ހަޤީޤީ ހާދިސާ: ތިން ބިދޭސީން އަނިޔާވެރި ގޮތަކަށް ފާތުމަ މަރާލުން

ޢަބުދުﷲ ޙަމީދު

ހާޖާރާ ވަނީ ވަރަށް ކަންބޮޑުވެ ހާސްވެފައެވެ. އޭނާގެ އަންހެން ދަރިފުޅު ފާތުމަ މެންދުރުފަހު ގެއިން ދިޔަގޮތަށް އިރުއޮށްސުނު އިރުވެސް ގެއަށް ނާންނާތީއެވެ. ހާޖަރާގެ ވިންދު އަވަސްވަމުން ދިޔައެވެ. އަދި އޭނާގެ ދަރިފުޅަށް ކޮންމެވެސް ކަމެއް ވެއްޖެ ކަމުގެ އިހުސާސްތައް ކުރެވެން ފެށުނެވެ. ފާތުން އަކީ ކޮންމެ ތާކު އުޅުނަސް އިރުއޮއްސޭއިރަށް ގެއަށް އަންނަ ކުއްޖެކެވެ. އޭނާއަށް ކޮންމެވެސް ކަމެއް ވެއްޖެއެވެ. ހާސްކަމުގެ ތެރޭގައި އެންމެ ފަހުން ހާޖަރާގެ ހޭވެރިކަން ނެތުނެވެ.

ހާޖަރާއަށް ހޭވެރިކަން ވީއިރު ފާތުމަތު ހަސަން (16 އަހަރު)  ހޯދުމުގެ މަސައްކަތް ރަށުގެ ރައްޔިތުން ކުރަމުން ދަނީއެވެ. ހާސްވެފައިވާ ރައްޔިތުން އަނދިރިކަމުގައި މުޅިރަށުތެރޭ އަތްފުނާ އަޅާ ހޯދަނީއެވެ. މެންދަމުން އަލިވަން ކައިރިވެފައި ވަނިކޮށް ފާތުމަ ހޯދަމުން ދިޔަ މީހުންނަށް ފާތުމަގެ ހަށިގަނޑު ފެނުނީ އިހަވަންދޫގެ ހޮޅަނގު އުތުރުގެ ވަލުތެރެއިން ނެވެ. އިރުއަރާ އިރުކޮޅެއް ވީތަނާ ހާޖަރާއަށް ފެނުނީ އޭނާގެ ދަރިފުޅުގެ ހަށިގަނޑު ހާޖަރާގެ ގެއަށް (ވެޔޮމުއިތްގެ) ގެނަތަނެވެ. އެއީ އޭނާގެ ކިޔަމަންތެރި ދަރިފުޅު އެންމެ ފަހު ފަހަރަށް އޭނާއަށް ފެނުނުވަގުތެވެ.

ފާތުން ގެއްލިގެން ސަންގު ފުންމުން

9އޯގަސްޓް 2002 ވީ ހުކުރު ދުވަހުގެ އިރުއޮއްސުނު ވަގުތެވެ. ފާތުންގެ މައިންބަފައިން އޭނާ ގެއަށް ނާންނާތީ ހޯދަން ފެށިއެވެ. ފާތުން ގެއިން ނުކުމެގެން ދިޔައީ މެންދުރުން އެނބުރި ފަހުންނެވެ. އަދި މަޣުރިބު ނަމާދު ބަންގި ގޮވިއިރުވެސް ގެއަކަށް އެނބުރި ނާދެއެވެ. ފާތުންގެ މަންމަ ހާޖަރާ ބުނީ އޭނާގެ ދަރިފުޅު ކޮންމެތާކު އުޅުނަސް މަޣުރިބު ނަމާދު ބަންގި ގޮވަންވާއިރަށް ގެއަށް އަންނާނެކަމަށެވެ. ” ފާތުން ގެއަށް ނައުމުން އަހަންނަށް އިހުސާސްކުރެވެމުން ދިޔަ އޭނާއަށް ކޮންމެވެސް ކަމެއް ވެއްޖެ ކަމަށް، އަހަރެން ބުނިން އަހަރެންގެ ދަރިފުޅު ދުނިޔެއަކު ނެތޭ އެހެން ނޫންނަމަ މިހާރު އޭނާ ގެއަށް އަންނާނެއޭ” ހަތް ކުދިންގެ މަންމަ ހާޖަރާ (60 އަހަރު) ކިޔާދިނެވެ.

ފާތުންގެ މަންމަ ބުނިގޮތުގައި ފާތުން އެދުވަހު ގެއިން ނުކުމެގެން ދިޔައީ އޭނާގެ ބައެއް ރައްޓެހިންނަށް، ކެއުމަކަށް ތައްޔާރުކުރުމަށްޓަކައި ރިހަ ފުނޑަން ހަވާލު ކުރާށެވެ. އޭނާ އެނުބުރި ގެއަށް އައީ ފެންބަނޑިޔަލެއް ހިފައިގެން ނެވެ. އަދި ފެންވަރައި ރިތިވެގެން އޭނާ ދިޔައީ ރަށުގެ އުތުރު ފަރާތުގައި ހުރި އޭނާގެ ދައްތަގެ ގެއަކަށެވެ. ކޮންމެ ދުވަހަކުވެސް އޭނާ އާދަކޮށް އެގެއަށް ދާކަމަށްވެއެވެ.  ފާތުންގެ މަންމަ ފާތުން ހޯދަންފެށީ ހަވީރު 4:30ގެ ފަހުންނެވެ. ފާތުން ދާނެހެން ހީވާހާ ގެއެއް އޭނާ ބެލިއެވެ. އެކަމަކު ފާތުން އެއް ނުފެނުނެވެ. ހާޖަރާގެ ހިތުގައި ބިރުވެރިކަން އުފެދެން ފެށިއެވެ. އެންމެ ފަހުން އޭނާ ހޭނެތުނެވެ.

އެރޭގެ 8 ޖެހިއިރު ރަށުއޮފީހަށް ފާތުން ގެއްލުނުކަމުގެ މަޢުލޫމާތު ދިނެވެ. ރަށު އޮފީހުގެ މުއައްޒަފުންނާއި އާންމުން ވެގެން ރަށުގެ އޮޑި ހަރުގެ ތަކާއި ތަފާތު ތަންތަން ހޯދައި ފާތުން ނުފެނުމުން އެރޭގެ 11 ޖެހިއިރު އޮފިހުގެ ފަރާތުން އަލިފާން ސަންގު ( ކުއްލި ހާލަތް ތަކުގައި ރައްޔިތުން އެއްކުރުމަށް ފުމޭ ސަންގެއް) ގޮއްވިއެވެ.

ފާތުމަ ދިރިހުއްޓާ ފެނުނު އެންމެ ފަހު ފަހަރު

ފާތުން ދިރިހުއްޓާ އެންމެ ފަހުން ފެނުނު ދިވެއްސަކީ 12 އަހަރުގެ ކުޑަ އަންހެން ކުއްޖެކެވެ. އެއީ މިރަށުގެ އުތުރު ފަރާތުގައި ހުންނަ ޝެހެޒާދީ އާބާދުގޭ ޚަދީޖާ އެވެ. އެދުވަހުގެ ހަވީރު ޚަދީޖާ އިނީ ޖަމީލާ ކޮށިމަގުގައި ހުރި ގަހެއްގެ ކައިރި އިށީދެގެން ކުރުބައެއް ކާށެވެ. އެމަގުން ލާފައި ރަށުގެ އުތުރު ފަރާތު ގޮނޑޮދޮށަށް ނުކުމެވޭނެއެވެ. އަސުރު ނަމާދުގެ ބަންގީގެ ފަހުން ފާތުން ހުރީ އޭނާގެ ދައްތަގެ ގޭގެ ބަދިގެ ފަރާތުގައެވެ. އެއީ ޝެހެޒާދީ އާބާދުގެއާއި އިންވެގެން ހުރި ގެއެކެވެ. އެވަގުތު ކުއްޖެއްގެ އަތުން ބަތްކާ ތައްޓެއް ވެއްޓި ތެޅުނެވެ. ތެޅުނު ތަށި ނަގަން އެކުއްޖާ އުޅެން ފެށުމުން ” ދައްތަ އަށް ތިކަން ދޭށޭ” ބުނުމަށްފަހު ފާތުމަ، ތެޅިފައިވާ ތަށީގެ ބައިތައް ނަގައި އެއްކުރިއެވެ. އަދި އެއެއްޗެތި ހިފައިގެން ގޮނޑުދޮށާއި ދިމާއަށް ހިނގައިގަތެވެ.

ޚަދީޖާ ކުރުނބަ ކާން އިށީދެގެން އިންދާ އޭނާ ކައިރިން ލާފައި ފާތުން ތެޅިފައިވާ ތަށީގެ ބައިތައް ހިފައިގެން ގޮނޑޮދޮށަށް ފައިބަން ދަނިކޮށް ފެނުނެވެ. ޚަދީޖާ ކޮޅައް ތެދުވެފައި ބަލައިލި އެވެ. އެއިރު ފާތުން މަގުގެ މެދާ ހިސާބައް ގޮސްފިއެވެ އަދި މިހާރު އޭނާގެ އަތުގައި ފުޅިތޮށިތަކެއްވެސް ނެތެވެ. ” އަހަންނަށް ހީވަނީ އޭނާ ތަށި އެއްލާލުމަށް ފަހު ގޮނޑޮދޮށަށް ފައިބަން ދިޔައީހެން” ޚަދީޖާ ކިޔާދިނެވެ. ” ފާތުން އަހަރެންނާ ވާހަކައެއް ނުދައްކާ، އަހަރެން އެތާގައި އިންދާ އިތުރު މީހަކުވެސް އެމަގަކުން ނުދޭ” ރަށުގެ މީހުން ފާތުން ހޯދަން ފެށުމުން އެމީހުންނަށް ޚަދީޖާ ކިޔާދިނެވެ.

ފާތުންގެ ހަށިގަނޑު ހޯދުން

ރައްޔިތުން ފާތުން ހޯދަމުން ދިޔައިރުވެސް ޢަބުދުﷲ ހުސައިން (އުއްމީދު) އެރޭ އޮތީ ގޭގައެވެ. 32 އަހަރުގެ މަސްވެރިއެއް ކަމަށްވާ ޢަބުދުﷲ ހުސައިން ރަށު އޮފިހުން ސަންގު ފުމެންދެން ހޯދުމުގެ މަސައްކަތުގައި ބައިވެރި ނުވެ ގޭގައި މަޑުކުރިއެވެ. އޭނާ ފާތުން ހޯދުމުގެ މަސައްކަތުގައި ބައިވެރިނުވެ ގޭގައި މަޑުކުރި މައިގަނޑު ސަބަބަކީ އޭނާ ހޯދަން ނުކުމެއްޖެ ނަމަ އޭނާއަށް ގެއްލުނު ކުއްޖާ ފެންނާނެކަމަށް އުއްމީދު ކުރެވޭތީއެވެ.

މިގޮތަށް ހީކުރެވޭ ސަބަބަކީ މީގެ ކުރިން ރަށުން މީހަކު ގެއްލިގެން ހޯދަނިކޮށް ޢަބުދުﷲ އަށް ވަނީ އެމީހާ ގަހެއްގައި ދަންޖެހި މަރުވެފައި ހުއްޓާ ފެނިފައެވެ. އެރޭގެ 11 ޖެހިއިރު އޮފީހުން ސަންގު ފުންމުމާއި އެކީ ޢަބުދުﷲ ޝަހާދެއް ކިޔުމަށް ފަހު ފާތުން ހޯދުމުގެ މަސައްކަތައް ގެއިން ނުކުތެވެ. އޭނާ ނުކުތީ ވަރުގަދަ ޢަޒުމެއްގައެވެ. ފާތުން ފެނުނީމަ ނޫނީ ގެއަށް ނައުމަށް ޢަޒުމު ކަނޑައަޅައިގެންނެވެ.

އެރޭގެ އަނދިރި ކަމުގެތެރޭގައި ފަނޑު އަލިކަމެއް ހުރި ޓޯރޗު ބައްތިއެއް ހިފައިގެން ޢަބުދުﷲ ވަލުތެރެއަށް ވަދެ ހޯދާ ބަލަމުން ދިޔައިރު އޭނާގެ ހިތިގައި އެއްވެސް ބިރުވެރިކަމެއް ނެތެވެ. އޭނާ އެންމެ ފުރަތަމަ ބެލީ ޖަމީލާ ކޮށިމަގުގެ ކަނާތް ފަރާތު ވަލުތެރޭގެ ބައެވެ. ދެން އެމަގުގެ ވައަތް ފަޅިއެވެ. އެތަނުން ޢަބުދުﷲ އާ އިތުރު ތިން މީހުންގެ ގުރޫޕު ގުޅިގެން ހޯދުމުގެ މަސައްކަތުގައި ބައިވެރިވިއެވެ. ” އަހަރެން ހޯދަމުން ދިޔައިރު ކައިރީގަ ހުންނަ ގަސްގަސް ވެސް އަލިކޮށްގެން ބަލަމުން ދިޔައީ އެއީ ފަހަރެއްގަ އެތަނުން ގަހެއްގަ ދަންޖެހިފަވެސް ހުރެދާނެތީ” ޢަބުދުﷲ ބުންޏެވެ. “އަހަރެމެން ހޯދަމުން ދަނިކޮށް ކޮންމެވެސް އެއްޗެއް އަހަރެންގެ ފައިގެ ބޮޑުވާ އިނގިލީގައި ޖެހުނު އަހަރެން އެދިމާ އަށް އަލިކޮށްލާ ބަލައިލިން އެވަގުތު ފެނުނީ ފާތުން އަހަރެމެންގެ ކުރިމަތިން ބިންމަތީގައި އޮއްވާ، އަހަންނަށް ވަރަށް ރަނގަޅަށް އޭނާ ފެނުނު އަދި އަހަރެން ބުނިން އޭނާ އެއޮތީ މަރުވެފައޭ، އެއިރު އަހަރެންނާއިކު ތިބި މީހުންގެ ތެރޭގައި އޭނާގެ ބޭބެ ( އަހުމަދު ހަސަން) ހުރި، ފާތުން ފެނުމާއި އެކު އަހުމަދު އެނބުރިގެން ވެއްޓިއްޖެ. ދެން އަހަރެން ވަރަށް ބާރަށް، ފެނިއްޖޯތް، ފެނިއްޖޯތް އޭ ގޮވާ އެހެންމީހުން ނަށް އެންގިން” ޢަބުދުﷲ ކިޔާދިނެވެ. ފާތުން މަރާލާފައި އޮތްގޮތުގެ ވާހަކަވެސް ޢަބުދުﷲ ކިޔާދިނެވެ. “އޭނާގެ ކަރުގައި ބާރަށް ރޯނު ފަށެއް އައްސާފައި އޮތް، އަދި އޭގެ މަތިން ފޮތިފަށެއްވެސް އައްސާފައި އޮތީ، އެއް އަތް އޮތީ އޭނާގެ ގައިގެ ދަށުގައި، މޫނު ބިންމަތީ ޖެހޭގޮތަށް އޮތީ” ޢަބުދުﷲ ޙަރަކާތާއި އެކު ކިޔާދިނެވެ. ޢަބުދﷲ އަށް ފާތުން ފެނުނީ އޭނާ ފާތުން ހޯދަން ފެށިތާ 45 މިނިޓު ފަހުންނެވެ. ދެން އޭނާ އަވަސްވެގަތީ ރަށު އޮފިހަށްގޮސް ކަތިބަށް އެކަން އެންގުމަށެވެ. އެއިރު ޢަބުދުﷲ ގެ ހަޅޭކުގެ އަޑަށް ހޯދަން އުޅުނު އެހެންމީހުން ވަނީ އެތަނަށް ޖަމާވެފައެވެ. ޢަބުދުﷲ ރަށު ކަތީބު މުޙައްމަދު އިބުރާހިމް އަށް ފާތުން ފެނުނު ވާހަކަ އެންގުމަށް ފަހު އެނބުރި ވަލަށް ދިއުމަށް ހިނގާގަތެވެ. ނަމަވެސް އޭނާއަށް ދެވޭގޮތެއް ނުވިއެވެ އެހެންމީހުންގެ އެހީތެރިކަން އޭނާއަށް ބޭނުންވިއެވެ.

ޢަބުދުﷲ ވެސް މަރުވީތަ؟

މިހާހިސާބުން ޢަބުދުﷲ ވެސް ހޭނެތުނެވެ. މިކަމުގެ ސަބަބުން ޢަބުދުﷲ ގެ ޢާއިލާގެ މެމްބަރުންނަށް ހާސްކަމާއި ކުރިމަތިލާން ޖެހުނެވެ. ” އޭނާގެ ދެލޯ ވަނީ ބޮޑުވެފައި، އަދި ދޫ އޮތީ ބޭރަށް ނުކުމެފައި، އަހަރެމެން އެންމެންނަށްވެސް އެއްފަހަރާ ރޮއެގަނެވުނީ، އަހަރެމެން ހީކުރީ އޭނާވެސް މަރުވީކަމަށް” ޢަބުދުﷲ ގެ އަންހެނުން އައިޝަތު މޫސާ ކިޔާދިނެވެ. ” އޭނާ ނޭވާލާހެނެއްވެސް ހިއެއްނުވޭ، ސަމުސަލަކުން ފެންފޮދެއް ދެވޭތޯ އުޅުމުން ފެންފޮދެއްވެސް ނުދިރޭ، އަހަރެމެންގެ އަވައްޓެރިން ގެއަށް ޖަމާވި، އެމީހުންވެސް ޢަބުދުﷲ މަރުވީ ކަމަށް ހީކޮށް ރޯންފެށި”

ޢަބުދުﷲ އަށް ހޭވެރިކަންވީ ޖެހިގެން އައި ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. އެއީ އެދުވަހު ފަތިހު އައި ފުލުހުންގެ ޓީމާއި އެކު ރަށަށް އައި ޑަކްޓަރ ދެއްވި އިންޖެކްޝަނަށް ފަހުއެވެ. ޢަބުދުﷲ އަށް، ކަފުން ކޮށްފައިވާ ފާތުންގެ މޫނު ބެލުމަކަށް ހުއްދައެއް ނުލިބުނެވެ، އަދި ފާތުންގެ ޖަނާޒާގައި ބައިވެރިވުންވެސް އޭނާއަށް މަނާކުރިއެވެ. ޢަބުދުﷲ ހާމަ ކުރިގޮތުގައި އޭނާ ފާތުން ހޯދުމަށް މަސައްކަތް ކުރަމުން ދިޔައިރު އެއްވެސް ވަރަކަށް ބިރެއް ނުގަނެއެވެ. އެކަމަކު ފަހުން އޭނާ ވަރަށް ބިރުގަތެވެ.

ފުރަތަމަ ތުޙުމަތު ކުރެވުނީ އެހެން މީހަކަށް

ފާތުން ގެއްލިގެން ހޯދަންފެށުމާއި އެކު ރަށުތެރޭގައި ފާތުމަގެ ތަފާތު ވާހަކަތައް ފެތުރެން ފެށިއެވެ. ފާތުމަގެ މަރުވެފައިވާ ހަށިގަނޑު ފެނުމާއި އެކު ފާތުންގެ އާއިލާ އާއި ގިނަބައެއްގެ އިނގިލި ދިއްކުރީ ރަށަށް އަރުވާލާފައިވާ މީހަކަށެވެ. ގިނަމީހުން އޭނާ އަށް ތުޙުމަތު ކުރީ އޭނާގެ އުޅުން ހުންނަގޮތުންނެވެ. ފާތުންގެ މަންމަ ބުނިގޮތުގައި ފާތުން، މަދަރުސާގެ ފިލާވަޅުތައް ހަދަން އިންނައިރު އެމީހާ އައިސް ފާތުން އަށް ތަފާތު ގޯނާކޮށްހަދާކަމަށްވެއެވެ. އަދި ފާތުން ގެއްލިގެން ހޯދަމުން ދިޔައިރު އެތައްފަހަރެއްގެ މަތިން އެމީހާ ފާތުންގެ ގެއަށް ގޮސް އޭނާއާއި މެދު ޝައްކު ކުރެވޭކަހަލަ އެކިވާހަކަތައް ދައްކާ ހެދިކަމަށްވެއެވެ.

ބިދޭސީންގެ ފުރަތަމަ އަމާޒަކަށްވީ އެހެން އަންހެންކުއްޖެއް.

ފާތުން މަރާލި ތިން ބިދޭސީންނަކީ އިހަވަންދޫ މަދަރުސާގައި އަލަށް ޢިމާރާތްކުރަމުން ދިޔަ ބައެއްގެ މަސައްކަތް ކުރުމަށް ގެނެސްގެން އުޅުނު ގުރޫޕެއްގެ ބައެކެވެ. މާރިސް ކޮންސްޓްރަކުޝަށް 1.2 މިލިއަން ރުފިޔާގެ އެމަސައްކަތް ލިބުމުން އެމަސައްކަތް ކުރުމަށްޓަކައި 12 ބިދޭސީން އިހަވަންދޫއަށް ގެނެވުނެވެ. އެމީހުން ތިބީ އިހަވަންދޫ ގަހާ ގޭގައެވެ.  އެމީހުންގެ ތެރެއިން ތިން މީހުން ކަމަށްވާ ކަންނަޔަން ސަރަވަނަން (25 އ)، ރާޖަން ސުންދުރަމް (26 އ) އަދި ގޯވިންދަރާޖާ ކަމަލަގާސަން ވަނީ ތަޙުގީގުގައި ފާތުން މަރާލީ އެމީހުން ކަމަށް އެއްބަސްވެފައެވެ.

ބިދޭސީންގެ އަޙުލާގެއް ނެތް

އިހަވަންދޫ އަކީ  މަސްވެރިރަށަކަށް ވުމާއިއެކު ހުކުރުދުވަސް ފިޔަވައި ރަށުގެ ގިނަ ފިރިހެން ވެރިން އެހެންދުވަސްތައް ހޭދަކުރަނީ ކަނޑުމަތީގައެވެ. އާއްމުގޮތެއްގައި ރަށުގައި ޤާއިމުވެ ތިބެނީ މުސްކުޅިންނާއި އަންހެނުންނެވެ. މަދަރުސާ ޢިމާރާތް ކުރުމަށް އުޅޭ ބިދޭސީ އެއްގެ ގޯސް އުޅުމުގެ ސަބަބުން ދެމަފިރިއަކު ވަރިފަށް އަރައިފައި ވާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. ބިދޭސީން ޒުވާން ފުރާގެ އަންހެން ކުދިންނާއި ގުޅާލައިގެން އެމީހުންނާ ގާތް

ގުޅުމެއް ބާއްވަން މަސައްކަތް ކުރުން އެއި އެމީހުންގެ ޢާދައެއްކަން އެންމެނަށްވެސް ވަނީ އެނގިފައެވެ. ފާތުން މަރާލި ހުކުރުގެ ކުރީ ހުކުރުން ފެށިގެން ފާތުން މަރާލި ތިންބިދޭސިންގެ ފަރާތުން އާއްމުންނަށް އާދަޔާ ހިލާފަށް އުނދަގޫވެފައިވެއެވެ. ގަހާ ގޭގެ ކުރިމަތިން ހުންނަ ގެއެއްގައި އުޅޭ ފާތުންގެ ބޭބެގެ އަންހެންދަރިފުޅު ބުނި ގޮތުގައި އެއްދުވަހަކު އޭނާ ގޭކައިރީ ބޭރުގައި ހުއްޓާ ރާޖަން އާއި ސަރަވަނަން ގަހާ ތެރެއިން

ނުކުމެގެން އައިސް އޭނާގެ ގައިގާ އޮޅުލާގަނެ ދެމީހުން އޭނާގެ ގައިމައްޗަށް ވެއްޓުނެވެ. އެމީހުން ތިބީ ކޯލާވާޓަރ ބޮއެގެންނެވެ. އެދުވަހު އެކުއްޖާ ސަލާމަތްވީ އެގޭކައިރީ ހުރި އެހެންމީހަކަށް ފެނިގެންނެވެ. ” އަނެއްދުވަހު އަހަރެން ގޭގައި ޓީވީ ބަލަން އިންދާ ސަރަވަނަން އައިސް އަހަރެންގެ މޫނަށް ކުޅުޖެހީ” އެކުއްޖާ ކިޔާދިނެވެ.

ބުރުދީސިއާ

ފަތުންގެ އެހެން ބޭބެއެއްގެ އަންހެންދަރިފުޅު ޚަދީޖާ (17އ) ހާމަކުރި ގޮތުގައި އެއްދުވަހަކު ސަރަވަނަން ފާތުންގެ އިސްތަށިގަނޑުގައި ހިފިކަމަށް ފާތުން އޭނާގާތު ބުނެފައިވެއެވެ. އަދި ސަރަވަނަން ޚަދީޖާދެކެ ލޯބިވާ ކަމަށް ޚަދީޖާ ގާތު ބުނާކަމަށާއި އޭނާ އަށް ހިރުނދުމާ ދީހަދާކަމަށްވެސް ބުނެފައިވެއެވެ. އަދި ބައެއްފަހަރު އޭނާގެ ކަރުގައި ހިފައި އަނިޔާކުރާ ކަމަށްވެސް އޭނާ ބުނެފައި ވެއެވެ. މިއިން އެއްވެސް ޙާދިސާއެއް ކަމާބެހޭ ފަރާތަށް ރިޕޯރޓުކޮށްފައި ނުވާކަން ފާހަގަ ކުރެވެއެވެ.

ޚަދީޖާ ދުވެފިލުން (ޚަދީޖާ ސަލާމަތްވީ ކިރިޔާ…..؟)

ފާތުން މަރާލިދުވަހުވެސް ތިން ބިދޭސީންގެ ޢަމަލުތައް ހުރީ އޭގެ ކުރީ ހަފުތާގަވެސް އެމީހުންގެ ޢަމަލުތައް ހުރި ގޮތަށެވެ. ހުކުރުދުވަހުގެ ހަވީރު ސަރަވަނަން ޚަދީޖާ އަށް ފާރަލަމުން އެކިއަޑުއަޑުން ތުންފުމެ ހަދާފައި ވާކަމަށާއި، އޭނާ ވަލުގައި ދަރުކޮށަން ހުއްޓާ ސަރަވަރަން އައިސް އޭނާއާ ލޯބީގެ ވާހަކަދައްކާ ރުޅިއަރުވައިފައި ވާކަމަށް ޚަދީޖާ ބުނެފައިވެއެވެ. އެދުވަހު ޚަދީޖާ ސަލާމަތްވީ އެހެންމީހަކަށް ފެނިގެން އައިސް ސަރަވަރަން އެތަނުން ދިއުމަށް އެންގުމުންނެވެ.

ސަރަވަރަން އަކީ ޚަދީޖާގެ ރައްޓެއްސެކެވެ. އެކަމަކު އޭނާގެ ބައްޕަ ނުރުހޭތީވެ ޚަދީޖާ  އާމުކޮށް ސަރަވަރަންއާ ވާހަކަދައްކައެއް ނޫޅެއެވެ. ސަރަވަރަން ޚަދީޖާއަށް ކިޔަނީ “ބުރުދީސިއާ” އެވެ. މިކަން އެނގެނީ ވަރަށް މަދުބަޔަކަށެވެ. އެދުވަހު ޚަދީޖާ ދަރުކޮށަން ހުއްޓާ ރުޅިއެރުވުމަށް ފަހު ފަހުންވެސް ޚަދީޖާ ހޯދުމަށް ސަރަވަރަން އެކި ގޭގެއަށް ގޮސްފައި ވެއެވެ. މިއިން ކޮންމެ ފަހަރަކުވެސް ޚަދީޖާ ފިލަނީއެވެ.

ބުރުދީސިއާ ޤަބޫލުކުރާ ގޮތުގައި އެދުވަހު ބުރުދީސިއާ ސަރަވަނަންގެ އަތްދަށުވިނަމަ ފާތުންގެ ބަދަލުގައި މަރުވާނީ ބުރުދީސިއާއެވެ. މިފިކުރުގައި އޭނާއަށް ވަނީ ނަފްސާނީގޮތުން އަސަރުކޮށްފައެވެ.

ފާތުން ހިނެވި މީހުން ޢަޖާބުވެފައި

ރުގިއްޔާ ޢަލީ އާއި އައިޝަތު އާދަމް އަކީ ރަށުގެ އަންހެނުން މިސްކިތުގެ ދެމުދިމުންނެވެ. ރަށުގައި މަރުވާ އަންހެނުން ހިނަވާ ކަފުންކުރުމުގެ މަސައްކަތް ކުރަނީ މިދެމީހުންނެވެ. ފާތުންގެ ހަށިގަނޑުވެސް ކަފުންކުރީ މިދެމީހުންނެވެ. އައިޝަތު އާދަމް އަކީ ފާތުންގެ ހަށިގަނޑު ހޯދި ޢަބުދުﷲ ގެ މަންމައެވެ. ރުގިއްޔާ ޢަލީ ހާމަކުރިގޮތުގައި ފާތުންގެ ހަށިގަނޑުގެ އެކިހިސާބުތަކުން ތަފާތު ޒަޙަމުތައް ފެނިފައި ވެއެވެ. މޫނާއި މެޔާއި ބަނޑުގެ އެކިހިސާބުގައި ގިނައަދަދަކަށް ވަކި އަޅައިފައި ވެއެވެ. އަދި ފައިގެ އިނގިލިތަކުގައިވެސް ޒަޙަމްތަކެއް ހުރިކަމަށް އޭނާ ބުންޏެވެ. ތޫނު އެއްޗަކުން ވެފައިވާ ޒަޙަމެއް ހަށިގަނޑުން ފެންނަށް ނެތްކަމަށް އޭނާ ބުނެފައިވެއެވެ. “އެކުއްޖާގެ ގައިގައި ވަރަށް ގިނަ ޒަޙަމް ތައް ހުރި” ރުގިއްޔާ ކިޔާދިނެވެ. “ކަރަށް ވާންވެފައި ހުރިވަރުން ލޭއައިސް ހުރި، އަދި ނޭފަތާއި ކަންފަތުންވެސް ލޭއައިސް ހުރި. އެއްލޮލުންވެސް ހުރީ ލޭއައިސްފައި އަދި ދޫވެސް ވަނީ ބޭރަށް ނުކުމެފައި. އޭނާގެ މޭގައި ވަކިއަޅާފައި ހުރި. ޒަޙާމުތައް ހުރީ އުނަގަނޑުންފެށިގެން މަތީގައި. އޭނާގެ ލޮލަށްވެސް ހުރީ ލޭއަރާކަޅުވެފައި، މަގޭ ކަނޑިކީގެ ކުލަޔާ އެއްވަރަށް ކަޅުވެފައި ދޫވެސް އޮތީ ލެއިން ފުރިފަ” ފާތުން މަރުން ސަލާމަތްވުމަށް ކުރާނޭ މަސައްކަތް ރުގިއްޔާއަށް ސިފަވެގެން ދިޔައެވެ. ” އަހަރެން ވަރަށް ދެރަވި، ކިހާ ވަރަކަށް އެކުއްޖާ ރޯނެ، އަދި މަރުން ސަލާމަތްވާން ކިހާ މަސައްކަތެއް ކުރާނެ” ރުގިއްޔާގެ އަޑު ބަދަލުވިއެވެ، ދެލޯ ކަރުނުން ފުރުނެވެ.

ރަށުތެރޭގައި ބިރުވެރިކަން

އިހަވަންދޫގައި އުޅެނީ ގާތްގަނޑަކަށް 2300 އެއްހާ މީހުންނެވެ. މީގެ ކުރިންވެސް ތަފާތު މަރުގެ ހާދިސާތައް ރަށުގައި ހިނގާފައި އެބަހުއްޓެވެ. ދެމީހަކު ވަނީ އަމިއްލައަށް ދަންޖެހިގެން މަރުވެފައެވެ. އަދި އަންހެނަކު އޭނާ ވިހޭ ދަރިފުޅު މަރާލައި ވަޅުލާފައި ވެއެވެ. އެކަމަކު އެއީ ވަރަށް ކުރީގެ ހާދިސާ ތަކެކެވެ.

ރަށުގެ މީހުން ހާމަކުރިގޮތުގައި ފާތުންގެ މަރުގެ ހާދިސާއަށް ފަހު ރަށުގެ ރައްޔިތުން ތިބީ ބިރުވެރިކަމެއްގެތެރޭގައި ކަމަށެވެ. “އަނދިރީގައި ތަންތަނަށް ދާން މީހުންނަކަށް ނުކެރޭ. އިރުއޮއްސި އަނދިރިވާއިރަށް، އެންމެން ގެތަށް ތަޅުލައިގެން އެއްކޮޓަރިއެއްގައި ތިބެނީ، އެތައް ޢާއިލާތަކެއްގެ ނިދި ދުވަސްކޮޅަކަށް މަޙުރޫމުވި. މީހުން ހަމޖެހި ރަނގަޅަށް ނިދާލާ ހަދާއުޅެވޭ ވަރުވީ ފާތުން މަރާލީ ތިންބެދޭސީންކަން އެނގި އެމީހުން ރަށުން ގެންދިޔުމަށްފަހު”

ފާތުން އަކީ މަޑުމައިތެރި މުރާލި ކުއްޖެއް

ރަށުގެ މީހުންނަށް ފާތުން އެނގިފައި ވަނީ ވަރަށް މަޑުމައިތެރި މުރާލި، މައިންބަފައިންގެ ބަސްއަހާ ކުއްޖެއްގެ ގޮތުގައެވެ. އޭނާ އަކީ މަޑުމައިތެރި އެހެންމީހުނަށްވެސް ވަރަށް ހެޔޮ ކުއްޖެކެވެ. ” ފަތިހާ އޭނާ އަންނާނެ މިސްކިތަށް ފެންބަލާ” ރުގިއްޔާ ބުންޏެވެ. އެގޭގެ ހުރިހާ މަސައްކަތެއްހެން ކޮށްއުޅެނީ ފާތުންއެވެ.

ތަޙުޤީގު ކޮމެޓީ ރަށަށް އައުން

ހއ. އަތޮޅު އޮފީހަށް މަޢުލޫމާތު ލިބުމާއި އެކު ދިއްދޫ ޕޮލިސް ސްޓޭޝަނުން ފުލުހުންގެ ޓީމެއް ހޮނިހިރުދުވަހުގެ ފަތިސް ނަމާދު ބަންގީގެ ފަހުގައި ރަށަށް އައެވެ. ފުލުހުންގެ ޓީމު ރަށަށް އަންނަންދެން ފާތުންގެ ހަށިގަނޑު ފެނުނު ސަރަޙައްދުގައި އެސަރަޙާއްދު ޖަނަރޭޓަރެއް ހިންގައި އަލިކޮށްގެން ރައްޔިތުން ތިއްބެވެ. ރަށުގައި ގޭގެއަށް ކަރަންޓު ދިނުމަށްޓަކައި ގާތްގަނޑަކަށް 60 ޖަނަރޭޓަރު ހުރެއެވެ. ތަޙުގީގު ކޮމެޓީން ހާދިސާ ހިނގާފައިވާ ސަރަޙައްދު ރަނގަޅަށް ބަލައި ފޮޓޯނަގައި ހެދިއެވެ. އެމީހުން ފާތުންގެ ހަށިގަނޑު ގެންދިޔައީ ސިއްޙީ މަރުކަޒަށެވެ. އެތަނުން ތަޙުޤީގު ކޮމެޓީއާއި އެކު ގެނަ ޑަކުޓަރު ފާތުންގެ ހަށިގަނޑު ބެލިއެވެ. ފާތުން ވަޅުލީ ހޮނިހިރުދުވަހުގެ ހެނދުނު 9:00 ގެ ފަހުންނެވެ. އޭނާގެ ޖަނާޒާގައި ގިނަޢަދަދެއްގެ މީހުން ބައިވެރިވިއެވެ.

ނޯޓޯ: ހއ. އިހަވަންދޫ ވެޔޮމުތްގޭ ފާތިމަތު ހަސަން، 16އ ވަރަށް އަނިޔާވެރިކޮށް މަރާލާފައިވަނީ 9 އޯގަސްޓް 2002 ގައެވެ.

ޚިޔާލު ފައުޅުކުރުން

މި ކިޔާ ނިމުނު އިރުވެސް މިމީހުން މި ކުއްޖާ މަރާލީ ކީއްވެގެން ކަމެއްވެސް ނޭގުނު، އަދި މި މީހުންގެ މައްސަލަ ބެލުނުކަމެއް ނުވަތަ މިމީހުންނަށް ހުކުމެއް ކުރިކަމެއްވެސް ނޭގުނު.
ދެން ބިދޭސީންނަށް ހުކުމްކުރިތަ؟ ފާތުންނަށް އިންސާފު ލިބުނުތަ
ހިތާމަވެރި ހާދިސާއެއްް. އެކަމަކު ލިއުންތެރިޔާ ރަނގަޅު ދިވެހި ބަހަށް ވަރަށް ކޮށި
މީ ހުސް އަންހެނުން އުޅޭ ރަށެއްތަ ، ފިރިހެނަކައްވާ ހަމަ އެންމެ ފިރިހެނެއްވެސް ނޫޅެނީތާދޯ…
އެމީހުން އެކުއްޖާ މަރާލަން ޖެހުން ސަބަބަކީ ކޮބާކަން ވެސް ހިމަނާލިނަމަ😢
ބިރުގަނެއްޖެ
ނޯ ކޮމެންޓު