުމަށްޓަކައި އޭނާ ޑިޒައިންކޮށް ތައްޔާރު ކޮށްފައިވާ “މައި ކެޕްޓަން” ސޮފްޓްވެއަރ ހަލީމްގެ ދޯނީގައި ފުރަތަމަ ފަހަރަށް ބޭނުން ކުރެވިގެން ދާނެއެވެ.
ހަލީމްގެ “މައި ކެޕްޓަން” ސޮފްޓްވެއަރ އެހީގައި މަސްދޯނީގެ ހުރިހާ ހިސާބު ކިތާބެއް ބެލެހެއްޓޭނެ އެވެ. އޮޑި ދޯނި ފަހަރުގައި މިހާރު ދޯނީގެ ހިސާބު ކިތާބު ބަލަހައްޓަނީ ކެޔޮޅު ނުވަތަ އޭނާ ކަނޑައަޅާ ފަޅުވެރިޔަކު ފޮތެއްގައި ލިޔެގެންނެވެ. ހަލީމް ބުނީ “އެންމެ ބޮޑު ޓާގެޓަކީ މިހާރު އޮޑި ދޯނި ފަހަރު ފައިސާ ބަހާއިރު އަތުން އަތަށް ފައިސާ މިދޭ އުޞޫލު ބަދަލުކޮށް މި ސޮފްޓްވެއަރ އެހީގައި ފަޅުވެރިންނަށް ލިބޭ ފައިސާ ބޭންކު މެދުވެރިކޮށް، ފަޅުވެރިންގެ އެކައުންޓްތަކަށް ޖަމާކުރުން” ކަމަށެވެ. އޭނާ ދެކޭގޮތުގައި ބޭންކުތަކުންވެސް ބޮޑަށް ބާރު އަޅާނީ މިގޮތަށް ފައިސާގެ ޓްރާންސެކްޝަންތައް ހެދުންކަމަށާއި މިކަން ކުރެވެން އަންނަނީ މިކަހަލަ ސޮޕްޓްވެއަރ އެއްގެ އެހީގައެވެ.
މީގެ އިތުރުން އިންޖީނު މެއިންޓަނަންސްކޮށް ބެލެހެއްޓުމަށް ވެސް މި ސޮޕްޓްވެއަރ ބޭނުން ކުރެވޭނެކަމަށް ހަލީމް ބުންޏެވެ. “މިސްފްޓްވެއަރ އިން އެނގޭނެ ދޯނީގެ ދަތުރު ފެށުމުގެ ކުރީން އިންޖީނު ނިވާލާފައިން ގަޑި ނޯޓްކުރީމަ ދެން އިންޖީނު ނިވާލާގަޑިއަށް، އެދޭތެރެއަށް (މެއިންޓަނަންސްއެއް) ޑިއުވިކަމުގައި ވިޔަސް އޭގެން އެލާޓް އަޅާނެ. މާނައަކީ މަހަށް ނުކުމެ އުޅެނިކޮށްވެސް މެއިންޓަނަންސެއް ޑިއުވާކަމަށް ވަންޏާ، ކުރިއަށްލާ އިންޖީނުހަދައިގެން މަހަށް ފުރޭނެ” އެވެ. އަދި ދޯނީގެ ޖަނަރޭޓަރުގެ ރޫޓިން މެއިންޓަނަންސް ވެސް ބެހެއްޓޭނެއެވެ. އެއްވެސް މެއިންޓަނަންސެއް ޑިއުވާ ކަމަށްވަންޏާ މި ސޮފްޓްވެއަރ އިން އެލަރޓް އަޅާނެއެވެ. މެއިންޓަނަންސެއް ނެހެދިގެން އެއްޗެއް ހަލާކުވެގެން ކުރަންޖެހޭ ބޮޑެތި މަރާމާތު މި ސޮފްޓްވެއަރގެ އެހީގައި ކުޑަކޮށްދޭނެއެވެ.
” ދިވެހި ރައްޖޭގެ ފުރަތަމަ ފަހަރަށް ފުޅިފަދަ ތަކެތި ނައްތާލާ އަދި ޒަމާނީ އެންމެ ފަހުގެ ޓެކްނޮލޮޖީ އިމްޕްލިމެންޓްކުރާ ފުރަތަމަ މަސްދޯނި ކަމުގައި އަޅުގަނޑުގެ މި ދޯނި ވާނެ” ފޭސްބުކުގައި އޭނާގެ ދޯނީގެ ފޮޓޯއެއް ޕޯސްޓްކުރުމަށްފަހު ސްޓޭޓަސްގައި އޭނާ ލިޔެފައިވެއެވެ. ހަލީމް ބުނީ މިދޯނި ޖޫން މަހުގެ ފަހު ކޮޅު މޫދަށް ބާލާނެ ކަމަށެވެ.
މަސްދޯނިފަހަރުން މޫދަށް އަޅާ ޕްލާސްޓިކު ފުޅި މަދުކުރުމަށްޓަކައި ހަލީމުގެ ދޯނީގައި ފެން އުފެއްދުމަށް ޑީސެލިނޭޝަން ޕްލާންޓެއް ބެހެއްޓިފައި ހުންނާނެއެވެ. ތާޒާ ނުވަތަ ލައިފް ފެނަށް ވުރެން މާ ކޮލިޓީ ރަނގަޅު ފެން މި ޕްލާންޓުން އުފައްދާނެ ކަމަށް ހަލީމް ބުންޏެވެ. ހަލީމް ބުނީ، ” ޔޫ.ވީ ފިލްޓަރޭޝަނާއެކު ގާއިމްކޮށްފައިވާ މި ޕްލާންޓްގައި 8 ފިލްޓަރޭޝަން މަރުހަލާ ކުރިއަށް ދާނެ. އެހެންކަމުން، މިނެރަލްވޯޓަރ ބޯށޭކިޔާފަ ޕްލާސްޓިކު ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ދޯންޏަކަށް އަރުވާކަށް ނުޖެހޭނެ” ކަމަށެވެ.
މިދޯނީގެ އެންވަތުގައި ފެންދައުރުކުރުމަށް ބޭނުންކުރާ ޕަންޕަކީ ހަލީމްގެ އަމިއްލަ ޑިޒައިނެކެވެ. ޕެޓްރޯލް ޕަންޕުގެ އަޑުން ސިއްހަތަށް ލިބޭގެއްލުން މި ޕަންޕުން ނުލިބޭނެކަމަށް ހަލީމް ބުންޏެވެ. ހަލީމަށް ތަޖުރިބާކުރެވިފައިވާ ގޮތުގައި މަސްދޯނިފަހަރުން ނޭނގިނަމަވެސް ސިއްހީ މައްސަލަތައް ފަޅުވެރިންނަށް ކުރިމަތިވެއެވެ. އެގޮތުން ދޯނީގެ އިންޖީނާއި ޖަނަރޭޓަރާއި ޕަންޕުތައް އެއްފަހަރާ ހިންގާފަ ހުންނައިރު އުފެދޭ އަޑުގެ ސަބަބުން ކަންފަތް ބީރުވާ މަސައްލަ މަސްވެރިންނަށް ކުރިމަތިވެފައިވާކަމަށް އޭނާ ބުންޏެވެ. ” އެހެންވެ މި ޕަންޕު އަޅުގަނޑު ޑިޒައިންކުރީ މިކަމަށް ބަލައިގެން އަޑުމަޑުވާނެގޮތަށް” ހަލީމް ބުންޏެވެ. “މިދޯނީގައި ހުންނާނީ ދެ ޕަންޕް. އެއް ޕަންޕު އިންނާނީ ބެކަޕް ޕަންޕެއްގެ ގޮތުގައި. އަބަދުވެސް ބޭނުންކުރާނީ އެއްޕަންޕު” އެވެ. 4 އެންވަތަށް އަޅަންބޭނުންވާ ހުރިހާ ލޮނެއް އެއް މިނެޓުން ނަގާދޭނެއެވެ. މި ޕަންޕުން މިނެޓަކު 100 ހާސް ލިޓަރު ފެން ދޯންޏަށް އެޅޭނެއެވެ. މި ޕަންޕު ސިސްޓަމުގައި އެމީހަކު ބޭނުންވާ ވަރަށް ފްލޯ ރޭޓް އެޖެސްޓް ކުރެވެން ހުރެއެވެ.
އެން އަޅަން ބޭނުންކުރާ ލައިޓް ސިސްޓަމު ދޯނީގައި ހަދާފައި ހުންނާނީ މަސްވެރިކަމުގައި އުޅޭ ކަމުގެ މާހިރުންގެ ލަފަޔާއެކު އެވެ. ހަލީމް ބުނީ “މިސިސްޓަމް ބޭރުން ހަދައިގެން ގެންނަ އިރު، ހުންނާނީ އެން އެޓްރެކްޓްވާ ކުލަތަކުން” ނެވެ. “މިއީ އަންޑަރ ވޯޓަ ލައިޓް. މިހާރު މި ބޭނުންކުރާ ފިލްޓަރ ބޭނުން ކުރާކަށެ ނުޖެހޭނެ. ނުފައްތަ ބޭނުންކުރާ ލައިޓްވެސް ދޯނީގައި ހުންނާނެ” އެވެ.
ހަލީމްގެ ދޯނީގައި ބޭނުންކުރާ ނެވިގޭޝަން ސިސްޓަމް ހުންނާނީ ޓަޗްސްކްރީނަށް ބަދަލުކޮށްފައެވެ. ފިޝްފައިންޑަރާއި ރާޑަރު ވެސް ދޯނީ ހުންނާނެއެވެ. ހަލީމް ބުނީ އެނާގެ ދޯނީގެ ފިޝްފައިޑަރުން 10 ހާސް ފޫޓް ފުނުން މަސް ޑިޓެކްކުރާނެ ކަމަށެވެ. ނެވިގޭޝަން ސިސްޓަމްގައި ދިވެހި ބަސް ނުހުންނާތީވެ ކުންފުނިތަކާއި ވާހަކަދައްކައިގެ ދިވެހި ލަންގްއޭޖް ފީޗަރ ނެގޭގޮތަށް ނެވިގޭޝަން ސިސްޓަމް ހެދުމުގެ މަޝްވަރާތައް މިހާރު ކުރިއަށް ދާކަމަށް ހަލީމު ބުންޏެވެ.
90 ފޫޓް ދިގު 26 ފޫޓް ފުޅާ މިދޯނީ ހަލީމް އަޅަން ގަސްތު ކުރަނީ 405 ގެ އިންޖީނެކެވެ. 3.4 ގެ ރޭޝިއޯ ގިއަރުގައި ދޯނި ބަރުކޮށްގެން ގަޑިއަކު 14 މޭލު ދުވާނެއެވެ. އޭނާ ގަބޫލުކުރާގޮތުގައި ދޯންޏެއް ބަނުމުގެ ކުރިން އަޅާނެ އިންޖީނެއް ކަނޑައަޅާ ދޯނި ޑިޒައިންކުރަން ޖެހޭނީ އިންޖީނަށް ދުވެލި ފައްތާގެންނެވެ. ފުލްކޮށްނާއި ހުސްކޮށް ދޯނީ ދުވާނީ ކިހާވަރަކަށްތޯ ބަލައި ހިސާބު ހަދައިގެންނެވެ.
ޖޫންމަހުގެ ފަހުކޮޅު މޫދަށް ބާލަ މިދޯނީގައި އިންފޯމޭޝަން ޓެކްނޮލޮޖީ އެހީގައި މަސްވެރިންނަށް ފަސޭހަކޮށްދޭނޭ ގިނަ ވަޞީލަތްތައް ހުންނާނެކަމަށް ހއ. އިހަވަންދޫއަށް އުފަން އަބްދުލްހަލީމް ޢަބްދުއް ނާޞިރު ބުންޏެވެ. މަސްވެރިކަމުގައި އައި.ސީ.ޓީ ބޭނުންކުރުމަކީ ހަލީމް ދެކެމުންއަންނަ ފޮނި ހުވަފެނެކެވެ. އެހުވަފެން ހަގީގަތަކަށް ހެދޭތީވެ އޭނާ ހުރީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައެވެ.