ރިޕޯޓް: ރޭގަނޑު އަލިކަމެއްނެތި ކަނޑުމަތީގައި، ކިރިޔަކިރިޔާ ސަލާމަތްވިއެތައް ހާދިސާތަކަކަށްފަހު މަރެއް!

މުޙައްމަދު އަކުރަމް

މިރަށު ސަމީނާމަންޒިލް އަބުދުﷲ ނަވާޒް، އާއިލާގެ މެމްބަރުންތަކެއްގެ އިތުރުން ރަށްޓެހިންތަކަކާއިއެކު ދޯންޏެއްގައި ފަރުމަހަށް ނުކުތީ، ހިންހަމަޖައްސާލައި މަޖާކޮށް އެކުވެރިކަން ބަދަހިކުރުމަށެވެ. އެދަތުރަކީ ގާތްއެކުވެރިންނާއި އާއިލާގެ މެމްބަރުންގެ ފުރާނަޔަށް ނުރައްކާވެދާނެ ފަދަ ހާދިސާއެއް ހިނގާފާނެ ދަތުރެއްކަމަކަށް ކުޑަކޮށްވެސް ވިސްނާލެވިފައެއްނެތެވެ. ހާއްސައެހީއަށް ބޭނުންވާ 3 މީހުންގެ އިތުރުން ކުޑަކުއްޖަކާއިއެކު 17 މީހަކު ބައިވެރިވި އެދަތުރުގައި، ފޯރީގައި މަސްބާނަން ފެށިތަނާ ފެނުނީ ބާރު ސްޕީޑްގައި ލޯންޗެއް ދޯންޏާ ދިމާލަށް އަންނަތަނެވެ. ލޯންޗް ދޯނީގައި ޖެހެން އައި ފަރާތުގައިތިބި އެންމެން ދުއްވައިގަތީ ދޯނީގެ އަނެއްފަރާތަށް ދިއުމަށެވެ.

ލޯންޗް ދޯނީގައި ޖެހުނުކަން އެނގުނެވެ. ހޭވެރިކަންވީއިރު ނަވާޒް އޮތީ މޫދުގައެވެ. ހުދު ފުނޮގަނޑެއް މީހާ ވަށައިގެންއޮތްއިރު ތަންދޮރުފިލީ ދޯނީގެ ފަށަން ފެނުމުންނެވެ. އެހާދިސާގައި އެދޯނީގައި މަސްބާނަންތިބި 5 މީހަކު މޫދަށް ވެއްޓުނެވެ. ނަސީބަކަށްވީ، ލޯންޗް ދޯނީގައި ޖެހެންއާވަގުތު، ލޯންޗް ދުއްވަންއިން މީހާއަށް ކޮންމެވެސް ގޮތަކުން ދޯނިފެނި، ލޯންޗްގެ މިސްރާބް ކޮންމެވެސްވަރަކަށް ބަދަލުކޮށްލެވުމެވެ. އެހެންނޫންނަމަ ދޯނީގައިތިބި އެކަކުވެސް ސަލާމާތްވެދާނެކަމަކަށް، ނަވާޒަށް ގަބޫލެއް ނުކުރެވެއެވެ. ލޯންޗްގެ މިސްރާބު ކޮންމެވެސްވަރަކަށް ބަދަލުކޮށްލެވުމުން ދޯނީގައި ޖެހުނީ ލޯންޗްގެ އަރިމައްޗެވެ.

އެހާދިސާ ހިނގަން ދިމާވި މައިގަނޑު ސަބަބަކީ ދޯނީގައި އެއްވެސް އަލިކަމެއް ނެތުމެވެ. އެއްވެސް ނެވިގޭޝަން ލައިޓެއް ދިއްލާފައިނެތުމެވެ. މިފަދަ ހާދިސާތަކަކީ މަދުން ދިމާވާ ކަމެއްނޫންކަމަށް ނަވާޒްބުންޏެވެ. އޭނާއަށްވެސް މިފަދަ ދެ ހާދިސާއެއް ދިމާވެއްޖެއެވެ. “އެހާދިސާގެ ފަހުން ރޭގަނޑު ކަނޑުމަށްޗަށް އަރަން ހުންނަނީ ނަފްސާނީގޮތޮން ބިރުގެންފައި، ރޭގަނޑު ކަނޑުމަށްޗައަރަން އުޅޭނަމަ ފުރަތަމަވެސްބަލަނީ ދޯނީގެ ނެވިގޭޝަނާއެއްޗެހި ރަނގަޅުތޯ” ނަވާޒް ބުންޏެވެ. ނަވާޒްބުނިގޮތުގައި ބައެއްމީހުންގެ ވިސްނުން ހުންނަނީ ރޭގަނޑު ކަނޑުމަތީގައި އުޅޭއިރު އެހެން އުޅަނދެއްގެ ހިލަމެއްވާނަމަ، ލާޓަރު އަޅައިގެން ނުވަތަ މޯބައިލް ފޯނުގެ ބައްތިން ހަނާއަޅައިގެން ފަރުޖައްސާލެވޭނެކަމުގައެވެ. “އަދިވެސް ސަމާލުކަމެއްނުދޭ ނެވިގޭޝަން ލައިޓާއެއްޗެހި ރަނގަޅުކުރާކަށް، ކުރީޒަމާނުގަހެން ބަރަވެލި ސްޕީޑްގައިދުވާ އުޅަނދުފަހަރެއްނޫން މިހާރު ހުންނަނީ، ލައިޓްނެތި ރޭގަނޑު ކަނޑުމަތީގައި އުޅުމުގެ ނުރައްކާތެރިކަމެއް އަދިވެސް މީހުންނަކަށް ނުވިސްނޭ” ނަވާޒް ތަފްސީލް ކޮށްދިނެވެ.

މިދިޔަ ހޮނިހިރު ދުވަހުގެރޭ އިރާކޮޅު، ޑިންގީއަކާ ދޯންޏެއްޖެހި ހިނގި ކަނޑުމަތީގެ ހިތާމަވެރި ހާދިސާއެއްގައި މިރަށު ނަޔާޑޭޒީ އަބްދުއްރަޝީދު މުހައްމަދު (68އ) ވަނީ ނިޔާވެފައެވެ. އިހަވަންދޫގެ ރައްޔިތުން އަދިވެސްތިބީ، އެންމެނާއި އެކުވެރި ސަކަމިޒާޖެއްގެ މަސައްކަތްތެރި އަބްދުއްރަޝީދު (ކުޅޭބޭ)، އެފަދަ ހާދިސާއެއްގައި ނިޔާވުމުން އެކަމުގެ ހިތާމާގައެވެ. އެކްސިޑެންޓްވި ޑިންގީގައި ހުރި މީހަކު ބުނިގޮތުގައި، އެކްސިޑެންޓްވި ދޯނީގައި އެއްވެސް އަލިކަމެއްނެތެވެ. ދޯނީގައި ނެވިގޭޝަން ލައިޓް ހަރުކޮށްފައި ހުއްޓެވެ. ނަމަވެސް އެތަކެތި މަސައްކަތެއް ނުކުރެއެވެ.

އިހަވަންދިއްޕޮޅުގައި އެންމެ ފުޅާދާއިރާއެއްގައި ސްޕީޑް ލޯންޗްގެ ހިދުމަތްދޭ ސީކިންގްގެ އެއް ކެޕްޓަން އަލީ ރަޝީދުބުނީ،މިސަރަހައްދުގައި އެއްވެސް އަލިކަމެއްނެތި ރޭގަނޑު އުޅަދުތައް ހަރަކާތެރިވުމަކީ ވަރަށް އާންމުކަމެއްކަމުގައެވެ. “ބައެއް ރޭރޭ އެބަ ދިމާވޭ، އެއްވެސް އަލިކަމެއްނެތް ދެތިން އުޅަނދާވެސް” އަލީ ތަފްސީލްކޮށްދިނެވެ. އަލީ ފާހަގަކުރި ގޮތުގައި ނެވިގޭޝަން ލައިޓް ހަރުކޮށްފަހުންނަ ބައެއް އުޅަނދުތައްވެސް ބައެއްފަހަރު ނެވިގޭޝަން ލައިޓް ނުދިއްލާ ހުންނަކަމުގައެވެ. “ހަނދުވަރުދޭއިރު ފެންނާނެކަމަށް ބަލާފަ ބައެއްފަހަރު ނެވިގޭޝަންލައިޓް ނުދިއްލާހުރޭ، އަދި ބައެއް މީހުން ލައިޓުން އަލިކޮށްލަނީ ލޯންޗްގެ އަލި އެޅުމުން، އެއީ އެއްވެސްގޮތަކަށް ރައްކާތެރިގޮތެއްނޫން” އަލީ ބުންޏެވެ. އަލީ ބުނިގޮތުގައި ބައެއް މީހުން އަލިކުރަން ބޭނުންކުރަނީވެސް ފޯނުގެ ލައިޓެވެ. “ކިހިނެއް މިހެން ދަތުރުކުރާއިރު އެއަލި ފެންނާނީ؟” އަލީ ސުވާލު އުފެއްދިއެވެ.

މިސަރަހައްދުގައި ލޯންޗް ދަތުރުތައް އެންމެގިނައިންކުރާ އެކަކުކަމަށްވާ، އަބުދުﷲ އިރުޝާން ވެސް އަލީގެ ވާހަކައަށް ތާއިދުކޮށް ބުނީ ރޭގަނޑު އަލިކަމެއްނެތި އުޅަނދުތައް ކަނޑުމަތީގައި ހަރަކާތެރިވުމަކީ މިސަރަހައްދުގައި ވަރަށް އާންމުކަމެއްކަމަށެވެ. މަސްވެރި އިހަވަންދޫ ޕޭޖްވެސް ހިންގާ އިރުޝާން، އޭނާއަށް ދިމާވެފައިވާ ބައެއް ހާދިސާތައް ހިއްސާވެސް ކުރިއެވެ. “ބާރަކަށްނޫން އެރޭ ދުއްވާފައި ދިޔައީވެސް، ވަރަށް ތިރިކޮށް އޮތް ބޮއްކުރައެއް ކުއްލިއަކަށްފެނުނީ، ކުއްލިއަކަށް އަނބުރާލެވުނުކަމުން ސަލާމަތްވީ، ކިރިޔަކިރިޔާ ސަލާމަތްވީ” އިރުޝަން ކިޔައިދިނެވެ. އިރުޝާން ފާހަގަކުރެއްވި ގޮތުގައި މިފަދަ ހާދިސާއެއް ހިނގުމުގެ ބިރުއޮތީ ހަމައެކަނި ޤަވާއިދާ ހިލާފަށް އުޅޭ ފަރާތްތަކަށް އެކަންޏެއްނޫނެވެ. “އަޅުގަނޑުމެން ދުއްވާ މީހުންނަށްވެސްއޮތް ވަރަށްބޮޑު ބިރުވެރިކަމެއް މިއީ، ދުއްވާމީހުން ވަރަށް ބަލައިގެން ދުއްވާތީ އެފަދަ ހާދިސާތައް ނުހިނގަނީ” އިރުޝާން ތަފްސީލްކޮށްދިނެވެ. އިރުޝާނު ބުނިގޮތުގައި ބައެއްފަހަރު އަލިކަމެއްނެތި އޮންނަ އުޅަނދު ފެނިގެން އެއުޅަނދުން ނައްޓާފައި ދާފަހުންވެސް އެއުޅަނދުން ބައްތި ދިއްލައި އެއްޗެއް އޮތްކަން އަންގައިދޭން މަސައްކަތްކުރާ ކަމުގައެވެ.

ކަނޑުމަތީގެ ރައްކާތެރިކަމަށް އާންމުން ހޭލުންތެރިކަން އިތުރުކުރުމަށް ކުރެވިދާނެ ކަންކަންވެސް އިރުޝާން ފާހަގަކުރިއެވެ. އެގޮތުން މަސްރޭފަދަ ކުޅިވަތުތައް ކުރިޔަށް ގެންދާއިރު، އެކަމަށް އާންމުން ހޭލުންތެރި ކުރެވިދާނެކަން ފާހަގަކޮށް، އިރުޝާން ބުނީ ކުޑަމިނުން އަލި އުކާ ކަހަލަ ލައިޓެއްނަމަވެސް ބޭނުންކުރާނަމަ ރައްކާތެރިކަން އިތުރުވާނެކަމުގައެވެ.

މިކަމާގުޅިގެން މިނޫހާ ވާހަކަދެއްކި ކައުންސިލަރަކު މުލޫމާތު ދިންގޮތުގައި، މިރަށުގައި ދުއްވާ ކުދިއުޅަނދު ތަކުގެ ތެރެއިން ކަނޑުމަތީގެ ސަލާމަތީ ހައްދާފައޮންނަނީ އެންމެ އުޅަނދެކެވެ. ކަނޑުއުޅަނދު ފަހަރުގެ ސަލާމަތްތެރިކަން ކަށަވަރުކުރަން ކައުންސިލްކުރާ އަދި ކުރަމުން އަންނަ ކަންކަމާއިގުޅޭގޮތުން ކައުންސިލްގެ ރައީސް އަހްމަދު ސޮބާހް އާއި ސުވާލުކުރުމުން ވިދާޅުވީ، އަހަރު ތެރޭވާނީ ފުލުހުން އަދި ކައުންސިލު ގުޅިގެން އެފަދަ އުޅަނދުތައްބަލާ އެފަރާތަކާއި ރަނގަޅު ކުރުމަށް ވާހަކަދައްކާފައެވެ. ” ކައުންސިލް އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ފުލުހުންނާއި ގުޅިގެން ހުރިހާ އުޅަނދުތައް ބަލާ ގަވައިދު ތެރެއަށް ވެއްދުން” ސޮބާޙް ވިދާޅުވިއެވެ. ސޮބާޙް އިތުރަށް ފާހަގަކުރެއްވި ގޮތުގައި ކައުންސިލް އަލަށް ހެދި ބަނދަރު ޤަވާއިދު އަމަލުކުރަންފެށުމުން ކައުންސިލްދޭ ހިދުމަތްތައް ޤަވާއިދާއި ހިލާފަށްހުންނަ އުޅަނދުތަކަށް ލިބިގެން ނުދާނެއެވެ.

އަލީ އަދި އިރުޝަނުވެސް ފާހަގަކުރި ގޮތުގައި  އެތައް ފަހަރަކު ކިރިޔަކިރިޔާ، ހިތާމަވެރި ހާދިސާއެއް ނުހިނގާ ނަސީބު ރަނގަޅުކަމުން ސަލާމަތްވެއްޖެއެވެ. އެހެންކަމުން އެއީ ރައްކާތެރިކަން އިތުރުކުރުމަށް ލިބުނު ފިލާވަޅުތަކެއްކަމަށްބަލައި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅާފައިވާކަން ޔަޤީންކުރުން މުހިއްމެވެ. އެހެންނޫނީ އެފަދަ ނުރައްކާތެރި ކަމަކާ ކުރިމަތިލާން ހަމަ ކޮންމެ މީހަކަށް ވެސް ޖެހިދާނެ އެވެ. ދަތުރަށް ފެށުމުގެ ކުރިން ރައްކާތެރި ވުމަށްޓަކައި އަޅާންޖެހޭ ފިޔަވަޅުތައް އަޅައިގެން ދަތުރަށް ފެށުމަކީ، ރައްކާތެރި ދަތުރަކަށްޓަކައި ވަރަށް މުހިންމު ކަމެއްކަން، އަބަދުވެސް ހަނދާން ބަހައްޓަންޖެހެއެވެ. ރައްކާވެތިބިއްޔާ ދަތުރެވެ.

ނޯޓް: މިރިޕޯޓްގެ ބޭނުމަކީ އެއްވެސް ބަޔަކު ކުށްވެރިކުރުމެއްނޫނެވެ. ކަނޑުމަތީގައި ހިނގަމުންދާ އަދި ހިނގައިފާނެ ހާދިސާތަކަށް އާމުން ހޭލުންތެރިކުރުވުމެވެ. މިދިޔަ ހޮނިހިރު ދުވަހުގެރޭ ހިނގި ހިތާމަވެރި ހާދިސާގެވާހަކަ މިރިޕޯޓްގައި ހިމަނާފައިއެވަނީ އެހާދިސާހިނގީ ވަކިކަމެއްވެގެންކަމަށް ދޭހަކުރުމުގެ ނިޔަތަކު ނޫނެވެ.