އިހަވަންދިއްޕޮޅުގެ މި އުދާހަށް އިޖާބައެއް ނެތީބާ؟

ޢަބްދުލްމާނިޢު ޙުސައިން

ގުދުރަތުން ދިވެހިރާއްޖޭގައި 26 އަތޮޅު ލެއްވިޔަސް، އެންމެ އިހުންސުރެ އިދާރީގޮތުން އަތޮޅުތައް ބައިކޮށްފައި ހުރީ ގުދުރަތުގެ ބެހުންތަކުގެ އިތުރަށް އެ ނޫން އެހެން އެތައް ކަމަކަށް ބިނާވެގެންނެވެ. އެންމެ އިހުގައި 12 އިދާރީ އަތޮޅެއްގެ މައްޗަށް ރާއްޖެ ބައިކޮށްފައި އޮތްއިރު، އެކި ދުވަސްވަރު އެކި ސަބަބާހުރެ ގެނެސްފައިވާ ބަދަލުތަކާއެކު މިހާރު ރާއްޖޭގެ އިދާރީ ދާއިރާތައް ބަހާފައި ވަނީ 20 އިދާރީ އަތޮޅާއި މާލޭގެ މައްޗަށެވެ.

އިހު ވެސް އަދި އަދު ވެސް އިދާރީގޮތުން ރާއްޖެ ބައިކޮށްފައިވާ ގޮތުގެ މައިގަނޑު ބިނާއަކީ ގުދުރަތުން ރާއްޖެ ފެޅިފައި ހުރި އިމެވެ. ގުދުރަތީ އަތޮޅުތަކުން ރާއްޖެ ބުރިވެފައި ހުރި ގޮތެވެ. ގުދުރަތީ އަތޮޅަކަށްވިއްޔާ އިދާރީ އަތޮޅެއްގެ ހައިސިއްޔަތު ދިނުމުގެ އަސާސެވެ.

ފާދިއްޕޮޅާއި، މުލަކަތޮޅާއި، ނިލަންދެއަތޮޅު ދެބުރި އާއި، ކޮޅުމަޑުލާއި، ހައްދުންމައްޗާއި، ފުވައްމުލަކާއި، އައްޑުއަތޮޅަކީ ގުދުރަތީ އެެއް އަތޮޅުގެ މައްޗަށް އެކަނި އުފައްދާފައިވާ އިދާރީ އަތޮޅުތަކެވެ.

މި ގޮތާމެދު ދެން އޮތީ ދެ އިސްތިސްނާއެކެވެ. އެއީ، އެހެންޏާ ގުދުރަތީ އަތޮޅުތައް ބުރިކޮށްފައިވުން، ނޫންވިއްޔާ އެއްކޮށްފައިވުމެވެ. މަގުސަދަކީ އިދާރީގޮތުން ލުއިފަސޭހަކުރުމޭ ބުނެވިދާނެއެވެ.

ބުރިކުރުމުގެ މިސާލަކީ ގުދުރަތީ ހުވަދުއަތޮޅުގެ ދެބުރިއެވެ. އެއްކޮށްލުމުގެ މިސާލަކީ މާލެ އަތޮޅުގެ ގުދުރަތީ ދެ ބުރި އާއި، ގުދުރަތީ ކާށިދޫ އަތޮޅާއި، ގުދުރަތީ ގަހާފަރު އަތޮޅު ހިމެނޭ އިދާރީ މާލެ އަތޮޅެވެ.

ގުދުރަތީ އަތޮޅާއި، އަތޮޅަކުން ބުރިއެއް ހިމެނޭ ގޮތަށްމެ އެއްކޮށްގެން އިދާރީ އަތޮޅު އުފައްދާފައިވެއެވެ. މި ގޮތުގެ އެއް މިސާލަކީ ގުދުރަތީ އިހަވަންދިއްޕޮޅާއި ތިލަދުންމަތީ މަތީ ބުރި ހިމެނޭ ގޮތަށް ހަދާފައިވާ ތިލަދުންމަތީ އުތުރުބުރިއެވެ.

ކޮންމެއަކަަސް، އިހަވަންދިއްޕޮޅާއި، މަކުނުދޫ އަތޮޅާއި، އެއްތިގިލި އަލިފުށި އަތޮޅާއި، ފަސްދޫއެތެރެ އާއި، ގޮއިދޫ އަތޮޅާއި، ކާށިދޫ އަތޮޅާއި، ގަހާފަރު އަތޮޅާއި، މާލެ އަތޮޅު ދެ ބުރި އާއި، ރަސްދޫ އަތޮޅާއި، ތޮއްޑޫ އަތޮޅާއި، ވައްޓަރު އަތޮޅާއި، މި އަތޮޅުތަކަކީ އިދާރީ އަތޮޅުތަކުގައި ބައިވެރިވާ، އެހެނަސް ގުދުރަތީ ވަކި އަތޮޅުތަކެވެ. އިދާރީ އަތޮޅުތައް ބަޔާންވެފައި ހުންނައިރު އެއްވެސް ގޮތެއްގައި ފާހަގަވާން ނުހުންނަ، ފަރުދާވެ ގެއްލިފައިވާ އަތޮޅުތަކެވެ.

މި ފާހަގަކުރި އަތޮޅުތަކަށް ވަކި އިދާރީ އަތޮޅެއްގެ ހައިސިއްޔަތު ދީފައި ނުވަނީ ނިސްބަތުން ކުޑަކަމާއި، ހީނަރުކަމާއި އަދި ބައެއް އަތޮޅުތަކުގެ އެކަހެރިކަމާހުރެކަމަށް ވެދާނެއެވެ.

ނަމަވެސް މާލެ އަތޮޅު ދެބުރި އާއި، އިހަވަންދިއްޕޮޅުގެ ހާލަތު ފެންނަނީ ތަފާތުކޮށެވެ. މާލެ އަތޮޅު ދެބުރި، އެއް އިދާރީ އަތޮޅުގައި ހިމަނާފައި ވަނީ އިދާރީ ބޮޑު ލުއިފަސޭހައަކަށްޓަކައިކަން އެއީ ސާފުކޮށް ފެންނަން އޮތް ހަގީގަތެކެވެ.

ސުވާލަކީ ގުދުރަތީ އިހަވަންދިއްޕޮޅުގައި ވަކި އިދާރީ އަތޮޅެއްގެ ސިފަ ދުވަހަކު ވެސް ނުޖެހި އޮތީ ކީއްވެތޯއާމެދު އެ ގުދުރަތީ އަތޮޅުގެ ރައްޔިތުން ޒަމާނުންސުރެ ކުރާ ސުވާލެވެ.

މި ސުވާލުގެ އޮއްޓަރާމެދު ވިސްނައިލުމުން ފައުޅުވަނީ އިހަވަންދިއްޕޮޅާމެދު ވެފައި އޮތް ބޭއިންސާފެއްގެ ބޮޑުކަމެވެ. އިހަވަންދިއްޕޮޅާމެދު ހިތާފައިވާ ގޮތް ފާހަގަވަނީ އިދާރީ ދާއިރާތައް ބަހާފައިވާ ގޮތުގައި އޮތް ބޮޑު އައިބެއްގެ ގޮތުގައެވެ. ދެއްކޭތޯ މި ފެށީ މި އައިބާމެދު ހުރި އުދާހުގެ ވާހަކައެވެ.

އެންމެ އިހުގައިމެ އަތޮޅުތައް އިދާރީގޮތުން ބައިކުރާއިރު އިހަވަންދިއްޕޮޅު ހިމަނާފައި އޮންނަނީ ތިލަދުންމަތީގައެވެ. މިލަދުންމަޑުލު ދެ ބުރި އާއި، ތިލަދުންމަތީގެ މައްޗަށް ބޮޑުތިލަދުންމަތި އިދާރީގޮތުން ތިންބައިވެފައި އޮތުމަށްފަހު، 1958 މެއި 21 ވަނަ ދުވަހު، އިދާރީ ތިލަދުންމަތި ދެ ބުރިކޮށް ތިލަދުންމަތީ އުތުރަކާއި ދެކުނެއް އުފެއްދިއެވެ. އެހައިރުން އިހަވަންދިއްޕޮޅު ލެއްވީ ތިލަދުންމަތީ އުތުރަށެވެ.

އިހަވަންދިއްޕޮޅަކީ ރާއްޖޭގެ އެންމެ އުތުރަށް އޮތް ގުދުރަތީ އަތޮޅެވެ. ނިސްބަތުން ވަކި ކުޑަ ދެރަ ހީނަރު އަތޮޅެއް ނޫނެވެ. އަތޮޅުގެ އެންމެ ދިގު ގޮތަށް ތޭރަ ވަރަކަށް މޭލު ހުންނައިރު، ފުޅާ މިނުގައި އަށެއްކަ މޭލު ހުރެއެވެ.

މީލާދުން 1834 ގައި ޖަމާކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން އެ ޒަމާނުގައި އިހަވައްދިއްޕޮޅުގައި 24 ހިކިފަސް ރަށް އޮތެވެ. ބައެއް ރަށް ގިރައި، އަނެއްބައި ރަށް އެހެން ރަށްރަށާ އެކުވެ ލާމެހުނީއެވެ. މިހާރު އޮތީ 22 ރަށެވެ.

ދާދިމިދާކަށް ދުވަހާ ހަމައަށް އިހަވަންދިއްޕޮޅުން 7 ރަށުގައި މީހުން އާބާދުވެ ދިރިއުޅުނެވެ. 6 މާރިޗު 2006 ގައި ބެރިންމަދޫން މީހުން ބޭލުމާއި، 6 ޖުލައި 2007 ގައި ހަތިފުށިން މީހުން ބާލާފައި ވާތީ، މި ހިނދު އިހަވަންދިއްޕޮޅުގައި އޮތީ މީހުން ދިރިއުޅޭ 5 ރަށެވެ. އިންނަފިނޮޅާއި، ހުވަހަންދޫ އާއި، މަޑޫ އާއި، ވަނގާރަކީ ވެސް ކުރިން މީހުން އާބާދުވެ ދިރިއުޅުނު ރަށްރަށެވެ. އެކި ސަބަބާހުރެ ފަހުން ފަޅުވީއެވެ.

އިހަވަންދޫ އާއި، ހޯރަފުއްޓަކީ ރާއްޖޭގެ ނިސްބަތުން ވެސް އާބާދީ ބޮޑު ދެ ރަށެވެ. އިހަވަންދޫއަކީ މަސްވެރިކަމުގެ ސިނާއަތުގައި އެންމެ އިސް ސަފުގައި މިނޭ ރަށެކެވެ. މަދަރުސީ ތައުލީމަށް މަޝްހޫރު ކާމިޔާބު ރަށެކެވެ. ހޯރަފުށީ އެއާޕޯޓާއެކު ހޯރަފުށީގައި ދަނީ ގެސްޓްހައުސް ސިނާއަތު ތާރަފުވެ ފުޅާވަމުންނެވެ. މީހުންދިރިއުޅޭ އުލިގަމާއި މޮޅަދޫއަކީ ބިން ބޮޑު މާދެރަށެވެ. އުލިގަމަކީ ޔޮޓް ބަނދަރެކެވެ. ކުރިމަގު އޮތް ރަށެކެވެ.

އަތޮޅުގެ ހުޅަނގު ބިތަށް އޮތް ލޯފަރުފަޅަކީ ރާއްޖޭގައި މަދުން ނޫނީ ނެތްވަރުގެ ބިޔަފަޅެކެވެ. އުތުރު ބިތަށް އޮތް ދިގުފަރަކީ ވެސް ކުޑަ ފަޅެއް ނޫނެވެ. އިންޓަނޭޝަނަލް ބަންކަރިންގ ޕްރޮޖެކްޓެއް ހިންގުމަށް މި ފަހުން ގަތަރު ކުންފުންޏަކާ އެ ހަވާލުކުރީ ލޯފަރުފަޅުގައެވެ. ދިގުފަރުގައި، އިންޓަގްރޭޓެޑް ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގުމަށް ސަރުކާރުން ވަނީ ރާވާފައެވެ.

ހއ އަތޮޅު ކައުންސިލުން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު، އިހަވަންދިއްޕޮޅު ރަށްރަށުގެ ރަށްވެހިންގެ އާބާދީގައި މިދިޔަ ޖޫން މަހުގެ ނިޔަލަށް 8885 މީހުން ހަމަވެއެވެ. މިދިޔަ އަހަރު ބޯހިމެނިއިރު އިހަވަންދިއްޕޮޅުގައި 5792 މީހުން ތިއްބެވެ.

ވީމާ ގުދުރަތީ އިހަވަންދިއްޕޮޅަކީ އާރޯ އުޖާލާ އަތޮޅެކެވެ. ކުޑަކުޑަ އަތޮޅެއް ނޫނެވެ. ދެރަ ހީނަރު އަތޮޅެއް ނޫނެވެ. އެހެނަސް، އިދާރީ އަތޮޅެއްގެ ހައިސިއްޔަތު ދީފައި ނުވާ އެހެން ގުދުރަތީ އަތޮޅުތައް އެހެން ހެއްޔެވެ؟ އިހަވަންދިއްޕޮޅާ އަޅާކިޔައިލެވޭވަރު އަތޮޅެއް ވެސް ނެތެވެ.

މަކުނުދޫ އަތޮޅަކީ އަތޮޅުފުކެކެވެ. ކުދި ރަށްތަކަކާއެކު ކިރިޔާ ހަތަރު ރަށް ހަމަވާއިރު މީހުން އުޅެނީ މަކުނުދޫގައި އެކަންޏަވެ. އެއްތިގިލި އަލިފުށި އަތޮޅުގައި އެންމެ ދިގަށް ކިރިޔާ ދެ މޭލު ހަމަވާކަމެވެ. އެ އަތޮޅުގައި އޮތީ މީހުން ދިރިއުޅޭ އަލިފުއްޓާއި ކުޑަ އެހެން ރަށެކެވެ.

ފަސްދޫއެތެރޭގައި ޖުމުލަ ފަނަރަވަރަކަށް ރަށް އޮތަސް މީހުން ދިރިއުޅެނީ ހަމައެކަނި ކުޑަރިކިލުގައެވެ. ގޮއިދޫ އަތޮޅުގައި އޮތީ ހަތަރު ރަށެވެ. މީހުން ދިރިއުޅޭ ގޮއިފުޅަފެހެންދޫގައި ވެސް އާބާދީ ވަރަށް ވެސް މަދެވެ.

ކުޑަކުޑަ ކާށިދޫ އަތޮޅުގައި އޮންނަނީ މީހުން ދިރިއުޅޭ ކާށިދޫ އާއި ހުރާގަނޑެެކެވެ. ގަހާފަރު އަތޮޅުގައި އޮންނަނީ ގާފަރު އެކަންޏެވެ.

ރަސްދޫ އަތޮޅު ވެސް ވަރަށް ކުޑައެވެ. އެ އަތޮޅުގައި ތިން ރަށް އޮތަސް މީހުން ދިރިއުޅެނީ ރަސްދޫގައި އެކަންޏެވެ. މީހުން ދިރިއުޅޭ ތޮއްޑޫ ނޫން ރަށެއް ކުޑަކުޑަ ތޮއްޑޫ އަތޮޅަކު ނެތެވެ. ވައްޓަރުފަޅުގައި އޮތީ ފަޅު ރަށެއް އެކަންޏެވެ.

ވީމާ، އަތޮޅުގެ ބޮޑު މިނުން މިންޏަސް، ފަޅު ރަށްރަށާއި، މީހުން ދިރިއުޅޭ ރަށްރަށް ހުރި ވަރުން ބެއްޔަސް، އަދި އަމުދުން އާބާދީގެ އަދަދުން ކިރިޔަސް، ހީނަރު ކުދި ކަމީނާ އަތޮޅުފުއްފުކާ އެއް ސަފެއްގައި އިހަވަންދިއްޕޮޅު ބާއްވާފައި އޮތްކަމީ ވެފައި އޮތް މާސިންގާ ބޭއިންސާފެއްކަން ސާފުކޮށް ސާބިތުވޭމެއެވެ. ހަގީގަތުގައި ވަރަށް ހެއްވާކޮށްމެ ވެފައި އޮތް ކަމަކީއެވެ.

ގުދުރަތީ އިހަވަންދިއްޕޮޅު އަތޮޅު ކުރިފަސް ހޯދަނީ އިދާރީ އަތޮޅެއްގެ ދަރަޖަ ދީފައި ނުވާ ގުދުރަތީ އަތޮޅުތަކުގެ ނިސްބަތުން އެކަންޏެއް ނޫނެވެ. އިހަވަންދިއްޕޮޅާ އަރާ ހަމަނުކުރެވޭ އެތައް އަތޮޅަކަށް އިދާރީ އަތޮޅެއްގެ ހައިސިއްޔަތު ދީފައިވޭމެއެވެ. އެ ހައިސިއްޔަތު ދީފައިވުމުގެ ހަމައެކަނި ސަބަބަކަށްވީ ގުދުރަތީ އަތޮޅަކަށް އެ އަތޮޅުތައްވިކަމެވެ. އިހަވަންދިއްޕޮޅަކީ ވެސް ގުދުރަތީ އަތޮޅެކެވެ. ސާފު ނުވަނީ އިހަވަންދިއްޕޮޅާމެދު ތަފާތުކޮށް ހިތިފައި ނުވަތަ ހިތައިފައި އޮތް ސަބަބެވެ.

އެންމެފަހުގެ ބޯހިމެނުމަށް ބަލާއިރު، އިދާރީ ފެލިދެއަތޮޅުގައި ދިރިއުޅޭ އާބާދީއަކީ 1995، އިދާރީ މުލަކަތޮޅުގެ އާބާދީއަކީ 5471، އިދާރީ ނިލަންދެއަތޮޅު އުތުރުބުރީގެ އާބާދީއަކީ 4858 ކެވެ. އެހެނަސް، ގުދުރަތީ އިހަވަންދިއްޕޮޅުގެ ރަށްރަށުގައި ދިރިއުޅޭ އާބާދީގައި ގާތްގަނޑަކަށް 5800 ހަމަވެއެވެ. ބޯހިމެނިއިރު އިދާރީ ނިލަންދެއަތޮޅު ދެކުނުބުރީގައި ވެސް ތިބީ ގާތްގަޑަކަށް މިހައިކަންހާވަރުގެ އަދަދެއްގެ ދިވެހިންނެވެ.

އަދި ރަށްވެހިންގެ އާބާދީއަށް ބަލާއިރު ވެސް، ބަޔާންވެދިޔަ އިދާރީ އަތޮޅުތަކުގެ އިތުރުން، އިދާރީ އަރިއަތޮޅު އުތުރުބުރީގެ އާބާދީއަށްވުރެ ވެސް ގުދުރަތީ އިހަވަންދިއްޕޮޅުގެ އަަބާދީ ބޮޑެވެ. އިހަވަންދިއްޕޮޅުގެ ރަށްވެހިންގެ އާބާދީ މި އަހަރު ނިމޭއިރު 9000 ކަޑައްތުކުރާނެއެވެ.

މީގެ އިތުރަށް، އިދާރީ ފެލިދެއަތޮޅާއި، އިދާރީ ނިލަންދެއަތޮޅު އުތުރުބުރީގައި ވެސް މީހުން ދިރިއުޅެނީ ގުދުރަތީ އިހަވަންދިއްޕޮޅެކޭ އެއްފަދައިން ފަސް ރަށެއްގައެވެ. އިދާރީ ފާދިއްޕޮޅުގައި މީހުން ދިރިއުޅެނީ ހަތަރު ރަށެއްގައެވެ.

ވީމާ ފެލިދެއަތޮޅާއި، މުލަކަތޮޅާއި، ނިލަންދެއަތޮޅު ދެ ބުރި ފަދަ އަތޮޅުތަކަށް އިދާރީ ވަކި އަތޮޅުތަކެއްކަމުގެ ހައިސިއްޔަތު ދީފައި ވަނީ ގުދުރަތީ ވަކި އަތޮޅުތަކެއް ކަމުގައި ވީތީއެވެ. ގުދުރަތީ އިހަވަންދިއްޕޮޅަށް ނުލިބޭ ވަކި އެހެން އެެއްވެސް ސިފައެއް އެ އަތޮޅުތަކަށް ލިބިފައި އޮތަތީކީ ނޫނެވެ. އިހަވަންދިއްޕޮޅުގެ އާބާދީ ވަކި ކުޑައީކީ ނޫނެވެ. ރަށްރަށް މަދީކީ ވެސް ނޫނެވެ. އަތޮޅު ވަކި ހުލީކީ ވެސް ނޫނެވެ. ކޮށްފައި އޮތް ބޮޑު ތަފާތުކުރުމަކީއެވެ. ދައްކަން ނުކެރި ވިސްނަން ބޭނުން ނުވެ އޮތް ކަމަކީއެވެ.

އިގުތިސޯދީ ފުދުންތެރިކަމާއި، ވިޔަފާރީގެ ކެރިފޯރުންތެރިކަމާއި، އުމުރާނީ ގާބިލުކަމާއި، މަސައްކަތްތެރިކަމުގެ ފަންވަރާއި، އިޖުތިމާއީ ބުންވަރުފަދަ ދިމާތަކުން މީޒާންކޮށްފީވިއްޔާ، ފެންނާނެ ހަގީގަތަކީ، އެހެން ކިތަންމެ ބޮޑެތި އަތޮޅަކާ ވެސް އެއްހަމައިގައި ގުދުރަތީ އިހަވަންދިއްޕޮޅުން ފައިހަމަކުރަމުންދާކަމެވެ.

އިދާރީ އަތޮޅުތައް އަދު ދެކޭން މި އޮތް ގޮތާ ވެސް ކުޅުމަކީ ނުކުރެވޭނެ ކަމެއް ނޫނެވެ. އެހެންޏާ ވެސް ކުޅެމުން ދިޔަ ފަދައިންނެވެ. ދުނިޔެ ނުހުއްޓި ހިނގަމުން ދާތީއެވެ. ތާނަ އަކުރު ވެސް ހުހެއް ނުވޭ ނޫންތޯއެވެ؟

ގުދުރަތީ އިހަވަންދިއްޕޮޅުގެ ރައްޔިތުންގެ ހުރިހާ ވެސް އާއްޖަކީ ތިލަދުންމަތީ އިރުއުތުރު ބިތަށް އަރިވެގެން ތިބޭތިބުން މާޒީކުރުމެވެ. އެ ގޮތުގައި ހުރި ހެވާއި މޮޅު ގިނަގުނަކަމުންނެވެ. މިހާރު އޮތް ގޮތުގައި ހުރި ބޭއިންސާފުގެ ބޮޑުކަމުންނެވެ.

ޝައްކެއްވެސް ނެތެވެ. އައު އިދާރީ އަތޮޅަކަށް ވުމަށް ހުރިހާ ގޮތަކުންމެ އިހަވަންދިއްޕޮޅު އޮތީ ފައްކާވެފައެވެ. އަންޒަމާންވީ އެ އިންތިޒާރަށް، އެ އުދާހަށް މަދުވަނީ ސިޔާސީ އިޒުނައެވެ.