ދުމުގެ ތެރޭގައި ކުރާ ކަސްރަތު

ޢަބުދުﷲ ޙަމީދު

ހަވީރު ގަޑީގައި ހުޅަނގު ފަރާތުން އަރަން ފެށި ދުމާހެދި ގޭގެ ދޮރުތައް އަވަހަށް ލެއްޕީމެވެ. ގޭގައި ކުޑައިރުކޮޅަކު މަޑުކޮށްލުމަށްފަހު ގެއިން ބޭރަށް ދާންޖެހިގެން ގެއިން ނުކުމެގެން ބައިސްކަލުގައި އައީ ޣާޒީ ފުޓުބޯޅަ ދަނޑު ކައިރިން އަމީނީމަގުންނެވެ. ކިތަންމެ ބާރަށް ދުއްވަން ބޭނުންވިޔަސް ބައިސަކަލު ދުއްވީ މަޑުމަޑުންނެވެ. ލޯހުޅުވިފައި ހުންނަ ވަގުތަށްވުރެ ލޯމަރާފައި ހުންނަން ޖެހޭ ވަގުތު ގިނަވާތީއެވެ. މި ދުންގަނޑުތެރޭގައި ދަނޑުގައި ޒުވާންފުރައިގެ ފިރިހެން ކުދިންތަކެއް ފުޓުބޯޅަ ކުޅެން ތިއްބެވެ. ވަރުބަލިވެ ގައިން އޮއްދާ ހިއްލާފައިތިބި ކުޅުންތެރިން ފެނުނީމަ އެމީހުންނަށް މިއަރާ ދުމުގެ އިހުސާސްވެސް ނުވަނީބާއޭ ހިތަށް އެރިއެވެ.

ބޮޑުމީހަކު ނޭވާލުމަށްޓަކައި ކޮންމެ ދުވަހަކު 15000 އާއި 20000 އާއި ދެމެދުގެ ލީޓަރުގެ ވައި ބޭނުންކުރެއެވެ. ގޭތެރެއިންނާއި ބޭރުތެރެއިން ނޭވާލުމަށްޓަކައި އަހަރެމެން ބޭނުން މިކުރާ ވާ ގައި ކޮންމެވެސް މިންވަރަކަށް ނުސާފުކަން އެކުލެވިފައި ވެއެވެ. ވައިގެ ސާފުކަން ބެލުމަށްޓަކައި ބޭނުންކުރާ މިންގަނޑަކީ ޕީ.އެސް.އައި (ޕޮލިއުޓެންޓު ސެޓެންޑަރޑްސް އިންޑެކްސް) އެވެ. ނެޝަނަލް އެންވަޔަރމެންޓު އެޖެންސީން ހާމަކޮށްފައިވާ ރިޕޯޓެއްގައިވާ ގޮތުގައި ވައިގެ ޕީ.އެސް.އައި 101 ން ފެށިގެން މަތިނަމަ އެ ވައިގެ ތެރެއަށް ނޭވާލުމަކީ ސިއްހީގޮތުން ރައްކާތެރިކަމަކަށް ނުވެއެވެ. އަދި ޕީ.އެސް.އައި 300 އަށް ވުރެ މަތިނަމަ، އެއީ ނޭވާލުމަށްޓަކައި ބޭނުންކުރުން އެންމެ މަތީ ދަރަޖައަށް ނުރައްކާ މިންގަނޑެއް ކަމުގައިވެސް ވެއެވެ. އަދި ޕީ.އެސް.އައި ލެވެލް 150 އަށް ވުރެ މަތިނަމަ، އެފަދަ ވައިގެ ތެރެއަށް ނޭވާލާއިރު މާސްކު ބޭނުން ކުރަންޖެހޭނެ ކަމަށްވެސް ސިއްހީމާހިރުން ބުނެއެވެ. އަދި ދުވާލަކު 20 ސިނގިރޭޓު ބޯ މީހާ، ޕީ.އެސް.އައި ލެވެލް 24000 ގައި ހުރި ވަޔަށް 24 ގަޑިއިރުތެރޭގައި ނޭވާލުން ފަދަ ކަމަށްވެސް ސިއްހީ މާހިރުން ބުނެއެވެ.

ގަސްގަހާގެހިން އުފެދޭ ކުނިބުނި އެންދުމުން ގިނައަދަދެއްގެ ކާބަން މޮނޮކްސައިޑް، ކާބަންޑައިއޮކްސައިޑާއި މީތޭން އުފެދޭ ކަމަށް ވެއެވެ. އަދި މީގެ އިތުރުން އެންދޭ ގަހުގެ ބާވަތުގެ ގޮތުން އަރާ ދުމުގައި ނައިޓްރޯޖެން އާއި ސަލްފަރ ފަދަ ނުރައްކާތެރި ކެމިކަލް އުފެދެއެވެ.

ނުސާފު ވަޔަށް ނޭވާލުމުގެ ސަބަބުން ސީދާ އެންމެ ބޮޑު ގެއްލުމެއް ކުރިމަތިވަނީ ނޭވާލުމުގެ ނިޒާމަށެވެ. ވައިގެ ތެރޭގައި ހިމެނޭ ނުރައްކާތެރި ކުދިކުދި ޒައްރާ ތަކާއި ބައެއްކަހަލަ ގޭސްތައް އިންސާނާގެ ނޭފަތުގެ އެތެރޭގައިވާ އިސްތަށިތަކުން ފުރާނާލަ ދެއެވެ. ފުޓުބޯޅަ ކުޅުމާއި ބައެއްކަހަލަ ކުޅިވަރު ތަކަކީ އެކުޅިވަރުތަކުގެ ސަބަބުން ހަށިގަނޑަށް ކަސްރަތުލިބި، އަދި ގިނަ ހަކަތަ ބޭނުންވާ ކުޅިވަރުތަކެވެ. މިފަދަ ކަސްރަތުތައް ނުވަތަ ކުޅިވަރުތައް ކުޅޭއިރު ވާ ވަރުބަލިކަމުގެ ސަބަބުން ނޭވާލުމަށް ނޭފަތަށްވުރެ ބޮޑަށް ބޭނުންކުރެވޭނީ އަނގަ އެވެ. މާނައަކީ އެއްވެސް ފުރޭނުމެއްނެތި ހަށިގަނޑުގެ ތެރެއަށްދާ ނުސާފު ވައިގެ މިންވަރު ގިންވެގެން ދާނެއެވެ.

ނުސާފު ވައިގެ ތެރޭގައި، ހާއްސަކޮށް ކުނިގޮނޑަކުން ކުނި އެންދުމުން އަރާ ދުމުގެ ތެރޭގައި ކަސްރަތު ކުރުންފަދަ ގިނަ ހަކަތަ ބޭނުންވާ ހަރަކާތެއް ކުރާކަމަށް ވާނަމަ، ނުސާފުވައި ފުއްޕާމޭގެ ތެރެއަށް ދާލެއް އިތުރުވާނެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން ލޭގެތެރެއަށް ފޮނުވާލެވޭ އޮކްސިޖަންގެ މިންވަރު ދަށްވެގެން ދާނެއެވެ. އަދި މިފަދަ ދުމުގެ ތެރެއަށް ނޭވާލުމުން ނޭވާލާނިޒާމުގެ ހޮޅިތައް ހިމަވާކަމަށް ވަނީ ހޯދިފައެވެ (bronchoconstriction). ދުމުގެ ތެރޭގައި ކަސްރަތު ކުރާއިރު ފުންކޮށް ނޭވާ ލުމާއި އަދި އަވަސް އަވަހަށް ނޭވާލެވޭނަމަ، ނުރައްކާ އިތުރަށް ބޮޑުވެގެން ދެއެވެ.

ނެޝަނަލް އެންވަޔަރމެންޓު އެޖެންސީން ހާމަކޮށްފައިވާ ގޮތުގައި ޕީ.އެސް.އައި ލެވެލް 400 ށް ވުރެ މަތިނަމަ، އެއްވެސް އުމުރެއްގެ މީހަކު ގޭން ބޭރަށް ނުނުކުމެ ގޭގެ ހުރިހާ ދޮރުތަކެއް ބަންދުކޮށް ދުމުގެ އަސަރު ގޭތެރެއަށް ނުކުރާގޮތް ހަދަން ޖެހޭނެއެވެ. އަދި ގިނައިން ނޭވާލުމުން މަދުކުރުމުގެ ގޮތުން ހަރަކާތްތެރިވެ އުޅޭ މިންވަރުވެސް ދަށްކުރަން ޖެހޭނެ ކަމަށް ބުނެއެވެ.

މިހާރު ވައިގެ މިސްރާބު ހުރިގޮތުން އިހަވަންދޫގެ ކުނިގޮނޑު އެންދުމުން އަރާ ދުންތައް އަރައިގެން އަންނަނީ ރަށުގެ ތެރެއަށެވެ. ރަށުގެ މަދަރުސާގެ ދަރިވަރުންނަށް ދުމުގެ ސަބަބުން ވާ އުނދަގޫތަކާހުރެ، މަދަރުސާއިން އެދިލެއްވި އެދިލެއްވުމާ އެއްގޮތަށް އިންޖީނުގެއިން މިހާރު ކުނި އަންދަމުން ދަނީ ދަރިވަރުންގެ ރަސްމީ ކިޔެވުމުގެ ދަންފަޅި ނިމުމުން ހަވީރު އެވެ. މިކަމުގެ ސަބަބުން މިހާރު އެންމެ ބޮޑަށް ދުމުގެ އުނދަގޫ ވަނީ ކުނިގޮނޑާއި 500 އެއްހާ ފޫޓު ކާރީގައި އޮންނަ ފުޓުބޯޅަ ދަނޑަށް ކުޅެންދާ ރަށުގެ ޒުވާނުންނަށެވެ. އަދި އެދަނޑުގައި ރޭގަނޑު ކަސްރަތަށް ހިނގާ އެކި އުމުރުގެ އަންހެނުންނަށެވެ. ޒުވާނުން ފުޓުބޯޅަ ކުޅެމުން ދަނީ ކުނިގޮނޑު އެންދުމުގެ ސަބަބުން އަރާ ދުންގަނޑުތެރޭގައެވެ. ކަސްރަތަށް ހިނގާ އަންހެންވެރިން ރޭގަނޑު ދަނޑުގައި ހިނގަމުން ދަނީވެސް ހަމަ އެދުމުގެ ތެރޭގައެވެ. ކުނިގޮނޑާ ކައިރި ހިސާބު ގެތަކުގެ މީހުން ނިދާފައި ތިބެނީވެސް ކޮންމެވެސް ވަރަކަށް ފުރޭނިގެން އައި ކަމުގައި ވިޔަސް ހަމަ އެ ދުމުގެ ތެރޭގައެވެ، ނުވަތަ ކިލަނބުވެފައިވާ މާހައުލެއްގައެވެ.

ކުނިގޮނޑު އަންދާއިރު އަރާދުމުގައި ޕީ.އެސް.އައި ލެވެލް ހުންނަ ވަރެއް އަޅުގަނޑަކަށް ނޭގެއެވެ. ނަމަވެސް އެދުމުގެ ތެރޭގައި ކުޑަ ހިނދުކޮޅެއް ވިޔަސް، ލޯ ހިރުވާ ނޭވާލާން އުނދަނގޫވާކަން އެނގެއެވެ. މިފަދަ މާހައުލެއްގައި ކަސްރަތު ކުރުމަކީ ރަނގަޅު ކަމެއް ބާވައެވެ؟ ދުވަހުގެ ބުރަމަސައްކަތް ނިންމާލުމަށްފަހު ތާޒާވެލުމަށް ހަވީރު ގަޑީގައި ފުޓުބޯޅަ ކުޅޭހިތް ކިތަންމެ ވިޔަސް މިފަދަ މާހައުލެއްގައި ކުޅެންވެދާނެ ބާވައެވެ؟