އެޑަމް އަދިވެސް އުއްމީދުގައި

މަހްމޫދު ޢަލީ

“މިމަސައްކަތް ނިމޭނީ މައިކަޕް ތަށި ކުޅިމަގުން އުފުލާލާފަ”

 އިހަވަންދޫގައި އޮތް އެންމެ އެއްބައިވަންތަ އެއް ޓީމަކީ ކުޅިމަގެވެ. އެންމެ އަޚްވަންތަ އެއް ޓީމަކީ ކުޅިމަގެވެ. ކުޅިމަގު ޓީމް އަބަދުވެސް ރުކުރުވާލެވެނީ ކުޅިމަގަށް އޮތް ލޯތްބާއި ޖޯޝާއެކުއެވެ. ގެވަޅު ދޫކޮށް، ސަރަހައްދު އާބާދުކުރުމަށް ކުރެވެމުންދިޔަ މަސައްކަތުގައި، ކުޅިމަގުގެ ގުދުރަތީ މަގު ގެއްލުނު ނަމަވެސް، ކުޅިމަގަށް ނިސްބަތްވާ ކުޅި ވެއްޔާއެކު ބީވެގެން ދިޔަނަމަވެސް ކުޅިމަގުގެ ޒުވާން ޖީލު ކުޅިމަގުގެ ނަން ދަމަހައްޓަމުންދަނީ އުފަލާއެކުއެވެ.

ހުޅަނގު އަވަށުގެ ޒުވާނުން ކުޅެ މަޖާކުރުމަށް ބޭނުންކުރަމުންދިޔަ ޖޯލިތަކާއި ހޮޅުއަށިތަކުގެ އަދަދު މަދުވެގެންދިޔައިރު، ކުޅިމަގުގެ ނަމަކީ ފަޚްރެއްކަމުގައި ދެކި، ޓީމެއްގެ ގޮތުގައި ކުޅިމަގު ރުކުރުވާލުމުގައި އެންމެ އިސްކޮށް މިއަދު ތިބީ، ކުޅިމަގު ކުޑަ ކޯޓަށް ވޮލީ ކުޅެންދިޔަ ކުޅުންތެރިންނާއި، އެކުޅުންތެރިންގެ ފަހަތުން، ބޯޅަ ހޮވަން އޭރު ތިބި ޅަފުރައިގެ ކުދިންނެވެ. ވަކިން ޚާއްސަކޮށް އިސްކޮޅުން ކުރުނަމަވެސް، ވޮލީ ބޯޅަ ކުޅުމުގެ ޝައުޤާއި އާއިލީ މެންބަރުންނާއެކު ކުޅިމަގަށް ދިޔަ ޅަފުރައިގެ ކުޑަކުޑަ އެޑަމްގެ ވާހަކަ ފެށޭ ހިސާބަކީ މިއީއެވެ.

ފުޓްބޯޅައިގެ ދަނޑުގައި އަދި ވޮލީގެ ދަނޑުގައިވެސް އެޑަމްގެ ނަމަކީ ދަނޑު މަތީގައި މާ މަޤްބޫލް ނަމަކަށް ނުވި ނަމަވެސް، ކުޅިވަރުގެ މައިދާނުގައި ދަނޑު ބޭރުގައި، އެޑަމްއަކީ ޖޯޝާއި ފޯރިއާއި ހިތްވަރާއެކު ކުޅިމަގަށްޓަކައި ނިކުމެ ހުރި ފިސާރި ޒުވާނެކޭ ބުނަމަކީ ދޮގަކަށް ނުވާނެއެވެ. 2016 އަދި 2017 ވަނަ އަހަރު މުހައްމާ ކަޕް ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލި ކުޅިމަގު ޓީމުގެ މެނޭޖަރއަކީވެސް އެޑަމްއެވެ. އުމުރުން އެންމެ 16 އަހަރުގައި، 2014 ވަނަ އަހަރު ބޮޑު މުބާރާތަކަށް އެޑަމް ނިކުތީވެސް ކުޅިމަގުގެ ބޮޑު ނަން ހިފައިގެންނެވެ. 2014 ވަނަ އަހަރު ކުޅިމަގު ނިއު ޖެނެރޭޝަންގެ ނަމުގައި މައިކަޕް މުބާރާތަށް ޓީމެއް ނެރުމުގެ ފަހަތުގައި ހުރީ، މިއަދު އިހަވަންދޫގައި އޮތް އެންމެ ބޮޑު އެއް ފުޓްބޯޅަ ޓީމް ކާމިޔާބުގެ މަންޒިލަކާއި ހަމައަށް ދެވެންދެން ދޫދިނުމެއް ނެތި ކުރިއަށްދިއުމުގެ ޝައުޤުގައި ހުރި ޒުވާން މެނޭޖަރ އާދަމް ސަލީމް (އެޑަމް) އެވެ.

“މިއީ ހަގީގަތުގައި ވަރަށް ބޮޑު މަސައްކަތެއް. އަތޮޅު ފެންވަރުގައި ހއ ގައި ބޭއްވޭ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތަށް ޓީމެއް ތައްޔާރުކުރުމަކީ ކުޑަކަމެއް ނޫން. ދުރާލާ މުޅި އަހަރު ދުވަހު ކުރެވޭ ވަރަށް ގިނަ މަސައްކަތްތައް އެންމެ 3 ދުވަހުން ފެނަށް އެބަދޭ. އެހެންވީމާ އައު ހިތްވަރަކާއެކު ނިކުތުމަކީ ވަރަށް އުނދަގޫކަމަކަށް ވެފައި އޮންނަނީ” މިއީ ކުޅިމަގާއެކު އެޑަމް ކުރަމުންދާ ތަޖުރިބާތައް އެޑަމް ސިފަކުރި ގޮތެވެ.

އެޑަމް ބުނާގޮތުގައި 2015 ވަނަ އަހަރު ކުޅިމަގު އޭގެ އަސްލުގައި ނިކުމެ، ފާއިތުވި 5 އަހަރު ކުރެވުނު މަސައްކަތުން، އެންމެ އެދެވޭ ނަތީޖާއެއް ލިބިފައި ނެތުމަކީ ޗެލެންޖެކެވެ. ހިތާމަޔެކެވެ. އިތުރަށް ކުރިއަށްދިއުމަށް ކުރިމަތިވެފައި އޮތް ބަރުދާސްތުކުރަން އުނދަގޫ ހުރަސްތަކެކެވެ.

“ވަރަށް އުއްމީދުކޮށްގެން ހުރީ 2017ގައިވެސް އަދި އެއަށްވުރެ ބޮޑު އުއްމީދެއް ކޮށްގެން ހުރީ މިދިޔަ އަހަރު (2019)ގައި. އެކަމަކުވެސް ވަރަށް ހަނދާނުން ފޮހެލަން ދަތިގޮތަކަށް ދިއްދޫ އަތުން ބަލިވެގެން މިދިޔައީ” އެޑަމް ބުންޏެވެ.

ކުޅިމަގަށް މިވަގުތު ކުރިމަވެފައި އޮތް އެންމެ ބޮޑު ހުރަހަކީވެސް އެޑަމް ސިފަކުރާ ގޮތުގައި 2017 އަދި 2019ގެ ސެމީގެ “ބޮޑު” ބައްޔެވެ. ލައްކައިން ހަރަދުކޮށް 2017ގެ މައިކަޕް މުބާރާތަށް ވަރަށް ބޮޑަށް ތައްޔާރުވި ވާދަވެރި ބޮޑެތި ޓީމްތައް ކަމުގައިވާ އަރާދުވާއާއި، ހޯރަފުށި ޓީމާއި އަދި ޤައުމީ ސްކޮޑްގައި ތިބި ދެކުޅުންތެރިންނާއެކު ނިކުތް އެންވީކޭ ކުއާޓަރގައި ބަލިކޮށް ކުޅިމަގު ސެމީއަށް ކުރި ދަތުރުން އުއްމީދު ގެނުވި ނަމަވެސް، ފަހު ވަގުތު ލިބުނު ޕެނަލްޓީއިން ނަތީޖާއެއް ނުނެރެވި ޖަންގަލް އަތުން ފައިނަލްގައި ބަލިވި ބަލިވުމުން އަރައިގަތުންވެސް 2018 އަށް ކުރިމަތިލީއިރު އޮތީ  ކުޅިމަގަކަށް ގޮންޖެހުމަކަށް ވެފައެވެ. އެގޮންޖެހުންތަކުން އަރައިގަތުމަށް 2018 ގައި ކުރި މަސައްކަތް އުއްމީދުނުކުރާފަދަ ގޮތަކަށް ބޭކާރުވެގެންދިޔައިރު، 2017އެކޭ އެއްގޮތަށް 2019 އަށްވެސް ކުޅިމަގު ނިކުތީ ފަހު ވަގުތު ނިންމި ބޮޑެތި ނިންމުންތަކާއެކު ޕްރެޝަރުގައި އޮވެ އުއްމީދުތަކާއެކުއެވެ.

“މުބާރާތް ފެށެން 2 ދުވަހަށްވީއިރުވެސް 2017ގެ ސްކޮޑް ފައިނަލް ނުވޭ. 2018 އަށް އަޅުގަނޑުމެން ނިކުތީ 2017ގައި އޮތް ޓީމާއި އެއްކޮށް ގާތްގަނޑަކަށް. 2017 އެކޭ އެއްގޮތަށް 2019ގައިވެސް އަޅުގަނޑުމެންގެ ސްކޮޑް ފައިނަލް ކުރުމުގައި ވަރަށް ބޮޑެތި ދަތިތަކެއް ކުރިމަތިވި. އެކަމަކު ދަތިތަކާއި އުނދަގޫތަކުން ނެރެވުނު ނަތީޖާއާއިމެދު އެންމެ ހިތްހަމަޖެހޭވަރު ނުވިނަމަވެސް، މައިކަޕް 2019ގައި، ކުޅިމަގު ސެމީގައި ކުޅުމަކީ ކާމިޔާބެއް ކަމުގައި ބުނެ ނިންމާލުން ނޫން ގޮތެއް މިވަގުތު އޮތް ކަމަކަށް ނުދެކެން” 2019ގެ ހިތި ތަޖުރިބާއާއި ބެހޭގޮތުން އެޑަމް އެންމެ ފަހަށް ބުނި ވާހަކައަކީ އެއީއެވެ.

ހަނދާނުން ފޮހެލަން ދަތި ނަމަވެސް، 2019 މާޒީގެ ތެރެއަށް ދޫކޮށްލުމަށްފަހު 2020 އަށް ކުޅިމަގުން ފެށި އައު މަސައްކަތްތަކާއެކު އެޑަމް އަދިވެސް ހުރީ އުއްމީދުގައެވެ. “ކުޅިމަގު އެންމެން މިއަދު ބޭނުންވަނީ އެންމެ އެއްޗެއް. އެއީ މައިކަޕް ޓްރޮފީ. ކުޅިމަގަކީ އިހަވަންދޫގައި އޮތް ވޮލީގެ އެންމެ ވަރުގަދަ ބާރު. ތިން މުގޯލީގައި އޮތް އެންމެ ވަރުގަދަ ބާރު. ފުޓްބޯޅައިގެ ގަދަ ބާރެއް ނަމަވެސް ބޮޑު މުބާރާތަކުން ނަތީޖާ ނެރުމުގައި އަދި މިވަނީ ފެއިލްވެފައި. އެހެންވީމާ އިތުރު މަސައްކަތްތަކެއްކޮށް އައު މިސްރާބަކަށް މިހާރު މިހުރީ.” 2020ގެ ތައްޔާރީތަކާއި ބެހޭގޮތުން އެޑަމް ބުންޏެވެ.

އެޑަމް ބުނި ގޮތުގައި 2020 އަށް ކުޅިމަގު ކުރިމަތިލަނީ އައު ވިސްނުންތަކާއި އައު ޚިޔާލުތަކުގެ އަލީގައި  ސީދާ ތައްޓަށް މިސްރާބުކޮށްގެންނެވެ. މައިކަޕްގެ ތައްޓަށް 2020 ވަނަ އަހަރު ވާސިލްވުމަށް ކުރެވޭ މަސައްކަތްތައް ތަރުތީބުކުރުމަށް މިހާރުވަނީ ކޭއެމްޖީގެ ބޯޑް އެކުލަވާލައި ރަސްމީކޮށް މަސައްކަތް ފަށައިފައެވެ. 5 މެންބަރުން ހިމެނޭ މިބޯޑުގެ ވިސްނުންތަކާއިއެކު 2020 އަށް ކުޅިމަގު ނިކުންނަނީ އައު އަޒުމަކާއި އައު ހިތްވަރަކާއެކު “ބިރުން ނުސިހޭތި – ތަފާތުވާނެ” ކަމަށް ބުނެ 2020ގެ މައިކަޕް ތަށި އެޑަމްގެ މެނޭޖަރުކަމުގައި އުފުލާލުމަށެވެ. ކުޅިމަގު ސަޕޯޓަރުންނަށް އަތް ޖައްސާނުލެވި އޮތް ހަމައެކަނި ތަށި ކުޅިމަގަށް ގެނެއުމުގެ އުއްމީދުގައެވެ.

އެޑަމްއަކީ އާދަޔާ ޚިލާފު މެނޭޖަރެކެވެ. ގޮތުގައި ހުންނަވާ ބަސްގަދަ މެނޭޖަރެކެވެ. ކުޅިމަގު ސްކޮޑުން ބައެއް ކުޅުންތެރިން ގެންދަން އިހަވަންދޫގެ ބޮޑު ޓީމަކުން ކުރި މަސައްކަތަށް “ކުޅިމަގު މެނޭޖަރުގެ ފަހުބަހަކީވެސް ފުރަތަމަ ބަސް ކަމުގައި ބުނެ” 2017 ވަނަ އަހަރު އެޑަމް ދީފައިވާ ޖަވާބުންވެސް އޭނާގެ އަޒުމް ވަރުގަދަކަމާއި ކޮންމެ ކޮންމެ ގޮތަކަށް ދީލާނުލާނެކަން ޔަޤީންވެގެންދެއެވެ.

އެޑަމްގެ ހިފެހެއްޓުމެއް ނެތް ޝުކުރުގެ ލިސްޓް ވަރަށް ދިގެވެ. އިހަވަންދޫގެ ބޮޑެތި ޓީމްތަކުގެ ބޮޑެތި ހުށައެޅުންތަކަށް ކުޅިމަގުގެ ކުޅިމަގުވަންތަ ކުޅުންތެރިން، ކުޅިމަގަށްޓަކައި ނޫނެކޭ ބުނާ ބުނުމަކީ އެޑަމްއަށް ލިބޭ އެންމެ ބޮޑު ހިތްވަރެވެ. ކުޅިމަގަށް ކާމިޔާބު ހޯދައިދިނުމަށް އެޑަމް އަދިވެސް ހުރީ އެކުޅުންތެރިންނާއެކު އެއް އަޒުމެއްގައެވެ. އެއް ރޫހެއްގައެވެ. މައިކަޕް 2020 ގެ ކުރިމަތިލުމަށް އެޑަމް ތައްޔާރުވަމުންދާއިރު، އެޑަމް ހުރީ އަދިވެސް އުއްމީދުގައެވެ. އެޑަމް ބުނާ ގޮތުގައި “މިމަސައްކަތް ނިމޭނީ މައިކަޕް ތަށި ކުޅިމަގުން އުފުލާލާފަ” އެވެ.