އޯޝަންގޭޓްސް އޮފީސްތަކުގެ ފުޓްސަލް މުބާރާތުގެ ފައިނަލަށް އާމިނާ ދިއޯ ހެލްތު ސެންޓަރާއި އައިސް ޕްލާންޓް(އިހަވަންދޫ) އަދި ބީ.އެމް.އެލް އިހަވަންދޫ ބްރާންޗްގެ ގުޅިފައިވާ ޓީމް، އައި.ބީ.އޭ ހިނގައްޖެއެވެ. ފައިނަލުން އައި.ބީ.އޭ ޖާގަ ކަށަވަރު ކުރީ އެންމެ ތަފާތު ކަމަށް ގިނަ ބަޔަކު އިއްތިފާގުވި އިހަވަންދޫ ސްކޫލާ ބައްދަލު ކޮށް 2-2 ހަމަހަމަވެ، ޕެނަލްޓީ ޖަހައިގެންނެވެ.
“ޓީމާމެދު އަހަރެން ފަޙުރުވެރިވަން. ޓީމް ފައިނަލްގައި ކުޅުމަކީވެސް ކާމިޔާބެއް. މީ ހުރިހާ ކުޅުންތެރިންގެ ހިތްވަރާއި މިންނެތް މަސައްކަތް. މިޓީމްގެ ކޮންމެ ކުޅުންތެރިއަކީވެސް ނުހަނު މުހިންމު ކުޅުންތެރިއެއް. އަޅާނީ ރިހިމެޑެލްތޯ ނުވަތަ ރަންމެޑަލްތޯ ނިންމާނީ ދަނޑުމަތިން. އެނގިދާނެތާ”
އިހަވަންދޫގައި ހުރި އެންމެ ތަޖުރިބާކާރު، އެންމެ ކާމިޔާބު ކޯޗުކަމަށް ގިނަ ބަޔަކު އެއްބަސްވާ ހުސެއިން ފަޔާޒު ކުޅެމުންދަނީ ޓީމް އައި.ބީ.އޭ އަށެވެ. އައި.ބީ.އޭ އާމެދު ފަޔާޒުގެ އުއްމީދު ވަރަށް ބޮޑެވެ.
“ޓީމް އައި.ބީ.އޭ މިހިސާބަށް އައީ ވަރަށް ބޮޑެތި ގޮންޖެހުންތަކަކާއެކު. މި ޓީމްގެ ފަރާތުން ހިތްވަރު ފެނިއްޖެ. އިރާދަކުރެއްވިއްޔާ މީ އައި.ބީ.އޭގެ ފަހަރެއް.” ފަޔާޒު އިތުރަށް ވިދާޅުވި ގޮތުގައި ފައިނަލް މެޗުން މޮޅު ކުޅުމެއް ކުޅޭނީ ކޮން ޓީމަކުންކަން ވެސް މިރޭގެ މެޗުން އެނގިގެންދާނެއެވެ.
އާމިނާ ދިއޯ ހެލްތު ސެންޓަރ ހިންގުމާ ހަވާލުވެ ހުންނެވި އަދި އައި.ބީ.އޭގެ ކޯޗް މުހައްމަދު އަކުރަމް ހާމަކުރައްވަނީ، ފައިނަލް މެޗަށް ނުކުންނަނީ ޗެމަޕިއަންކަން ހޯދުމުގެ ޔަގީންކަމާއެކުގައި ކަމަށެވެ. “ޓީމާމެދު ޔަގީންކަން އެބަ އޮތް. ކުރީގެ މެޗްތަކުން ހެދުނު ގޯސްތައް ރަނގަޅުކޮށް، ޗެމްޕިއަންކަން ނެގޭނެ ފެންވަރު ކުޅުންތެރިންގެ ކިބައިގަ އެބަހުރި.”
އޯޝަންގޭޓްސް އޮފީސްތަކުގެ ފުޓްސަލް މުބާރާތުގެ ފައިނަލްގައި އައި.ބީ.އޭ ކުޅޭނީ ފެނަކަ ކޯޕަރޭޝަން އިހަވަންދޫ ބްރާންޗާ ދެކޮޅަށެވެ. މިރޭގެ މެޗުން، މޮޅަށް ކުޅިގެން ޗެމްޕިއަންކަން އައި.ބީ.އޭ އަށް ހޯދިދާނެކަން ވެސް އެނގިދާނެތާއެވެ.