ދިޔޯ ކޮލަމް: ފޫގޮސްފައި އޮތް އާރު ޓީ އެލް ގެ ޓިކެޓް ނިޒާމް

މުޙައްމަދު ޢަބްދުއްލަޠީފް

ފިނިކުރި ދުވެލި ބާރު ހިތްގައިމު ލޯންޗުތަކުގައި  އަތޮޅުތަކުގައި މިހާރު ފެށިގެން ކުރިއަށްދާ ދަތުރު ފަތުރުގެ ނިޒާމަކީ މިހާތަނަށް ސަރުކާރަކުން ދިވެހި ރައްޔިތުންނަށް ދިން އެންމެ ބޭނުންތެރި އެންމެ ފުރިހަމަ ޚިދުމަތެވެ. އަބަދުވެސް ރައްޔިތުންނާއި ގާތުން ވެރިކަންކުރުމަށް ވަކާލާތު ކޮށް އެރައްޔިތުންގެ ކެކުޅުންތަކަށް އިޖާބަދެނިވި ސިޔާސަތުތަށް ރާވާ ހިންގުމުގައި ދެވަނައެއް ނެތް އެމް ޑީ ޕީގެ ފުރަތަމަ ވެރިކަމުގައި ފެށި ދަތުރުފަތުރުގެ ނިޒާމް މިއަދު ދުނިޔޭގެ ފެންވަރަށް ތަރައްޤީ ކޮށްފައި މިވަނީ އެޕާޓީގެ ދެވަނަ ވެރިކަމުގައެވެ. މިއީ ޝުކުރާއި ތާރީފް ހައްގު މަސައްކަތެކެވެ.

މިއާއި އެކުވެސް އެނިޒާމުގެ ބޭނުންކުރުމަށް ހޯދާންޖެހޭ ޓިކެޓް ހޯދުމުގެ ހުރިހައި ކަމެއްހެން އޮތީ ފުލުން ގޮސްފައެވެ. ފުރަތަމަ ކަމަކަށް ސުމާރޓް ފޯނަށް އަހުލުވެރި ސުމާރޓް ކުއްޖަކަށް ނޫނީ ޓިކެޓެއް ލިބޭކަށް ނެތެވެ. ދިވެހިންގެ މިމުޖުތަމައުގައި މިހިނދުން މިހިނދަށް އެއްވެސް ކަމެއް މުޅިން ސުމާރޓް ކުރުމަކީ ކުރެވޭކަށް އޮތް ކަމެއްނޫނެވެ. ކޮއްފިނަމަ އެކަމަކުން މަހުރޫމު ވާނޭ ކިތަންމެ ބަޔަކު އަދި މިމުޖުތަމައުގައި އެބަތިއްބެވެ. އާރް ޓީ އެލް ގެ ޓިކެޓް ސީދާ އަތަށް ލިބޭގޮތަށް ގަނެވެން ނެތުމުގެ ދައްޗާއި ތޫރާލާއި އުނދަގޫ މިއަދު އެތަށް ބަޔަކު އުފުލާކަމީ ފޮރުވެން ނެތް ސިއްރެކެވެ.

ދެން އޮތީ ދަތުރު ނުކުރެވޭ ގޮތް ދިމާވެއްޖެ ނަމަ ޓިކެޓް ގަތް ލާރި އަނބުރާ ހޯދުމުގެ ކަންތަކެވެ. ފުރަތަމަ ފެށުނު ކޮޅުގައި އަނބުރާ ލާރި ލިބޭނޭ އެއްގޮތެއްވެސް ނެތެވެ. އެކަމަކު މިހާރު އެއްކަމެއް ހައްލުކޮށްފި ކަމުގައި ދަންނަވަން ޖެހެއެވެ. އެއީ މޫސުން ތަންނުދިނުމުގެ ސަބަބުން ލޯންޗު ދަތުރު ނުކޮށްފި ނަމަ މިހާރު އަނބުރާ ލިބެންޖެހޭ ލާރި ލިބެއެވެ. މިއާއި އެކުވެސް އެކަމަށް ފަހި މަގެއް އަދިވެސް ނުދެއްކެއެވެ. މިބަހުގެ މާނަޔަކީ ޓިކެޓު ގަތުމަށް ބޭނުންކުރާ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ލާރި އަނބުރާ ދިނުމަށް އެދެވޭނޭ ގޮތެއް އަދި ހަމަ ނުހެދެއެވެ.

ޓިކެޓް ގަތް ލާރި އަނބުރާ ލިބެންޖެހޭނީ ހަމައެކަނި ލޯންޗަށް ދަތުރު ނުކުރެވިއްޖެ ނަމަ ކަމަށް ނިންމައިގެން ތިބުމަކީވެސް ކުރެވިގެން ވާނޭ ކަމެއް ނޫނެވެ. ޓިކެޓް ގަތް ފަރާތަށް ދިމާވާ ކަމަކުންވެސް ދަތުރު ނުކުރެވިއްޖެ ނަމަ ޓިކެޓް ގަތް ލާރި އަނބުރާ ލިބޭނޭ ގޮތެއް އޮންނާން ޖެހެއެވެ. މިގޮތަށް ދިމާވާ ފަހަރު ފަހަރު ޓިކެޓް ގަތް ހުރިހާ ލާރިއެއް ނުލިބުން އެއީވެސް ހަމަ އެންމެ ރަނގަޅު ކަމެކެވެ. އެކަމަކު ކޮންމެވެސް ވަރެއް ނުލިބުން އެއީ ގޯހެކެވެ. މިސާލަކަށް ދަތުރު ފެށުމުގެ އެއްގަޑި އިރު ކުރިން ދަތުރު ނުކުރެވޭނެ ކަން އަންގައިފިނަމަ ބައިކުޅަބައި ދޭންވީއެވެ. އެއަށްވުރެ ފަހުން އަންގައިފިނަމަ އެކައްޗެއްވެސް ނުދޭންވީއެވެ.

ދެން އޮތީ މިލިޔުމެއް ލިޔާން ޖެހުނު އަސްލު ސަބަބެވެ. ތަންދޮރު ރަނގަޅަށް ދަންނަ ލޯ ހުޅުވޭ ފަރާތްތަކުން  އާރު ޓީ އެލް ގެ ޓިކެޓް ނިޒާމުން ނަހަމަ ލާބައާއި މަންފާ ލިބިގަންނަމުން ދާތީއެވެ. އެކަންކަން ނޭނގޭ ފަރާތްތަކަށް ދަތުރުތަކަށް ކުރާންޖޭހޭ ހަރަދު ބޮޑުވެ ހަމަޔާއި އިންސާފު ގެއްލި އެކީ އެއްވަގުތެއްގައި އެއް އުޅަނދެއްގައި  އެއްމަންޒިލަކަށް ދަތުރުކުރާ ދަތުރުވެރިންގެ މެދުގައި އަގުތަށް ތަފާތުވުމެވެ. ސުރުހީގައިވެސް އެވާފަދައިން އާރް ޓީ އެލް ގެ ޓިކެޓް ނިޒާމުގެ ފުލެއް ނެތެވެ. ކަޅިފުށީ ކަލޭގެ ލީ ކޮކަޑިޔެކޭ ތަފާތެއް ނެތެވެ. ކޮންމެއަކަސް މިހާވަރުން ނިންމާލައިފިއްޔާ އަދި ހަމަ މި ކީ އެއްޗެއް ނޭނގިދާނެއެވެ. އެހެންކަމުން އަންނަނިވި ފޮޅުވަތްތަކުގައި އަޅުގަނޑު މިދެންނެވި އެއްޗެއް ހިސާބަކަށް ނަމަވެސް ތިލަކޮށްދެވޭތޯ އެބައެޅެމެވެ.

އާދޭހެވެ. އަޅުގަނޑުވެސް އެއްބަހެވެ. ދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް އެކި އެކި މަންޒިލްތަކަށް މަޑުކޮށްގެން ދުރުތަންތަނަށް ކުރާ ދަތުރު ތަކަކީ އެގޮތަށް މަޑުނުކޮށް ހަމަ ސީދާ އެތަނަކަށް ދެވޭ ގޮތަށް ކުރާ ދަތުރު ތަކަށްވުރެ އަގުހެޔޮ ދަތުރު ތަކެކެވެ. އެހެންކަމާއި އެކުވެސް އޭގެ ނާޖާއިޒް ފައިދާ ނެގޭނެ ހަމަ އެއްގޮތެއްވެސް ނޯވެއެވެ. އާރް ޓީ އެލް އެހެނެއް ނޫނެވެ. ށ. ފުނަދޫން ހދ ކުޅުދުއްފުށި ސިޓީ އަށް ރ.ޓ.ލ ލޯންޗެއްގައި ދެވޭ ހަމަ އަގަކީ 150ރ އެވެ. އެކަމަކު މި 150ރ ނުދީ ށ ފުނަދޫން ހދ ކުޅުދުއްފުށްޓަށް ދެވޭނޭ ކިތަންމެ މަގެއް އެބައޮތެވެ. އެކަން އެހެން ކުރުމަށްޓަކައި މަކަރުވެރިން…… ނޫން !  ބުއްދިވެރިން ކަން ކުރާ ގޮތަކީ އޭނާޔަކީ ށ ބިލެތްފަހީން ހދ ކުޅުދުއްފުއްޓަށް ދަތުރުކުރާ މީހަކަށް ހެދިގަނެ ބިލެތްފަހިން ފުނަދުއަށް ލޯންޗް އަންނަންދެން އިންތިޒާރުގައި ހުންނަނީއެވެ. އެއަށްފަހު ށ ފުނަދޫން ހދ ކުޅުދުއްފުށްޓަށް ދާ މީހުންނާއި އެކު ކުޅުދުއްފުށްޓަށް ދަނީއެވެ. މިހާރު އޭނާ ހަރަދު ކުރާނީ 140ރ އެވެ. އަދި މިޔަށްވުރެ އަގުހެޔޮ އެހެން މަގެއްވެސް ހޯދިދާނެއެވެ. ކުރިންވެސް ބުނިފަދައިން ށ ފުނަދުއާއި ކުޅުދުއްފުށިސިޓީއާއި ދެމެދުގެ ހަމަ އަގަކީ 150ރ އެވެ. އެހެންކަމުން ހދ ކުޅުދުއްދުށިން ފުނަދުއަށް ދަތުރުކުރުމުގެ އަގަކީވެސް ހަމަ 150ރ އެވެ. އެކަމަކު މިދަތުރު 70ރ އަށް ވެސް ހެދިދާނެއެވެ. 70ރ ހަދަން ބޭނުން މީހުން ހަދާ ގޮތަކީ ށ ބިލެތްފަހިން ށ ފޯކައިދޫއަށް ދަތުރުކުރާބަޔަކަށްވެ އެގޮތަށް ޓިކެޓު ނަގަނީއެވެ. އޭރުން ކުޅުދުއްފުށިސިޓީން ށ ފުނަދުއަށް ދިޔުމުގެ އަގު 70ރ އަށް ކުޑަވީއެވެ. ކުޅުދުއްފުށިސިޓީން ށ ފުނަދުއަށް 150ރ އަށް ދަތުރުކުރާ މީހުންނާއި އެކު ހަމަ އެލޯންޗުގައި އެއްގަޑިއެއްގައި ފުރައިގެން ހަމަ އެއްވަގުތެއް ހެދަކޮށްގެން ހަމ އެއްގަޑިޔަކަށް 70ރ ހޭދަކުރިމީހުން ވެސް އަންނަނީ ފުނަދުއަށެވެ. ކުރުކޮށް ބުނަނީނަމަ ދަތުރު ތަކުގެ އެކޮޅު މިކޮޅު ބެލެހެއްޓޭނެ ގޮތެއް ނެތުމުން ބައިގަނޑުގަނޑުން ޗޯރުންތައް……. ނޫނެކޭ ބުއްދީގެ އަހުލުވެރިން ވަދެވަޑައިގެން  ވެހޭތާ ފެންނަންގަވާ އުސޫލުން ފުރުސަތުގެ ބޭނުން ހިތްޕަވަނީއެވެ. މިކަހަލަ ކިތަންމެ ބައިގަނޑެއް އެބަހުއްޓެވެ. މި ލިޔުމަކީ މިކަހަލަ ހުރިހާ ވިދުވިދެއް ބުނެ ކިޔައިދޭން ލިޔާ ލިޔުމެއްނޫނެވެ. ދެމިސާލެއް މި ގެނެސްދިނީ ހަމަ މިސާލެއްގެ ގޮތުގައެވެ.

މީގެން ނިކުންނާނޭ އަނެއް މައްސަލައަކީ ތަފާސްހިސާބު އެއްކުރުމުގައި ނިކުންނާނޭ އޮޅުންބޮޅުމުގެ މައްސަލައެވެ. ކޮންމެ ކަމެއްވެސް އިތުރަށް ތަރައްގީކޮށް ކުރި އެރުވުމުގައި ތަފާސްހިސާބަކީ މުހިންމު އެއްޗެކެވެ. އެކަމަށްޓަކައި ބޭނުންވާ ތަފާސްހިސާބު އެއްކުރާނީ އަޅުގަނޑަށް ހީވާގޮތުގައި……. ނޫން! ޔަގީންވާގޮތުގައި މި ޓިކެޓް ނިޒާމުގެ ތެރެއިންނެވެ. އެކަމަކު މިކަން މިއޮތް ގޮތަށް އޮވެގެން ރަނަގަޅު ތަފާސްހިސާބެއް އެއްކުރުމަކީ ލާހިކު ކުޅަދާނަ ކަމެއްނޫނެވެ.

އެހެންކަމުން ލަސްނުކޮށް މިހިނދުން މިހިނދަށް އާރު ޓީ އެލް ގެ ޓިކެޓުނިޒާމުގައި ހުރި ބައިގަނޑުތައް ބައްދާ ފޫ އަޅާ ނިންމާކަށް ނުވެތޯއެވެ.

ޚިޔާލު ފައުޅުކުރުން

އިހަވަންދޫ މީހުން މަކަރާ ހީލަތުން ކުރާ ދަތުރުގެ ވާހަކަ ލިޔެލާބަލަ
ތިދައްކަނީ ހޮޅި ވާހަކަ. ޓިކެޓު ގަނޑުކޮޅު ހިފައިގެން ދުވާ ޒަމާން މާޒީވެއްޖެ.
އަދިވެސް އަގަ ހުޅުވާފަ ބުނާނެ ކިޔަވާނެ ކަމެއް ނެތޭ.
ތިބުނާހާ އުމުރުން ދުވަސް ވީ މީހުންނެއް ނޫން ހަމަ އެކަނި އާރުޓީއެލް އިން ދަތުރު ކުރަނީ އެއް. ހަމަ ދަރިން ނުލާ އެކަނި ދަތުރު ކުރެވޭ ވަރުގެ ދެމަފިރިން ވެސް ދާން ބޭނުންވެފަ ނުދެވިފަ އެބަތިބި އެކުގައި ދާނެ ތިބުނާ ސްމާޓް ފޯނު ނުގެންގުޅޭތީ. ހަމަ ރައްޔިތުން ފެލަނީ. ޒަމާނީ އޯ. ވަކި ބަޔަކަށް ފަސޭހަ އީ.
އާރްޓީ އެލް ލޯނޗުން ދަތުރު ކޮލުމުގެ ފުރުސަތު އަޅުގަނޑަށް ވެސް ލިބުން، ހުރިހާ ޚިދުމަތެއް ވެސް ވަރައް ފުރިހަމަ ޓިކެޓު ނެގު އަދި ދާންވިތަން ވެސް ވަރައް ފަސޭހަކޮށް ބަލާލެވޭ، އެވޭލާ ޒަމާން ހެން ރިޔަލުގައި ދަތުރުކޮށް ޓިކެޓް ނެގުން މާޒީ ވެއްޖެ، ރާއްޖޭގެ %98 މީހުން ބޭނުން ކުރަނީ ސުމާޓް ފޯނު ދެން އުމުރުން ދުވަސް ވީ މީހުން އެކަޏެއް ދަތުރެއް ނުކުރާނެ، ދެން ކޮބާ މީގަ މައްސަލަޔަކީ