Banner Image Description

ޕީޕީއެމްގައި ނަސީރު ނަސްރު ހޯދިއިރު، އެމްޑީޕީގައި ފަސް މުހައްމަދު ގަދަ ހިފުމަކަށް!

ޢަބްދުލްމާނިޢު ޙުސައިން

ފެށޭ އަހަރު އޭޕްރީލް މަހު މަޖިލިސް އިންތިޚާބު ބާއްވަވާނެކަން އިލެކްޝަންސް ކޮމިޝަނުން އިއުލާނުކުރައްވާފައިވާއިރު، ރާއްޖޭގެ ސިޔާސީ މަޝްރަހުގައި މި ދުވަސްވަރު އެންމެ ހަރުކޮށް ކުރެވެމުންދާ މަސައްކަތަކީ ޕާޓީތަކުން ވާދަކުރައްވާނެ ދާއިރާތައް ކަނޑައަޅުއްވުމާއި އެ ދާއިރާތަކުގައި ޕާޓީތަކުގެ ޓިކެޓްގައި ކުރިމަތިލައްވާނެ ފަރާތްތައް ކަނޑައެޅުއްވުމުގެ މަސައްކަތެވެ.

މިގޮތުން އެންމެ ބޮޑު އިދިކޮޅު ޕާޓީ، ޕީޕީއެމުން މި ދިޔަ ހަފްތާގައި އެ ޕާޓީގެ އޮފީހުގައި ބޭއްވެވި ހަފްލާއެއްގައި ވަނީ، އެ ޕާޓީން އިހަވަންދޫ ދާއިރާއަށް ކުރިމަތިލައްވާނެ ކެނޑިޑޭޓަކީ އިހަވަންދޫ ވައިޖެހޭގޭ އަޙްމަދު ނަސީރުކަމަށް ކަމަށް އިއުލާނުކުރައްވައި އެ މަނިކުފާނާ ލިޔުން ހަވާލުކުރައްވާފައެވެ. އަޙްމަދު ނަޞީރަކީ ބޮޑު ވިޔަފާރިވެރި މަހުޖަނެކެވެ.

ޕީޕީއެމް ޓިކެޓް ހޯއްދެވުމަށް އަޙްމަދު ނަޞީރުއާ ވާދަކުރައްވަމުންގެންދެވީ އިހަވަންދޫ އުދަރެސް އަޙްމަދު ޝާފިއުއެވެ. އެނގިފައިވާ ގޮތުގައި އަޙްމަދު ޝާފިއު ވަނީ، އިހަވަންދޫ ދާއިރާއިން ޕީޕީއެމްގެ ޓިކެޓް ދޭނެ ފަރާތެއް ކަނޑައެޅުއްވުމަށް ޕްރައިމަރީއެއް ބޭއްވެވުމަށް ބާރުއަޅުއްވައި މަސައްކަތް ކުރައްވާފައެވެ. ނަމަވެސް ޕްރައިމަރީއަކާ ނުލައި ޕީޕީއެމް އިހަވަންދޫ ދާއިރާގެ ޓިކެޓްގެ މައްޗަށް އަޙްމަދު ނަޞީރު ވަނީ ނަޞްރު ހޯއްދާފައެވެ.

ސަރުކާރު ހިންގެވުމުގައި ބައިވެރިވެވަޑައިގަންނަވާ އެންމެ ބޮޑު ޕާޓީ، އެމްޑީޕީއަށް ބަލާއިރު، އެ ޕާޓީން އިހަވަންދޫ ދާއިރާއަށް ކުރިމަތިކުރައްވާނެ ފަރާތެއް ހޮއްވެވުމަށް ބާއްވަވާ ޕްރައިމަރީގެ ފޯރި މި ދުވަސްކޮޅު ވަނީ ވަރަށް ގަދަވެފައެވެ.

ޕްރައިމަރީއަށް ކުރިމަތިލެއްވުމުގެ ދޮރުކޮޅު މިދިޔަ ބުރާސްފަތި ދުވަހަށް ބަންދުވިއިރު، ކުރިމަތިލައްވާފައި ވަނީ؛ އިހަވަންދޫ ބީޗްވިލާ މުޙައްމަދު ޢަބްދުއްލަޠީފް އާއި، އިހަވަންދޫ ބުލްބުލާގޭ މުޙައްމަދު ޝިފާޢު އާއި، އިހަވަންދޫ އާޒާދީބަހާރު މުޙައްމަދު ފިރާޟު އާއި، އިހަވަންދޫ ރާނާގޭ މުޙައްމަދު ރަޝީދު އަދި އިހަވަންދޫ އުއްސަކުރުގޭ މުޙައްމަދު ޢަބްދުﷲއެވެ.

މުޙައްމަދު ޢަބްދުއްލަޠީފަކީ ހޮޓެލް އިންޑަސްޓްރީގައި ކުރިން މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭގެ ފަހުން މަހަށްވެސް ވަޑައިގެންނެވިއެވެ. މިހާރު އެ ބޭފުޅާއަކީ އިހަވަންދޫ މިސްކިތެއްގެ އިމާމެކެވެ. އިމާމަކަށް ވެވަޑައިގެންނެވުމުގެ ކުރިން މަސައްކަތް ކުރެއްވީ އިހަވަންދޫ އިންޖީނުގޭގައި ޓެކްނީޝަނެއްގެ މަގާމުގައެވެ. މީގެ އިތުރުން އެ ބޭފުޅާއަކީ އެ ބޭފުޅާގެ އާއިލީ ވިޔަފާރި، މަސްދޯނިފަހަރު ބަނދެ މަހަށް ދުއްވުމުގެ ވިޔަފާރީގެ އިސް މޭސްތެރިޔާއެވެ.

މުޙައްމަދު ޝިފާޢުއަކީ ކުރިން ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އެ ބޭފުޅާ ވަނީ މުދައްރިސެއްގެ އިތުރުން ސްކޫލެއްގެ ހެޑް އޮފް ސްކޫލްކަން ވެސް ކުރައްވާފައިވާފައެވެ. މިހާރު އެ ބޭފުޅާއަކީ ވިޔަފާރިވެރިއެކެވެ. މާލޭގައި ފިހާރަތަށް ހިންގަވައެވެ. ވިޔަފާރިވެރިއަކަށް ވެވަޑައިގަތުމުގެ ކުރިން މަސައްކަތް ކުރެއްވީ ބޮޑު ކުންފުންޏެއްގެ އިސް މަގާމެއްގައެވެ. އެ ބޭފުޅާއަކީ ވެސް އާއިލީ އޮޑިދޯނިފަހަރު ބަނދެ މަހަށް ދުއްވާ ބޭފުޅެކެވެ.

މުޙައްމަދު ފިރާޟަކީ ވެސް ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރައްވާފައިވާ އަދި ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އިހަވަންދޫ ސްކޫލްގައި މުދައްރިސްކަމުން ފެށިގެން އެ ސްކޫލްގެ ޕްރިންސިޕަލްކަމުގެ މަގާމު ފުރުއްވިއެވެ. މިހާރު އެ ބޭފުޅާ މަސައްކަތް ކުރައްވަނީ މަތީ ތަޢުލީމުގެ ދާއިރާގައެވެ. ގިނަ ކޮލެޖުތަކެއްގައި ލެކްޗަރާރއެއްގެ ވަޒީފާ އަދާކުރެއްވިއެވެ. ބޮޑު ކުންފުންޏެއްގެ އިސް މަގާމެއް ވެސް ފުރުއްވިއެވެ. މި ހިނދު، އެ ބޭފުޅާއަކީ ކޮލެޖެއްގެ އެކެޑެމިކް ޑައިރެކްޓަރއެވެ.

މުޙައްމަދު ރަޝީދަކީ ފެށުނީންސުރެ ސިޔާސީ މަގާމުތައް ފުރުއްވަމުންގެންދަވާ ބޭފުޅެކެވެ. މިގޮތުން އެންމެ ފުރަތަމަ ފުރުއްވީ އިހަވަންދޫ ރަށު އޮފީހަށް އައްޔަނު ކުރެވުނު ކައުންސިލަރުކަމުގެ މަގާމެވެ. އެއަށްފަހު ހއ އަތޮޅު ކައުންސިލަށް އިހަވަންދޫ ދާއިރާއިން ދެ ފަހަރަށް އިންތިޚާބުވެވަޑައިގަތެވެ. މިގޮތުން އަތޮޅު ކައުންސިލްގެ ނައިބު ރައީސްކަމާއި ރައީސްކަން ފުރުއްވާފައިވެއެވެ. މިއަށްފަހު އިހަވަންދޫ ރަށު ކައުންސިލަށް އިންތިޚާބުވެވަޑައިގެން، މި ހިނދު ފުރުއްވަމުން ގެންދަވަނީ ރަށު ކައުންސިލްގެ ރައީސްގެ މަގާމެވެ.

މުޙައްމަދު ޢަބްދުﷲ ނުވަތަ މުހައްމާއަކީ ކުރިން ފިލްމު އިންޑަސްޓްރީގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. ކޮމީޑިއަންއެއްގެ ގޮތުގައި ރާއްޖެގައި ބޮޑު މަޝްހޫރުކަމެއް ހޯއްދެވިއެވެ. ވިޔަފާރީގެ ގޮތުން ކާމިޔާބު އަދި މޮޅު ފިލްމުތަކެއް ޕްރޮޑިއުސްކުރައްވައި އެ އިންޑަސްޓްރީގެ އެންމެ އުހަށް އެރުއްވިއެވެ. ފިލްމު އެސޯސިއޭޝަންގެ ރައީސްކަން ފުރުއްވިއެވެ. އެ ބޭފުޅާއަކީ މި ހިނދު އިހަވަންދޫ ދާއިރާގެ މަޖިލިސް މެމްބަރެވެ. މަޖިލިހަށް އިންތިޚާބުވެވަޑައިގަތީ ޖޭޕީ ޕީޕީއެމް އެމްޑީއޭ އަދި އަދާލަތު ޕާޓީ ހިމެނޭ ކޯލިޝަން ޓިކެޓެއްގައެވެ.

ޕްރައިމަރީ ބޭއްވެވުމަށް ތާވަލުކުރައްވާފައި ވަނީ މި ފެށޭ ޖެނުއަރީ 18 ވަނަ ދުވަހުއެވެ. ކެމްޕެއިންގެ ފޯރި ނުހަނު ގަދަވެ ރަށު ތެރޭ ހޭލަމޭލަކަން ދަނީ ގަދަވަމުންނެވެ. ވާދަވެރިކަން ދަނީ ބޮޑުވަމުންނެވެ.

ނަޞީރުއާ ވާދަކުރައްވާނީ މި ދެންނެވި ފަސް މުހައްމަދުންކުރެ މުހައްމަދަކެވެ. މީގެ އިތުރުން ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ވެސް ބޭފުޅަކު އިންތިޚާބުގައި ވާދަކުރައްވަފާނޭ ކަމުގެ އަޑުތައް ރަށުތެރޭގައި ވަނީ ފެތުރިފައެވެ.