އައިހެވަންގެ އަޑެއް ނެތް – އަތޮޅުގެ އެއްކަނުގައި އެއަރޕޯޓް އަޅަންވީ ކީއްވެ؟
މޮޅަދޫގައި އެއަރޕޯޓް އެޅުން ކިހިނެތް؟
ދިގުފަރުގެ އެއަރޕޯޓުން 2 އަތޮޅަށް މަންފާކުރާނެބާ؟
ހޯރަފުއްޓާއި އިހަވަންދޫގެ ޒަމާންވީ ވާދަވެރިކަމަކީ، އަޅުގަނޑުވެސް ދަންނަ ކަމެކެވެ. ޚުދު އަޅުގަނޑަކީވެސް، އެވާދަވެރިކަމުގެ “ހިތިކަން”، 2005 ގައި ބޭއްވި އަތޮޅު ޤުރުއާން މުބާރާތުގައި ތަޖުރިބާކުރި މީހަކީމެވެ. ސުވާލަކީ، ވާދަވެރިކަމަކީ ޤައުމީ ތަރައްޤީއަށް އޮތް ހުރަހަކަށް ވާން ޖެހޭތޯއެވެ؟ “އާރާއިބާރު” ލިބިފައި އޮތުމަކީ، ދެއްކުންތެރިކަމުގެ ވިސްނުމުގައި، އަތޮޅުގެ ތަރައްޤީއަށް ހީނަރުކަމެއް ގެންނަންޖެހޭ ކަމެއްތޯއެވެ؟
މިއަދުގެ ސަރުކާރުން ވެރިކަމާ ޙަވާލުވީ، އިހަވަންދިއްޕޮޅުގެ ރައްޔިތުންނަށް އުއްމީދެއް އާކޮށްދީފައެވެ. އެއީ، އެއަރޕޯޓެއްގެ ޒަމާންވީ ހުވަފެން، ބިލާހެއްގެ ގޮތުގައި އޮތް އޮތުން ޙަޤީޤަތަކަށް ބަދަލުކުރުމެވެ. އެއަރޕޯޓާއެކު، ލޯކަލް ޓުއަރިޒަމާއި ވިޔަފާރީގެ އިތުރު ކުރިއެރުންތައް ރައްޔިތުންނަށް ހޯދައިދިނުމެވެ. ޒުވާނުންނަށް ރިސޯޓްގައި ވަޒީފާ އަދާކުރުމަށްފަހު، ފަސޭހައިން ރަށަށް ނިދާލަން އާދެވޭނެ ގޮތް ހެދުމެވެ. ޖީބަށް ލުއިކޮށްދިނުމެވެ. ގައްލަންދޫ ކަނޑުގެ މާސިންގާ ބިޔަ ރާޅުތަކުން ސަލާމަތްކޮށްދީ، އުފާވެރި ދަތުރެއްގެ ހިތްފަސޭހަކަން ލިއްބައިދިނުމެވެ. ޖަޒީރާވަންތަ ރަށްތަކުގެ އެތެރެވަރީގައި، ކުރު ދަތުރަކުން ރަށަށް އާދެވޭނެ މަގު ކޮށައިދިނުމެވެ.
މަޖިލިސް އިންތިޚާބު ބޯމަތިވެފައިވަނިކޮށް، ކުއްލިގޮތަކަށް ހޯރަފުށީގައި އެއަރޕޯޓް އެޅުމަށް ހަވާލުކުރުމާއެކު މުޅި އަތޮޅަށް ސިހުން ގެނުވިއެވެ. ޒަމާންވީ ވާހަކަތަކަކަށްފަހު ހޯރަފުށީގައި އެއަރޕޯޓެއް އަޅަން ނިންމީއެވެ. ސަރުކާރުގެ “މަޝްވަރާ”ގެ ވަޢުދާއި ޚިލާފަށް، އަތޮޅުގެ ރައްޔިތުންނާ މަޝްވަރާނުކޮށް، ރައްޔިތުންގެ ބަހެއް ހޯދުމެއް ނެތި، ދަތުރުފަތުރާބެހޭ ވަޒީރު ޢާއިޝަތު ނަހުލާގެ އަމިއްލަފުޅު ރަށުގައި، އެއަރޕޯޓްގެ މަޝްރޫޢުގައި ސޮއިކޮށް ނިންމާލެއްވީއެވެ.
އައިހެވަންގެ އަޑެއް ނެތް – އަތޮޅުގެ އެއްކަނުގައި އެއަރޕޯޓް އަޅަންވީ ކީއްވެ؟
އަތޮޅުގެ ރައްޔިތުން، މާފިނޮޅުގައި އެއަރޕޯޓް އަޅަން ދޫކޮށްލައިގެން ތިބީ ކީއްވެގެންތޯ؟ ލިންކްރޯޑަކުން މާފިނޮޅު އެއަރޕޯޓާއި ހޯރަފުއްޓާ ގުޅޭއިރު، ހޯރަފުށީގައި އެއަރޕޯޓް އަޅަން ނިންމުމުން، އެކަމާ މިހާރު ދެކޮޅުވަނީ ކީއްވެތޯ؟ މިއީ ހޯރަފުށީގައި އެއަރޕޯޓް އަޅަން ނިންމުމުން، ފާޑުކިޔާ ފަރާތްތަކަށް ކުރިމަތިވާ ސުވާލެކެވެ. ޖަވާބެއް އެބައޮތެވެ.
އައިހެވަން ތަރައްޤީކުރުމަކީ މިސަރުކާރުގެ އަމާޒެއް ނޫނެވެ. ރާއްޖޭގެ އެންމެ އުތުރާ ކައިރިން، އަހަރަކު 18 ޓްރިލިއަން ޑޮލަރުގެ މުދާ ހުރަސްވަމުން ދިޔަ ނަމަވެސް، އެކަމުން މަންފާއެއް ހޯދުމުގެ ވިސްނުމެއް މިސަރުކާރުގެ ނެތެވެ. އެއީ މިސަރުކާރުގެ ފިކުރެއް ނޫނެވެ. ތަރައްޤީގެ ވިސްނުމެއް ނޫނެވެ. އެހެންކަމުން މޮޅަދޫގައި އެއަރޕޯޓެއް އަޅަން ރައީސް ނަޝީދު ސަރުކާރުގައި ދެކެވުނު ވާހަކަ ރައީސް ޔާމީން ސަރުކާރުގައި މާފިނޮޅަށް ބަދަލުވުމުން، އެކަމަށް ރައްޔިތުން ފާޑު ނުކީ ސަބަބު މިހާހިސާބުން ސާފުވާނެކަމަށް އުއްމީދުކުރަމެވެ.
މާފިނޮޅުގައި، ހޯރަފުށި ބޭރުގައި ނުވަތަ ހުވަހަންދޫގައި އެއަރޕޯޓެއް އެޅުން މައްސަލައަކަށް ނުވަނީ، އައިހެވަންގެ ކުރިއެރުމާއި ތަރައްޤީ، އައިހެވަންގައި ތަރައްޤީކުރާ އެއަރޕޯޓާ ގުޅިފައިވާތީއެވެ. ކަނޑުމަގުން ދުނިޔެއާއި ރާއްޖެ ގުޅާލާއިރު ވައިގެ މަގުން ރާއްޖެއާއި ދުނިޔެ ގުޅުވާލަދޭ އެއަރޕޯޓަކަށް އައިހެވަން އެއަރޕޯޓްވާތީއެވެ. އައިހެވަންގެ ތަރައްޤީ މުޅި ރާއްޖޭގެ ޤައުމީ ތަރައްޤީއާ ގުޅިފައިވާތީއެވެ. މުޅި ޤައުމުގެ ޤައުމީ ތަރައްޤީއަށް ހުރަސްއެޅުމުގެ ވިސްނުމެއް، ޤައުމީ ފިކުރުގެ އެއްވެސް މީހަކު ނުގެންގުޅޭނެތީއެވެ.
މިހާހިސާބުން އުފެދޭ ސުވާލަކީ، އައިހެވަންގެ އަޑު އައު ސަރުކާރާއެކު ކެނޑިފައިވާހިނދު، އައިހެވަންގެ ތަރައްޤީއަށް މިސަރުކާރުގެ އެއްވެސް ސަމާލުކަމެއް ނެތްއިރު، އަތޮޅުގެ އެއްކަނުގައި އެއަރޕޯޓެއް އަޅަންވީ ކީއްވެތޯއެވެ؟ އަތޮޅުގެ ރައްޔިތުންނަށް އުމްރާނީގޮތުން އެންމެ ބޮޑު ފައިދާއެއް ކުރާނީ، ހޯރަފުށި ބޭރު ހިއްކައިގެން އެއަރޕޯޓެއް އެޅުމުންތޯއެވެ؟ ގިނަ ރައްޔިތުންތަކެއްގެ ޖީބަށް ލުއިވެ، ގިނަ ރައްޔިތުންނަށް އެއަރޕޯޓުން އެންމެ ބޮޑު ފައިދާއެއް ލިބޭނީ، ހޯރަފުށި ބޭރުގައި އެއަރޕޯޓެއް އަޅައިގެންތޯއެވެ؟ ވިސްނާލުން މުހިއްމެވެ. 20،000 އަށްވުރެ ބޮޑު އާބާދީއެއް އޮތް ހއ. އަތޮޅުގެ ރައްޔިތުންނަށް އެންމެ ބުއްދިވެރީ ހަމަ ހޯރަފުށީގައި އެއަރޕޯޓް އެޅުންތޯއެވެ؟ އަތޮޅުގެ ރައްޔިތުންނަށް ބޮޑެތި މަންފާތަކެއް ލިބޭނެގޮތަށް އެއަރޕޯޓެއް ތަރައްޤީކުރާނެ އެހެން މަންޒިލެއް ނެތީތޯއެވެ؟
ދިގުފަރުގެ އެއަރޕޯޓުން 2 އަތޮޅަށް މަންފާކުރާނެބާ؟
ބައެއް ރައްޔިތުންގެ ނަޒަރުގައި، ހއ އަދި ހދ ގެ ގިނަ ރައްޔިތުންތަކަކަށް މަންފާވާނެ އެއް ފޯމިއުލާއަކީ ދިގުފަރުގައި އެއަރޕޯޓް އެޅުމެވެ. ސުވާލަކީ 2 އަތޮޅުގެ ކިތައް ހާސް ރައްޔިތުންނަށް މިކަމުން މަންފާކުރާނެތޯއެވެ؟ ބޮޑުފަރެއް ހިއްކައިގެން ހިންގާ އިންވެސްޓްމަންޓުން ލިބެން އޮތް މަންފާ ބޮޑުތޯއެވެ؟ ލޯކަލް ޓުއަރިޒަމް ތަރައްޤީކުރުމަށް އޮތް ހުރަހަކީ، ރަށާއި ކައިރީގައި އެއަރޕޯޓެއް ނެތުން ކަމަށްވާއިރު، ދިގުފަރު އެއަރޕޯޓް ގިނަ ރަށްތަކަކާ ކައިރިވާނެތޯއެވެ؟ ދޮނަކުޅިއާއި މަނަފަރަށް ބޮޑު މަންފާއެއް މިކަމުން ކުރާނެތޯއެވެ؟ އަތޮޅުގައި އިތުރަށް ތަރައްޤީކުރަން ހުރި ރިސޯޓް ރަށްތަކަށް އުއްމީދީ މަންޒިލަކަށް މިއެއަރޕޯޓް ވާނެތޯއެވެ؟
މޮޅަދޫގައި އެއަރޕޯޓް އެޅުން ކިހިނެއްވާނެ؟
ބައެއް ރައްޔިތުންގެ ނަޒަރުގައި، ހއ ގެ ގިނަ ރައްޔިތުންތަކަކަށް މަންފާވާނެ އެއް ފޯމިއުލާއަކީ މޮޅަދޫގައި އެއަރޕޯޓް އެޅުމެވެ. ކުޑަ އާބާދީއެއް އޮތް މޮޅަދޫއަކީ، ލޯކަލް ޓުއަރިޒަމަށް ދޮންވެ ފަންކާވެފައި އޮތް ރަށެކެވެ. ރީތި ތުނޑިއަކާއި ހުދު ދޮންވެލިގޮނޑުދޮށުން ބޮޑު ނަފާއެއް ހޯދޭނެ ރަށެކެވެ. އެއްފަސްކުރުމުގެ ސިޔާސަތުގެ ތެރެއިން، ގިނަ ރަށްތަކެއްގެ ރައްޔިތުން އާބާދުކުރެވިދާނެ އުއްމީދީ ރަށެކެވެ. ބިންބޮޑު ރަށެކެވެ. ބިން ހިއްކައިގެން ބިން ބޮޑުކުރެވެން އޮތް ރަށެކެވެ. އަތޮޅުގެ ބޮޑެތި އާބާދީތައް، އެއަރޕޯޓަކާ ގުޅުވާލަދޭނޭ ފަހި މަންޒިލެކެވެ. ގިނަ ރަށްތަކަކާ ކައިރިވުމުގެ އިތުރުން، ޒަމާނީ ފެންވަރަށް ތަރައްޤީކުރަމުންދާ ދިއްދޫއާވެސް ދުރު ނޫން ރަށެކެވެ. މަނަފަރު ރިސޯޓާ އިންތިހާއަށް ކައިރި، ދޮނަކުޅިއާ މާދުރު ނޫން މަންޒިލެއްވެސްމެއެވެ.
އެއަރޕޯޓަށް ފަހު ބަސްބުނުމަށް
އެއަރޕޯޓެއް ތަރައްޤީކުރުމަށް ތަނެއް ކަނޑައެޅުމުގައި ބަލަންޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ. އެގޮތުން ގިނަ ރައްޔިތުންނާ ކައިރީގައި އެއަރޕޯޓް އެޅުމާއި ފަތުރުވެރިކަމަށް ތަރައްޤީކޮށްފައިވާ ރިސޯޓް ރަށްތަކާ ކައިރިވުމާއި އުދުހޭނެ މަންޒިލެއް ކަނޑައެޅުމުގައި ގިނަ އޮޕްޝަންތަކެއް (އެއަރޕޯޓްތަކެއް) ރައްޔިތުންނަށް ފަހިވާނެ ގޮތަށް އެއަރޕޯޓް އެޅުމާއި ދުރު މުސްތަޤްބަލުގައި އިންޓަރނޭޝަނަލްކުރުމަށް ރަންވޭ ބޮޑުކުރުމަށް ޖާގަ އޮތުމާއި މީހުން ދިރިއުޅޭ ރަށެއްގައި އެއަރޕޯޓް ތަރައްޤީކުރާނަމަ، ދިރިއުޅުމުގެ އުއްމީދެއް އޮތް، ބޮޑު އާބާދީއަކަށް ޖާގަދެވޭނެ މަންޒިލަކަށް އެއަރޕޯޓް ތަރައްޤީކުރެވޭ މަންޒިލްވުމާއި ޒަމާނީ، ޞިއްޙީ ހަސްފަތާލަކާ ކައިރިވުމާއި އިޤްތިޞާދީގޮތުން ކުރިއަރަމުން އަންނަ ވިޔަފާރީގެ ފަހި ފުރުސަތުތައް އޮތް، ގިނަ މަންޒިލްތަކަކާ ކައިރިވުން ހިމެނެއެވެ.
ތަރައްޤީކުރެވިފައިވާ ހަނިމާދޫ އެއަރޕޯޓާއި ހއ. ގައި މިހާރު ހުރި ރިސޯޓްތަކާއި މީހުން ދިރިއުޅޭ ރަށްތަކާ ދެމެދުގައިވާ ދުރުމިނާއި އިހަވަންދިއްޕޮޅު އެއަރޕޯޓް 3 މަންޒިލެއްގައި ތަރައްޤީކުރަން ބަލައިނަމަ، އެމަންޒިލްތަކާއި ރަށްތަކާ ދެމެދުގައިވާ ދުރުމިން ކިލޯމީޓަރުން…
ރަށް | ހަނިމާދޫ | ހޯރަފުށި | ދިގުފަރު | މޮޅަދޫ |
ތުރާކުނު | 48.7 | 15 | 20.7 | 14.4 |
އުލިގަމް | 45.2 | 14.1 | 18 | 10.4 |
ހޯރަފުށި | 39.4 | 0 | 9 | 14.1 |
މޮޅަދޫ | 34.8 | 14.1 | 11.7 | 0 |
މަނަފަރު ރިސޯޓް | 36.7 | 8.1 | 8.2 | 5.7 |
އިހަވަންދޫ | 34.1 | 5.7 | 3.7 | 10.4 |
މާރަންދޫ | 24.1 | 15.7 | 8.8 | 16.9 |
ތަކަންދޫ | 23.2 | 17 | 10.7 | 18.5 |
ދޮނަކުޅި ރިސޯޓް | 15.7 | 24.1 | 15.1 | 20 |
ދިއްދޫ | 17.6 | 26.9 | 19 | 18.3 |
ވަށަފަރު | 16.9 | 30.4 | 24.3 | 20.9 |
ކެލާ | 23 | 36.9 | 30.3 | 25 |
ތެދެކެވެ. ހޯރަފުށި ކައިރީގައި ރިސޯޓް ހަދަން ރަށްތައް އެބަ އޮތެވެ. ހަމައެގޮތަށް މޮޅަދޫ އަދި ދިގުފަރާ މާދުރު ނޫން ހިސާބުތަކުގައި ހަނިމާދޫ އެއަރޕޯޓަށްވުރެ ކައިރީގައި، ރިސޯޓް ހަދަން ބޭނުންނަމަ ރިސޯޓް ހަދާނެ މާގިނަ ރަށްތައްވެސް އެބަހުއްޓެވެ. އެ ދެ މަންޒިލްގެ ތެރެއިން ކޮންމެވެސް އެއް މަންޒިލެއްގައި އެއަރޕޯޓް އަޅައިފިނަމަ، ދަތުރުކުރުމަށް އިޚްތިޔާރުކުރާނެ ގިނަ މަންޒިލްތަކެއްވެސް ރައްޔިތުންނަށް ލިބިގެންދެއެވެ. ފަތުރުވެރިންނަށްވެސް ލިބިގެންދެއެވެ. އެކި ވަގުތުތަކުގައި ފަސޭހައިން ދަތުރުކުރުމަށް ގިނަ ފުރުސަތުތަކެއް ފަހިވެގެންދެއެވެ.
އިސްތިރާޖީގޮތުން ބަލާއިރު، އައިހެވަން ތަރައްޤީކުރުމަށް ދިވެހި ރައްޔިތުން ބޭނުންވާނަމަ، އިހަވަންދިއްޕޮޅު އެއަރޕޯޓް ތަރައްޤީކުރުމަށް އެންމެ ރަނގަޅީ ހޯރަފުށި ފަޅުތެރެއެވެ. ނަމަވެސް އެފަދަ ވިސްނުމެއް ސަރުކާރާއި ރައްޔިތުންގެ ސިކުނޑީގައި ނެތްނަމަ، އިހަވަންދިއްޕޮޅު އެއަރޕޯޓުން ގިނަ ރައްޔިތުންތަކަކަށް އެންމެ ބޮޑު މަންފާއެއްކުރާނީ، ދިގުފަރު ނުވަތަ މޮޅަދޫގައި އެއަރޕޯޓް ތަރައްޤީކޮށްގެންކަމުގައި އަޅުގަނޑު ދެކެމެވެ.