ކިޔަވައި އުމުރުގެ ދަރިވަރުން ސްކޫލަށް ނުދިއުން – 3 (ސްކޫލަށް ދިއުމަށް ދެކޮޅު ހަދަނީ ކީއްވެ؟)

މުޙައްމަދު އިމްރާން

އިލްމީ ބިންގާ ހަރުދަނާ ނުވުން:

ސްކޫލް މާހައުލުން ދަރިންނަށް ދަސްވާ ދަސްވުމުގެ އެންމެ މުހިއްމު އެއްބަޔަކީ، އެކުދިންގެ ބިންގަލެވެ. އެހެނީ، ބިންގަލުގައި ހަރުދަނާ ކަމެއް ނެތްނަމަ، އެކުއްޖާގެ ހަޔާތް ބަނަވެގެން ހިނގައިދެއެވެ. އެގޮތުން، ސްކޫލަށް ދިއުން ހުއްޓާލާ އުމުރުފުރާތައްކަމުގައި އެންމެ ބޮޑަށް ފާހަގަކުރެވޭ އުމުރުފުރާ ކަމުގައި ވެގެންދަނީ، ކުއްޖާގެ އުމުރުން 12 އަހަރުން މަތިވާ ހިސާބުންފެށިގެންނެވެ. އެގޮތުން، އެ އުމުރުފުރައަކީ، ކުއްޖާގެ ޕްރައިމަރީ ގުރޭޑް ތަކުގެ ކިޔެވުން (ކީ ސްޓޭޖް 1 އަދި 2) ނިމި، ސާނަވީ ކިޔެވުމަށް ފަށައިގަންނަ ހިސާބެވެ. އެއީ ކުއްޖާގެ އިލްމީ ބިންގާ ފުރިހަމަވެ ނިމެންޖެހޭ އުމުރެވެ. ނަމަވެސް، މިހާ ހިސާބުން، ކުއްޖާ ކިޔެވުމުގެ މާހައުލު ދޫކޮށްލާ ދޫކޮށްލުމަކީ، ބިންގަލުގެ ހަރުދަނާކަމުގައި މައްސަލައެއް ހުރުން ކަމުގައި ބެލެއެވެ. އެގޮތުން، ފާހަގަކުރެވޭ ބައެއް ކަންކަމަށް އަލި އަޅުވައިލާ ބަލާލަމާހެއްޔެވެ؟

ހ) އަމިއްލަ މާދަރީބަސް ލިޔަންކިޔަން ނޭންގުން:

އިލްމީ ބިންގާ އެޅި ދަރިވަރުންގެ ކިޔެވުމަށް ފަށާގަނެވިގެންދާއިރު އެކުދިންނަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ، އެކުއްޖާގެ މާދަރީބަސް ދަސްވެފައިނެތުމެވެ. އެގޮތުން، ކިޔެވުމުގެ އެންމެ މުހިއްމު ބަޔަކީ، މާދަރީ ބަސް އުނގެނި ދަސްވުންކަމުގައި ވުމުން، އެ މިންވަރު ހާސިލްވެފައި ނުވުމުގެ ސަބަބުން، ކިޔެވުންމަތިން ކުއްޖާ ފޫހިވާ ހިސާބަށް ދާކަމީ، ދިމާވާ ވަރަށްބޮޑު މައްސަލައެކެވެ.

ށ) ބޭރުބަސްތައް (އިނގިރޭސި އަދި އަރަބި) ލިޔަން ކިޔަން ނޭންގުން:

ޒަމާނީ ތަޢުލީމަށް ލޯ ހުޅުވިފައިވާ މުޖުތަމަޢުއަކަށް ފައްކާ ކުރާ ދަރިންތަކަކަށް ކިޔަވައިދިނުމުގެ އިނގިރޭސި ބަހާ އަރަބިބަސް ދަރިވަރުންނަށް އެނގުމަކީ، ކޮންމެހެންވެސް މުހިއްމުކަމެއްކަމުގައިވެއެވެ. ނަމަވެސް، ސްކޫލް މާހައުލު ދޫކޮށްލާ ބައެއްދަރިވަރުން، ސްކޫލް ދުކޮށްލާ ސަބަބަކީ، އިލްމީ ބިންގާ އެޅި ނިމޭއިރުވެސް، ތަޢުލީމުގެ އެންމެ މުހިމު އަސާސުކަމުގައިވާ އަމިއްލަ ބަހުގެ އިތުރަށް އިނގިރޭސި އަދި އަރަބި އެނގިފައިނެތުމެވެ. އެހެނީ، އިސްލާމް އަދި ދިވެހި ފިޔަވާ ދެން ކިޔަވާ ހުރިހާ މާއްދާތަކެއް ކިޔަވަން ޖެހެނީ، އިނގިރޭސި ބަހުންކަމުގައިވީ ހިނދު، އެބަސްދަސްނުވާ ކުއްޖާއަށް ކުރިއަށް ދިއުމުގެ މަގު ބަންދުވެއްޖެކަމުގެ އިހުސާސްކުރެވުމެވެ.

މުދައްރިސުންގެ ދައުރު ފުރިހަމައަށް އަދާ ނުކުރެވުން:

މުދައްރިސަކީ، ހަމައެކަނި، ކިޔަވައި ފޮތުގައިވާ ވާހަކަތެކެއް ބުނެދޭ މީހެއްކަމުގައި ވާނަމަ، އެއީ ހަރުދަނާ މުދައްރިސަކަށް ނުވެވެނީއެވެ. މުދައްރިސުކަމަކީ، އެއަށްވުރެ ހަރުދަނާ މަސައްކަތަކެވެ. މުދައްރިސަކީ، ދަރިވަރުގެ ރޯލް މޮޑެލްއެއްކަމުގައި، އެންމެ ކުޑަދުވަހުންފެށިގެން ބައެއް ދަރިވަރުން ބަލާ ބައެކެވެ. ގޭތެރޭގެ މާހައުލުން ނުލިބޭ އަޅާލުމާ، އޯގާތެރިކަން މުދައްރިސުގެ ފަރާތުން ލިބުމަށް އެދިގެން ސްކޫލަށް އަންނަ ދަރިވަރުންވެސް މަދުނޫންކަން ޔަޤީނެވެ. އެހެންކަމުން، މުދައްރިސްގެ ދައުރު މިހާރަށްވުރެ ފުޅާވެ ހަރުދަނާވުން މުހިއްމެވެ. އެގޮތުން ސަމާލުކަން ދޭންޖެހޭ ކަންކަމަށް ބަލައިލަމާ ހިނގާށެވެ.

ހ) ކުލާސްތެރެއިން ދިމާވާ މައްސަލަތަކަށް ފިޔަވަޅު އެޅުން ކުޑަވުން:

ދަރިވަރުންނަށް ކްލާހުގައި ދިމާވާ ކޮންމެ ކަމަކީ، ދަރިވަރުންގެ ކިޔެވުމަށް އަސަރުކުރާނެކަމެކެވެ. އަދި އެކުދިން ކިޔެވުމަށް ލޯބި ޖެހުމަށް ނުވަތަ ފޫހިވުމަށް މަގުފަހިވާނެ ކަމެކެވެ. އެހެންކަމުން، ކުލާސްތެރޭ ހިނގާ ކަންކަން ރަނގަޅަށް މޮނިޓަރ ކޮށް އެކަންބަލާ ފިޔަވަޅުއެޅުމަކީ، ވަރަށްމުހިއްމުކަމެކެވެ. އެހެން ނޫނީ، ދަރިވަރު އެ މުދައްރިސެއްގެ މަތިންނާ، ކިޔެވުމުގެމަތިން ފޫހިވެދާނެއެވެ.

ށ) ދިމާވާ ކަންކަމާ ކުރިމަތިލާން ދަރިވަރުންނަށް ބެނެދެވޭ މިންވަރު ކުޑަވުން:

މުޖުތަމުއަށް ނިކުތުމަށް ދަރިވަރުންނަށް ދަސްކޮށްދޭ ހިނދު ދިމާވާ ކަންކަމާ ކުރިމަތިލާނެގޮތް ސްކޫލް މާހައުލުގައި ދަރިވަރަށް ބުނެދިނުމަކީ މުހިއްމުކަމެކެވެ. އެގޮތުން، ކުލާސްތެރެއާއި ބޭރުތެރެއިން އަދި ގޭތެރެއިން އައިސްދާނެ ކޮންމެ ކަމަކަށް ކުރިމަތިލުމަށް ދަސްކޮށްދިނުމަކީވެސް މުހިއްމުކަމެވެ.

އިޖުތިމާއީ މައްސަލަތައް:

މިއަދުގެ ކިޔަވާކުދިންނަށް އޮތް އެންމެ ގޮންޖެހުންބޮޑު ކަމަކީ އިޖްތިމާއީ މައްސަލަތެކެވެ. ގިނަ ދަރިވަރުންތަކެއް، ކިޔެވުމުގެ މަހައުލު ދޫކޮށްލާ އެންމެ ބޮޑު ސަބަބަކީވެސް އިޖްތިމާއީގޮތުން އަޅުގަނޑުމެންގެ މުޖުތަމައުގައިހުރި މައްސަލަތެކެވެ. މިކަންކަމަށް ބެލެނިވެރިންނާ، މުދައްރިސުންނާ، ކަމާބެހޭ އެންމެހާ ފަރާތްތައް ފާރަވެރިވެ ބަލަންޖެހޭކަމާމެދުގައި ޝައްކެއްނެތެވެ. އެގޮތުން، ހުރި މައްސަލަތަކުގެ ތެރެއިން، ކިޔެވުމުގެ މާހައުލު ދޫކުރާ ކުދިން އެކަންކުރުމަށް މަގުފަހިވާ އިޖުތިމާއީ ބައެއްމައްސަލަތަކަށް ބަލައިލާނަމެވެ.

ހ) އިންޓަނެޓްގެ ކޮންޓްރޯލެއް ނެތުން:

އާދެ، ދުނިޔޭގެ އެންމެން ގުޅުވާލަދިން ވަސީލަތަކީ، އިންޓަނެޓްކަމާމެދު ޝައްކެއްނެވެ. އިންޓަނެޓަކީ  އެވަޞީލަތުގެ ބޭނުން ހެޔޮގޮތުގައި ހިފައިފިނަމަ ވަރަށް ބޮޑު ނިޢުމަތެއްކަމާއި އެއާއި ގުޅިފައިވާ ތަފާތު ޓެކްނޮލިޖީގެ ވަޞީލަތްތަކުގެ ސަބަބުން ޢާއިލީގުޅުން ބަދަހިވާކަމާއި، އުނގެނުމާއި އުނގަނައިދިނުމުގައި ފަހި ދޮރުތަކެއް ހުޅުވިފާފައިވާކަމާއި، މަޢުލޫމާތު ފޯރުކޮށްދެވި ދިރިއުޅުމުގައި ދިމާވާ ކޮންމެ ކަމަކާއިވެސް މަޝްވަރާއިހޯދި ލުއިކަން ގެނެސްދޭ އެއްޗެއްކަންވަނީ 18 ސެޕްޓެމްބަރު 2020 ގެ ހުކުރު ހުތުބާގައިވެސް ފާހަގަކުރައްވާފައެވެ. އަދި ހަމައެހެންމެ އެ ދުވަހުގެ ޙުޠުބާގައި އިންޓަނެޓްގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް، ބަރަހާނާ މަންޒަރުތައް އެކުލެވޭ ވެބްސައިޓްތަކާއި އިސްލާމްދީނާއި ޚިލާފް ވާހަކަތަކާއި ހައްދުފަހަނަ އަޅާފައިވާ ފަރާތްތަކުން ހިންގާ ތަފާތު ވެބްސައިޓްތައް ބަންދުކުރުމަށް ގޮވާލާފައިވެއެވެ.

ބައެއް ދަރިވަރުން، އިންޓަނެޓްގެ ޒަރިއްޔާއިން، ގުޅުވާލަދޭ ސޯޝަލް މީޑިއާ ފަދަ ވަސީލަތްތަކުން، ދިމާވާ ބައެއްކަންކަމުގައި، ކިޔެވުންމަތިން ފޫހިވެފައިވާކަން ފާހަގަކުރެވެއެވެ. އަދި ސޯޝަލް މީޑިއާއާއި، އިންޓަނެޓްގައި ގިނަ ވަގުތަކެއް ހޭދަކުރުމުގެ ސަބަބުން ސްކޫލަށް އައުމަށް ހުރަސްއެޅޭކަން ފާހަގަކުރެވެއެވެ.

ށ) ގޭމްތަކަށް ދެވިހިފުން:

މިއީ ދެބަސްވެވެންނެތް ހަޤީޤަތެކެވެ. މިއަދު ސްކޫލަށް އައުމުން ދުރުހެލިވެ، ކިޔެވުމާ ދުރުވެފައިވާ ގިނަކުދިންތަކެއް ސްކޫލަށް އައުމާ ދުރުވާ އެއްސަބަބަކީ، ހެނދުނު ހޭލުމަށް އުނދަގޫވުމާއި، ބޮލުގައި ރިހުމެވެ. ސަބަބަކަށް ވެފައިވަނީ، އޮންލައިންކޮށް ގުޅޭ ތަފާތު ގޭމްތައް ކުޅުމަށް، ގިނަވަގުތުތަކެއް، ރޭގަނޑުގެ ނިދި ނަގާލާ ހޭދަކުރުމެވެ.

އަދި ސްކްރީން ޓައިމް ގިނަވުމުގެ ސަބަބުން، ލޮލުގެ މައްސަލަތަކާއި، ބޮލުގައި ރިހުންފަދަ މައްސަލަތައް ކުރިމަތިވުމެވެ. ހަމައެހެންމެ، އެފަދަ ގޭމްތައް ކުޅޭކުދިން، ކުލާހުގައި ނިދާފާ ތިބުމާއި، އެހެން ހިޔާލުތަކަށް ގެއްލިފައި ތިބޭކަން ފާހަގަކުރެވޭކަމަށް ޓީޗަރުން ފާހަގަކުރެއެވެ. އެގޮތުން، ޕަބްޖީފަދަ ގޭމްތަކަކީ، މިއަދު މި މުޖުތަމަޢުގައި ކޮންޓްރޯލްކުރަންޖެހިފައިވާ ގޭމްތައްކަމުގައި ދެކެވެ.

 

ނިންމުން

ތަޢުލީމު ފޯރުކޮށްދިނުމަކީ، އިންސާނީ ވަސީލަތްތައް ފުރިހަމަކުރުމަށް ކުރެވޭ އެންމެ ހަރުދަނާ އިންވެސްޓްމަންޓެވެ. ޢިލްމީ ގޮތުން ޤާބިލް، ހަރުދަނާ ޖީލެއް ބިނާކުރުމަށް ކުރެވޭ މުހިއްމު މަސައްކަތެކެވެ. ތަފާތު މައްސަލަތާކައި، ކުރިމަތިލާ، ނުވަތަ ތަފާތު މައްސަލަތައް ކުރިމަތިވެ، ސްކޫލަށް ދިއުން ހުއްޓާލާ ދަރިވަރުން ދެނެގަނެ އެފަދަ ކުދިން އަނބުރާ ތަޢުލީމީ ނިޒާމުގެ ތެރެއަށް ގެނައުމަށް، ކަމާގުޅުންހުރި ހުރިހާ ފަރާތްތަކުންވެސް، މަސައްކަތްކުރަންޖެހޭކަން މި ރިޕޯޓްގެ އަލީގައި އެނގިގެން ހިނގާންޖެއެވެ. އަދި އެފަދަ ކުދިން އަނބުރާ ތަޢުލީމީ ނިޒާމުގެ ތެރެއަށް ގެނައުމަށް ކުރެވިދާނެ މަސައްކަތްތަކެއްވެސް ފާހަގަކުރެވިއްޖެއެވެ. މި ރިޕޯޓްގައި އަލި އަޅުވާލެވިފައިވާ ކަންކަމުގެ އިތުރުންވެސް، ތަފާތު ސަބަބުތަކުގެ ސަބަބުން ދަރިވަރުން ކިޔެވުމާ ދުރުވެ ސްކޫލަށް އައުން ހުއްޓާލާފައިވެއެވެ.

މާތް ﷲ އަހަރެމެންގެ ދަރިންނަކީ، ހަރުދަނާ އަހުލާޤެއްލިބި، ލިބޭ ފުރުޞަތުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފައި، ޢިލްމީ ގޮތުން ޤާބިލް، ނުސިޔާރު މަގުތަކުން ދުރުވެ، އިޖުތިމާއީ ގޮތުން ހަރުދަނާ ފަރުދުން ތަކެއް ކަމުގައި ލައްވާށިއެވެ.

ނިމުނީ