މިނިސްޓްރީ އޮފް ހެލްތުން ހއ. އިހަވަންދޫގައި އަޅާ އިހަވަންދޫ ހޮސްޕިޓަލްގެ މަސައްކަތް ހުއްޓުވުމުގައި އިހަވަންދޫ ކައުންސިލްގެ ދައުރު އޮތްކަން ހާމަވެއްޖެއެވެ.
ކޮންޓްރެކްޓަރ ފައިނޭންސުގެ އުސޫލުން ޑުޕުލެކުސް ޕުރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން ކުރާ މިމަސައްކަތް ޕީ.ޕީ އެމަށް ނިސްބަތްވާ އިހަވަންދޫ ކައުންސިލުން ހުއްޓުވާފައިވަނީ ހޮސްޕިޓަލް އެޅުމަށް ބޭނުންވާބިން ސާފުކުރުމުގެ މަސައްކަތް އެކުންފުނިން ކުރަމުން ދަނިކޮންނެވެ.
މައުލޫމާތު އެނގޭފަރާތަކުން ކަށަވަރު ކޮށްދީފައި ވާ ގޮތުގައި އީ.ޕީ.އޭއިން ދީފައިވާ ހުއްދަޔާ ހިލާފަށް ޑުޕްލެކުސް އިން ރުއްތަކާއި ގަސްތައް ކަނޑާ ނީލަން ކިޔަމުންދާކަމަށް ބުނެ އީ.ޕީ.އޭ އަށް ރިޕޯޓް ކޮށްފައިވަނީ އިހަވަންދޫ ކައުންސިލާ ގުޅުންހުރި ފަރާތަކުންނެވެ.
އިތުރަށް މައުލޫމާތު ދެމުން އެފަރާތުން ބުނީ އެ،އެއްބަސްވުމުގައި ވާ ގޮތުން 110 ރުއް އަދި 86ގަސް ކަނޑާލުމުގެ ބަދަލުގައި އިހަވަންދޫ ކައުންސިލުން ދައްކާތަނެއްގައި އަލުން އިންދަން ޖެހޭކަމަށެވެ. އެހެންކަމުން ވަރަށް ރަނގަޅަށް ބަލައިގެން އަލުން އިންދާނެ ރުއްގަސް ވަކިކޮށް އެފަދަ ރުއްގަހުގައި ފާހަގަވެސް ޖަހާފާވާނޭކަމަށެވެ. އަދި އެކަން ކޮށްފައިވަނީ ޑުޕޮލެކުސްގެ ސައިޓް ސުޕަވައިޒަރާއި ސިއްހީމަރުކަޒުގެ މުއައްޒަފަކާއި އިހަވަންދޫ ކައުންސިލުގެ މެމްބަރު އަހުމަދު ރިޟްވާން(ޖިޒޭ) ބައިވެރިވެގެންނެވެ. އެހެންނަމަވެސް 550 އެއްހާ ރުއްގަސް ހިމެނޭ އެބިމުގައި ހުރި އެހެންތަނަކަށް ބަދަލު ކުރުމަށް ކަމުނުދާ ކަމަށް ފާހަގަ ކުރެވުނު ރުއްގަހުގެ ތެރެއިން އެންމެ 38 ރުއް ކަނޑާ އެރުއްތަކުގެ ނީލަންކިޔުމާއި އެކު ޑުޕުލެކުސް އިން މަސައްކަތް ކުރަނީ އެއްބަސްވުމާއި ހިލާފަށް ކަމަބުނެ ކައުންސިލަރަކު އީ.ޕީ.އޭ އަށް މައްސަލަ ހުށަހެޅީ ކަމަށެވެ. އެއާއި އެކު މަސައްކަތް ހިނގަމުން ދަނީ އެއްބަސްވުމާއި ހިލާފަށް ކަމަށްވާނަމަ އެމަސައްކަތް މެދުކަނޑާލަ ދިނުމަށް އީ.ޕީ.އޭ އިން އިހަވަންދޫ ކައުންސިލަށް އެންގިއެވެ. އަދި ހަމަ އެއާއި އެކު ކައުންސިލުން އާމިނާ ދިޔޯ ހެލްތުސެންޓަރަށް، މަސައްކަތް މަޑުޖައްސާލަން އެންގިއެވެ.
މަސައްކަތް މަޑުޖައްސާލަން އިހަވަންދޫ ކައުންސިލުން އާމިނާ ދިޔޯ ސިއްހީ މަރުކަޒަށް އެންގި އެންގުން އިތުރަށް ތަފުސީލް ކޮށްދެއްވަމުން އާމިނާދިޔޯ ސިއްހީ މަރުކަޒުގެ ސީނިއާ އެޑްމިނިސްޓްރޭޓަރ އާއިޝަތު ނަޝްފާ ވިދާޅުވީ ކައުންސިލަށް އީ.ޕީ.އޭ އިން އަންގާފައި އޮތީ އެބަސްވުމާއި ހިލާފަށް މަސައްކަތް ހިނގަމުންދާނަމަ މަސައްކަތް ހުއްޓުވަން ކަމަށާއި އެހެންނަމަވެސް އެކަމަށް ފަރުވާލެއް ނުބަހައްޓާ އިހަވަންދޫ ކައުންސިލުން ސިއްހީ މަރުކަޒަށް އެންގީ މަސައްކަތް މަޑުޖައްސާލަން ކަމަށެވެ. އެކަމުގައި ކައުންސިލަށް ދޭހަވުމުގެ މައްސަލައެއް އުޅޭކަމަށް ފެންނާތީ އެކަން ހައްލު ކުރުމަށް ކުރެވުނު މަސައްކަތްވެސް ކާމިޔާބު ނުވީ ކައުންސިލުން ގޮތް ދޫކުރަން ބެނުން ނުވުމުންކަމަށެވެ. އަދި އެންމެ ފަހުން ޖެހުނީ މަސައްކަތް ހުއްޓާލަންކަމަށެވެ.
މިމަސައްކަތް ހުއްޓުވުމަށް އިހަވަންދޫ ކައުންސިލުން ކޮށްފައިވާ އެންމެ ބޮޑު މަސައްކަތަކީ ކައުންސިލްގެ މެމްބަރުންނަށް އެނގުމެއް ނެތި ހާއްސަކޮށް އެބިމުން އެހެންތަންތަނަށް ބަދަލުކުރާނެ ރުއްގަސް ފާހަގަކުރުމަށާއި އެމަސައްކަތް ހިނގާ ނުހިނގާ ގޮތް އަމަލީގޮތުން ބަލަމުންއައި މެމްބަރު އަހުމަދު ރިޟްވާނުގެ ބަހެއް ނެތި ކައުންސިލުން އީ.ޕީ.އޭ އަށް ފޮނުވާފައިވާ 16 ނުގުތާގެ މައްޗަށް އެކުލެވޭ ރިޕޯޓެވެ. މިރިޕޯޓްގައި އިހަވަންދޫ ކައުންސިލުން ވަނީ ސިއްހީމަރުކަޒުން ފޮނުވި ކަނޑާފައިވާ ރުއްގަހުގެ މައުލޫމާތު ދޮގުކޮށް އެއީ ހަގީގަތާއި ހިލާފް މައުލޫމާތުތަކެއް ކަމަށް ބުނެފައެވެ. އަދި އޭގެ އިތުރުން މިއަމަލަކީ ރަށުގެ ތިމާވެއްޓަށް ހީވެސް ނުކުރެވޭފަދަ ގެއްލުންވާ ގޮތަށް އަދި ރައްޔިތުންނަށް ލިބެންއޮތް މަންފާއަކުން އެރައްޔިތުން މަހުރޫމް ވާ ގޮތަށް ކޮށްފައިވާ އަމަލެއްކަމަށް ބުނެފައެވެ.
މިއާއި އެކު އިހަވަންދޫ ކައުންސިލުގެ ނަމުގައި ރުއްގަސް އެއްތަނުން އަނެއްތަނަށް ބަދަލުކުރުމުގެ ކަންކަން ބަލަން އައިސް އުޅޭ އެކައުންސިލުގެ މެމްބަރު އަހުމަދު ރިޟްވާނަކީ އެކަމުގެ އެއްވެސް ހައިސިއްޔަތެއް ނެތި އަމިއްލައަށް އައިސް އުޅޭ މީހެއްކަމަށް އާމިނާދިޔޯ ސިއްހީމަރުކަޒަށް ފާހަގަވިއެވެ. އެހެންކަމުން އެކަންބަލަހައްޓާ ކައުންސިލާއި އެކު ކުރަންޖެހޭ މުއާމަލާތްތަށް ކުރުމަށް ކޯޑިނޭޓަރަކު ކަނޑައަޅާ ދިނުމަށްވެސް ސިއްހީ މަރުކަޒުން ވަނީ އެދިފައެވެ. ނަމަވެސް މިއަދާއި ހަމައަށްވެސް، އެކަން އޮތީ ހަމަނުޖެހިކަމަށް މައުލޫމާތު އެނގޭފަރާތަކުން މިނޫހަށް ކަށަވަރުކޮށްދިނެވެ.
ހޮސްޕިޓާ އެޅުމަށް ހަމަޖެހިފައިވާ ބިމުން އެއްތަނުން އަނެއްތަނަށް ބަދަލު ކުރުމަށް ހަމަޖެހިފައިވާ ގަހެއް، ރުކެއް ޑުޕްލެކުސް އިން ކަނޑާފައި ނުވާކަމަށް ބުނާއިރު، އަދި އެއްތަނުން އަނެއްތަނަށް ބަދަލު ކުރާން ޖެހޭ ރުއްގަހުގެ އަދަދު އިހަވަންދޫ ކައުންސިލަށް ސާފުކޮށް އެނގޭއިރު، އެދި އެބިމުގައި އެކަހަލަ ކިތަންމެ ރުއްގަހެއް އަދިވެސް އެބަހުރިކަން ދެނެތިބެމެ، އަދި ޑުޕްލެކުސްއިން ކަނޑާ ސިއްހީ މަރުކަޒުން ނީލަން ކިޔާފައިވަނީ އެންމެ 38 ރުއްކަން ކަށަވާއިރު، އިހަވަންދޫ ކައުންސިލުން މިމައްސަލައިގެ ތެރެއަށް ވަދެ ކައުންސިލަށް ލިބިދޭ ބާރާއި ނުފޫޒުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި އިހަވަންދޫ ހޮސްޕިޓަލުގެ މަސައްކަތް ހުއްޓުވާފައި ވަނީ އިހަވަންދޫ ކައުންސިލުންކަމާއި މެދު ދެބަސްވާނޭ ތަނެއް އޮތްކަމަކަށް އަޅުގަނޑު ނުދެކެމެވެ.
ޕީ.ޕީ އެމުގެ ބޮޑު އަޣުލަބިއްޔަތެއް އޮންނަ އިހަވަންދޫ ކައުންސިލުން އިހަވަންދޫގެ އުމްރާނީ ތަރައްގީއަށް ހުރަސްއަޅަމުން ދާކަމަށް ވިދާޅުވެ އިހަވަންދޫ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ޝިފާއުވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން މީސްމީޑިޔާގައި ޝިފާއު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިހަވަންދޫ ކައުންސިލުން އިހަވަންދޫގެ އުމްރާނީ ތަރައްގީއަށް ހުރަސްއަޅާ ހުއްޓުވުމަށް ކުރާ މަސައްކަތަކީ އިހަވަންދޫގެ ރައްޔިތުންނަށް ކުރާ ޖެއްސުމެއް ކަމަށެވެ. އަދި އެކަމުގެ ދެރަ ލިބޭނީ ރައްޔިތުންނަށްކަމަށެވެ.
މިކަމާއި ގުޅިގެން ކައުންސިލްގެ ބަހެއް ހޯދުމަށް އިހަވަންދޫ ކައުންސިލްގެ ރައީސް އަހުމަދު ޞަބާޙް އަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ އެފަރާތުގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ. އެހެންނަމަވެސް މެމްބަރު ޝިފާއުގެ ޕޯސްޓާއި ގުޅިގެން ކައުންސިލުގެ ބައެއް އާއްމު މެމްބަރުން ދަނީ މީސްމީޑިޔާގައި ޝިފާއުއަށް ރައްދުދީ ސިޔާސީ ގޮތުންނާއި ޒާތީ ގޮތުން މެންބަރު ޝިފާއުއާއި ދިމާކޮށް ފުރައްސާރަ ކުރަމުންނެވެ.