މަދުބައެއްގެ އިހުމާލުން އުފެދޭ މަދިރި ހާލިތައް ރައްޔިތުންނަށް ވޭނަކަށް

ޢަބުދުﷲ ޙަމީދު

ހއ. އިހަވަންދޫގައި  އިންތިހާއަށް މަދިރި ގިނަވެ، އެކަމުގެ އުނދަނގޫ ރައްޔިތުންނަށް ފޯރަމުން އެބަދެއެވެ.

ކޮންމެ ވިއްސާރައަކާ ގުޅިގެން ރަށުގައި އަބަދުވެސް އާދަޔާހިލާފަށް މަދިރި ގިނަވާއިރު ، މަދިރި އުފެދޭ ގިނަ ތަންތަން ރަށުގައި ހުންނަކަން ފާހަގަ ކުރެވެއެވެ. ކޮންމެ ފަހަރަކުވެސް އެންމެ ބޮޑަށް މަދިރި އުފެދޭ ތަންތަން ކަމަށް ފެންނަނީ އޮޑިހަރުގެ ތަކާއި އަތިރިމަތީގައި އަޅާނުލާ ދޫކޮށްލާފައި ހުންނަ ޑިންގީ ފަދަ ތަކެއްޗެވެ.

2017 ވަނަ އަހަރު ފެބުރުވަރީ މަހު އިހަވަންދޫއަށް ކުރިމަތިވި ބަލިމަޑުކަމަކީ އިހަވަންދޫ އެއްވެސް ރައްޔިތެއް އަލުން ދެކެން ބޭނުންވާނޭ ދުވަހެއް ނޫނެވެ.އެއީ  މަދިރީގެ ސަބަބުން ޖެހޭ ބައްޔެއް ކަމަށްވާ ޑެންގީ ހުން ޖެހޭ މީހުންގެ އަދަދު އިހަވަންދޫގައި އިތުރުވެ، ރަށް ހާސްކަމެއްގެ ތެރެއަށް ގެންދިޔަ ދުވަސްވަރެކެވެ.

މަދިރި ގިނަވެގެންދާއިރު ފެނިގެން ދަނީ ބައެއްގެ އިހުމާލެވެ. މަދުބައެއްގެ އިހުމާލުން އެތައް ހާސް މަދިރިތައް އުފެދި ރަށުތެރެއަށް އަރާއިރު، މާޒީއަށް ބަލާލުމުން ފެންނަނީ މިއިން ކޮންމެ ފަހަރަކުވެސް ރައްޔިތުން، ނުވަތަ ކައުންސިލުން، ނުވަތަ އެހެންވެސް ބަޔަކު ނުކުމެ މަދިރި އުފެދޭ ތަންތަން ނައްތާލާތަނެވެ.

ގޭ ދިޔަދޮވީގައި ހަރުލާފެން ނައްތާލަން ކައުންސިލަރުންނަކަށް ނާދެވޭނެ އެވެ. ބަންނަމުންދާ ޑިންގީ، ދޯނީގައި އުފެދޭ ފެންގަނޑު ނައްތާލުމަށް ކޮންމެ ފަހަރަކު ސިއްހީމަރުކަޒުގެ ޕަބުލިކު ހެލްތުގެ ފަރާތުން މުވައްޒަފުން އައުމަކީ މިމައްސަލާގެ ހައްލެއް ނޫނެވެ. އެންގުންތަކަށް ބޯލަނބައި ކިޔަމަންތެރިވާން ދަސްކުރަން އެބަޖެހެއެވެ. ފަރުދީ ޒިންމާ އަދާކުރަން ޖެހެއެވެ. މިއަދު ބަލާލި 3 ހަރުގެއިން ވެސް ފެންނަން ހުރީ ހިތާމަވެރި މަންޒަރުތަކެކެވެ. ބަންނަމުންދާ އޮޑިއާއި ޖެހިގެން ހުރި ކުދި ޑިންގީތަކުގައި އުފެދިފައިވާ ފެންގަނޑު ހިއްކާލާނެ ވަގުތެއް ނުވެފައިވާ ތަނެވެ. ހެދިފައިވާ ފެންގަނޑުތަކުން ޅަ މަދިރިތައް އުދުހިގެން ދާތަނެވެ. ފެންގަނޑު ގައި އެތައް ހާސް މަދިރިބިސްތަކާ، މަދިރި ފަނިތަކެވެ. ފެންގަޑުތަށް ހިއްކަން ބަޔަކު އަންނަންދެން ބަހައްޓާފައި ހުރިކަހަލަ އެވެ.

އާމިނާދިޔޯ ސިއްހީމަރުކަޒުގެ ޒިންމާދާރުވެރިޔާ އަލްފާޟިލް ހުސެއިން ފަޔާޒު މިނޫހުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ވިދާޅުވީ އޮޑިހަރުގެ ތަކުގައި މަދިރި އުފެދޭގޮތަށް ތަންތަން ހުރިކަން މަރުކަޒުގެ ޕަބުލިކު ހެލްތު ޔުނިޓަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ. މިއަދުވެސް ވަނީ ކޮބިޑު ޓާސްކްފޯސް އާއި ވޮލެންޓިއަރުން ގުޅިގެން އެފަދަ ތަންތަން ނައްތާލުމުގެ މަސައްކަތް ކޮށްފައި ކަމަށް ފަޔާޒު ވިދާޅުވިއެވެ.

އާމިނާދިޔޯ ސިއްހީމަރުކަޒުގެ ސީނިއަރ އެޑްމިނިސްޓްރޭޓަރ އަލްފާޟިލް މުޙައްމަދު އަކްރަމް ވެސް ވިދާޅުވީ، އެކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. ނިމިދިޔަ އޭޕްރީލް މަހުގެ 13 ވަނަ ދުވަހުން ފެށިގެން ރަށުގެ ވަށައިގެންވާ ތަންތަން ސާވޭކޮށްފައިވާ ކަމަށާއި، އެދުވަހުގެ ސާވޭގައި ގޯސްކޮށް ހުރިކަމަށް ފާހަގަ ކުރެވުނު ސަރަހައްދުތައް މިއަދު އިތުރަށް ބަލާ އިސްލާހުކޮށްފައިވާނެ  ކަމަށް އަކްރަމް ވިދާޅުވިއެވެ. އިސްލާހު ކުރެވޭވަރަށްވުރެ ގޯސްކޮން ހުރި ތަންތަނުގެ ވެރިންނަށް އެތަންތަން އިސްލާހު ކުރުމަށް އަންގާނެ ކަމަށް އަކްރަމް ވިދާޅުވިއެވެ.

އިހަވަންދޫ ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ރަޝީދުވެސް ވިދާޅުވީ، މިރެއިން ފެށިގެން އެފަދަ ތަންތަނުގެ ވެރިންނަށް އިސްލާހުކުރުމަށް އަންގަމުންދާނެ ކަމަށެވެ. މިއީ ތަކުރާރުކޮށް ހައްލުކުރުމަށް އެދެމުންދާ  ކަމެއް ނަމަވެސް މިކަމުގައި ފުރިހަމައަށް އިޖާބަނުދޭ މަދުބަޔަކު ތިބިކަން މުޙައްމަދު ރަޝީދު ވަނީ ހިތާމައާއެކު ފާހަގަ ކޮށްފައެވެ.  ރަޝީދު ވިދާޅުވީ ކޮންމެ އަހަރެއްގެ ވެސް އޭޕްރީލް އަދި މެއި މަހަކީ މަދިރި އާލާވުން ގިނަ ދުވަސްވަރަކަށް ވާތީ އެޕްރީލް މަހު ކުރީކޮޅު، އިހަވަންދޫ އެމެރްޖެންސީ އޮޕަރޭޝަން ސެންޓަރ އިން ރަށުގެ ހުރިހާ ސަރަހައްދެއް ޗެކުކޮށް މަދިރި އާލާވާނެހެން ހީވާ ތަންތަން އަދި މަދިރި އުފެދުމުގެ ފުރުސަތު ބޮޑެތި ތަންތަނުގެ މައުލޫމާތު އެއްކޮށްފައި ވާނެ ކަމަށެވެ. އަދި އޭޕްރީލް މަހުގެ ފަހުކޮޅު އެފަދަ ތަންތަން ނައްތާލުމުގެ ގޮތުން އޮޑި އަދި ލޯންޗު ފަހަރުގެ ވެރިންނަށް އެކަން ހައްލުކުރުމަށް އަންގާފައިވާނެ ކަމަށް ރަޝީދު ވިދާޅުވިއެވެ.

މުޙައްމަދު ރަޝީދު އިތުރަށް ވިދާޅުވީ މަދިރި އުފެދޭ ތަންތަން ނައްތާލުމުގެ މަސައްކަތް މިއަދު ކޮށްފައިވާނެ ކަމަށެވެ. ނަމަވެސް ގިނައިން ފެންހުރި މަދު އުޅަނދުތަކެއް އަދިވެސް އެބަހުރިކަން ރަޝީދު ފާހަގަ ކުރެއްވިއެވެ.

މިކަމަށް ދާއިމީ ހައްލެއް ލިބެން އޮތީ ރައްޔިތުން ފަރުދީ ޒިންމާ އަދާކޮށްގެންނެވެ. އޮޑިހަރުގެވަޅުގެ ވެރިން ކައުންސިލްގެ އެންގުންތަކަށް ބޯލަނބާގެންނެވެ. އިހަވަންދޫ އަކީ ކުޅިއެއް އޮންނަ ރަށެއް ނޫނެވެ. ރަށުން މަދިރި ނައްތާލުމަކީ އުނދަނގޫ ވާނެ ކަމެއް ނޫނެވެ. އެއްބަސްވުމާ އެއްގޮތަށް ހަރުގެވަޅުތައް ނުބަލަހައްޓާނަމަ ހަރުގެވަޅު ދޫކުރި ފަރާތް ކަމަށްވާ ކައުންސިލުން، ހަރުގެވަޅުގެ ވެރިންގެ އަތުން އެތަންތަން ނެގެން ޖެހޭނެ ކަމަށް ޤަބޫލުކުރެވެއެވެ. އޭރުންވެސް ގޯސްވާނީ ކައުންސިލް ކަން ޔަޤީނެވެ. ހިތާމައަކީ މަދުބައެއްގެ އިހުމާލުން ނަމަވެސް ރަށުގެ އެންމެހާ ރައްޔިތުންނަށް މިކަން ވޭނަކަށް ވެފައިވާ ކަމެވެ. އެބައެއްގެ އިހުމާލުގެ ސަބަބުން ރައްޔިތުން ސިއްހީ ގޮތުން ނުރައްކަލަކަށް ވެއްޓުމަށް މަގެއް ކޮށާދީފައިވާ ކަމެވެ.