14 އަހަރު ތެރޭގައި އިހަވަންދޫގައި ރަހުމު ކުޑަ 2 މަރު

ޢަބުދުﷲ ޙަމީދު

މާޒީއަށް ބަލައިލުމެއް

2002 ވަނަ އަހަރުގެ އޯގަސްޓު މަހު 2 ވީ ހުކުރު ދުވަހުގެ އިރު އޮއްސުނީ އިހަވަންދޫގެ ރައްޔިތުން ބިރިވެރިކަމާއި ހާސްކަމުގައި ތިއްބައެވެ. އިހަވަންދޫގެ ގިނަ ބަޔަކު އަދިވެސް އިއްޔެ ވީ ކަމެއްހެން ހަނދާން ހުރި އެ ދުވަސް ނިމުމަކަށް އައީ އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު އިހަވަންދޫގެ 16 އަހަރުގެ ފާތުމަތު ހަސަންގެ ހަށިގަނޑު ފެނުމާއި ހަމައިންނެވެ. ފާތުމަގެ ހަށިގަނޑު ފެނުނީ އޭނާ ގެއްލިގެން ހޯދަމުން ދަނިކޮށް ހުކުރުދުވަހުގެރޭ 11:50 ހާއިރު އެވެ. ހަށިގަނޑު ފެނުނުއިރު،  ތޫނުއެއްޗަކުން ވެފައިވާޒަޙަމެއް ހަށިގަނޑުން ފެންނަން ނެތްނަމަވެސް، މޫނާއި މެޔާއި ބަނޑުގެ އެކިހިސާބުގައި ގިނައަދަދަކަށް ވަކިއަޅާ ފައިވެއެވެ. އަދިފައިގެ އިނގިލިތަކުގައިވެސް ޒަޙަމްތަކެއް ހުރިކަމަށްވެއެވެ. އެދުވަސްވަރު އިހަވަންދޫ މަދަރުސާގައި އިމާރަތްކުރަމުންދިޔަ ކުލާސްރޫމުތަކުގެ މަސައްކަތައް އިހަވަންދޫއަށް އައިސް ތިބި 12 ބިދޭސީންގެ ތެރެއިން 3 މީހުން ކަމަށްވާ، ކަންނަޔަންސަރަވަނަން (25 އ)،ރާޖަންސުންދުރަމް (26 އ) އަދިގޯވިންދަރާޖާކަމަލަގާސަން، ވަނީ ތަހުގީގުގައި ފާތުމަތު ހަސަން މަރާލި ކަމަށް އެއްބަސްވެފައެވެ. ފާތުމަތުގެ ހަށިގަނޑު ވަޅުލީ ޖެހިގެން އައި ހޮނިހިރު ދުވަހުގެ ހެނދުނު 9:00 ގެ ފަހުންނެވެ.

ދެވަނަ މަރު

އެހާދިސާއަށްފަހު  14 އަހަރާއި 10 މަސްފަހުން އައި ދެވަނަ ހުކުރުދުވަހުގެ (16 ޖޫން 2017) އިރުއޮއްސިގެން ދިޔައީ އިހަވަންދޫގެ ރައްޔިތުންނަށް ކުއްލި ސިހުމަކާއި ބިރިވެރިކަމެއް ގެނެސްދެމުންނެވެ. އިހަވަންދޫ އައިސްޕްލާންޓް ބެލެހެއްޓުމާއިހަވާލުވެ ހުންނަ އެތަނުގެ މެކޭނިކެއްގެ ވަޒީފާއަދާކުރާ، ޅ. ހިންނަވަރު،އަތިރީއާގެ އުމުރުން 54 އަހަރުގެ އިސްމާއިލް އުމަރު މަރާލާފައި އޮއްވާ ފެނުނު ހަބަރާއެކު އެވެ.

ބިދޭސީ މުވައްޒަފު ގެއްލުން

އިސްމާއިލް މަރާލާފައިއޮއްވައި ފެނުމުގެ ކުރީއްސުރެވެސް ފުލުހުން ދިޔައީ އައިސްޕުލާންޓުގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފު (ޝުމޮން މިއާ) ހޯދަމުންނެވެ. ބުދަދުވަހު ޝުމޮން “ގެއްލިގެން” އޭނާ ހޯދަން ކުރިމަސައްކަތް ނާކާމިޔާބުވެ، އިސްމާއިލް އާއި އައިސްޕްލާންޓްގެ މުއައްޒަފުން ވަނީ ޝުމޮން ގެއްލިފައިވާކަން ފުލުހުންނަށް ރިޕޯޓްކޮށްފައެވެ. އެހިސާބުން ފުލުހުން ދިޔައީ އޭނާ ހޯދުމަށް މަސައްކަތް ކުރަމުންނެވެ.

ޝުމޮން ފިލައިގެން އުޅުނީ ކޮންތާކު؟

ބުދަދުވަހުން ފެށިގެން ޝުމޮން ގެއްލިފައި ވާއިރު، އޭނާ ފިލައިގެން އުޅުނު ތަނާއި މެދު ފުރަތަމަ ދެގޮތަކަށް ވާހަކަތައް ދެކެވިގެން ދިޔައެވެ. އެއީ ބުދަ ދަވަހުން ފެށިގެން އޭނާ އެހެން ރަށަކަށް ގޮސް އުޅުމަށްފަހު ހުކުރުވިލޭރޭ ދަންވަރުގެ ވަގުތެއްގައި އިހަވަންދޫއަށް އައުމެވެ. ނަމަވެސް ޝުމޮން ގެއްލުނުކަމަށް ބުނާ ދުވަހުގެ ފަހުންވެސް ބައެއް ރޭރޭ އޭނާ އިހަވަންދޫން ފެނުނު ކަމަށް ބުނާ މީހުން ތިބުމާއި އެކު، އޭނާ ފިލާގެން އުޅުނު ކަމަށް ބޮޑަށް ގަބޫލު ކުރެވެނީ އިހަވަންދޫގައެވެ. ބުދަދުވަހުން ފެށިގެން ހުކުރުވިލޭރޭއާ ހަމައަށް ޝުމޮން ފިލައިގެން އުޅުނު ކަމަށްވަނީ އައިސްޕުލާންޓާއި 70 ވަރަކަށް ފޫޓު ކައިރީގައި ހުރި ތެޔޮ ބަނޑަހައެއްގައި ކަމަށް ބުނެވެއެވެ.

ޝުމޮން ފިލައިގެން އުޅުނު ކަމަށް ބުނާ ތެޔޮ ބަނޑަހަ. މިތަނާ އައިސްޕުލާންޓާ ދެމެދު ހުންނާނީ 70 ވަރަކަށް ފޫޓު

އިސްމާއިލްގެ މަރުގެ ހާދިސާގައި އެންމެ ފުރަތަމަ ހައްޔަރު ކޮށްފައި ވަނީ ޝުމޮން އެވެ. އޭނާ ހައްޔަރު ކުރީ ހދ. ކުޅުދުއްފުށީގައި ހުއްޓައެވެ. އެނގިފައިވާ ގޮތުގައި އޭނާ ކުޅުދުއްފުއްޓަށް ގޮސްފައި ވަނީ ހުކުރުދުވަހުގެ މެންދަމުގެ ވަގުތެއްގައި އިހަވަންދޫން ހއ. ހޯރަފުއްޓަށް ގޮސް، އެރަށުން ލޯންޗެއްގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޝުމޮން އެދުވަހު މަސައްކަތް ކޮށްފައިވަނީ ކުޅުދުއްފުށިން ފުރާ ބޯޓަކުން މާލެ ދިއުމަށެވެ. ނަމަވެސް، އޭނާ ކުޅުދުއްފުއްޓަށް ދިޔައިރު، ބޯޓު ފުރާފައި ވުމުގެ ސަބަބުން އެކަން އޭނާއަށް ކާމިޔާބު ނުވީއެވެ.

 އިސްމާއިލްގެ ހަބަރެއްނުވެގެން ހޯދުން

އައިސް ޕުލާންޓުގައި މަސައްކަތް ކުރަނީ ޖުމުލަ 5 މީހުންނެވެ. އެއީ އިހަވަންދޫގެ 2 މީހުންނާއި ގދ.ފަރެސްމާތޮޑާ މީހެކާއި، ޅ. ހިންނަވަރު،އިސްމާއިލްއުމަރު އަދި ބަނގުލަދޭޝް މީހެއް ކަމަށްވާ ސުމަން އެވެ. މުވައްޒަފުންގެ ތެރެއިން އައިސްޕުލާންޓުގައި ނިދަނީ އިސްލާއިލް އާއި ސުމަން އެވެ.

އައިސްޕްލާންޓްގައި މަސައްކަތްކުރާ ދިވެހި ތިން މުވައްޒަފުން ހުކުރު ދުވަހުގެ ހަވީރު އެތަނަށް ދިޔައީ ދިވެހި ހުރިހާ މުވައްޒަފުން އެއްވެލައި ވާހަކަދައްކާލުމަށް ކަމަށްވެއެވެ. ހަވީރު އެތަނަށް ދިޔަ މުވައްޒަފުންނާ އިސްމާއިލް ދިމަލެއް ނުވެއެވެ. އޭގެތެރެއިން ބައެއް މުވައްޒަފުން ހުކުރުދުވަހުގެ ހެނދުނާއި މެންދުރުގެ ވަގުތުތަކުގައި އެތަނަށް ދިޔައިރުވެސް އިސްމާއިލްގެ ހަބަރެއް ނުވެއެވެ. އައިސްޕުލާންޓުގެ އެކަމަޑޭޝަން ބަޔާއި އޮފީސްބަޔަށް ވަންނަން ހުރި ދޮރުތައް ތަޅުލާފައި ހުރުމުގެ ސަބަބުން  އެމުވައްޒަފުންނަށް އެތަނަށް ވަދެވޭ ގޮތެއް ނުވިއެވެ. އިސްމާއިލް ނިދާ ކަމަށްވަނީ އެތަނުގެ އެކަމަޑޭޝަން ބައިގެ ރެސްޓު ރޫމުގައެވެ. އިސްމާއިލްގެ ހަބަރެއް ނުވުމާއި އެކޮމަޑޭޝަން ބަޔަށް ވަންނަ ދޮރުގެ އޮޅިގަނޑުން ލޭ ތިކިތަކެއް ހުރުމާއި އެކު އެމުވައްޒަފުން، އެކަން އިހަވަންދޫ ޕޮލިސް ސްޓޭޝަނަށް އެންގި އެވެ.

އިސްމާއިލްގެ ހަށިގަނޑު ފެނުން

މިކަންފުލުހުންނަށް އެންގީ ހަވީރު 4:23 ގައެވެ. ރިޕޯރޓު ކުރުމާއެކު ފުލުހުން އައިސް އެކަމަޑޭޝަން ބައިގެ ދޮރު ހަލާކުކޮށްލައިގެން އެތެރެއަށް ވަނެވެ. އެއިރު ރެސްޓުރޫމުގެ ތެރޭގައި ގިނަ އަދަދެއްގެ ލެޔާއިއެކު ފެން ހުރިކަމަށްވެއެވެ. އިތުރަށް ބެލިބެލިމުން އައިސްޕުލާންޓުގެ އައިސްޕުރޮސެސިން ޔުނިޓެއްގެ ތެރެއިން އިސްމާއިލް އުމަރުގެ ހަށިގަނޑު ފެނުނެވެ. މީގެ 3 އަހަރު ކުރިން އިހަވަންދޫ އައިސްޕުލާންޓުގައި ވަޒީފާ އަދާކުރަންފެށި އިސްމާއިލް މަރާލާފައި އޮތީ އިހާނެތި، ރަހުމުކުޑަ އަނިޔާތަކެއްދިނުމަށްފަހުއެވެ. އޭނާގެ ގައިގެ އެކިތަންތާ ފުންޒަޚަމްތައް ހުރިއިރު، ކަރުގައި ނަނުފަށެއް އައްސައި، ކަރަށް ވަނީ ފުން ޒަހަމުތަކެއް ދީފައެވެ. ކަނދުރާއާއި ބޯ ވަކިނުވެ އޮތީ ކަރުގެ ފަހަތުން ހުރި ކުޑަ ތަންކޮޅެކެވެ. އިސްމާއިލްގެ ހަށިގަނޑު ދުއް ފަރާތަކުން ބުނި ގޮތުގައި އޭނާ މަރާލުމަށްފަހުވެސް އަނިޔާކޮށްފައި ވާކަމަށް ބެލެވެއެވެ.

ވާނުވާ ނޭނގި ގިނަބަޔަކު އައިސްޕުލާންޓު ކާރިއަށް

ހުކުރު ދުވަހުގެ ހަވީރު 4:45 ހާއިރުއައިސްޕުލާންޓު ވަށައިގެން ފުލުހުން ކޯޑަންކޮށް، ބަންދުކުރުމާއި އެކު އެސަރަހައްދަށް ގިނަބަޔަކު ޖަމާވާން ފެށިއެވެ. ހަވީރު ފިނިބުރަށް ނުކުމެގެން އުޅުނު ގިނަބަޔަކު އެސަރަހައްދަށް ޖަމާވަމުންދިޔައެވެ. ވެގެން އުޅޭ ގޮތެއް ނޭނގޭ ހާލު އެވެ.

އެއްބަޔަކު ބުމަނުންދަނީ އެތާ އެތެރޭ މާރާމާރީއެއް ހިންގައިގެން އުޅޭވާހަކަ އެވެ. އަނެއް ބަޔަކު ބުނަމުން ދިޔައީ އެތާ ތެރެއަށް މީހަކު ގެއްލިގެން ހޯދަނީ ކަމަށެވެ. ފުލުހުންނާ ހަވާލާދީ، މީޑިއާތަކުން އެކަން ހާމަ ކުރުމުގެ ކުރިން ގިނަބަޔަކަށް، އެތަނުތެރޭގައި މީހަކު މަރުވެފައި އޮތްކަމެއް ނޭނގެއެވެ. އިރުއޮއްސުމުގެ ކުރިން ފުލުހުންގެ ފޮރިންސިކު ޓީމެއް އިހަވަންދޫއަށް އައިސް ހަރަކާތްތެރިވާން ފެށިއެވެ. 6 ޖަހަންވެފައި ހުއްޓާ ފުލުހުން، އައިސްޕުލާންޓު ވަށައިގެން ކޯޑަން ކޮށްފައިވާ ސަރަހައްދު ބޮޑުކޮށް، އައިސްޕުލާންޓު ކައިރީ ތިބި މީހުން ދުރައްޖެއްސި އެވެ.

ޝުމޮން ހައްޔަރުކުރުން

އިސްމާއިލްގެ ހަށިގަނޑު ފެނުނުތާ 3 ގަނޑިއިރުވެސް ނުވަނީސް ފުލުހުން ޝުމޮން ހައްޔަރު ކުރިއެވެ. ޝުމޮން ހައްޔަރުކުރީ ހދ. ކުޅުދުއްފުށިންނެވެ. ހަމަ އެރޭ އިތުރު 2 ބިދޭސީއަކުވެސް ހައްޔަރު ކުރިމަށް ވެއެވެ. ބުނެވޭ ގޮތުގައި އެއީ ޝުމޮން އިހަވަންދޫގައި ފިލުވުމުގައި އެހީތެރިވެދިން ދެ މީހުންނެވެ. ނަމަވެސް މިއިން އެއްވެސް ކަމެއް ފުލުހުން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

އިތުރު ފޮރިންސިކް ޓީމާއި ޑޮކްޓަރެއް އައުން

ހަވީރު 5:20 ގައި އިހަވަންދޫ ސިއްހީމަރުކަޒުން ޑޮކުޓަރަކާއި ނަރުހެއް އައިސްޕުލާންޓަށް އައިސް އިސްމާއިލްގެ ހަށިގަނޑު ބަލައި މަރު ކޮންފާރމު ކުރިއެވެ. އޭގެ ފަހުން އެރޭގެ 8:15 ވަންދެން އިސްމާއިލްގެ ހަށިގަނޑު ބާއްވާފައި އޮތީ އައިސްޕުލާންޓުގަ އެވެ. ފަހުން އޭނާގެ ހަށިގަނޑު އިހަވަންދޫ ސިއްހީމަރުކަޒަށް ގެނެވުނެވެ. އަދި ފުލުހުންގެ އިތުރު ފޮރިންސިކު ޓީމަކާއި ޑޮކްޓަރެއް އަންނަންދެން ސިއްހީމަރުކަޒުގައި ބޭއްވި އެވެ. އޭރުވެސް އިސްމާއިލްގެ ހަށިގަނޑުން ލޭމަނާނުވެއެވެ. އިސްމާއިލްގެ ހަށިގަނޑު ކުނިވިޔަ ނުދިނުމަށްޓަކައި އައިސްޕުލާންޓުން ގަނޑުފެން ގެނެސް ގަނޑުފެން އެޅި ކަމަށްވެއެވެ. އޭރު އިސްމާއިލްގެ އާއިލާގެ ބައެއް މެމްބަރުން، ދިޔައީ އިހަވަންދޫއަށް އައުމަށް ދަތުރުކުރަމުންނެވެ.

އިހަވަންދޫކައުންސިލުން އެއިރު ދިޔައީ އިސްމާއިލް ހިނެވުމުގެ ތައްޔާރީތައް ކުރަމުންނެވެ. އިހަވަންދޫގައި އަޅާފައިވާ ހިނަވާގޭ، ރަސްމީކޮށް ބޭނުންކުރަން ފަށާފައި ނުވި ނަމަވެސް، އެތަން ހުރީ މަސައްކަތް ނިންމައި ކައުންސިލްއިދާރާއާ ހަވާލުކޮށްފައެވެ. އެރޭ އިސްމާއިލް ހިނެވުމުގެ ތައްޔާރީތައް ވިނަމަވެސް، ޑޮކްޓަރާއި އިތުރު ފޮރިންސިކު ޓީމެއް އަންނަންދެން އޭނާގެ ހަށިގަނޑު ބޭއްވީ ސިއްހީމަރުކަޒުގައެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އިހަވަންދޫ ސިއްހީމަރުކަޒުގައި ބާއަވައިގެން އިސްމާއިލްގެ ބައެއް ޒަހަމުތައް ވަނީ ލޭމަނާކުރުމަށްޓަކައި ފަހައިފައެވެ.

އާއިލާއާ ހަށިގަނޑު ހަވާލުކުރުން

އިސްމާއިލްގެ ހަށިގަނޑު އާއިލާއާ ހަވާލު ކުރީ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 ގައެވެ. އެވަގުތުން ފެށިގެން ހިނަވާގެއަށް ގެންގޮސް އިސްމާއިލް ހިނެވުމުގެ މަސައްކަތް ފެށިއެވެ. އިސްމާއިލް ހިނެވުމުގައި އޭނާގެ ހަށިގަނޑުގެ ޒަހަމުތަކުން ލޭ މަނާނުވެގެން ގިނަ އިތުރަކެއްވިއެވެ. އިސްމާއިލް އުމަރުގެ މައްޗަށް ކަށުނަމާދު ކުރީ ހޮނިހިރުދަވަހުގެ މެންދުރު ނަމާދަށްފަހު އިހަވަންދޫ މަސްޖިދުއް ތައުބާގައެވެ.

ޝުމޮން ކުށަށް އިއުތިރާފުވުން

ޝުމޮން މިއާ. މީނާ ވަނީ އިސްމާއިލް މަރާލި ކަމަށް އެއްބަސްވެފައި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ޝުމޮންއާ ތަހުގީގު ޓީމުން ސުވާލުކުރުމުން އޭނާ ވަނީ އިސްމާއިލް މަރާލިކަމަށް އެއްބަސްވެފައެވެ. އަދި އިސްމާއިލް މަރާލި އިރު އޭނާ ލައިގެން ހުރި އަންނައުނާއި އެކަމަށް ބޭނުންކުރި ވަޅިވެސް ފުލުހުން ވަނީ ހޮނިހިރު ދަހުވަހުގެ ވަގުތެއްގައި ހޯދާފައެވެ. ޝުމޮން މިއާ އާއި އެކު ޖުމުލަ 6 ބިދޭސީން މިމައްސަލާގައި ވަނީ ހައްޔަރު ކޮށްފައެވެ.