އިހަވަންދޫގެ ތާރީޚުގެ ތެރެއިން (ދެވަނަ ބައި) – ތައުލީމީ އަދި ސިއްޙީ ހާލަތު

ޢަބުދުﷲ ޙަމީދު
ނޯޓް: މިއީ އެމް. އެން. ޑީ. އެފް އިން އިހަވަންދޫގައި ހިންގި ސަރޓިފިކެޓް 3 އިން މަލްޓިމީޑިއާ އެންޑް ވެބްޑިޒައިން ކޯހުގައި ކިޔެވި ސްޓާފް ބެޗުގެ ދަރިވަރުންގެ ފައިނަލް ޕްރޮޖެކްޓުގެ ގޮތުގައި ތައްޔާރުކޮށްފައިވާ މަސައްކަތެކެވެ. މި ރިޕޯޓު އެކުލައިވާލާފައިވަނީ އިހަވަންދޫގެ އިސްރަށްވެހިންނާއި، ތާރީޚީ ގޮތުން އިހަވަންދޫއާ ބެހޭގޮތުން ލިޔެވިފައިވާ ގިނަ ފޮތްފޮތާއި، އިހަވަންދޫގެ މުއައްސަސާތަކުން ހޯދުނުގެ މައުލޫމާތުތަކުގެ އަލީގައެވެ. ރި÷ޕޯޓް އެކުލަވައިލާފައިވަނީ އެކޯހުގެ ދަރިވަރުން އެއްކުރި މައުލޫމާތުތަކުގެ އަލީގައި، އެ ކޯހުގެ ދަރިވަރުން ކަމަށްވާ، ފަތުޙުﷲ އަޙްމަދު، މުޙައްމަދު އަބުދުއްޞަމަދު، މަރިޔަމް އަހްލާމް، މަރިޔަމް ހުމޭސާ، ހައްވާ މާޖިދާ އެވެ. ________________________

 އިހަވަންދޫގައި ޢިލްމީ މަރުކަޒެއް ޤާއިމު ކުރުމުގެ ކުރީގައި، ޢިލްމު ފެތުރުމުގެ މަސައްކަތް ކޮށްފައިވަނީ ފަރުދީ ލެވެލެއްގައި ވަކިވަކި ފަރުދުންނެވެ. އެންމެ ޤަދީމީ ޒަމާނުގައި ޢިލްމު ހޯދުމުގެ މާގިނަ ފުރުޞަތުތަކެއް ނެތުމާއެކު، ކޮންމެހެން ބޭނުންވާ އަސާސީ މައުލޫމާތުތަކާއި ދުނިޔަވީ ބައެއް ކަންކަން އުނގަނައިދިނުން ބިނާވެފައިވަނީ މައިންގެ ވާޖިބެއްގެ ގޮތުގައެވެ. ޢިލްމު ފެތުރެމުން ދިޔައީ އެކެއްގެ ފުށުން އަނެއްކަކު ދަސްކުރާ އުޞޫލުންނެވެ. އިސްލާމްދީން ފެތުރުމާ ގުޅިގެން ދީނީ ގޮތުން ފިލަން ޖެހޭ މިންވަރަށް އޮޅުން ފިލުވައިދިނުގެ މަސައްކަތް ވެސް ކުރީ މައިންގެ އުނގުތެރެއިންނެވެ. އެޒަމާނުގައި އާންމު ހޭލުންތެރި ކުރުވުމަށާއި ވެރިކަމުގެ ފަރާތުން ކޮންމެހެން އަންގަންޖެހޭ އެންގުންތައް އެންގުމާ ހަވާލުވެ ތިއްބެވީ ރަށްހިނގުމުގެ އިސްވެރިންގެ ގޮތުގައި ބުނެވޭ “ބޮޑުބާރަ” އިންނެވެ. ޒަމާނާއެކު އައި ބަދަލުތަކާ، މީހުންގެ ވިސްނުމާއި ފިކުރަށް އަންނަމުން ދިޔަ ހޭލުންތެރިކަމާ ގުޅިގެން ލިޔަންކިޔަން ދަސްކުރުމުގެ ހަރަކާތްތައް ފެށިފައިވެއެވެ.

އިހަވަންދޫގައި އެންމެ ފުރަތަމަ އާންމު ތަޢުލީމު ދިނުމުގެ ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ މިހާރު ކައުންސިލްގެ އިދާރާ ހުރި ބިމުގައި ކުރިން ހުރި “އަށިގެ” ނަމަކަށް ކިޔާ އިމާރާތުގައެވެ. އެތަނުގައި އާދައިގެ ސިފައެއްގައި ތަޢުލީމު ފެތުރުމަށް މަސައްކަތް ކުރަމުންދިޔައީ ރައްޔިތު ފެންވަރުގައެވެ. ބޮޑުބާރައިންގެ ބެލުމުގެ ދަށުންނެވެ.

ސުމުއްވުލް އަމީރް މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ދައުރުގައި، ރާއްޖޭގެ މީހުންއުޅޭ ކޮންމެ ރަށެއްގައި ފަށައިގަތުމުގެ ފެންވަރުގެ މަދަރުސާއެއް އުފެއްދެވިއެވެ. މިގޮތުން، އިހަވަންދޫގައި އުފެއްދެވި މަދަރުސާ އުފައްދާފައި ވަނީ އިހަވަންދޫ ކާޑުގޭގައެވެ. އަދި މިދުވަސްވަރު އިހަވަންދޫގެ ބައެއް ކުދީން މާލެ ގެންގޮސް ދާރުލްއިޤާމާ (ބޯޑިންގ ގެއެއް) ބައިތިއްބައިގެންނާއި، މާލޭގެ ބައެއް ގޭގޭގައި ބައިތިއްބައިގެން ކިޔަވައި ދެއްވަމުން ގެންދެވިއެވެ.

1969 ގައި މަކްތަބް ނޫރުގެ ނަމުގައި އިހަވަންދޫގެ ފުރަތަމަ ތަޢުލީމީ މުއައްސަސާ ދިވެހި ދައުލަތުގައި ރަޖިސްޓްރީ ވެގެންދިޔައެވެ. 1977 ވަނަ އަހަރު މެއި 14 ވަނަ ދުވަހުގެ ހެނދުނު 8:30 ގައި މަކްތަބު ނޫރު ހުޅުވުމުގެ ރަސްމިއްޔާތު އޮތެވެ. މި މަދަރުސާ ހުޅުވުނުއިރު އެންމެ އިސްކޮށް ހުންނެވީ އެއިރުގެ ކަތީބު އިހަވަންދޫ، ވައިޖެހޭގޭ އަލްމަރުހޫމް ޢަބްދުއްޞަމަދު ޙުސައިނާއި އެއިރުގެ މުދިމް ޙާޝިމީމަންޒިލް އަލްފާޟިލް ޢަބްދުލްޣަނީ ޙުސައިނެވެ. މުދައްރިސުންގެ ގޮތުގައި ތިއްބެވީ އަލްމަރުޙޫމް މޫސާ ޙުސައިން ދަނބުގެއާއި ގުލްބަކާގޭ އަލްފާޟިލް ޙަސަން މުޙައްމަދު އަދި ގުލްފާމުގެ އަލްމަރުޙޫމް ޢަބްދުﷲ މޫސާއެވެ. 3 އޯގަސްޓް 1980 ގައި މަކްތަބް ނޫރު ޢިމާރާތްކުރުމަށް އައު ގޯތި ސާފުކުރުމުގެ މަސައްކަތް ރައްޔިތުން ފެށިއެވެ. މިއީ މިހާރު އިހަވަންދޫ ސްކޫލު ހިނގަމުންދާ ބިމެވެ. 22 ފެބުރުވަރީ 1981 ވަނަ އަހަރު މަކްތަބު ނޫރުގެ ނަން އިހަވަންދޫ މަކްތަބަށް ބަދަލުކުރެވުނެވެ. މިގޮތުން، 1986 ވަނަ އަހަރު ޖަނަވަރީ މަހުން ފެށިގެން ފުރަތަމަ ފަހަރަށް ޤައުމީ މަންހަޖަށް ކިޔަވައިދޭން ފެށުނެވެ. އޭރު ތަމުރީނުވެފައިވާ ހަމައެކަނި މުދައްރިސެއްގެ ގޮތުގައި ކިޔަވައިދެއްވީ، ހއ. އިހަވަންދޫ އުދަރެސް، އާދަމް މޫސާއެވެ. މި ދުވަސްވަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ގްރޭޑް 1، 2 އަދި 3 އަކަށް ކިޔަވައިދޭން ފެށުނެވެ. އިހަވަންދޫ މަކްތަބުގެ ނަން އިހަވަންދޫ މަދަރުސާއަށް ބަދަލުކޮށްފައިވަނީ 17 ޖޫން 1987 ވަނަ އަހަރުއެވެ.

1993 ން ފެށިގެން 1997 ށް މަދަރުސާ ހިންގުމުގެ މަސްޢޫލިއްޔަތު އަދާކުރެއްވީ މަދަރުސާގެ ނާޒިރު އިހަވަންދޫ ކަތީބު އަލްފާޟިލް ޢަދުނާން ޢަބްދުﷲގެ އިރުޝާދުގެ ދަށުން އެސިސްޓެންޓް ހެޑްމާސްޓަރ އަލްފާޟިލް ޢަބްދުލްވާޙިދު ދާއޫދެވެ. 1998 ވަނަ އަހަރު ސްކޫލް ހިންގެވުމަށް ސަރުކާރުން މުޅިން އަލަށް ހެޑް މިސްޓްރެސްގެ ގޮތުގައި ނ. ހޮޅުދޫ އަލްފާޟިލް ނާހިދާ މުޙައްމަދު ފޮނުއްވިއެވެ.

ތައުލީމަށްޓަކައި ފެންބޮވައިގެންފައިވާ އިހަވަންދޫގެ ދަރިން ކަށިން ހިތްވަރު ނެރެ ކުރި މިންނަތް ބުރަ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، 1999 ވަނަ އަހަރު އިހަވަންދޫ މަދަރުސާގައި ފުރަތަމަ ފަހަރަށް ގްރޭޑް  8 އުފެދިގެން ދިޔައެވެ. 2002 ވަނަ އަހަރު އިހަވަންދޫ މަދަރުސާގެ ދަރިވަރުން ފުރަތަމަ ފަހަރަށް ލަންޑަން ޖީ.ސީ.އީ އޯލެވެލް އިމްތިހާނުގައި ބައިވެރިވެ، ކުލަގަދަ ކާމިޔާބުތަކެއް ހާޞިލުކުރިއެވެ. 21 ސެޕްޓެންބަރު 2003 ވަނަ އަހަރު އިހަވަންދޫ މަދަރުސާގެ ނަން އިހަވަންދޫ ސްކޫލަށް ބަދަލުވެގެން ދިޔަކަމަށް ތާރީޚީ ފަތްފުށްތަކުން ހާމަވެއެވެ. އަދި 2004 ވަނަ އަހަރު ހއ. އަތޮޅުގައި އެންމެ ފުރަތަމަ އޭލެވެލްއަށް ކިޔަވައިދޭ ސުކޫލެއްގެ ޝަރަފާއެކު އޭލެވެލް އަށް ކިޔަވައިދިނުމުގެ މަސައްކަތް ފެށުނެވެ. މި ދިގުތާރީޚްގައި އިހަވަންދޫ ސްކޫލު ހިންގަމުން ގެންދެވީ އިހަވަންދޫ ރައްޔިތުންނެވެ. ރައްޔިތުން ހިންގާ ސުކޫލެއްގެ ގޮތުގައެވެ. 2005 ވަނަ އަހަރުގެ އޮކްޓޯބަރ މަހާ ހަމައިން ދިވެހި ދައުލަތުން ރައްޔިތުންގެ ސްކޫލްތައް ސަރުކާރަށް ނެގިއެވެ. ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައިދިނުމަށް ޚާއްޞަ ޔުނިޓެއް، ހއ އަތޮޅުގައި  އެންމެ ފުރަތަމަ އުފެއްދި ސްކޫލުގެ ޝަރަފު އިހަވަންދޫ ސްކޫލު ހޯދާފައިވަނީ 2009 އަހަރުއެވެ. މިހާރު އިހަވަންދޫ ސްކޫލަކީ ޕްރީސްކޫލުން ފެށިގެން ގްރޭޑް 12 ކިޔަވައިދޭ ރާއްޖޭގެ ނިސްބަތުން ފެންވަރު ރަނގަޅު، އާބާދީ ބޮޑު ސްކޫލެކެވެ. އިހަވަންދޫ ސްކޫލަކީ ރާއްޖޭގެ ނިސްބަތުން އެންމެ ގިނަ ދޭސީ ގްރެޖްއޭޓް ޓީޗަރުން މަސައްކަތް ކުރައްވާ އެއް ސްކޫލެވެ. އިހަވަންދޫ ސްކޫލު މިއަދު ހިންގަމުން ގެންދަވަނީ އެ ސްކޫލުން އުފެއްދި ދަރިންނެވެ.

އިހަވަންދޫގައި ޕްރީ ސްކޫލުގެ ޚިދުމަތް ދޭންފަށައިފައިވަނީ އިހަވަންދޫގެ އަމިއްލަ ފަރުދެއްކަމަވާ ހއ. އިހަވަންދޫ އިރުޝާދީ އާބާދު، އަލްފާޟިލް އަބުދުލް ވާހިދު ދާއޫދުގެ އިސް ނެންގެވުމަށް، 1 ޖުލައި 1998 އަހަރު، މަދަރުސަތުލް ވަފާގެ ނަމުގައެވެ. 2016 ވަނަ އަހަރު ސަރުކާރުން ރަސްމީ ތަޢުލީމުގެ ތެރޭގައި ޕްރީ ސްކޫލު ހިމެނުމާ ހަމައަށް އިހަވަންދޫ ސްކޫލުގެ ގްރޭޑް 1 އަށް ވަންނަ ހުރިހާ ދަރިވަރުން ކަހަލައިން، ތަޢުލީމީ ޙަޔާތުގެ ބިންގާ އަޅައިފައިވަނީ މި ދެންނެވި ވަފާ ޕްރީސްކޫލުގައެވެ. އިހަވަންދޫގެ ތަޢުލީމީ ހާލަތު ދުވަހުން ދުވަހަށް ރަނގަޅުވެ ކުރިއަރައިގެން ދިޔުމުގެ ނަތީޖާއެއްގެ ގޮތުން، އިހަވަންދޫގައި ތިބެގެން މަތީ ތަޢުލީމަށް ކިޔެވުމުގެ ފުރުޞަތުތައް މިހާރުވަނީ ހުޅުވިފައެވެ. މިގޮތުން 2017 ފެބުރުވަރީ 2 ވަނަ ދުވަސް ފާހަގަވެގެން ދަނީ އިހަވަންދޫގައި މަތީތަޢުލީމަށް ކިޔަވައިދިނުމަށް ޤާއިމުކުރެވުނު ފުރަތަމަ ކެމްޕަސް، މައި ކޮލެޖުގެ އިހަވަންދޫ ކެމްޕަސް ޤާއިމު ކުރެވުނު ދުވަހަށެވެ.

މާޒީގައި އިހަވަންދޫ ސްކޫލުން ވަނީ ރަށާއި އަތޮޅުފެންވަރު ފަހަނަ އަޅައި ޤައުމީ ލެވެލެގެ ގިނަ ކާމިޔާބީތަކެއް ހާސިލުކޮށްފައެވެ. ޢިލްމީ ގޮތުން ފުންނާބު އުސް ދަރިންތަކެއް ބިނާކޮށްފައެވެ. އަދަބީ ޤުލްޝަނުގައި ނަންވިދާނެ އަދީބުންނާއި ލިޔުންތެރިންނާއި ޅެންވެރިން އުފައްދާފައެވެ. މޮޅެތި އެތުލީޓުންނާއި، ކުޅިވަރުގެ މައިދާނުގައި ނަން ހިނގާނެ ގިނަ ދަރިންތަކެއް ނެރެދީފައެވެ. ޢިލްމީ ދަނޑުގައި ސާބިތުކަމާއެކު ޢިލްމު ފަތުރާނެ ޢިލްމުވެރިންނާއި، މުރުޝިދުންނާއި، މުރައްބީން އުފައްދައިފައެވެ. ދުޢާއަކީ ތަޢުލީމީ ކުރިބޯށިތަކުގެ ޝުޢާއުން އިހަވަންދޫގެ ވިދުންގަދަވެ، ރާއްޖޭގެ ޢިލްމީ ނޫރާނީ ފަޒާއިން އިހަވަންދޫގެ ދަރިން ވިދާބަބުޅާ މިންވަރު ދެގުނަވުމެވެ.

ޤަދީމީ ޒަމާނުގައި ދިވެހިންނީ ހަކީބީ ބޭހަށް އަހުލުވެރި ބައެކެވެ. ފަތްޕިލާވެލިންނާއި ދިވެހި ބިމުން ލިބެން ހުރި ތަކެތީގެ އެހީގައި ކަލާންގެ މިންވަރު ފުޅާއެކު ޝިފާ ހޯދަމުން ދިޔަ ކެތްތެރި ބައެކެވެ. ބޯދާ ޤަބޫލުކުރުންތަކުގެ މެދުގައި ތިމާގެ ވިސްނުން ވަށައިލެވިގެން، ފެންކިޔަވާ އެ ފެން ގައިގައި އުނގުޅާ، ބޮއެ ހެދުމާއި، ތަވީދު އެޅުމަކީ އޭރު ކޮށް އުޅުނު ކަންކަމެވެ. ބަލީގެ އަސްލު ނޭނގި ޚިޔާލީ ކަންކަމަށް ބުރެވެ ތިބެ ކުރެވުނު ކަންކަމުން އެތައް ފުރާނައެއް ވަނީ ފަރުވާ ނުކުރެވި ދުނިޔެ އަޅައި ގޮސްފައެވެ.

މިގޮތުން، އިހަވަންދޫއަށް ކުރިމަތިވި ބޮޑު ރޯގާ، ނުވަތަ ކޮލެރާގެ ވަބާގައި ވެސް އެތައް ބަޔަކު ނިޔާވެގެން ދިޔައީ އެކަށީގެންވާ ފަރުވާ ނުދެވުމުންނެވެ. ދުވާލަކު ތިން ހަތަރު މީހުންގެ ޖަނާޒާ ބާއްވަން ޖެހުނީ ފަރުވާ ދެވޭނެ ގޮތެއް ނެތުމުގެ ސަބަބުންނެވެ. ބައްޔެއް ވެއްޖެ ނަމަ ދެވޭނެ އަސާސީ ފަރުވާއެއް ނޭގޭ ހާލު އެކަން ދަންނަ މީހަކުވެސް ނެތިއެވެ. އެކަމަށްވެސް ކުރެވުނުހާ ވެސް ކަމަކީ ވަހުތާން ޖަހައި، ކޮންމެ ގެއެއްގެ ފެންވަޅުތެރެއަށް މާޅޮސް ކެޔޮލުމާއި ދުން ޖެހުން ފަދަ ހުރާފީ ކަންކަމެވެ.

ކަންމިހެން ހުރިނަމަވެސް، ދިވެހިބޭސްވެރިކަމަށް އަރާ ތިއްބެވި މޮޅެތި ބޭސްވެރިން އިހަވަންދޫގައި ތިބިކަމަށް ތާރީޚުން ހާމަވެއެވެ. މިގޮތުން، ނަގާ ކިޔޭ އެއް ބޭފުޅަކީ އިހަވަންދޫ ޖަންބުމާގެ އަލްމަރުހޫމް އާމިނަތު އާދަމް، ބޭސް އާމިންދައިތައެވެ. އާމިނަތައިގެ ގާތުން ދަރިވަރު ވެގެން އެ ފަރުވާ ދެމުން ދިޔަ މީހުން ވެސް މަދެއް ނޫނެވެ. މިގޮތުން ފާހަގަކޮށްލެވޭ ބޭފުޅުންނަކީ ޖަވާހިރުވާދީގެ އަލްމަރުހޫ މޫސާ ޙަސަން، ޖަންބުމާގެ އަލްމަރުޙޫމް މުޙައްމަދު ޙަސަން އާއި ޑރ. ހަސަން ހަމީދުގެ ބައްޕާފުޅު އަލްމަރުހޫމު ޒަކަރިއްޔާ ހާޖީ އާއި މުސްތަރީގެ އަލްމަރުހޫމް ހުސައިން އާދަން މަނިކާއި، ދުފާގޭ އަލްފާޟިލް އާދަމް ޤާސިމެވެ.

ރަސްމީ ސިފައެއްގައި އިހަވަންދޫގައި ސިއްޚީ ޚިދުމަތް ދޭން ފެށީ، 1979 ޖޫން 1 ވަނަ ދުވަހު ހެލްތު ވޯކަރ ވައިޖެހޭގޭ އަލްފާޟިލާ ޠާހިރާ ޖައުހަރީގެ އެހީގައެވެ. އެއީ މިހާރު އިހަވަންދޫ ކައުންސިލްގެ އިދާރާ ހުރި ތަނުގައި ކުރިން އަޅާފައި އޮފީހުގައެވެ. އޭގެ ފަހުން ފެމެލީ ހެލްތު ވޯކަރެއްގެ ގޮތުގައި ޚިދުމަތް ކޮށްފައިވަނީ އިހަވަންދޫ ގުލްބަކާގެ އަލްމަރުޙޫމާ ހައްވާ ހަސަނެވެ.

އުފަންވަނިވި ސިއްހަތާގުޅޭ ކަންކަމުގައި ހަރަކާތްތެރިވެފައިވަނީ އެކަމަށް ތަމްރީނު ނުވާ މީހުން، އެއީ ފަރުދީ ކަމެއްގެ ގޮތުގައި ދެކިގެންނެވެ. ރަސްމީ ތަމުރީނުތައް ފުރިހަމަކޮށް އެންމެ ފުރަތަމަ ފޫޅުމައެއްގެ ޝަރަފާއެކު އެ ޚިދުމަތް ކޮށްދީފައިވަނީ، 1986 ވަނަ އަހަރު އިހަވަންދޫ ހުސްކުރީގެ އަލްމަރުހޫމާ އާއިޝަތު އިބްރާހިމް، ކަމަނަދައިތައެވެ. 1979 ގައި އިހަވަންދޫގައި މާބަނޑު މީހުންނަށް ޚާއްޞަ ކްލިނިކެއް ހުޅުވުނެވެ. ޖާގައި ދަތިކަމާހުރެ މި ކުލިނިކު ހިންގާފައިވަނީ އާންމު ރައްޔިތެއްގެ އެހީތެރިކަމާއެކު އިހަވަންދޫ ފުނަމާގޭގައެވެ. މި ކްލިނިކްގައި ޚިދުމަތްދީފައިވަނީ ފެމިލީ ހެލްތް ވޯކަރ، މިލާނޯ އަލްފާޟިލް އަބްދުލް ވާހިދު  އަބްދުﷲ އާއި މާތިލަ، އަލްފާޟީލާ ހައުލަތު މާހިރާއާއި  ފޫޅުމާ އަލްމަރުޙޫމާ އާއިޝަތު އިބްރާހިމެވެ.

މިގޮތުގައި އޭރު މިދާއިރާގައި ތިއްބެވި ބޭފުޅުން ކުރެއްވި ހިތްމަތްތެރި މަސައްކަތުން ފެމިލީ ހެލްތް ސެކްޝަނެއެއް ގޮތުގައި ކުރަމުން އައި މަސައްކަތް ފުޅާވެ ތަން ހެލްތް ޕޯސްޓަކަށް ބަދަލުވެ ޚިދުމަތް ދެމުންގެންދި އިމާރާތް އިހަވަންދޫ އަންހެނުންގެ މަރުކަޒަށް ބަދަލުކުރެވުނެވެ. މި ބަދަލާއެކު ބަލިމީހުން ބެލުމުގެ މަސައްކަތް ކުރިއަށް ގެންދަންފެށުނެވެ. އެ ހިދުމަތް ދެމުން އައީ ކޮމިޔުނިޓީ ހެލްތް ސްޕަވައިޒަރ ވެގަސް، އަލްފާޟިލް އަހްމަދް ރަޝީދު އިސްވެ ހުންނަވައިގެންނެވެ. 2003 ޖުލައި 2 ވަނަ ދުވަހު ހެލްތް ޕޯސްތުގެ ނަން އިހަވަންދޫ ސިއްހީމަރުކަޒަށް ބަދަލުކުރެވިގެން ދިޔައެވެ. 2004 މާރިޗު 1 ވަނަ ދުވަހު އިހަވަންދޫ ސިއްހީމަރުކަޒު ހިންގާތަނުގައި އައު އިމާރާތެއްގައި ހިދްމަތް ދެވެންފެށުނެވެ. މި ބަދަލާއެކު 8 ގަޑި އިރަށް ދެމުންގެންދިއަ ހިދްމަތް 16 ގަޑީއިރަށް ބަދލުކުރެވުނެވެ. 2007 ނޮވެމްބަރ 12ވީ ހޯމަދުވަހު 24 ގަޑިއިރުގެ ހިދްމަތް ދޭތަނަކަށް އިހަވަންދޫ ސިއްހީމަރުކަޒު ބަދަލުވެގެން ދިޔައެވެ. (ނުނިމޭ)