ހަޤީޤީ ހާދިސާ: އިހަވަންދޫ ބަޔަކަށް މިނިކާ ރާއްޖެއަށް ދެވުން

މުޙައްމަދު އިމްރާން

ކުއްލިއަކަށް ހޭލެވުނީ ބަޔަކު އަޑުގަދަކޮށް ހަޅޭލާތީއެވެ. ދޯނީގެ އެކިއެކި މީހުންނަށް ވަކިވަކިން ބަލައިލީމެވެ. ދޯނިތެރެއަށް ފުމެމުން ދިޔަ ފުޅަނގިތަކުގެ ތެރެއިން ބައެއް ފުޅަނގި ސަލާމަތުން އަނެއްފަރާތަށްވެސް ފުންމާލައެވެ. ކެޔޮޅު ހަސަނު (އަސްލުނަމެއްނޫން) މާޔޫސީ މޫނަކާއިއެކު ދޯނީގެ ދިރުނބާކޮޅަށް ބަލަހައްޓައިގެން ހުއްޓެވެ. އެންކެޔޮޅު މޫސަ (އަސްލުނަމެއްނޫން) ވެސް ފުމެމުންދިޔަ ފުޅަނގިތަކުގެ ތެރެއިން ފުޅަންގެއް އަތުވޭތޯ މަސައްކަތްކުރަމުން ދިޔައެވެ. ދެތިންހައެއްކައެތި އަތުލުމަށްފަހު ދޯނީގެ ފަޅުވެރިކުދިން އެމަސައްކަތް ހުއްޓާލައިފިއެވެ. ކެޔޮޅުބޭގެ ކޮއްކޮ ހުސޭނާ (އަސްލުނަމެއްނޫން)، ފަޅުވެރި އިބްރާހިމާ (އަސްލުނަމެއްނޫން)، ފަޅުވެރި މުޙައްމަދާ (އަސްލުނަމެއްނޫން) އާދަނު (އަސްލުނަމެއްނޫން) ވެގެން މަސްތައް ރޯފިލުވޭތޯ ބަލަމުންދިޔައެވެ. އެތައްވަރަކުން އުޅެގެން އަލިފާން ރޯކޮށްފިއެވެ. ދަރުގެ ގޮތުގައި ބޭނުންކުރީ ދޯނީގެ ކަނބަން ގެންގުޅޭ ދެދަނޑީގެ ތެރެއިން އެއްދަނޑި ބުރިބުރި ކޮށްލައިގެން އޭގެ އެއްބައެވެ. ދޯނީގައި އޮތް އަލިފާންފޮށިވެސް ހުސްވުމާ ގާތަށްދަނީއެވެ.

އަހައްމަދާ……….. އަހައްމަދާ….. !(އަސްލުނަމެއްނޫން) ތެދުވޭ މަހައްދާން…..!

އޮޑިވެރި އަލީގެ (އަސްލުނަމެއްނޫން) ގަދަފަދަ އަޑަށް އަހަރެންނަށް ފުންމައިގެން ތެދުވެވުނެވެ. އޭރު އައިސާފުޅާ (އަސްލުނަމެއްނޫން) ދެކުދިންވެސް ތިބީ ނިދާފައެވެ. އަހަރެން މަހަށް ގެންދަން ގެންގުޅޭ ކޯރިއާއި، ފިހެފައިވާ ފަތަފޮޅި އަބަދުވެސް އެބާއްވާ ތަނުގައި ތަރުތީބުން ބާއްވާފައި އޮތެވެ. އައިސާފުޅުގެ މުރާލިކަމަކީ، އެކަންކަމުގެ ވާހަކައަކީ ދައްކާ ކޮޅުންލައިނޭ ކަންތައްތަކެއް ނޫނެވެ.

ފަތަފޮޅިއާއި، ކޯރި ހިފައިގެން ހިނގައިގެންފީމެވެ. ދޯންޏާދިމާއަށެވެ. އެހެން ދުވަސްދުވަހަށްވުރެ މަސްވެރިކަން ރަނގަޅުވާނެކަމުގެ ފޮނިފޮނި އުންމީދުގައެވެ. ދޯނިދޮށަށް ދިޔައިރު އެންމެންހެން ހަމަވެއްޖެއެވެ. އެންއަޅާނިމިގެން މަސްކަނޑަށް ނުކުތުމަށް ދުއްވާލިއެވެ.

ދުވަހަކީ ވައިރޯޅިނަލަ ހިތްގައިމު ދުވަހެކެވެ. ބޮޑު ރިޔަލުގައި ވައި އަޅުވައި ދޯނި ކުރިއަށް އޮވެ ދެއެވެ. ތުރާކުނާދިމާލުން، ތުރާކުނު ފުސްވާ ހިސާބު ބޭރަށް ދޯންޏާއެކު ނިކުތެވެ. މަސްއައިނެއް ފެންނަ ގޮތެއް ނުވެއެވެ. ދެކުނުފަރާތު އުދަރެހާ ދިމާލުން ވިއްސާރަ ވިލާގަނޑެއް ފެންނަން ހުއްޓެވެ. އެހެންކަމުން ކެޔޮޅުބޭވެސް، މާބޮޑަށް ކަނޑުބޭރު ސަރަޙައްދަށް ދޯނި ނެރޭކަށް ނޫޅެއެވެ. ވިލާގަނޑުގެ ވައި އަޔަސް ތުރާކުނު އަތުވާ ހިސާބުގައި ބުރުޖަހާލަ ޖަހާލާ އުޅުނީއެވެ.

ހިނދެއް ހިނދަކަށް ވިލާގަނޑު ބޯމަތިކުރަމުން ދިޔައެވެ. ތުރާކުނާ ހިސާބަށް ވަރަށް ބޯކޮށް ވާރޭ ވެހެން ފަށައިފިއެވެ. އެހެންކަމުން އެދިމާލުގެ ފުސްކަން ވަރަށް ބޮޑަށް އިތުރުވެގެން ދިޔައެވެ. އިސާހިތަކު ވިލާގަނޑުގެ ވައި ދޯނީގެ ރިޔަލާވެސް ކުޅެން ފަށައިފިއެވެ. ކެޔޮޅުބޭ ދޯނީގެ މިސްރާބު ތުރާކުނާ ދިމާލަށް ބަދަލުކޮށްލިއެވެ. ވިލާގަނޑު ބޯމަތިވެ، ވިއްސާރަގަނޑުގައި ޖެހުނީ ހީކުރިވަރަށްވުރެ މާއަވަހަށެވެ. ރިޔަލުގައި ވައި އެޅުވޭވަރަށްވުރެ ވައި ބާރުވެއްޖެއެވެ. ކަނޑުގެ ރާޅުތައް ބިޔަވެއްޖެއެވެ. ތުރާކުނު ނުފެންނަ ތާނގައި، ކައިރީހުރި މީހާވެސް ވަކިކޮށް ދެނެގަތުން އުނދަގޫވެއްޖެއެވެ.

­­­­­­

ކޮން ޚިޔާލެއްގަ…. އިބްރާޙިމްގެ ސުވާލުގެ އަޑަށް އަހަރެންނަށް ސިހުމެއް ލިބުނެވެ. ޚިޔާލެއްގައި ނޫންކަމަށް ބުނެ އަހަރެން ޖަވާބުދިނީމެވެ. ނަމަވެސް އަހަރެންނަށް ވިސްނެއެވެ. ފިކުރުކުރެވެއެވެ. ހިތަށްލިބޭ ކެކުޅުމުގައި ރޮވޭގޮތްވެއެވެ. ކަރުނަ ނަޔަސް ހިތުން ރޮވެއެވެ. އަޑުބޭރުނުވިޔަސް ގިސްލެވެއެވެ. އަނބިދަރިންނާމެދު ވިސްނެއެވެ. އެމީހުންވާނޭ ދެރަ ހިތަށް އަރާ ދެރަވެއެވެ. އެމީހުން ފިކުރުކުރާނޭ މިންވަރާ ދޭތެރޭ އަހަރެންނަށްވެސް ފިކުރުކުރެވެއެވެ.

އެއޮތީ ރަށެއް….. ވަރަށްފުސްކޮށް ރަށެއް ފެނޭބަ…. ކުނބުކުރީއޮތް ހުސޭނު ގޮވާލިއެވެ. އެންމެންނަށް ދިރުމެއް ލިބުނު ކަހަލައެވެ. އަހަރެންވެސް ކާން އިން ފުޅަނގި ބާއްވާފައި ކޮޅަށް ތެދުވެލީމެވެ. ރިޔާ މޮހާލާ ކުނބުކުރީގައި ޖެއްސުމަށް ކެޔޮޅުބޭ ގޮވާލިއެވެ. ލަސްތަކެއްނުވެ ރިޔަލުގައި ވައި އަޅުވާ ދޯނި ދުއްވާލީ ހަލުއިކަމާ އެކުގައެވެ. ރަށުގެ މަލަމަތި ފެހިކުލައަށް ބަދަލުވަމުން ދިޔައެވެ. ރަށާ ކައިރިވި ވަރަކަށް ރަށުން ފަޅުކަން ފެންނަމުން ދެއެވެ. އެއީ ފަޅުރަށެއް…. އަހަރެންނަށް ހީވަނީ އެހެން…. އަހަރެން ބުނެލީމެވެ. ރަށުގެ މަލަމަތިން ނާމާންކަން ސިފަކުރެވެއެވެ. ދުވާލުގެ މެންދުރުނަމަވެސް، ރަށުގެ އެތެރެ ފެންނަމުންދިޔައީ އަނދިރި ގޮތަކަށެވެ. ރަށުގެ ފުއްޓަރަށް ބިންދަމުންދިޔަ ރާޅުތަކުން ރާގެއް އިވިއިވި ހުއްޓެވެ. އަހަރެންނަށް އެރާގު ސިފަކުރެވެނީ، “އަންދަމާނޭ، އަންދަމާނޭ.،، މިނިކާރާއްޖޭ…” މިފަދަ ގޮތަކަށެވެ.

ނޫން.. އެހެރީ ކުއްޖެއް… ކުޑަކުޑަ ކުއްޖެއް.. ކެޔޮޅުބޭ އެހެންބުނުމުން އެދިމާއަށް ބަލައިލެވުނެއެވެ. ތެދެކެވެ ގޮނޑުދޮށާ ކައިރީގައި ކުޑަކުޑަ ކުއްޖެއް ހުއްޓެވެ. ތަންކޮޅެއް ދުރުގައި ހުރީތީ އެކުއްޖާ ރަނގަޅަށް ސިފަކުރާކަށް ނޭނގެއެވެ. ދޯނި ރަނގަޅަށް ހައްޔަރުކުރުމަށްފަހު ރަށުގެ ގޮޑުދޮށަށް ފޭބީމެވެ. އެއީ، ހަމަ ވެލި ފަސްގަނޑެކެވެ. ރަށުގެ ހޭޅިކައިރިން ހަނިހަނި މަގަގުން އެއްގަމަށް އަރަންދިމާކޮށްލީމެވެ. އެއިރު އެއްކަލަ ކުޑަކުއްޖާ އަހަރެމެންނާ ދިމާލަށް އާދެއެވެ. އަހަރެމެންވެސް މަޑުކޮއްލީ އެކުއްޖާ އަންނާދެނެވެ. އެއީ ކުޑަކުޑަ އަންހެން ކުއްޖެކެވެ. ގާތްގަނޑަކަށް 10 ވަރަކަށް އަހަރުވާނެއެވެ. ކުއްޖާ ހުރިސިފައިން އެއީ ވަރަށް ފަޤީރު ނިކަމެތި ބައެއްގެ ދަރިއެއްކަން އެނގެއެވެ. ކުއްޖާ ހުރީ ކާޑުބަލި (މަލް ނިއުޓުރިޝަން) ޖެހުނީމައި ހުންނަ ސިފައިގައެވެ. ގައިގާ އެއްޗެއް ނެތެވެ. ނަމަވެސް، ފޮތިގަނޑެއްކަހަލަ އެއްޗަކުން ފޫޅާ ކަކުލާ ދެމެދު ނިވާކޮއްފައި ހުއްޓެވެ.

ކޮއްކޯ މިރަށުގެ މީހުން އުޅޭ ސަރަޙައްދަށް އަހަރެމެން ގެންގޮސް ދީބަލަ… އަހަރެމެންނަކީ ދިވެހި ރާއްޖޭ ބައެއް… މިތަނަށް މިއާދެވުނީ ބެހިގެން.. ކެޔޮޅުބޭ ވާހަކަ ދެއްކިއެވެ. ނަމަވެސް އެކުއްޖާއަށް އެވާހަކަތައް އޮޅުންފިލިހެނެއް ހިޔެއް ނުވެއެވެ. އެކުއްޖާ އާ ދިމާއަށް އަހަރެމެން ބޯފެން ބޭނުންވާކަމަށް އިޝާރާތުން ދެއްކީމެވެ. އެކުއްޖާ އެއްގަމަށް ހިނގައިގަތެވެ. އަހަރެމެންވެސް އެކުއްޖާ ފަހަތުން ހިނގައިގަތީމެވެ. ރަށުތެރެއިން އެއްވެސް ގެއެއްގެ ނިޝާނެއް ފެންނާކަށް ނެތެވެ. މީހަކުވެސް ފެންނާކަށް ނެތެވެ. އިރުގަނޑަކު ސީދާމަގުން ހިނގުމަށްފަހު ވަލުތެރެއަށް ވަންނަކަހަލަ ގޮތަކަށް އެތެރެއަށް އެކުއްޖާ ވަނެވެ. ނަމަވެސް އެއީ ސާފުކޮއްފައި އޮތް ހުސްބިމެކެވެ. އެތަނުގައި ގޭގަނޑެއްފާޑުގެ ތަނެއްޓެވެ. ދެމީހަކު އިށީނދެލާގެން ތިއްބެވެ. އަންހެންމީހާވެސް، އަދި ފިރިހެން މީހާވެސް ހުރީ ހަމަ އެކުއްޖާ ފާޑަށެވެ. ކާޑުބަލި ޖެހިފައި ތިބޭކަހަލަ ގޮތަކަށެވެ.

އެމީހުންގެ މޫނުމަތިން އުފާވެރިކަން ފާޅުވޭވޭ ހުއްޓެވެ. އަހަރެމެން ފެންބޭނުންވާ ވާހަކަ ބުނުމުން އެމީހުން އަހަރެމެން އެތާހުރި ޖިފުޑި ގަނޑުގެތެރެއަށް ވެއްދިއެވެ. އަދި އަށިގަނޑެއް ފާޑު ތަނެއް ދެއްކުމަށްފަހު އެތަނުގައި އިށީނުމަށް އިޝާރާތުން ބުންޏެވެ. އެއަށިގަނޑުގެ ކޮޅުގައި ދެފޮށި ހުއްޓެވެ. އިރުކޮޅަކުން އެއަންހެން މީހާ ދެތައްޓެއް (ހަންބުރިއެއް ފާޑަށް ހުރި ލޮއިއެއްޗެއް) ހިފާގެން އައެވެ. އެއްތަށީގައި ހުރީ ފިހުނުމަހެވެ. (އެއްގަމު މަސްފާޑަށް ހުރިއެއްޗެއް) އަނެއް ތަށީގައި ހުރީ ފެނެވެ. އެއަންހެންމީހާ ތަށިބަހައްޓާފައި ނުކުތީ ބޭރަށެވެ. އިރުކޮޅަކުން ފުރާޅުމަތިން ވަޅި ތޫނުކުރާ ޒާތުގެ އަޑެއް އިވެންފެށިއެވެ. އަހަރެމެންގެ ތެރެއިން މީހަކު މިއޮތީ އިނގިއްޔެކޭ ކިޔާ ބިރުގެންފާވާ ފާޑަކަށް ބުއްޏެވެ. ތެދެކެވެ. ތަށިތެރޭގައި އިންސާނެއްގެ އިނގިއްޔެއް އޮތެވެ. އެއޮތީ ރޯފިލާފައެވެ. މިނިމަސް ކާބައެއްކަން ނޭނގެ….! އަހަރެމެންގެ ތެރެއިން މީހަކުބުންޏެވެ. އެތެދެއް…! ހިނގާދާން…! އަހަރެމެން ދޯންޏާ ދިމާއަށް ދިޔުމަށް ދުއްވާގަތީ، އެތަނުގައި ހުރި ދެފޮށިވެސް ހިފައިގެންނެވެ. އަހަރެމެންގެ ފަހަތުން ކަހަލަ ގޮތަކަށް އެދެމީހުން ދުއްވާ ގަތެވެ. ގޮނޑުދޮށާ ގާތްވުމުން އެތަނުން އެއްފޮށި ރުކެއްގައި ޖަހާ ފަޅާލީމެވެ. އޭގައިހުރީ ހުސް ރިއްސެވެ. އެރިހިތަށް ހޮވަން އެދެމީހުން މަޑުކުރީއެވެ.

އަހަރެމެން ސަލާމަތުން ދުވަމުން ދުވަމުން އައިސް ދޯންޏަށް އަރާ ދޯނި ބޭރުކުރީއެވެ. އަހަރެމެން އަނެއްފޮށި ދޯންޏައް އެރުވީމެވެ. ސަލާމަތުން ކަނޑުބޭރަށް ދޯނި ނެރެވުނެވެ. އިސާހިތަކު ރިޔާ ނަގާ ދޯނި ދުއްވާލީ، ހުޅަނގު އުތުރަށް ކަހަލަ ގޮތަކަށެވެ. އޭރު މެންދުރުން އަނބުރަނީއެވެ. ދޯނިމަތީގައި އަނެއްފޮށި ހުޅުވީމެވެ. އޭގައި ހުރީ ހުސް ފޮއްޗެވެ. އަހަރެމެންނަށް ދިވެހި ރާއްޖޭގެ ރަށަކަށް އެންމެ ފުރަތަމަ ފެނުނީ މަތީރަށްފުޅެވެ. އެއީ އޭގެ ހަތަރު ދުވަސްފަހުންނެވެ.

ނޯޓް: މިވާހަކައަކީ، އަހަރެންގެ މާމަ، އަހަރެންނަށް އެވާހަކަ ކިޔާދިންގޮތަށް ކުދިކުދި ބަދަލުތަކެއްގެނެސް ލިޔެފައިވާ ވާހަކައެކެވެ. ބުނެވޭގޮތުގައި މިއީ ބަޔަކަށް ދިމާވި ހަޤީޤީ ހާދިސާއެކެވެ. އެއިރުގެނައި އެފޮތިތައް ބޭނުންކުރީ މާލޫދު ހަރުގޭގައި ދެމުމަށް ކަމުގައި ބުނެވެއެވެ. މިހާރުވެސް އޭގެ ފޮތިގަންގަނޑު މިރަށުގައި (އިހަވަންދޫގައި) ގެންގުޅޭ ކަމުގައި ވެއެވެ. ބެލެވޭ ގޮތުގައި އެބުނާ މިނިކާރާއްޖެއަކީ، އަންދަމަން، ނިކޮބާ އައިލެންޑެވެ. އެއީ އެމީހުން އޮޑިދުއްވި މިސްރާބަށް ބަލާ އަހަރެންގެ ޚިޔާލުހުރިގޮތެވެ.

މިރަށުގެ ދުވަސްވީ ބައެއްމީހުން ބުނާގޮތުގައި އެއިރުގައި އެރަށުން ގެނައި ބައެއް ލޮއި ފޮތިފޮތި (ފައިސާވައްތަރަށް ހުންނަ) އެމީހުންގެ ހަނދާނުގައި ގެންގުޅުނެވެ. އަދި އެމީހުންނަށް އެފައިސާފޮތިތައްވަނީ ފެނިފައެވެ.

ޚިޔާލު ފައުޅުކުރުން

ހެހެ. އިމުރާނޫ ޫ ޫ ޫ ޫ ޫ ޫ ޫ
4 ހަފުތާހެން ހީވަނީ. ހިޔެއްނުވޭ 4 ދުވަހުން އާދެވޭނެހެންނެއް.
މާބޮޑަށްވެސް ހިޔާލީ ވާހަކައެއް ، އަންޑަމަން ނިކޮރބަރ އައިލެންޑަށް 4 ދުވަހުން ދާނީ ކިހިނެއް ، މެޕް ބަލާބަލަ
ޢަސްލު ނަމެއް ނޫން. ޙިޔާލި ވާހަކަ އެއް