އިހަވަންދޫގެ ތައުލީމީ ޚިދުމަތަށް 50 އަހަރު – 25 މޭ

.

ހއ. އިހަވަންދޫގައި ތައުލީމީ މުއައްސަސާއެއް ދިވެހި ދައުލަތުގައި ރަޖިސްޓަރީ ކުރެވި، އުނގަނައިދޭ އިދާރާއެއްގެ ގޮތުގައި ޚިދުމަތް ދޭންފެށިފައިވާކަމަށް ދައުލަތުގެ ރަސްމީ ލިޔެކިޔުންތަކުން ސާފުވާން އޮތް ތާރީޚަކީ 1969 މޭ 25ވަނަ ދުވަހުއެވެ. އެއީ މަކްތަބު ނޫރުގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ ސްކޫލެކެވެ. އެހެންކަމުން، މިއަދަކީ އިހަވަންދޫގައި ރަސްމީ ސިފައެއްގައި ތަޢުލީމީ ޚިދުމަތް ދެވެންފެށިތާ 50 އަހަރު ފުރޭ، ޢިލްމީ ޚިދުމަތުގެ ރަންޔޫބީލް އަހަރީ ދުވަހެވެ. މި ރިޕޯޓުގައި އަލިއަޅުވާލާފައި މިވަނީ އިހަވަންދޫ ސްކޫލުގެ ފަންސާސް އަހަރުގެ ތާރީޚުން ފާހަގަކޮށްލެވޭ މުހިއްމު ކާމިޔާބީތަކާއި ފާހަގަކޮށްލެވޭ ކުރިއެރުންތަކަށެވެ.

އެވޭލާ ޒަމާނުގެ ތައުލީމީ ހާލަތު

އިހަވަންދޫގެ އިސްރަށްވެހިންގެ ފަރާތުން އެނގޭ ގޮތުގައި އިހަވަންދޫގެ އާއްމު ތަޢުލީމު ދިން އެދުރު ގެއަކީ، މިހާރު ކައުންސިލްގެ އިދާރާ ހުރި ބިމުގައި ކުރިން ހުރި “އަށިގެ” ނަމަކަށް ކިޔާ އިމާރާތެވެ. އެތަނުގައި ކިޔަވައިދޭން ފެށި ތާރީޚެއް ކަނޑައެޅިގެން ނޭގުނު ނަމަވެސް، ކިޔަވައިދެމުން ދިޔައީ ރަށް ހިންގާ “ބޮޑުބާރައިން”ގެ ބެލުމުގެ ދަށުންނެވެ. ބޮޑުބާރައިން ނަކީ ރަށް ހިންގުމަށާއި ރަށުގެ ކަންކަން އަމާން އޮމާންކަމާއެކު ކުރިއަށް ގެންދިޔުމަށް ރައްޔިތުން އައްޔަންކޮށްފައިވާ 12 މީހުން ހިމެނޭ ޓީމެއް ނުވަތަ ގުރޫޕެކެވެ. އަށިގޭގައި ތަޢުލީމު ފޯރުކޮށްދެވިފައިވަނީ ރަސްމީ ސިފައެއްގައި ކަމަށް ބައެއް އިސްރަށްވެހީންގެ ވިދާޅުވި ނަމަވެސް، ދައުލަތުގެ ކަމާބެހޭ އެއްވެސް އިދާރާއެއް ނުވަތަ ވިދާރާއެއްގައި ވެސް އަށިގޭގައި ކިޔަވައިދިން ކިޔަވައިދިނުމަކީ ރަޖިސްޓްރީ ކުރެވިގެން ކިޔަވައިދެވުނު ކިޔަވާ ދިނުމެއްކަމަށް ސާބިތުކުރެވޭނެ ކިތާބީ ހެއްކެއް މިހާތަނަށް ފެންނަން ނެތެވެ. ކަންމިހެން ހުއްޓަސް ގަބޫލުކުރެވޭ ހަގީގަތަކީ އިހަވަންދޫގައި ވެސް އެންމެ އެވޭލާއިން ފެށިގެން ވެސް ތައުލީމު ފޯރުކޮށް ދިނުމަށް ޓަކައި އެކި ފެންވަރުގައި ތަފާތު މަސައްކަތްތައް ކޮށްފައިވާނޭ ކަމެވެ.

އެންމެ ފުރަތަމަ ސްކޫލު

އިހަވަންދޫގެ އެންމެ ފުރަތަމަ ސްކޫލެއްގެ ގޮތުގައި ދިވެހި ދައުލަތުގައި ރަޖިސްޓަރީ ކޮށްފައިވާ ސްކޫލަކީ 1969 މޭ 25ގައި މަކްތަބު ނޫރުގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ ސްކޫލުކަމަށް ދިވެހި ދައުލަތުގެ ރަސްމީ އަރުޝީފުތަކުން ހާމަވެއެވެ. 3 އޯގަސްޓް 1980ގައި މަކްތަބް ނޫރު ޢިމާރާތްކުރުމަށް އައު ގޯތި ސާފުކުރުމުގެ މަސައްކަތް ފެށިގެން ދިޔައެވެ. އެއީ މިހާރު އިހަވަންދޫ ސްކޫލު ހިނގަމުންދާ ބިމެވެ. 22 ފެބުރުވަރީ 1981 ވަނަ އަހަރު މަކްތަބު ނޫރުގެ ނަން އިހަވަންދޫ މަކްތަބަށް ބަދަލުކުރެވުނެވެ. އިހަވަންދޫ މަކްތަބުގެ ނަން އިހަވަންދޫ މަދަރުސާއަށް ބަދަލުކޮށްފައިވަނީ 17 ޖޫން 1987 ގައެވެ. 21 ސެޕްޓެންބަރު 2003 ވަނަ އަހަރު އިހަވަންދޫ މަދަރުސާގެ ނަން އިހަވަންދޫ ސްކޫލަށް ބަދަލުވެގެން ދިޔަކަމަށް ދިވެހި ދައުލަތުގެ ލިޔެކިޔުންތަކުން ހާމަވެއެވެ. 2005 ވަނަ އަހަރުގެ އޮކްޓޯބަރު މަހާ ހަމައިން ދިވެހި ދައުލަތުން ރައްޔިތުންގެ ސްކޫލްތައް ސަރުކާރަށް ނެގުމާ ހަމައަށް އިހަވަންދޫ ސްކޫލު ހިންގަމުން ދިޔައީ ރައްޔިތު ސްކޫލެއްގެ ގޮތުގައެވެ. އިހަވަންދޫ މަދަރުސާގެ ނަމުގައި ހިންގަމުންދިޔަ ސްކޫލުގެ ނަން އިހަވަންދޫ ސްކޫލަށް ބަދަލުވުމާ ގުޅިގެން ޒަމާނުއްސުރެ ބޭނުން ކުރަމުންދިޔަ މަދަރުސާގެ ބެޖު، 2018ވަނަ އަހަރުވަނީ ބަދަލުކޮށް އާ ބެޖެއް ބޭނުންކުރަން ފަށައިފައެވެ.

ސްކޫލުގެ ޢިމާރާތްތައް

މިހާރު ސްކޫލު ހުރި ބިމުގައި ޚިދުމަތް ދޭން ފެށުނީ 3 ކުލާސްރޫމުގެ ވަރަށް އާދައިގެ އިމާރާތެއްގައެވެ. 2019 ވަނަ އަހަރުގެ މޭ މަހާހަމައަށް ސްކޫލުގައިވަނީ 8 އިމާރާތް ބިނާކުރެވިފައެވެ. ޖުމުލަ 38 ކުލާސްރޫމާއި ކައުންސިލިން ޔުނިޓަކާއި ހެލްތު ޔުނިޓެއްގެ އިތުރުން، ލައިބުރަރީއަކާއި އޯޑިއޯ ވީޑިއޯ ކުލާހެއްގައި ދަރިވަރުންނަށް ޚިދުމަތްދެމުންދެއެވެ. ޒަމާނީ ފެންވަރަށް ތައްޔާރުކުރެވިފައިވާ ކޮންޕިއުޓަރު ލެބެއްގެ ޚިދުމަތް ދެވޭއިރު، ސްކޫލުގެ ހުރިހާ ކުލާހެއްގައިވަނީ ޓީވީ ހަރުކުރެވި ސްކޫލު ޑިޖިޓައިޒްކުރެވިފައެވެ. މީގެއިތުރުން، ފިޒިކްސް ލެބަކާއި ބައޮލޮޖީ އަދި ކެމިސްޓްރީ ލެބެއްގެ އިތުރުން، ޓީޗަރ ރިސޯސް ސެންޓަރެއް ޤާއިމުކޮށް ދަރިވަރުންނާއި މުދައްރިސުންނަށް ޚިދުމަތް ފޯރުކޮށްދެވެމުންދެއެވެ. 2009ވަނަ އަހަރުން ފެށިގެން ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނަށް އުނގަނައިދިނުމަށް ޓަކައި ޚާއްޞަ ޔުނިޓެއްގެ ގޮތުގައި “ޑައިމަންޑް” ކުލާސް އުފައްދާ ނުކުޅެދުންތެރިކަން ހުންނަ ކުދީންނަށް ކިޔަވައިދެމުންދެއެވެ.

މުވައްޒަފުން

އިހަވަންދޫ ސްކޫލަށް ލިބިފައިވާ އެންމެ އަގުބޮޑު އެއް ރައުސްމާލަކީ ސްކޫލުގައި ހަރަކާތްތެރިވަމުންދާ ހީވާގި މުވައްޒަފުންކަމަށް ސްކޫލުން ފާހަގަކުރައްވައެވެ. މިގޮތުން، ޕްރިންސިޕަލާއި ޑެޕިއުޓީ ޕްރިންސިޕަލާއި ސްކޫލް އެޑްމިނިސްޓްރޭޓަރ އަދި 8 ލީޑިން ޓީޗަރުން ހަރަކާތްތެރިވެއެވެ. އިހަވަންދޫ ސްކޫލުގައި މިވަގުތު ޑިޕޮލޮމާ ފެންވަރުގެ 30 މުވައްޒަފުންނާއި، ފުރަތަމަ ޑިގުރީ ހާސިލުކޮށްފައިވާ 31 މުވައްޒަފުންނާއި މާސްޓަރ ޑިގުރީ ހާސިލުކޮށްފައިވާ 18 މުވައްޒަފުން ހަރަކާތްތެރިވަމުންދެއެވެ. މިވަގުތު ޚިދުމަތުގައި 111 މުވައްޒަފުން ހަރަކާތްތެރިވަމުންދާކަމަށް އެ ސްކޫލުން މައުލޫމާތު ދެއްވައެވެ.

ދަރިވަރުން

ސްކޫލުގެ ލިޔެކިޔުންތަކުން އެނގެން އޮތް ގޮތުގައި ފާއިތުވެ ދިޔަ 50އަހަރުގެ ތެރޭގައި 2699 ދަރިވަރުން މި ސްކޫލުގެ ހިޔަލުންވަނީ ތަޢުލީމު ހާސިލުކޮށް ދަސްވެނިވިފައެވެ. އޯލެވެލް ހަދަން ފެށިފަހުން އޯލެވެލް ފުރިހަމަކޮށް މިހާތަނަށް 1252 ދަރިވަރުން ދަސްވެނިވެފައިވާއިރު، އޭލެވެލް އިން 347 ދަރިވަރުން ދަސްވެނިވެފައިވާ ކަމަށް ސްކޫލުން މައުލޫމާތު ދެއްވައެވެ. މިއަދު ސްކޫލުގައި 398 އަންހެން ދަރިވަރުންނާއި 423 ފިރިހެންދަރިވަރުންނާއެކު ޖުމުލަ 821 ކުދީން ތަޢުލީމު ހާސިލުކުރަމުންދެއެވެ.

އިތުރު ހަރަކާތްތައް

އުނގަނައިދިނުމުގެ ހަރަކާތްތަކުގެ އިތުރުން ދަރިވަރުންގެ ޖިސްމާނީ ނަފުސާނީ އަދި ރޫހާނީ ކުރިއެރުމަށް ޓަކައި ތަފާތު އިތުރު ހަރަކާތްތައް ސްކޫލުން ހިންގަމުންދާކަމަށް ސްކޫލުން މައުލޫމާތު ދެއްވައެވެ. މިގޮތުން، މިހާތަނަށް 13 އަހަރު ޤުރުއާން މުބާރާތް ބޭއްވިފައިވެއެވެ. މިހާތަނަށް އިންޓަރ ހައުސް 26 ފުޓުބޯޅަ މުބާރާތަކާއި އަންހެން ކުދިންނަށް ޚާއްޞަ 16 ވޮލީ މުބާރާތް ބޭއްވިފައިވެއެވެ. މީގެއިތުރުން، 1995 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް އިނގިރޭސު ދުވަހާއި ދިވެހި އަދަބީ މުބާރާތްތައް ބޭއްވެމުންދާކަމަށް ސްކޫލުން މައުލޫމާތު ދެއްވައެވެ. 2018 ވަނަ އަހަރާ ހަމައަށް މިހާތަނަށް މެދު ނުކެނޑި 23 އަހަރު އިނގިރޭސި ދުވަހާއި ދިވެހި އަދަބީ ފޯވަހީގެ ހަރަކާތްތައް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދެވިފައިވެއެވެ. ފަށާތައުލީމީ މަރުހަލާގެ ދަރިވަރުންނަށް ޚާއްޞަކޮށް މިހާތަނަށް މެދުނުކެނޑި 10 އަހަރު ސްޕޯޓްސް މީޓު ބޭއްވިފައިވެއެވެ. މި ނޫނަސް ކުޅިވަރުގެ އެކިއެކި މުބާރާތްތައް އެކި ފެންވަރުގައި ބޭއްވެމުންދެއެވެ. މިގޮތުން، ރަށު ފެންވަރުގެ މުބާރާތްތަކުގެ އިތުރުން ޤައުމީ ފެންވަރުގެ މުބާރާތްތަކުން ސްކޫލުގެ ދަރިވަރުންނާއި މުވައްޒަފުން ބައިވެރިވެ ކާމިޔާބީތައް ހޯދަމުން ދާކަމަށް ސްކޫލުން މައުލޫމާތު ދެއްވައެވެ.

ޔުނީފޯމު ހަރަކާތްތައް

އިހަވަންދޫ ސްކޫލުގެ އެންމެ ފުރަތަމަ ޔުނީފޯމު ހަރަކާތެއްގެ ގޮތުގައި ރަޖިސްޓްރީ ކުރެވިފައިވަނީ ސްކައުޓް ހަރަކާތެވެ. އަށްވަނަ ހއ ސްކައުޓް ގްރޫޕުގެ ނަމުގައި 2006 ވަނަ އަހަރު ސްކައުޓް ހަރަކާތް އުފެދުނީއްސުރެ މެދުނުކެނޑި ފާއިތުވެ ދިޔަ 13 އަހަރު ތަފާތު އެކި ހަރަކާތްތައް ހިންގާފައިވާ ކަމަށް ސްކޫލުގެ އަރުޝީފުތަކުން ހާމަވެއެވެ. ސްކޫލުގެ ދެވަނަ ޔުނީފޯމު ހަރަކާތް ކަމަށްވާ އިހަވަންދޫ ސްކޫލުގެ ކެޑޭޓް ކޯޕްސް ގޮތުގައި މޯލްޑިވްސް ނެޝަނަލް ކެޑޭޓް ކޯޕްސްގައި، ރަޖިސްޓްރީ ކުރެވި މި ހަރަކާތް އިފްތިތާހު ކުރެވިފައިވަނީ 2014 މޭ 13 ވަނަ ދުވަހުއެވެ. މެދުކެނޑުމެއްނެތި ފާއިތުވެ ދިޔަ 5 އަހަރު ތަފާތު ތަމްރީނު ޕްރޮގުރާމުތައް މި ހަރަކާތުގެ ތެރެއިން ކާމިޔާބު ކަމާއެކު ރާވާ ހިންގިފައިވެއެވެ. 2017 ވަނަ އަހަރު ދިވެހިރާއްޖޭގެ ގަރލް ގައިޑް އެސޯސިއޭޝަންގައި، 7ވަނަ ހއ. ލިޓްލްމެއިޑް ގްރޫޕުގެ ނަމުގައި އިހަވަންދޫ ސްކޫލުގެ ލިޓްލްމެއިޑް ގުރޫޕް ރަޖިސްޓްރީވުމާއެކު ސްކޫލުގެ ތިންވަނަ ޔުނީފޯމް ހަރަކާތް ވުޖޫދުވިއެވެ. 2018 ވަނަ އަހަރު ސްކޫލުން މިހާރު ވަނީ ކަބް ސްކައުޓް ހަރަކާތާއި ޖޫނިއަރ ކެޑޭޓް ހަރަކާތްވަނީ ތަޢާރަފުކޮށްފައެވެ.

ކާމިޔާބީތައް

ފާއިތުވެ ދިޔަ މާޒީގައި އިހަވަންދޫ ސްކޫލުން ވަނީ ގިނަގުނަ ކާމިޔާބީތަކެއް ހާސިލުކޮށްފަ. ޢިލްމީ، އަދަބީ އަދި ޢުމުރާނީ ގޮތުން ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް މިހާތަނަށް ހޯދިފައިވާކަން ފާހަގަކޮށްލެވޭ.

ޢިލްމީ ކާމިޔާބީތައް

ޢިލްމީ ގޮތުން ހޯދުނު އެންމެ ބޮޑު އެއް ކާމިޔާބީއަކީ ރައްޔިތު ފެންވަރުގައި ހިންގަމުން ދިޔަ ސްކޫލުގައި 1999 ވަނަ އަހަރު ގްރޭޑް 8 އުފެދުންކަމަށް ސްކޫލުން ސިފަކުރައްވައެވެ. 1999 އަހަރުން ފެށިގެން އިހަވަންދޫ ސްކޫލުގައި އޯލެވެލްއަށް ކިޔަވާދެމުންދާއިރު، ފާއިތުވެ ދިޔަ 20 އަހަރު ތެރޭގައި މި ސްކޫލުންވަނީ 1198 ދަރިވަރުން އޯލެވެލް ނިންމާފައެވެ. މި ސްކޫލުން އޯލެވެލް ނިންމާ ދަރިވަރުންގެ ތެރެއިން ސާނަވީ ސްކޫލު ނިންމާ އިމްތިހާނުތަކުން ދިވެހިރާއްޖޭގެ ގަދަ 10ގެ އެކި ވަނަތައް ދަރިވަރުން ހޯދަމުންދެއެވެ. މިގޮތުން، 2005ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ގަދަ ދިހައެއްގެ 1ވަނައިން ފެށިގެން 10ވަނައިގެ އެކި ވަނަތަކުގައި ފާއިތުވެ ދިޔަ 17 އަހަރުގެ ތެރޭގައި 35 ދަރިވަރުން ހިމެނިފައިވޭއެވެ.

2004 ވަނަ އަހަރުން ފެށިގެން މި ސްކޫލުގައި އޭލެވެލްއަށް ދަނީ ކިޔަވައިދެމުންނެވެ. މިހައިތަނަށް 14 ބެޗުން ޖުމުލަ 270 ދަރިވަރުން ވަނީ އޭލެވެލް ފުރިހަމަކޮށްފައިވެއެވެ. މި ސްކޫލުން އޭލެވެލް ނިންމާ ދަރިވަރުންގެ ތެރެއިން 2008 ވަނަ އަހަރުން ފެށިގެން 2018ވަނަ އަހަރާ ހަމައަށް ކޮންމެ އަހަރަކު ވެސް މަތީ ސާނަވީ ސްކޫލު ނިންމާ އިމްތިހާނުތަކުން ދިވެހިރާއްޖޭގެ ގަދަ 10ގެ އެކި ވަނަތައް ދަރިވަރުން ހޯދާފައިވެއެވެ. މިގޮތުން، ގަދަ 10ގެ އެއްވަނަ އިން ފެށިގެން ދިހަވަނައާ ހަމައަށް އެކި ވަނަތަކުގައި މިހާތަނަށް 6 ދަރިވަރުން ހިމެނިފައިވާ އިރު، 2017 ވަނަ އަހަރުގެ މޭ މަހު ބޭއްވި މަތީ ސާނަވީ އިމްތިހާނުގެ ދިވެހި މާއްދާއިން މުޅި ރާއްޖެއިން އެއްވަނަ މި ސްކޫލުގެ ދަރިވަރަކު ހޯދާފައިވާކަން އުފަލާއެކު ފާހަގަކުރެވެއެވެ.

އަދަބީ ކާމިޔާބީތައް

އިހަވަންދޫ ސްކޫލަކީ އަދަބީ މުބާރާތްތަކުން ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ފާއިތުވެ ދިޔަ މާޒީގައި ހޯދާފައިވާ ސްކޫލެކެވެ. މިގޮތުން، 2000ވަނަ އަހަރު ބޭއްވި ވާހަކަދެއްކުމުގެ 4ވަނަ އަތޮޅު މުބާރާތުން 14 އަހަރާއި 19 އަހަރުގެ އުމުރު ފުރާއިން 1 ހޯދާފައިވާއިރު، 2010 ބޭއްވި ވާހަކަދެއްކުމުގެ ޒޯން މުބާރާތުން، 13 އަހަރުން ދަށުގެ އުމުރު ފުރާއިން 3 ވަނަ، 13 އަހަރާއި 16 އަހަރާ ދެމެދުގެ އުމުރު ފުރާއިން 2 ވަނަ، 16 އަހަރާއި 21 އަހަރާ ދެމެދުގެ އުމުރުފުރާއިން 1 ވަނަ މި ސުކޫލު ހޯދާފައިވާ ކަމަށް ސްކޫލުން މައުލޫމާތު ދެއްވައެވެ. މީގެއިތުރުން، 2008 ވަނަ އަހަރު ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން ބޭއްވި މަޒުމޫނު ލިޔުމުގެ ޒޯން މުބާރާތުން 13 އަހަރުން ދަށުގެ އުމުރު ފުރާއިން 3 ވަނަ އަދި 13 އަހަރާއި 16 އަހަރާ ދެމެދުގެ ބައިން 1 ވަނަ، 16 އަހަރާއި 21 އަހަރާ ދެމެދުގެ ބައިން 1 ވަނަ  ވެސް ސުކޫލު މި ސްކޫލު ހޯދާފައިވެއެވެ. ދިވެހިބަހުގެ އެކަޑަމީގެ ފަރާތުން ކޮންމެ އަހަރަކު ބާއްވަމުންގެންދާ ކުރުވާހަކަ ލިޔުމުގެ ޤައުމީ މުބާރާތާއި މަޒުމޫނު ލިޔުމުގެ ޤައުމީ މުބާރާތުގައި މި ސްކޫލުގެ ދަރިވަރުން 2014 ވަނަ އަހަރުން ފެށިގެން 2017 ވަނައަހަރާ ހަމައަށް ކޮންމެ އަހަރަކުވެސް ދަނީ ބައިވެރިވެ ކާމިޔާބީތައް ހޯދަމުންނެވެ. މިގޮތުން، މި މުބާރާތްތަކުން ކޮންމެ އަހަރަކު ވެސް އެކި އުމުރު ފުރާތަކުން ތަފާތު ވަނަތައް ސްކޫލު ހޯދަމުންދާއިރު، ވަކި ދަރިވަރުން ވެސް ވަނީ ތަފާތު ކާމިޔާބީތައް ހާސިލުކޮށްފައެވެ. މިހާތަނަށް، މަޒުމޫނު ލިޔުމާއި ކުރުވާހަކަ ލިޔުމުގެ ޤައުމީ މުބާރާތުން ތަފާތު އުމުރުފުރާތަކުން 10 ވަނައެއް ސްކޫލަށް ލިބިފައިވާއިރު، މި މުބާރާތްތަކުން 12 ދަރިވަރުންވަނީ 1 ވަނައިން ފެށިގެން 3 ވަނައިގެ ތަފާތު ވަނަތައް ހާސިލުކޮށްފައެވެ.

އެހެނިހެން ކާމިޔާބީތައް

ފާއިތުވެ ދިޔަ އަހަރުތަކުގައި މި ސްކޫލުންވަނީ ރަށާއި އަތޮޅާއި ޤައުމީ ފެންވަރުގައި ބާއްވަމުންދާ ޤުރުއާން ކިޔެވުމުގެ މުބާރާތްތަކުން ފަޚުރުވެރި ކާމިޔާބީތަކެއް ހާސިލުކޮށްފައެވެ. މިގޮތުން، 2001 ން 2004 އަށް އަދި 2010 ވަނަ އަހަރު އަތޮޅުގައި ބޭއްވުނު ޤުރުއާން ކިޔެވުމުގެ މުބާރާތްތަކުން އެކި އުމުރުފުރާތަކުން 1 ވަނައިން 3 ވަނައާ ދެމެދުގެ ވަނަތައް ސްކޫލު ހޯދާފައިވާއިރު، މުބާރާތްތަކުން ވަކިވަކި ދަރިވަރުން ވެސް ފަޚުރުވެރި ކާމިޔާބީތަކެއް ހޯދާފައިވެއެވެ. 1995 ވަނަ އަހަރު ޖަޕާނުގައި ބޭއްވި ބައިނަލް އަޤްވާމީ ކުރެހުމުގެ މުބާރާތުން މި ސްކޫލުގެ ދަރިވަރަކު 1 ވަނަ ހާސިލުކޮށްފައިވެއެވެ. އަދި 1997 އަދި 2010 ވަނަ ވަނަ އަހަރު ނެޝަނަލް އޮލިންޕިކްސް ކޮމެޓީގެ ފަރާތުން، ހދ. ކުޅުދުއްފުށީގައި ބޭއްވި އިންޓަރ ސްކޫލު އެތުލެޓިކްސް މީޓުން މި މި ސްކޫލުގެ ދަރިވަރުން ރަންވަނަ ތަކެއް ހާސިލުކޮށްފައިވެއެވެ.

ދަ ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން، ބޭއްވި 2 ވަނަ އަދި 3ވަނަ ނޮދަރން ކޭމްޕޮރީން އިހަވަންދޫ ސްކޫލުގެ ސްކައުޓް ގުރޫޕު 2009ވަނަ އަހަރު 1 ވަނަ އަދި 2010 ވަނަ އަހަރު 2ވަނަ ހޯދާފައިވެއެވެ. މީގެއިތުރުން، 2007 ވަނަ އަހަރު ވޮލީ ބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބޭއްވި އިންޓަރ ސްކޫލު 2 ވަނަ ވޮލީ މުބާރާތުން 19 އަހަރުން ދަށުގެ އުމުރުފުރައިގެ ޗެންޕިއަކަން މި ސުކޫލުގެ ފިރިހެން ދަރިވަރުންގެ ވޮލީ ޓީމު ހޯދާފައިވެއެވެ. ރަށު ފެންވަރުގައި ބޭއްވި އިންޓަރ އޮފީސް ވޮލީ މުބާރާތްތަކުގެ ޗެމްޕިއަންކަން ސްކޫލުގެ ފިރިހެން މުވައްޒަފުންގެ ޓީމާއި އަންހެން މުވައްޒަފުންގެ ޓީމުން ހޯދާފައިވެއެވެ.

ނިންމުން

ވަރަށް އާދައިގެ ދަތި ގޮތަކަށް ފެށިގެން އާ އިހަވަންދޫ ސްކޫލަކީ މިއަދު ސަރަހައްދީ ފެންވަރުން ފެށިގެން ޤައުމީ ފެންވަރުގެ އެކި މަންސަތަކުގައި ވާދަކުރަމުންދާ ސްކޫލެއް ކަމަށް އެ ސްކޫލުން މައުލޫމާތު ދެއްވައެވެ. ސްކޫލަށް ލިބިފައިވާ އެންމެ ބޮޑު އެއް ތަރައްޤީއަކީ އިންސާނީ ވަސީލަތުގެ ރޮނގުން ލިބިފައިވާ ތަރައްޤީކަމަށާއި މިއަދު ސްކޫލުގެ 95 އިންސައްތަ މުވައްޒަފުންނަކީ މި ސްކޫލުން އުފެއްދި މި ސްކޫލުގެ ދަސްވެނީންނެވެ. ސްކޫލުގެ އެންމެ އިސް މަގާމުތަކުން ފެށިގެން ސަޕޯޓު ސަރވިސްގެ މަޤާމުތަކުގައި ހަރަކާތްތެރިވަމުންދަނީ އިހަވަންދޫގެ ދަރީންނެވެ. ޢިލްމީ ޚިދުމަތުގެ ރަން ޔޫބީލަށް ގުނަމުންދާ އިރު، އިހަވަންދޫ ސްކޫލު މިވަނީ ޢުމުރާނީ ގޮތުންނާއި ވަސީލަތުގެ ގޮތުން އާ އުސްމިންތަކެއް ހާސިލުކޮށްފައެވެ. މި ބަލައިލެވުނީ އިހަވަންދޫ ސްކޫލުގެ ތާރީޚީ ފަށްފުށްތަކުން މިހައިތަނަށް އާއްމު ނުކުރެވިވާ އަރުތަވެރި މޭލުދަނޑިތަކަށެވެ.