އިތުރު މައިޒާންތަކުގެ ކުލަވަރާއެކު އިޖްތިމާއީ ރޫހު ކެކިއުތުރިއަރަނީ!

adhuham

މިދިޔަ އޮގަސްޓް މަހުގެ 21 ވަނަ ދުވަހަކީ އިހަވަންދޫއަށް ތާރީޚި ދުވަހެކެވެ. ހާލާއި ކުނބޮލުގެ މިޔުޒިކީ އަޑާއެކު ދުވަހުގެ އިރު ފެނުން ހިއްލާލި އިރު ރަށުގެ ހީވާގި އަންހެން ކަނބަލުން އެއުޅެނީ ބޮޑު ކެއްކުމެއް ކެއްކުމަށް ތައްޔާރުވާށެވެ. އެއީ އެރޭ ބޭއްވޭ ޚާއްސަ ހަފްލާއަކަށެވެ. މިސްކިތް މަގު ޒުވާނުން އެތައް ދުވަސްތަކެއް ވާންދެން ކުރަމުން އައި ބުރަ މަސައްކަތުގެ ނަތީޖާ ފާހަގަ ކުރުމަށެވެ.

ކޮވިޑް 19 އިގެ ބަލިމަޑު ކަމުގެ ތެރޭގައިވެސް ރަށުގެ ޒުވާނުން ތަކެއް އިޖްތިމާއީ ރޫހު ކުރިއަށް ނެރެ، ރަށުގެ ޗާލުކަން އަނބުރާ ހޯދުމަށް ރަށުގައި މައިޒާނެއް ހެދުމަށް ނިއްމިއެވެ. އަދި މި ހުވަފެނުގައި ކުލަ ޖެއްސުމަށް ޖޫން މަހުގެ 25 ވަނަ ދުވަހުން ފެށިގެން އަަމަލީ މަސައްކަތްފެށިއެވެ. މި މަސައްކަތް ނިމި، “މިސްކިތް މަގު މައިޒާން” ހުޅުވުން އޮތީ މިދެންނެވި ދުވަހުގެ ރޭ 2030 ގައެވެ.

މި ޒުވާނުންގެ ބުރަ މަސައްކަތް ހަމަ ލޮލުން ދެކިލުމުގެ ފުރުސަތު އަދި ލިބިފައި ނުވިނަމަވެސް، ފޭސްބުކުންނާއި ނޫސްމަޖައްލާ ތަކުން އެ ތަންތަނުގެ ފޮޓޯއާ މަންޒަރު ދެކުނީމެވެ. އެ ފޮޓޯތައް ފެނިފައި އުފާވިއެވެ. ކޮށްފައިވާ މަސައްކަތް ވަރަށްވެސް ފުރިހަމައެވެ. ވަރަށްވެސް ޗާލެއެވެ. މިއީ ރަށުގެ މަލަމައްޗަށް ލިބުނު ފުރިހަމަ ކަމެކެވެ. ހަދާފައިވަނީ ލައިޓިން ސިސްޓަމަކާއެކު ރޭނގަޑުވެސް ބޭނުން ކުރެވޭފަދަ ޒަމާނީ ފެންވަރުގެ ފިކްނިކް އޭރިއާއެކެވެ.

މިސްކިތް މަގު މައިޒާން ހުޅުވިތާ މާގިނަ ދުވަސް ތަކެއް ނުވެ ރަށުގައި އިތުރު މައިޒާންތަކެއް ތަރައްގީ ކުރެވިގެންދާނެ ކަމުގެ ފެހި ސިގްނަލް މިހާރު ފެންނަން ފަށާފިއެވެ. އެގޮތުން ރަށުގެ ދެ ސަަރަހައްދެއްގައި މައިޒާން ތަރައްގީ ކުރުމުގެ ހުއްދަ އިހަވަންދޫ ކައުންސިލުން މިހާރު ވަނީ ދެ ފަރާތަކަށް ދީފައެވެ.

މިދިޔަ ސެޕްޓެމްބަރު 6 ވަނަ ދުވަހު ރަށު ކައުންސިލުން ވަނީ ރަށުގެ އިރުމަތީ ފަރާތުގައި “ކުޑަ ކަތީބު މައިޒާން” ގެ ނަމުގައި ތަރައްގީ ކުރާ މައިޒާން ހެދުމަށް ގަބީލާ ޓީމަށް ހުއްދަ ދީފައެވެ. އަދި އިމަގު ޖަމިއްޔާ އާއި އެފްސީ ބޮޑުމަގު ގުޅިގެން ރަށުގެ ހުޅަނގު ފަރާތުގައި މައިޒާނެއް ތަރައްގީ ކުރުމަށްވެސް ހުއްދަ ދީފައި ވެއެވެ.

ތަރައްގީ ކުރެވިގެންދާ މައިޒާންތަކުގެ ތަސައްވަރު މި ފަރާތްތަކުން ވަނީ ކުރެހުމަކުން ދައްކާލައިފައެވެ. އެގޮތުން ބާބަކިޔު ހެދޭނެ ނިޒާމުތަކުގެ އިތުރުން ފެންވެރޭނެ ތަނަކާއި، ކުޑަކުދިން ކުޅޭނެ ޕާރކެއްގެ އިތުރުން އައުޓް ޑޯރ ޖިމެއްވެސް މިކުރެހުން ތަކުން ފެނެއެވެ. މިއީ ވަރަށްވެސް އުއްމީދީ ތަސައްވަރު ތަކެކެވެ!

މައިޒާން ތަރައްގީ ކުރުމުގެ ސިލްސިލާއިން ދޭހަވަގެން މިދަނީ ރަށުގެ އިޖްތިމާއީ ރޫހު ވަރުގަދަވެފައިވާ ކަމެވެ. މިސްކިތް މަގު ޒުވާނުންގެ އިސްނެގުމުން ނަމޫނާ ލިބި، ރަށުގެ އެހެން ޒުވާނުންވެސް ރަށް ކުރިއެރުމަށް ފޫގަޅާލައި އަތުރުކުރި އޮޅާލައިފައިވާ ކަމެވެ. މިއާއެކު ރަށުގެ އިޖްތިމާއީ ރޫހު ކެެކި އުތުރި އަރައި، މި ދެ މައިޒާންވެސް ތަރައްގީ ކުރެވި، މުސްތަގުބަލުގައި އިތުރު އިޖްތިމާއީ ހަރަކާތްތައް ފެންނާނެކަމަށް އުއްމީދު ކުރެވެއެވެ.

ތަރައްގީ ކުރަން ރާވައިފައިވާ ދެ މައިޒާނުގެ ކުރެހުން.

މައިޒާންތައް ނޫނަސް ރަށަށް ބޭނުން ޖެހިފައިވާ އިތުރު ކަންތައްތައްވެސް އެބަހުއްޓެވެ. މިހާރު ބަނދަރުމަތީގައި ޖަހާފައި ހުރި ކުޑަތައްވެސް ހަލާކުވެފައި ހުރިއިރު، މިކަހަލަ ކަންތައްތައްވެސް އިޖުތިމާއީ ރޫހެއްގައި ހައްލުކުރެވިގެން ދާނެ ކަމަށް އުއްމީދު ކުރަމެވެ. މީގެ އިތުރުން ޕާރކް ތަރައްގީ ކުރުމާއި، ބަނދަރު މަތި ނަލަކޮށް ޗާލު ކުރުމާއި، މަގުތައް ވެސް އެއްވަރު ކުރުން ފަދަ ކަންތައްތައްވެސް އިޖްތިމާއީ ރޫހުގައި ކުރެވިގެން ދާނެކަމަށް އުއްމީދު ކުރަމެވެ.

ރަށު ކައުންސިލުން ވެސް ރަށުގައި ކުރެވޭނެ އިޖްތިމާއީ ކަންތައްތައް ބަލައި، އެކަންތައްތައް ކުރުމަށް ހިތްވަރު ދިނުމުގެ އިތުރުން އެފަދަ ކަންތައްތަކަށް މާލީ ގޮތުންނާއި ފަންނީގޮތުން އިހުނަށްވުރެއްވެސް ބޮޑަށް އެހީތެރިކަން ދޭން ނުވޭތޯއެވެ؟

އުއްމީދު ކުރަނީ އެގޮތަށެވެ. ރަށް ކުރިއަރުވަން ތިބޭނީ އެ ރަށެއްގައި އުޅޭ ބައެެކެވެ. އެހެން ބަޔަކު އެކަން ކުރާކަށް ނާންނާނެއެވެ.