ފުރަތަމަ ގައުމީ ދުވަސް ދެއްކެވީ ކޮންބޭފުޅެއް؟

މުހައްމަދު ޢަބުދުއްޞަމަދު

މިއަދަކީ ދިވެހިރާއްޖޭގެ ގައުމީ ދުވަހެވެ. މިދުވަސް އުފެދިގެން އައިގޮތާ، ތާރީޚީ ގޮތުން ގައުމީ ދުވަހަކީ ކޮންދުވަހެއްތޯ ބަލާލުން އެއީ، މިއަދު ވަރަށް ބޭނުންތެރި ކަމެކެވެ. ދިވެހިންނަނީ ވަރަށް ނިކަމެތި، ދެރަ، ގައުމީ ލޯތްބެއް ނެތް ބައެއްކަން ވިސްނައިދޭން މަސައްކަތްކުރާ ދަނޑިވަޅެއްގައެވެ. ބޭރުގެ ބާރުތަކުން ރާއްޖެ އަޅުވެތި ކުރުމަށް ޝައުގުވެރިވާ ފަދަ އިބާރާތްތަކުން ގައުމުގެ ސަހަރޯވެރިން ވާހަކަ ދައްކާ ދަނޑިވަޅެއް ގައެވެ. އަމިއްލަ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރަން ޖެހިފައިވާ ވަގުތެއް ގައެވެ.

ފުރަތަމަ ގައުމީ ދުވަހެއް އަޅުގަނޑުމެނަށް ފެނުނީ 1365 ވަނަ އަހަރު ރަބީޢުލްއައްވަލު މަހުގެ އެއްވަނަ ދުވަހު، އެއްވަނަ ރޭ ގައެވެ. އެއްވަނަ ރޭ އެއީ ގައުމީ ރެއެވެ. މަޝްހޫރު އުސްތާޛުއްޖީލު އަލްމަރްޙޫމް މުޙައްމަދު ޖަމީލު (1984) ދެކެވަޑައިގަންނަވާ ގޮތުގައި، “އަޅުގަނޑުމެން އޭރު ދުވަސްތައް ގުނަމުން ތާރީޚު ފާހަގަކުރަމުން ގެންނަނީ ހިޖުރީ ތާރީޚުން. އެހެންވީމާ، ހިޖުރީ ތާރީޚުގެ ހަމަ ތަކުގެ މަތިން ފުރަތަމަ އައީ ގައުމީ ރޭ”، ދެން އެއަށްފަހުގައި އައީ ގައުމީ ދުވަހެވެ.

ގައުމީ ދުވަހަކީ ރަބީޢުލްއައްވަލް މަހުގެ އެއްވަނަ ދުވަހެވެ. 1365 ވަނަ އަހަރުގެ ކުރިން ގައުމީ ދުވަހޭކިޔާފައި ދުވަހެއް ފާހަގައެއް ނުކުރެއެވެ. ނަމަވެސް، ރަބީޢުލްއައްވަލް މަހުގެ ފުރަތަމަ ދުވަސް، ދެވަނަ ދުވަސް، އަށްވަނަ ދުވަސް، ބާރަވަނަ ދުވަސް ފާހަގަކުރެއެވެ. މާތް ނަބިއްޔާ މުހައްމަދު ﷺ  މީލާދީ މައްސަރުގެ ގޮތުގައެވެ. އެއްދުވަހު ދުޢާ، ދެ ދުވަހު ދުޢާ، އަށްޑުވަހުގެ ދުޢާ ކިޔާފައި ދެން އޮންނަނީ ބާރަ މާލޫދު ކިޔުމެވެ.

1365 ވަނަ އަހަރު ރަބީޢުލްއައްވަލް މަހުގެ ފުރަތަމަ ދުވަސް، ދިވެހިން ފާހަގަކުރީ އެހެން އަތަކަށެވެ. އެއީ، ގައުމީ އަތަށެވެ.

ގައުމީ ރޫހު އަޅުގަނޑުމެންގެ ކިބާގައި އުފެދެމުން އައިސް، ގައުމީވަންތަކަމުގެ ފަރާތަށް އަޅުގަނޑުމެން ލަންބަވައިލައްވައިފިއެވެ. އޭރު ދިވެހި ގައުމުގެ ހުންގާނުގައި ހުންނެވި ޒައީމް ސުމުއްވުލް އަމީރު އަލްމަރުހޫމް ހާއްޖަ މުހައްމަދު އަމީން ދޮށިމޭނާ ކިލެގެ ފާނެވެ. އެމަނިކުފާނަކީ ދިވެހި ގައުމަށް ފުރަތަމަ ގައުމީ ދުވަސް ދެއްކެވި ޒަޢީމެވެ.

ގައުމީ ދުވަސް ފުރަތަމަ ފާހަގަ ވެގެން ދިޔައީ އޭރުއޮތް ރައްޔިތުންގެ މަޖިލީހުން ފާސްވި ފާސްވުމެއްގެ ތެރެއިންނެވެ. ރަސްމީ އިއްޒަތުގެ ގަވާއިދޭ ކިޔައި ގަވާއިދެއް ފާސްވުމުންނެވެ. އެގަވާއިދުގައި ރަބީއުލްއައްވަލުމަހުގެ ފުރަތަމަ ދުވަސް އެއީ ދިވެހިރާއްޖޭގެ ގައުމީ ދުވަސްކަމަށް ބަލައި، ގައުމީ ދުވަހުގެ ގޮތުގައި އެދުވަސް ފާހަގަކުރުމަށް އޮވެއެވެ. އޭގެ ފަހުން ކޮންމެ އަހަރަކު ރަބީޢުލްއައްވަލް މަހުގެ އެއްވަނަ ދުވަސް ފާހަގަކުރަމުން ދަނީ ގައުމީ ދުވަހުގެ ގޮތުގައެވެ.

ޤައުމީ ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ ރަބީޢުލްއައްވަލު މަހުގެ ފުރަތަމަ ދުވަސް ފާހަގަކުރަނީ އެދުވަހަކީ ޕޯޗުގީޒުން ރާއްޖެ އަޅުވެތިކޮށްގެން، ދިވެހިންނަށް ދުއްތުރާކުރުމުގައި، 15 އަހަރާއި 6 މަސްވެފައި ވަނިކޮށް، އުތީމު ތިން ބެއިންގެ ޤައުމީ ޖިހާދުގައި، ބޮޑުތަކުރުފާނު ރާއްޖެ މިނިވަންކުރެއްވި ދުވަހުގެ ގޮތުގައެވެ. މިއީ ދުވަހަކުވެސް ރާއްޖޭގެ ތާރީޚީ ފަތްފުށްތަކުން ފިލައިގެން ދާނެ ޖިހާދެއް ނޫނެވެ. ޕޯޗުގީޒުންގެ އަޅުވެތިކަމުން އުތީމު ޣާޒީރަދުން، ލެއިން ގުރުބާންވެ ދިވެހި ގައުމު ސަލާމަތް ކުރެއްވީ 981 ވަނަ އަހަރު ރަބީޢުލްއައްވަލް މަހުގެ އެއްވަނަ ދުވަހު އެވެ. މީގެ 461 އަހަރު ކުރިއެވެ.

ގައުމީ ދުވަހެއް ގެނައުމުގެ ބޭނުމަކީ ކޮބައިތޯއެވެ. އަޅުގަނޑުމެންގެ ހިތުގައި ގައުމީ ޝުޢޫރު އާލާކުރުމެވެ. ގައުމީ ލޯބި އިތުރުކުރުމެވެ. އެއީ އަޅުގަނޑުމެންގެ ހިތުގައި ނެތް އެއްޗެއްނޫނެވެ. މިހާރުވެސް އޮތް އެއްޗެކެވެ. ބަޔަކު އަރާ ދިވެހި ގައުމު ހިފަން އުޅެނިއްޔޭ ބުނާއިރަށް، އަޅުގަނޑުމެންގެ ހިތަށް ވާގޮތެއް ބުނަންވެސް ނޭނގެއެވެ. ގައުމީ ލޯބި އުތުރިއަރަނީ އެވެ. ބޮޑުތަކުރުފާނުންގެ ޖިހާދުގެ ޒިކުރާ އާވެ، އާލާވަނީ އެވެ. ގައުމީ ދުވަހެއް ގެނައުމުގެ ބޭނުމަކީ، ދިވެހި ޤައުމިއްޔަތުގެ މައިތަނބުތައް ކަމުގައިވާ، އިސްލާމްދީނާއި ދިވެހިންގެ ބަހާއި، ދިވެހިންގެ ސަޤާފަތް ނަގަހައްޓައި ދެމެހެއްޓުމެވެ. ވައްކަމާއި ފަސާދަ އާއި ބޭއިންސާފާ ދެކޮޅަށް އަޑު އުފުލުމެވެ. ދިވެހި ގައުމީ އަބުޠާލުންގެ ގައުމީ ޖިހާދުން ހިތްވަރު ލިބިގެންނެވެ. އެޒިކުރާތައް އާކޮށްގެންނެވެ.

“ގައުމީ ތިޖާރަތަށް އަލުން އާ ފެހިކަމެއް ގެނެވޭ ގޮތުން

 

ގައުމީ ނަވުގެ މިސްރާބުތައް އަނބުރަށް އަލުން ހިފާނަމޭ”