ޕީޕީއެމް އިހަވަންދޫ ދާއިރާގެ އިންތިހާބުގައި ވޯޓްލެވޭ މީހުންގެ %45 މީހުންނަކީ އެމްޑީޕީ މެމްބަރުން!

މުޙައްމަދު އަކުރަމް

މިހާރު އިހަވަންދޫގައި އެންމެ ފޯރިޔާއިއެކު ކުރިޔަށްދާ އެއްކަމަކީ ކުރިޔަށް އޮތް ޕްރޮގްރެސިވް ކޮންގްރެސް ކޯލީޝަނުގެ އިހަވަންދޫ ދާއިރާގެ އިންތިހާބުގެ ކެމްޕޭނެވެ. މި އިންތިހާބުގައި 863 މީހަކަށް ވޯޓް ލުމުގެ ހައްޤު ލިބިގެން ވެއެވެ. އޭގެ ތެރޭގައި ހިމެނެނީ އިހަވަންދޫއަށް ނިސްބަތްވާ 707 މީހަކާއި، މާރަންދޫއަށް ނިސްބަތްވާ 124 މީހަކާއި އަދި މޮޅަދޫއަށް ނިސްބަތްވާ 32 މީހެކެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލީޝަނުގެ ދާއިރާތަކުގެ އިންތިހާބުގައި އިހަވަންދޫގައި، ދެ ވޯޓާސް ލިސްޓަކަށް ވޯޓް ލާނެއެވެ. އެއީ ދާއިރާގެ 3 ރަށުގެ ހުރިހާ މެމްބަރުން ހިމެނޭ ލިސްޓަކަށާއި، އިހަވަންދޫގެ ޒުވާނުން އެކަނި ހިމެނޭ ލިސްޓަކަށެވެ. ދާއިރާގެ ލިސްޓަށް ވޯޓްލާނީ ދާއިރާގެ ރައީސް އަދި ނައިބް ރައީސް އިންތިހާބު ކުރުމަށެވެ. ޕީޕީއެމްގެ ދަފުތަރުގައިހިމެނޭ އިހަވަންދޫ ޒުވާނުންގެ ލިސްޓަށް ވޯޓްލަނީ ޒުވާނުން ހަރަކާތުގެ ރަށު ރައީސް ހޮވުމަށެވެ. ޒުވާނުން ހަރަކާތުގެ ރަށު ރައީސް ހޮވުމަށްލާ ވޯޓްގައި 310 މީހަކަށް ވޯޓް ލުމުގެ ހައްޤު ލިބިގެންވެއެވެ.

ޕީޕީއެމްގެ ދަފުތަރުގައި ހިމެނޭ %45 މެމްބަރުން އެމްޑީޕީގެ ދަފުތަރުގައިވެސް

މި އިންތިހާބުގައި ޝައުޤުވެރިކަން އުފެދޭ އަނެއްކަމަކީ މިއެވެ. މިއިންތިހާބުގައި ވޯޓްލުމުގެ ހައްޤު ލިބިގެންވާ 863 މީހުންގެ ތެރެއިން 391 މީހުން ނުވަތަ %45.3 މީހުން އެމްޑީޕީގެ ދަފުތަރުގައިވެސް ހިމެނެއެވެ. އެ 391 މީހުންނަށް އެންމެފަހުން އެމްޑީޕީއިން ބޭއްވި އެތެރޭގެ އިންތިހާބުގައި ވޯޓް ލުމުގެ ހައްޤު ލިބިގެން ދިޔައެވެ. އެހެން ކަމުން އެއިންތިހާބުގައި ވޯޓް ލުމުގެ ހައްޤު ލިބުނު %24 މީހުންނަކީ ޕީޕީއެމްގެ ދަފުތަރުގައި ނަންއޮތް މީހުންނެވެ. މިހެން ދިމާވަނީ ޕާޓީތަކުން ބާއްވާ އެތެރޭގެ އިންތިހާބުތަކުގައި ވޯޓްލަނީ އެޕާޓީއަކުން އަމިއްލަޔަށް ބަލަހަށްޓާ ދަފުތަރަކަށް ކަމަށްވާތީއެވެ.

MDP and PPM Registry

ޕާޓީތަކުގެ އެރެތޭގެ އިންތިހަބަށް އެހެން ޕާޓީތަކުގެ ނުފޫޒް

މިއީ އަބަދުވެސް ދައްކާ ވާހަކައެވެ. ދޭދޭ ޕާޓީތަކުގެ އެތެރޭގެ އިންތިހަބުތަކަށް އެހެން ޕާޓީތަކުގެ ނުފޫޒް ފޯރުވާ ވާހަކައެވެ. ނަންބަރުތަކަށް ބަލާނަމަ އިހަވަންދޫ ދާއިރާގެ އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކުގައި ވޯޓް ލުމުގެ ހައްޤު ލިބިގެންވާ 1621 މީހުންގެ ތެރެއިން 391 މީހުންނަކީ ޕީޕީއެމްގެ މެމްބަރުންނެވެ. އެހެންކަމުން ވޯޓް ލުމުގެ ހައްޤު ލިބިގެންވާ %24 މީހުން ނުވަތަ ކޮންމެ 4 މީހަކުން 1 އަކީ ޕީޕީއެމްގެ މެމްބަރެކެވެ.

ޕީޕީއެމް އަށް އެމްޑީޕީގެ ނުފޫޒް އޮތީ އަދި މިއަށްވުރެ ބޮޑަށެވެ. ޕީޕީއެމްގެ ދަފުތަރުގައި ތިބި 863 މީހުންގެ ތެރެއިން 391 އަކީ އެމްޑީޕީގެވެސް މެމްބަރުންނެވެ. އެހެންކަމުން ވޯޓް ލުމުގެ ހައްޤު ލިބިގެންވާ %45 ނުވަތަ ގާތްގަނޑަކަށް ކޮންމެ ދެ މީހަކުން އެކަކީ އެމްޑީޕީގެ މެމްބަރެކެވެ. ޕީޕީއެމްގެ ޒުވާނުން ހަރަކާތުގެ ރަށު ރައީސް ހޮވުމަށް ބާއްވާ އިންތިހާބުގައި ވޯޓް ލުމުގެ ހައްޤު ލިބިގެންވާ 310 މީހުންގެ ތެރެއިން 176 މީހުން ނުވަތަ %56.7 އަކީ އެމްޑީޕީގެ ދަފުތަރުގައިވެސް ނަންއޮތް މީހުންނެވެ.

ޕާޓީތަކުގެ އެތެރޭގެ އިންތިހާބުތަކުގައި އެހެން ޕާޓީތަކުގެ ނުފޫޒު ކުޑަކުރެވޭނީ އިލެކްޝަން ކޮމިޝަނުގައި އޮންނަ އެޕާޓީއެއްގެ ދަފުތަރަށް ވޯޓްލުން ކުރިޔަށް ގެންގޮސްގެންކަމަށް ޤަބޫލުކުރެވެއެވެ.