އިހވަންދޫގެ ތާރީޚުން (ތިންވަނަ ބައި) - މަސައްކަތްތެރިކަމާއި ވިޔަފާރި

ޢަބުދުﷲ ޙަމީދު
ނޯޓް: މިއީ އެމް. އެން. ޑީ. އެފް އިން އިހަވަންދޫގައި ހިންގި ސަރޓިފިކެޓް 3 އިން މަލްޓިމީޑިއާ އެންޑް ވެބްޑިޒައިން ކޯހުގައި ކިޔެވި ސްޓާފް ބެޗުގެ ދަރިވަރުންގެ ފައިނަލް ޕްރޮޖެކްޓުގެ ގޮތުގައި ތައްޔާރުކޮށްފައިވާ މަސައްކަތެކެވެ. މި ރިޕޯޓު އެކުލައިވާލާފައިވަނީ އިހަވަންދޫގެ އިސްރަށްވެހިންނާއި، ތާރީޚީ ގޮތުން އިހަވަންދޫއާ ބެހޭގޮތުން ލިޔެވިފައިވާ ގިނަ ފޮތްފޮތާއި، އިހަވަންދޫގެ މުއައްސަސާތަކުން ހޯދުނުގެ މައުލޫމާތުތަކުގެ އަލީގައެވެ. ރި÷ޕޯޓް އެކުލަވައިލާފައިވަނީ އެކޯހުގެ ދަރިވަރުން އެއްކުރި މައުލޫމާތުތަކުގެ އަލީގައި، އެ ކޯހުގެ ދަރިވަރުން ކަމަށްވާ، ފަތުޙުﷲ އަޙްމަދު، މުޙައްމަދު އަބުދުއްޞަމަދު، މަރިޔަމް އަހްލާމް، މަރިޔަމް ހުމޭސާ، ހައްވާ މާޖިދާ އެވެ. ________________________

މި އިހަވަންދޫ އަކީ ޒަމާނުއްސުރެ މަސައްކަތްތެރި ރައްޔިތުންތަކެއް ދިރިއުޅެމުން އައި ރަށެކެވެ. މިއަދު އިހަވަންދޫ މި ދެކޭ  ތަރައްޤީ އާއި ތަމަދުންގެ އަސްލަކީ އިހަވަންދޫ ރައްޔިތުންގެ މަސައްކަތްތެރިކަމެވެ. ޒަމާނާއި ހާލަތަށް އައި ބަދަލާއެކު އަދާހަމަޔަށް އާއިރު ބައެއް މަސައްކަތްތައް ނެތިގެން ގޮސްފައިވީނަމަވެސް ޖުމްލަ ގޮތެއްގައި އިހަވަންދޫގައި މަސައްކަތެރިކަން ދެމެހިއްޓިފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.

އެންމެ އިހުން ފެށިގެން މިއަދާ ހަމަޔަށް ވެސް އިހަވަންދޫ ފާހަގަކޮށްލެވެނީ މަސްވެރިކަމަށް ޚާއްޞަ ރަށެއްގެ ގޮތުގައެވެ. މާޒީގެ ސަފްހާތަކަށް ނަޒަރު ހިންގާލާއިރު އެންމެ އިހުގައިވެސް މުޅި އިހަވަންދިއްޕުޅުގައިވެސް މަސްވެރިކަމުގައި ނަގާ ކިޔާ އެއް ރަށަކީ އިހަވަންދޫއެވެ. ވަސީލަތްތައް މަދު އެޒަމާނުގައި މަސްވެރިން މަހަށްގޮސް އުޅުނީ އިރުވައި މޫސުމުގައި އެކަންޏެވެ. ހުޅަނގު މޫސުމުގައި “ފުށަހިޔާ” ކޮށްފައި ދޯނިތައް ބަހައްޓައެވެ. ފަތިހުގެ މުނާޖާ ކޮނޑުއަޅައިގެން މަސްވެރިން މަހަށް ނުކުމެ އިރުއަލިކަމާއެކު ރަށް އަތުވޭތޯބަލައެވެ. އޭރު މަސްވެރިކަމުގެ ވައްޓަފާޅި ހަމަ ޖެހިފައިވާ ގޮތުން، ތަފާތު ކަމަކަށް ފާހަގަވާ ކަމަކީ މަސްވެރިންނަށް މަސްބައި އަޅައި އުޅުނު ގޮތެވެ. މިގޮތުން ރަށުގެ ވެރިން ކަމަށްވާ ކަތީބާއި ކުޑަ ކަތީބާއި މުދިމް މީހާއަށް ކޮންމެ ދޯންޏަކުން މަސް ބަޔެއް، އަދި މަޤާމްފުޅު ބަލަހައްޓާ މީހާއަށް 2 މަސް ދީ އުޅުނެވެ. ދޯނިން މަހަށްދާ ކޮންމެ ކުޑަކުއްޖަކަށް މަސްބަޔެއް އަދި ބޮޑު މީހަކަށް ދެ ބައި ދީ އުޅުނެވެ.

މަސްވެރިކަމުގައި ވެސް ދިޔައީ ތަރައްޤީގެ ކުލަތައް ޖެހެމުންނެވެ. މިގޮތުން، ފަންރިޔަލުން ކަތިރިޔަލުން ބަދަލުވެ، 1970ގެ އަހަރުތަކުގެ ތެރޭގައި އިހަވަންދޫގައި އިންޖީނުލީ އޮޑިފަހަރުގައި މަސްވެރިކަން ކުރަން ފެށުނެވެ. އިހަވަންދޫގެ ލޭނާރުކަމުގައިވާ މަސްވެރިކަން ހަލުއިކަމާއެކު ކުރިއަރަމުން އައިސް މިއަދު މިފަސްގަނޑުގައި މި މަސައްކަތް ކުރެވުމުން އެދަނީ އެންމެޒަމާނީ ވަސީލަތްތަކާއެކު ފައިބަރު ގްލާސް މަސްދޯނިފަހަރުގައި ދިގުރާސްތާ އޮޑިދޯނި ފަހަރުގައެވެ. މި ރަށަކީ މަސްވެރި ރަށަކަށްވުމުން މަސްކައްކާ ހިއްކުމާއި، ލޮނުމަސް އެޅުން ފަދަ ތަފާތު މަސައްކަތް ވެސް ވަރަށް ފުޅާދާއިރާއެއްގައި ދަނީ ކުރެވެމުންނެވެ.

މަސްވެރިކަން ކުރުމަށް ފިރިހެނުން ޚާއްޞަވެފައިވީ ޒަމާނުގައި ރޯނުވެށުމާއި ފަންގިވުނުމަކީ އިހަވަންދޫގައި އިހުތިބި އަންހެނުން ވަރަށް ފޯރިއާއެކު ކުރަމުން އައި މަސައްކަތެކެވެ. ޒަމާނާއެކު މަސައްކަތްކުރާނެ މީހުން މަދުވެ މަސައްކަތް އުވެމުން ދަނިކޮށް، ކައިރި ރަށްރަށުގައި ފަތުރުވެރިކަން ފުޅާވަމުން ދިއުމުން އަނެއްކާ ވެސް މި މަސައްކަތުން ރަނގަޅު އާމްދަނީއެއް ހޯދޭނެ މަގެއް އިހަވަންދޫގެ ރައްޔިތުންނަށް ފަހިވެގެންދިޔައެވެ. މިއަދު ރޯނާއި ފަންގި ވިއްކައިގެން އިހަވަންދޫގެ ރައްޔިތުން ދަނީ ރަނގަޅު އާމްދަނީއެއް ހޯދަމުންނެވެ.

އިހަވަންދޫގެ އިހުތިބީން ކޮށްއުޅުނު މަސައްކަތްތަކުން މިއަދު އުވިނެތި ގޮސްފައިވާ މަސައްކަތް ތަކަކީ ދަނޑުވެރިކަމާއި ރައިވެރިކަމާއި ކަނބުރުވެރިކަމެވެ. މިއަދު މި މަސައްކަތްތައް އިހަވަންދޫއިން ގާތްގަނޑަކަށް ނެތި ގޮސްފައިވީ ނަމަވެސް މިއީވެސް އިހުގައި މި ރަށުގައި ވަރަށް ގިނަ ބަޔަކު ޖޯޝާއެކު ކޮށް އުޅުނު މަސައްކަތް ތަކެކެވެ. ދަނޑުވެރިކަމުގެ ގޮތުގައި އެކި ބާވަތްބާވަތުގެ ގޮވާމާއި ފަލަމަޑީގެ ބާވަތްތަކުގެ އިތުރުން މޭވާ ހައްދާ އުޅުނެވެ. 1970 ހިސާބުގައި އިހަވަންދޫގައި 40އަށް ވުރެ ގިނަ މީހުން ރާވެރިކަން ކޮށް އުޅުނުކަމަށްވެއެވެ. އެދުވަސްވަރު ރުކުރަލުން ދިޔާހަކުރާއި ކަރުހަކުރު ހަދައި އެ ވިއްކައިގެން ރަނގަޅު އާމްދަނީއެއް ހޯދިއެވެ. ރާވެރިކަން ކުރުމަށްޓަކައި ބައެއްމީހުން ކައިރި ފަޅުރަށްރަށަށް ދިގުމުއްދަތަށް ގޮސް އުޅުނެވެ.

ހަމަ މިގޮތަށް، ކަނބުރުވެރިކަމުގެ މަސައްކަތް ފުޅާދާއިރާއެއްގައި އިހުތިބީން ކޮށް އުޅުނެވެ. ކަނބުރުވެރިކަމުގެ ދާއިރާއިން ފާހަގަކޮށްލެވޭ އެއް ބޭފުޅަކީ އިހަވަންދޫ ނޫރާނީގެ އަލްމަރުހޫމް އިބުރާހިމް އަލީ، ކުޑަ ތުއްތުބޭއެވެ. މީގެ އިތުރުން އިހަވަންދޫ އެތުމާގޭ އަލްމަރުހޫމް ހަސަންބެ އާއި ޖަނަވަރީގެ އަލްމަރުޙޫމު މުޙައްމަދު އަބުދުﷲ، ކަޅުކޮއްކޮ ކުޑަމަނިކުބޭ ވެސް މި މަސައްކަތް ކޮށްފައިވެއެވެ. ކަނބުރުވެރިން ތަފާތު ބާވަތްބާވަތުގެ އާލާތްތަކާއި އޮޑި ދޯނިފަހަރަށް ކޮންމެހެން ބޭނުންވާ ސާމާނުތައް އުފައްދާފައިވެއެވެ.

އިހަވަންދޫއަކީ މަސްވެރި ރަށެއް ކަމުގައި ވުމުން ކިއްސަރު ވަޑާމުގެ މަސައްކަތް ވެސް ރަނގަޅު ފެންވަރެއްގައި ކުރެވެމުން ދިޔައެވެ. މުޅި އަތޮޅަށްވެސް މަޝްހޫރު ވަޑިން، އިހުގައިވެސް އުޅުނު ރަށަކީ އިހަވަންދޫއެވެ. ވަޑާމުގެ މަސައްކަތަށް އަވައްޓެރި ރަށްރަށަށް އިހަވަންދޫގެ ވަޑިން ގޮސްފައިވެއެވެ. އެޒަމާނުގައިވެސް އިހަވަންދޫގައި ބޭނުންކުރި އޮޑި ދޯނި ފަހަރުތައް ފަރުމާކޮށް ބަނދެފައިވަނީ  އިހަވަންދޫއަށް އުފަން އިހަވަންދޫގެ ފަންނުވެރި ދަރިންނެވެ. އެދުވަސްވަރު މި ސައްކަތްކޮށްފައިވަނީ ރަށުން ލިބޭ ލަކުޑީގައި އަމިއްލަ އުފެއްދުންތައް ބޭނުންކޮށްގެންނެވެ. ޒަމާނީ އުފެއްދުންތައް ލިބެން ނެތް އެޒަމާނުގައި އިހަވަންދޫގެ ދަރިން ވަނީ އޮޑީގައި އުނގުޅާނެ ކަޑި އަމިއްލައަށް ތައްޔާރު ކޮށްފައެވެ. ފަރުން ބިޔަ ހިރިގަލެއް ގެނެސް، އެ ހިރިގަލުގެ މެދު ކޮނެ، އެއަށް ދެއްޔާއި ފިއްލެޔޮއެއްކޮށް ގަށައިގެން، ކަޑި އުފެއްދި އުފެއްދުން ފާހަގަވެގެން ގޮސްފައިވަނީ އުފެއްދުންތެރިކަމުގެ ނަމޫނާއަކަށެވެ.

ޒަމާނުންސުރެ އިހަވަންދޫ އަކީ ތިޔާގި ރަށެކެވެ. އެހެންކަމުން ވިޔަފާރީގެ މުއާމަލާތްތައް އެންމެ ކުރިން ސުރެ ކޮންމެވެސް ސިފައެއްގައި ކޮށްފައިވާނެއެވެ. ތަކެއްޗަށް ތަކެތި ބަދަލު ކުރާ އުޞޫލުން ވިޔަފާރީގެ މުއާމަލާތްތައް ކޮށްއުޅުނު ޒަމާނެއްވެސް އިހަވަންދޫގެ ތާރީޚުން ދެކެފައިވެއެވެ. ވިޔަފާރީގެ މުއާމަލާތްތަކުގައި ދިވެހި ކުދި ބޮލި ބޭނުންކުރި ކަމަށް ވަރަށް ގިނަ ދަލީލުތައް ހާމަވެއެވެ. މިހާރުވެސް އިހަވަންދޫގެ އެކި ސަރަހައްދުތަކުން މި ދެންނެވި ފަދަ ކުދި ބޮލި ވަރަށް ގިނަ އަދަދަކަށް ފެންނަމުންދެއެވެ. ކައިރި އަވަށްޓެރި ރަށްރަށަށާއި އަވަށްޓެރި މަލިކަށް ވެސް އިހަވަންދޫގެ ވިޔަފާރި ވެރިން ދަތުރުކޮށް ވިޔަފާރި ކުރިކަމަށްވެއެވެ. މުޙައްމަދު ތަކުރުފާނުގެ ބައްޕާފުޅު ހުސައިން ޚަތީބު ތަކުރުފާނާއި އިހަވަންދޫ އާމިނާދިޔޯ ބައްދަލުވެ އެ ގުޅުން ބަދަހި ވެގެން ދިޔައީ ވެސް މި ފަދަ ވިޔަފާރި ދަތުރަކުން ކަމަށް ދެކެވޭ ފޯކްލޯއެއް އޮވެއެވެ.

އިހަވަންދޫގައި އެންމެ ފުރަތަމަ ވިޔަފާރީގެ މުއާމަލާތްތައް ކުރަންފެށީ މަތިވައްގޭ، އަލްމަރުހޫމް މޫސާ އިބުރާހިމެވެ. ލައިނޫފަރުގެ، ބޮޑުމުޙައްމަދު ދޮންކޮއްކޮ، ދޮންކޮއްކޮ ހާޖީއެވެ. މިގޮތަށް ވިޔަފާރި ކޮށްއުޅުނު ދުވަސްތައް މާޒީއާއެކުވެ މަޑުމަޑުން ވިޔަފާރި ފުޅާވެ ތަރައްގީވެ ފިހާރަތަކުގެ އަދަދު އިތުރުވަމުން ދިޔައެވެ. އިހަވަންދޫގައި އެންމެ ފުރަތަމަ ފިހާރައެއް ރަޖިސްޓްރީ ކޮށްފައިވަނީ ހާޝިމީ ސްޓޯރގެ ނަމުގައި 1986  ވަނަ އަހަރުއެވެ. އެންމެ ފަހުގެ މައުލޫމާތުން ހާމަވާ ގޮތުގައި އިހަވަންދޫގައި ވިޔަފާރީގެ މުއާމަލާތްތައް ކުރުމަށް 40 އަށްވުރެ ގިނަ ތަން ރަޖިސްޓްރީކޮށްފައިވެއެވެ.  އިހަވަންދޫގައި އެންމެ ފުރަތަމަ ހޮޓަލެއް ހުޅުވިފައިވަނީ ޅޮސްމާގެ އަޙްމަދު މޫސާގެ މޭސްތިރިކަމުގެ ދަށުން، 2003 ވަނަ އަހަރު އެއީ އިޖާބަ ހޮޓަލެވެ.

އިހަވަންދޫގެ ތަފާތު ވިޔަފާރިތަކުން، ފާހަގަކޮށްލެވޭ އަނެއް ވިޔަފާރިއަކީ ދަތުރުފަތުރުކުރުމުގެ ވިޔަފާރިއެވެ. ފަންރިޔަލު ޒަމާނުން ސުރެ އިހަވަންދޫގައި މާލެ ދަތުރުކުރާނެ ބައްތެލި ފަހަރު ގެންގުޅުނުކަމަށްވެއެވެ.  މާލެ ދިއުމަށްޓަކައި ދެ މަސް ކަނޑުމަތީ ހޭދަކުރި ޒަމާންތައް ފަހަނައަޅައި ގޮސް މިއަދު މިވަނީ އެންމެ 18 ގަޑިއިރުން ކަނޑު މަގުގައި ދަތުރު ކުރެވޭނެ ޒަމާނީ ފެންވަރުގެ ބޯޓު ފަހަރު ބޭނުންކުރަން ފަށައިފައެވެ.   އިހަވަންދޫގައި ފުޅާދާއިރާއެއްގައި އެންމެ އަގުބޮޑު މަސައްކަތަކަށް ކުރާ މަސައްކަތަކީ ފައިބަރުން އޮޑިދޯނި ފަހަރު ބަނުމުގެ ވިޔަފާރިއެވެ. ބޮޑެތި އިންވެސްޓްމަންޓް ތަކާއެކު ކުރެވޭ މި މަސައްކަތުން ވެސް ނަފާވަނިވި މަންފާތަކެއް ރައްޔިތުން ހޯދަމުންދެއެވެ.

އިހަވަންދޫގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ދަނީ އެއްދުވަހުން އަނެއް ދުވަހަށް އިތުރުވެ އާލާވެ ހެދި ބޮޑުވަމުންނެވެ.  މިކަމުގެ ނަތީޖާއެއްގެ ގޮތުން މިއަދު އިހަވަންދޫ ވެފައިވަނީ އިހަވަންދިއްޕޮޅުގެ ވިޔަފާރީގެ މައި މަރުކަޒީ ރަށަށެވެ. (ނުނިމޭ)