ތިޔައީ ޒުވާނެއްކަމުގައިވިޔަސް، ނުވަތަ މުސްކުޅިއެއް ކަމުގައިވިޔަސް ތިޔައީ ސިނގިރެޓްގެ އަޅަކަށް ވެފައިވާ ފަރާތެއްކަމުގައިވާނަމަ، އެކަމާ ދުރުވުމަކީ، އުނދަގޫ ކަމެކެވެ. ނަމަވެސް، ރަނގަޅުވަގުތުގައި ރަނގަޅަށް ޕުލޭން ކުރިވި ތައްޔާރީތަކާއި އެކުގައި މިކަމަށް ފަށައިގަނެފިނަމަ، މިގެއްލުންދެނިވި އާދަޔާ އަލްވަދާއުކިޔުމަކީ، ފަސޭހަކަމެކެވެ. އަދި މިއާއެކުގައި ތިބާޔަކީވެސް، މިކަމާ ދުރަސްގޮސްފައިވާ މިލިޔަނަކަށްވުރެ ގިނަމީހުންނާ ގުޅިފައިވާ މީހަކަށް ވެދާނެއެވެ.
މިކަން ހުއްޓާލަން އުނދަގޫވަނީ ކީއްވެ؟
ސިނގިރޭޓަކީ، ފިކުރީގޮތުންނާއި، ޖިސްމާނީގޮތުން އަދި ނަފުސާނީގޮތުން، ތިމާ އެއަށް އަޅުވެތިކުރުމުގެ ބާރު ލިބިފައިވާ އެއްޗެކެވެ. އޭގައިވާ އެތައް ހާސް ކެމިކަލްތަކެއްގެ ސަބަބުންނެވެ. މިއާ އެކުއެކީގައި ސިނގިރޭޓް ވެގެންދަނީ، ތިމާއެޔަށް އަޅުވެތިކުރުވާ ވަސީލަތަކަށެވެ. މިކަމުގައި އެންމެ މުޙިއްމު ރޯލެއް ކުޅެނީ، ސިނގިރޭޓްގައިވާ އެތައް ހާސް ކެމިކަލެއްގެ ތެރެއިން ނިކޮޓިން ނަމަކަށް ކިޔޭ ކެމިކަލް އެކެވެ. އެހެންކަމުން މިކަމުން ސަލާމަތްވާން ބޭނުންވާ މީހާ ވަރަށް ހިތްވަރާއެކުގައި މިކަމާ ކުރިމަތިލާންޖެހެއެވެ.
ތިމާ ސިނގިރޭޓާއި ގާތްވާ ސަބަބުތައް:
ތިމާގެ، ކިބައިގާވާ އެކަނިވެރިކަމާއި، ހިތްދަތިކަމެއްގެ ސަބަބުން، ނުވަތަ ތިމާ ކުރިމަތިލާންޖެހިފައިވާ ހިތާމައާއި މޮޅިވެރިކަމެއްގެ ސަބަބުން، ނުވަތަ ތިމާ ތަހަންމަލް ކުރަންޖެހިފައިވާ އަނިޔާވެރިކަމަކާއި ބިރުވެރިކަމެއްގެ ސަބަބުން ތިމާޔަށް އެންމެ ގާތް އެކުވެރިޔެއްކަމުގައި ސިނގިރޭޓް ހެދޭތަން އާދެއެވެ. އެފަދަ ވަގުތުތަކެއްގައި، ތިމާގެ އެންމެ ގާތް އެކުވެރިއަކަށްވަނީ، ސިނގިރޭޓެވެ. ބައެއް ޚާލަތްތަކުގައި އެއީ ތިމާގެ ހުރި ހަމައެކަނި ރަޚްމަތްތެރިޔާއޭ ހީކުރެވޭތަން އާދެއެވެ.
އާއެކެވެ. ސިނގިރޭޓްގައި މިފަދަ އަސަރުތަކަށް ވަގުތީ ހައްލެއް ވެއެވެ. އެހެނީ، ސިނގިރޭޓްގައިވާ ތަފާތު ކެމިކަލްތަކުގެ ސަބަބުން، ލޭގެ ހިނގުމަށް ބަދަލުތަކެއް ގެނުވައެވެ. ނަމަވެސް، ވިސްނަންޖެހޭ ކަމެއްވެސް ވެއެވެ. އެހެނީ، އޭގެން ލިބޭ ފައިދާތަކަށްވުރެ އޭގެން ލިބޭ ގެއްލުން މާބޮޑެވެ.
ނުވިސްނާލަންތޯއެވެ؟ ސިނގިރޭޓްގެ ބަދަލުގައި މިފަދަ ކަންބޮޑުވުންތަކާއި ހިތްދަތިކަމުން ތިމާދުރުކޮށްދޭ ބާވަރު ކަންތައްތައް އެބަހުއްޓެވެ. މިސާލަކަށް: ކަސްރަތުކުރުން، ޔޯގާފަދަ ތިމާއަށް ހަމަހިމޭންކަން ގެނުވާ ކަންކަން، ލަސްލަހުން ފުންކޮން ނޭވާލުން، ހަމަހިމޭން ތަނަކަށް ނިކުމެލާ ސާފުވައި ހޯދާލުން ހިމެނެއެވެ.
ތިމާގެ ކިބައިގައިވާ ހިތްދަތި އަސަރުތައް ފިލުވާލުމަށް، ތިމާގެ ރަޚްމަތްތެރިޔަކަށް، އެވާހަކަތައް ހިއްސާ ކޮށްލުމަކީވެސް، ތިމާއަށް އެކަންކަމުން ލުއިލިބޭ ކަމެކެވެ.
ސިނގިރޭޓް ބުއިން ހުއްޓާލާނީ ކިހިނެއް؟
އަހަރެން މިހާރު ސިނގިރޭޓް ބުއިން ހުއްޓާލީ ކަމުގައި ބުނެ މިކަން ހުއްޓާލުމަކީ އުނދަގޫ ކަމެކެވެ. އެހެންނޫނީ ތިމާ މިއަންނަ ރަމަޟާންމަހުން ފެށިގެން ސިނގިރޭޓް ބުއިން ހުއްޓާލީ ކަމުގައި ނިންމާ، ސީދާ އެދުވަހުން ފެށިގެން އެކަން ހުއްޓާލުމަކީވެސް، ތިމާޔަށް އުނދަގޫތަކަކާ ކުރިމަތިވާނޭ ކަމެކެވެ.
އެހެންވެ މިކަމުގައި ކަމާބެހޭ މާހިރުންގެ ލަފަޔަކަށް ދަމާ ހިނގާށެވެ.
ތިމާ މިކަން ކުރަންވީ ދުވަހަކީ، މާދަމާ ކަމުގައި ނުހަދާށެވެ. އަދި މިކަމަށް ފަށާގަންނަންވީ ދުވަހަކީ މިއަދުކަމުގައި ދެކޭށެވެ. ނަމަވެސް، ސީދާ އެއްކޮށް ސިނގިރޭޓް ބުއިން ނުވަތަ ދުންފަތުގެ އިސްތިޢުމާލް ކުރުން ހުއްޓާލާނޭ ދުވަހަކީ، މިއަދުން ފެށިގެން ގާތްގަނޑަކަށް 3 މަސްދުވަހުގެ ދުވަހެއްކަމަށް ކަނޑައަޅާށެވެ.
މާނަޔަކީ، ތިމާގެ އާއިލާގެ މީހުންނަށާއި، އެކުވެރި ރަޚްމަތްތެރިންނަށް، ތިމާ ސިނގިރޭޓް ބުއިމާ ދުރައްދާން އުޅޭ ވާހަކައާއި، މިކަމުގައި އެމީހުންގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާނޭކަމަށް ބުނާށެވެ. އަދި މިކަން ކުރުމުގައި ތިބާޔަށް އެހީތެރިވުމަށް އެދޭށެވެ.
ސިނގިރޭޓާ ދުރައްދިއުމަށް، ތިމާޔަށް އެންމެ އުނދަގޫވާނޭ ކަންތައްތައް ތިމާދެނެގަތުން މުޙިއްމެވެ. މިސާލަކަށް، ސިނގިރޭޓް ބޯ ރަޚްމަތްތެރިއަކާއެކުގައި ގިނައިން ކޮފީގައި ވަގުތު ހޭދަކުރާނަމަ، ތިމާޔަށް މިކަމުގައި އުނދަގޫވެދާނެކަން ދެނެގަންނާށެވެ.
ސިނގިރޭޓް ބުއިމުން އަހަރެންނަށް ކެންސަރާ ކުރިމަތިލާން ޖެހިދާނެއެވެ. އަދި އެކަމުގެ ފުރުސަތު 80 އިންސައްތައަށް ބޮޑުވެއެވެ. އެހެންވެ އަހަރެން ސިނގިރޭޓާ ދުރަށް ދާނަމެވެ.
ސިނގިރޭޓް ބުއިމާ ދުރަށް ދިއުމުން އަހަރެންގެ ހަށިގަނޑުގެ ދުޅަހެޔޮކަން އިތުރުވެ، ގައިގެ ބުންވަރު އިތުރުވެއެވެ. އެހެންވެ، އަހަރެން ސިނގޭޓް ބުއިން ހުއްޓާލާނަމެވެ.
އަހަރެން ސިނގިރޭޓް ބޯތީ އަހަރެންގެ އަނބިމީހާއާއި، ޢާއިލާގެ މީހުންނާއި، ބައެއް ރަޚްމަތްތެރިން ނުރުހުންވެއެވެ. މިކަން ހުއްޓާލައިފިނަމަ، އަހަރެން އޭގެތެރެއިން އެކަކުވެސް، އެކަހެރިއެއް ނުކުރާނެއެވެ.
އަހަރެންގެ ސަބަބުން، އަހަރެންގެ ދަރިންނަކީ، ސިނގިރޭޓް ދުމުގެ އަސަރުކުރާބަޔަކަށް ވެގެން ނުވާނެއެވެ. ވީމާ އަހަރެން މިކަމާ ދުރަށް ދާންޖެހޭނެއެވެ.
އަހަރެންނަށް ފައިސާ ހޭދަކުރަންޖެހޭ އެހެން ކަންތައްތައްވެސް އެބަހުއްޓެވެ. އެކަންކަން އަހަރެންނަށް މާމުހިއްމެވެ.
މިފަދަ މުޙިއްމު ނުކުތާތައް އަބަދުވެސް، ހިތުގައި ބެހެއްޓުމުން މިކަމާ ދުރަށް ދިއުމަށް 2 ގުނަޔަށް ބާރު ލިއްބައިދޭނެއެވެ.
މިހާރު ތިބާޔަށް ބޮވެނީ ކިތައް ސިނގިރޭޓް ހެއްޔެވެ؟
އެމިންވަރު ނޯޓްކުރާށެވެ. އަދި ކުރިއަށް އޮތް ތިންމަސްދުވަހު، މިކަން ހުއްޓާލުމަށް ބޭނުންވާނަމަ، މަޑުމަޑުން މިންވަރު މަދުކުރާނޭ ރޭޓެއް ކަނޑައަޅާށެވެ. އަދި ހުސްވަގުތުތަކުގައި ކުރާނޭ ކަންތައްތައް ރާވާށެވެ. މިސާލަކަށް، ކުރިވަޅެއް ކުޅުން، ވާހަކަލިޔުން، ކިޔުންތެރިކަން ފަދަ ކަންތައްތައް ހިމަނާލާށެވެ.
މިސާލަކަށް ދުވާލަކު 20 ސިނގިރޭޓް ބޮވޭނަމަ، ފުރަތަމަ ހަފުތާގައި ދުވާލަކަށް 17 ސިނގިރޭޓަށް މަދުކުރާށެވެ.
އަދި ބާކީ 12 ހަފުތާއެބައޮތެވެ. ހިތްވަރުކޮށްފައި ދެވަނަ ހަފުތާގައި 14 ސިނގިރޭޓަށް ދަށްކުރާށެވެ.
އަދި ފުރަތަމަ އެއްމަސް ދުވަސް ނިމޭއިރު 10 ސިނގިރޭޓަށް ދަށްކުރާށެވެ.
މިހާރު ތިބާޔަށް ތިޔަ ހޯދުނީ ވަރަށްބޮޑު ކާމިޔާބެކެވެ.
ދެވަނަ މަސްދުވަސް ފާއިތުވެ އެމަސް ނިމެންވާއިރަށް ދުވާލަކު 4 ސިނގިރޭޓްގެ މިންވަރަށް ދަށްކުރެވޭނެއެވެ. އަދި ރޭގަނޑު އެއްގޮތަކަށްވެސް އެކަން ނުކުރާށެވެ.
ހިތްވަރު އާކޮށް އެންމެ ފަހުން ތިންވަނަ މަސްދުވަސް ފުރިހަމަވެ، ހުއްޓާލަން ބޭނުންވާ ދުވަހު އެކަން އެއްކޮށް ހުއްޓާލާށެވެ.
ނޯޓް: ހުއްޓާލާ ދުވަހަކީ، ރަމަޟާން މަސްފަދަ މަހެއް ފެށޭ ދުވަހަކަށް ހަދައިފިނަމަ، ދުވާލުގެ ވަގުތުގައި ސިނގިރޭޓްގެ އިސްތިޢުމާލުކުރާ މީހާއަށް އެކަން ހުއްޓާލުމަށް އެހީއަކަށް ވާނެއެވެ.
މަރްޚަބާ ކިޔަމެވެ. މިހާރު ތިބާޔަކީ، ދުންފަތާ ދުރަށް ދެވިފައިވާ މީހެކެވެ.