އިހަވަންދޫން ކޮވިޑަށް ޕޮޒިޓިވްވި މީހުން އެހެން ބަޔަކާ ކޮންޓެކްޓް ވިތަ؟

adhuham

މިއީ އިހަވަންދޫ ސުކޫލުގެ މަލްޓިޕާޕަސް ހޯލުގެ މަސައްކަތަށް މިދިޔަ އޮގަސްޓް މަހުގެ 27 ވަނަ ދުވަހު އިހަވަންދޫއަށް އައި 6 ބިދޭސީން ކޮވިޑަށް ޕޮޒިޓިވް ވުމާއެކު އިހަވަންދޫ ބައެއް ރައްޔިތުންގެ ހިތުގައި އުފެދިފައިވާ ސުވާލެކެވެ. އަދި ކަންބޮޑުވުމެކެވެ.

ރަށުގެ ރައްޔިތުން ބުނާގޮތުގައި މި ބިދޭސީން ކަރަންޓީނުގައި ހުރި ދުވަސްވަރު، ކަރަންޓީން އެއްކޮށް ފުރިހަމަ ނުކޮށް މަސައްކަތް ކުރުމަށް ސުކޫލަށް ދެއެވެ. ރަށު މީހުން މައުލޫމާތު ދޭގޮތުން އެމީހުން ސުކޫލު ދޮށަށް މަސައްކަތު ދަނީ ރޭގަނޑު ގަޑީގައެވެ. އެމީހުން ޕޮޒިޓިވްވި ޚަބަރާއެކު ބައެއް ރައްޔިތުން ކަންބޮޑުވާން ފެށީ މިސަބަބާ ހުރެއެވެ.

އެ މީހުންގެ އެންމެ ބޮޑު ކަންބޮޑުވުމެއް ކަމުގައިވަނީ ޕޮޒިޓިވްވި އެފަރާތްތަކާއި އެހެން ބައަކު ކޮންޓެކްޓް ނުވާނެކަން ޔަގީން ކުރެވޭނެ ތޯ އާއެވެ. މި ސުވާލު އުފައްދަނީ ސަބަބުތައްވެސް ނެތިއެއް ނޫނެވެ. ކަރަންޓީނުގައި ތިބިބައަކު އެގޮތަށް ރަށު ތެރެއަށް ނިކުމެވުމުން މި ސުވާލު ކޮންމެ މީހެއްގެ ހިތުގައިވެސް އުފެދޭނެއެވެ. މިއާއެކު ކަރަންޓީނުގައި ތިބެ އެގޮތަށް މަސައްކަތް ކުރަން ހުއްދަ ދެވުނީ ކޮން އަސޫލަކުންތޯވެސް ހަމަ ސުވާލު އުފެދެއެވެ.

މި ސުވާލު ތަކަށް ޖަވާބު ދެމުން އާމިނާ ދިޔޯ ހެލްތު ސެންޓަރުން ބުނީ ކަރަންޓީނުގައި ތިބެ މަސައްކަތް ކުރުމަށް ހުއްދަ ދީފައިވާނީ އެޗްޕީއޭއާ ވެސް މަޝްވަރާ ކުރުމަށް ފަހު، ޕޮލިހާއި އަދި ރަށު ކައުންސިލާވެސް މަޝްވަރާ ކޮށް، ކަނޑައެޅި ޝަރުތުތައް ފުރިހަމަކޮށް ޔަގީން ކުރުމަށް ފަހުގައެވެ. އެ ބިދޭސީން ރަށަށް އައިސްފައިވަނީ ރަށްރަށަށް މަސައްކަތް ކުރުމަށް މީހުން ފޮނުވުމަށް އޮތް އުސޫލު ސަސްޕެންޑު ކުރުމުގެ ކުރިން ކަމުގައި ފާހަގަ ކޮށް އެމީހުންނާ އެހެން ބަޔަކު ކޮންޓެޓް ނުވާކަމުގެ ޔަގީންކަން ހެލްތު ސެންޓަރުން އެރުވިއެވެ.

ނަމަވެސް އިއްޔެ އިވިގެންދިޔަ ޚަބަރަކީ އިހަވަންދޫން ޕޮޒިޓިވްވި މީހުންނާއި ގުޅުންހުރި ކޭހެއްގައި ރަށުން ސާމްޕަލް ނެގި ޚަބަރެވެ. މި ޚަބަރު ސޯޝަލް މީޑިޔާގައި ހަލުވިކަމާއެކު ފެތުރެމުން ދިޔައެވެ. އެގޮތުން، ހއ. އިހަވަންދޫއިން ކޮވިޑް-19 އަށް ފައްސިވި 7 މީހުންނާއި ކޮންޓެކްޓް ވުމުގެ ސަބަބުން ސުކޫލުގެ ދަރިވަރެއްގެ ސާމްޕަލް ނަގާފައިވާކަމަށް ސޯޝަލް މީޑިޔާގައި ދައުރުވަމުން ދިޔަ ޕޯސްޓްތަކުގައި ބުނެފައިވެއެވެ. އަދި މިއީ ޕޮޒިޓިވްވި 6 ބިދޭސީންނާއި ކޮންޓެކްޓް ވުމުގެ ސަބަބުން ނެގުނު ސާމްޕަލް ތަކެއް ކަމަށް މި ޕޯސްޓްތަކުން ދޭހަވެއެވެ.

ކޮންމެއަކަސް މިއީ ރަށުގެ ރައްޔިތުންގެ ހިތްތަކުގައި މިހާރުވެސް އޮތް ކަންބޮޑުވުން އިތުރުވާނެ ޚަބަރެކެވެ. މިއީ ތެދު ޚަބަރެއް ނަމަ ޕޮޒިޓިވްވި މީހުންނާއި އެހެން ބައަކު ކޮންޓެކްޓް ނުވާކަން ޔަގީން ނުކުރެވޭކަމަށް ބައެއް ރައްޔިތުން ބުނަމުންދާ ބުނުމަށް ބާރު ލިބޭނެއެވެ.

ނަމަވެސް މީގެ ތެދު ދޮގެއް ބަލާލުމަށް އާމިނާ ދިޔޯ ހެލްތު ސެންޓަރުގެ ބޭފުޅަކާ ވާހަކަ ދައްކާލުމުން ބުނީ މިއީ މުޅިން ތެދު ޚަބަރެއް ނޫންކަމުގައެވެ. އަދި ނެގީ ޕޮޒިޓިވްވި ދިވެއްސަކާ ކޮންޓެންކްޓް ވުމުގެ ފުރުސަތު އޮތްބައެއްގެ ސާމްޕަލް ކަމަށެވެ. ސީދާ ކޮންޓެކްޓްވި ބައެއްގެ ސާމްޕަލްއެއް ނޫންކަމަށެވެ.

“ތިއީ މުޅިން ތެދު ޚަބަރެއް ނޫން. ތި ޕޯސްޓްގައި އިބާރާތް ކޮށްފައިވާ ގޮތް ރަނގަޅެއް ނޫން. ރަނގަޅު ގޮތަކީ ޕޮޒިޓިވްވި ދިވެއްސަކާ ކޮންޓެންކްޓް ވުމުގެ ފުރުސަތު އޮތްބައެއްގެ ސާމްޕަލް ނެގި ވާހަކަ.”

އިތުރަށް ތަފްސީލު ކޮށްދެވުމުން އެބޭފުޅާ ވިދާޅުވީ، މިސާލަކަށް ކަރަންޓީނުގައި ތިބޭ މީހުންނަށް ކާންގެންދިޔުން ފަދަ ކަންކަން ކުރާ ފަރާތްތައް އެއީ ކޭސް ޑެފިނިޝަންގައި ސީދާ ކޮންޓެކްޓުވި ފަރާތްތައް ކަމަކަށް ނުބަލާނެ ކަމަށެވެ. އެހެންކަމުން އެއީ ސީދާ ކޮންޓެކްޓިވި ފަރާތްތަކަކަށް ނުވާނެއެވެ.

މީގެ އިތުރުންވެސް މި ސާމްޕަލްތަކާއި ބިދޭސީންގެ ކޭހާއި އެއްވެސް ގުޅުމެއް ނެތްކަމަށް އެބޭފުޅާ ވިދާޅުވިއެވެ. އަދި މި ދެ ކޭހަކީ ރަށުގެ ދެ ސަރަހައްދެއްގައި ހިނގައިފައިވާ ދެ ކޭސްކަމާއި އަދި ދެ ކޭހުގެ ގުޅުމެއް ނެތްކަމަށް ވިދާޅުވިއެވެ.

“ޕޮޒިޓިވްވި 7 މީހުންގެ ތެރެއިން ދިވެހި މީހާގެ ކޭހާއި ގުޅޭ ސާމްޕަލްއެއް ނެގީ. ޕޮޒިޓިވްވި 6 ބިދޭސީންނާއި ގުޅޭ ސާމްޕަލްއެއް ނޫން.” މިފަދަ ދަނޑިވަޅެއްގެ ރައްޔިތުންނަށް އޮޅޭފަދަ ރަނގަޅުނޫން މައުލޫމާތު ފަތުރާތީ އެކަމާ ކަންބޮޑުވާކަން ހާމަކޮށް އެބޭފުޅާ ވިދާޅުވިއެވެ.

ޕޮޒިޓިވްވި ފަރާތްތަކާ އެހެން ބަޔަކާ ސީދާ ކޮންޓެކްޓް ނުވާކަމުގެ ޔަގީންކަން އާމިނާ ދިޔޯ ހެލްތު ސެންޓަރުން ދޭއިރު، މިކަމާ ގުޅިގެން ރަށުގެ ބައެއް ރައްޔިތުންގެ ހިތްތަކުގައި އަދިވެސް ސުވާލު އެބަހުއްޓެވެ.